Advertisement
ކ. މާލެ
|
17 ޖުލައި 2025 | ބުރާސްފަތި 18:43
ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ ބައެއް މަންޒަރުތައް: މި އެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވެފައިވޭ
ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ ބައެއް މަންޒަރުތައް: މި އެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވެފައިވޭ
އެމްވީކްރައިސިސް
އެކްސިޑެންޓްތައް
އެކްސިޑެންޓުތަކުގައި އިހުމާލުވުން: ޕީޖީ އަދި ފުލުހުން މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކުރުމަށް އެދިއްޖެ
އެކްސިޑެންޓުތަކުގައި އިހުމާލުވާ ފަރާތްތަކާއި މެދު ޤާނޫނީގޮތުން ދައުވާ ނުކުރެވި، އެފަދަ ފަރާތްތަށް މުޖުތަމައު ތެރެއަށް ދޫވާ ކަމަށް އޭނާ ވިދާޅުވި
އެކްސިޑެންޓުތައް މަދުކުރުން / މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މާލޭ ސިޓީ ކައުންސިލުން ކުރައްވަމުން ގެންދަވާ ކަންކަން ސާފުކުރުމަށް އެދިފައިވޭ

އެކްސިޑެންޓުތަކުގައި އިހުމާލުވަމުންދާ މައްސަަލަ އާޢި މެދު ޖަވާބުދާރީކުރުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަދި ފުލުހުން މަޖިލީހަށް ހާޒިރުކުރުމަށް އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް، އެޑްރެސްކުރައްވާ ފޮނުއްވި ސިޓީއެއްގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރ މުޙައްމަދު އިބްރާހިމް (ކުޑޫ) ވަނީ އެކްސިޑެންޓުތަކުގައި އިހުމާލުވާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެން ހުރި ކަންކަން ސާފުކުރުމަށް މަޖިލީހުން މަސައްކަތް ކުރުމަށް އެދިވަޑައިގެން ފައިވެއެވެ.

އެ ސިޓީގައި އޭނާ ވިދާޅުވީ ރާއްޖޭގައި ދުވަހުން ދުވަހަށް ގިނަވަމުންދާ އެކްސިޑެންޓުތަކުގައި އިހުމާލުވާ ފަރާތްތަކާއި މެދު ޤާނޫނީގޮތުން ދައުވާ ނުކުރެވި، އެފަދަ ފަރާތްތަށް މުޖުތަމައު ތެރެއަށް ދޫވެ، އަނެއްކާވެސް ހަމަ އެފަދަ މައްސަލާތަކުގައި ހައްޔަރު ކުރަމުންދާ ކަމީ އަޅުގަނޑުމެން އަބަދުވެސް އަޑު އަހަމުންދާ ވާހަކަތައް ކަމަށެވެ.

2025 ޖަނަވަރީ 1 އިން ޖޫން 30 އާ ދެމެދު، މާލެ ސިޓީ، ސިނަމާލެ ބްރިޖް އަދި ހައިވޭ ސަރަޙައްދުތަކުގައި ހިނގާފައިވާ އެކްސިޑެންޓް ތަކާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ޝާއިރު ކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާހަގަކުރެވޭ ކަންކަން އޭނާ ވަނީ އެ ސިޓިގައި ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި:

• ވޭތުވެދިޔަ 6 މަސްދުވަހު ސިނަމާލެ ބްރިޖް ހައިވޭގައި 1،101 އެކްސިޑެންޓް ހިނގާފައިވާކަން.

• މަތީގައި ބަޔާންކުރެވުނު މުއްދަތުގައި އެވްރެޖްކޮށް ދުވާލަކު 6 އެކްސިޑެންޓް ހިނގާފައިވާކަން

• މި އެކްސިޑެންޓްތަކުގެ ތެރެއިން %90 އެކްސިޑެންޓުގައި ވެހިކަލް ތަކަށް ގެއްލުންވެފައިވާއިރު، %10 ގައި އެކިވަރުގެ އަނިޔާ މީހުނަށް ލިބިފައިވާކަން.

• 6% ގެ އެކްސިޑެންޓުގައި ސީރިއަސް ޖިސްމާނީ އަނިޔާ ލިބިފައިވާކަން

• 68% އެކްސިޑެންޓް ހިނގަނީ ދުވާލުގެ ވަގުތުގައިކަން

މަގުމަތީގެ އެކްސިޑެންޓު ތަކުގައި މަރުވާ މީހުންގެ އިތުރުން ގުނަވަން ނެތިގޮސް ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަން ތަހައްމަލު ކުރަން ޖެހިފައިވާ މީހުންގެ އަދަދު ދަނީ ގިނަވަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިކަމުގައި އިހުމާލުވާ ފަރާތަކަށް ޤާނޫނީ ގޮތުން ދައުވާ ކުރުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް އަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ އާއި އެކަމާއި މެދު ރައްޔިތުންގެ މަޖިލީހުން ކޮށްދެވޭނީ ކޮންކަމެއްތޯ ބެލުމަކީ، ޤާނޫނު ހަދާ މި މަޖިލީހުގެ ޒިންމާ އެއް ކަމަށްވީހިނދު، މިކަމާއިގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް އަދި ދިވެހި ފުލުހުންގެ ޙިދުމަތުގެ ކަމާއި ބެހޭ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ މިކަމާއި ގުޅުން ހުރި ކޮމެޓީއަށް ހާޒިރުކޮށްދެއްވައި، މިކަމުގައި ހޯދެން އޮތީ ކޮން ހައްލެއްތޯ ބައްލަވައިދެއްވުން އެދިވަޑައިގެން ފައިވެއެވެ.

އިތުރު ސިޓީ އެއްގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރ މުޙައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް އެޑްރެސްކުރައްވާ ފޮނުއްވާފައިވާ ސިޓީގައި އެކްސިޑެންޓުތައް މަދުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތް ސާފުކުރުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

އެކްސިޑެންޓުތައް މަދުކުރުން / މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މާލޭ ސިޓީ ކައުންސިލުން ކުރައްވަމުން ގެންދަވާ، ކުރައްވާފައިވާ އަދި ކުރަން ގަސްތުކުރަނީ ކޮންކޮން ކަންތައްތަކެއްތޯ ބަލާ ހޯދުމަށްޓަކައި، އެފަރާތްތަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއި ކޮމެޓީއަށް ހާޒިރުކޮށްދެއްވައި ތިރީގައި ބަޔާންކުރެވިފައިވާ ކަންކަން ސާފުކޮށްދެއްވުން އެދި ދެންނެވީމެވެ. އޭގެ ތެރޭގައި ހިމެނެނީ

1. ވޭތުވެދިޔަ އަދި މިހާރުގެ ނާކާމިޔާބުތަކަށް ޒިންމާދާރުވުން

މިދެ މުއައްސަސާ، ފުލުހުންނާއި ސިޓީ ކައުންސިލް ދެފަރާތްވެސް ވަނީ ޒަމާންތަކެއް ވަންދެން ޤާއިމުވެފައެވެ. އަދި މަގުމަތީގެ ހާދިސާތައް ކުރީގައިވެސް އަދި މިހާރުވެސް ހިނގަމުންދެއެވެ. މިހާތަނަށް މި މައްސަލަތައް ހައްލުކުރުމުގައި އެފަރާތްތައް ނާކާމިޔާބު ވެފައިވާކަމަށް ޤަބޫލުކުރޭތޯ؟ އަދި އެހެންނަމަ، މި ވަޒަންކުރުމުގެ ވަކިވަކި ސަބަބުތަކަކީ ކޮބައިތޯ؟ މިކަމުގައި އެފަރާތްތައް ނާކާމިޔާބުވެފައި ނުވާކަމަށް ޤަބޫލުކުރާނަމަ، އެފަރާތުން ރަނގަޅަށް މަސައްކަތްކޮށްފައިވާކަމަށް ދެކޭނަމަ، ބަދަލުކުރާނެ ނުވަތަ ކުރާނެ އެއްވެސް ކަމެއް ނެތްކަމަށް ޤަބޫލުކުރައްވަންތޯ؟

2. މަދުކުރުމާއި ހައްލުކުރުމުގެ ސްޓްރެޓެޖީތައް

މަތުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކުރެވިދާނެ ނުވަތަ އެކަށީގެންވާ ގޮތެއްގައި އެޑްރެސްކުރެވިދާނެކަމަށް އެފަރާތްތަކުން ޤަބޫލުކުރާނަމަ، ކޮން ކަހަލަ ޢަމަލީ ފިޔަވަޅުތަކަކާއި ސްޓްރެޓެޖީތަކެއް ތަންފީޒުކުރެވިދާނެތޯ؟ އަދި އެފަރާތްތަކުން ހުށަހަޅާ ހައްލުތަކަކީ ކޮބައިތޯ؟

3. ތަންފީޒުކުރުމުގެ ގޮންޖެހުންތައް

އެފަރާތްތަކުން ހުށަހަޅާ ހައްލުތައް ތަންފީޒުކުރުމުގައި އެފަރާތްތަކަށް ފެންނަ ގޮންޖެހުން އެބަހުރިތޯ؟ މިހާތަނަށް އެކަންކަން ހައްލުކުރުމަށް އެފަރާތްތަކުން ކޮށްފައިވަނީ ކޮން ކަންތައްތަކެއްތޯ؟ އަދި އެކަންކަން ހައްލުކުރުމަށް އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް އެބަހުރިތޯ؟ އެހެން ގޮތްތަކެއް އެބަހުރިތޯ؟

4. އެންމެ ރަނގަޅު އުސޫލުތަކަށް ތަބާވުމާއި ރާއްޖެއަށް ގުޅޭގޮތް

ޓްރެފިކް މައްސަލާތައް ހައްލުކުރުމަށް ހުށަހަޅާފައިވާ / ހުށަހަޅަން ގަސްތުކުރާ ސްޓްރެޓެޖީތައް ބިނާވެފައިވަނީ ސައިންޓިފިކަލީ ސާބިތުވެފައިވާ ނުވަތަ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވިފައިވާ މަގުމަތީގެ ރައްކާތެރިކަމުގެ އޮނިގަނޑުތަކެއްގެ މައްޗަށްތޯ؟ އަދި މީގެ އިތުރުން، މި އެންމެ ރަނގަޅު އުސޫލުތައް ދިވެހިރާއްޖޭގެ ޚާއްޞަ ޙާލަތަށް ފެތޭގޮތަށް ބަދަލުކޮށް ތަޠްބީޤުކުރެވެނީ ކިހިނެއްތޯ، އެއީ ޢަމަލީގޮތުން ކުރެވޭނެ ކަންތައްތަކެއްތޯ؟

5. ފަންނީ ހުނަރާއި ޤާބިލުކަން

މި މަސައްކަތް ކުރުމުގެ ޓެކްނިކަލް ޤާބިލުކަން މި ފަރާތްތަކުގައި ހުރިތޯ؟ ޚާއްޞަކޮށް ޓްރެފިކް މެނޭޖްމަންޓް އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން މުވައްޒަފުން ތަމްރީނުކޮށްފައިވޭތޯ؟ އެގޮތުން:

• އެކަށީގެންވާ އާލާތްތަކާއި ވަސީލަތްތައް ހުރިތޯ؟

• ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ޤާބިލުކަން ހުރިތޯ؟

• ކަމާގުޅޭ ސޮފްޓްވެއަރ އަދި ހާޑްވެއަރ ބޭނުންކުރަން އެނގޭތޯ؟

6. މަގުމަތީގެ ރައްކާތެރިކަމުގެ ސިޔާސަތު އަދި ޑޭޓާ މެނޭޖްމަންޓަށް ޖުމްލަ ގޮތެއްގައި ބަލާ އެޕްރޯޗް

އެފަރާތްތަކުންމަގުމަތީގެ ރައްކާތެރިކަމުގެ ސިޔާސަތު އެކުލަވާލުމާއި، ޤަވާޢިދުތަކާއި ގަވާއިދުތައް މުރާޖަޢާކުރުމާއި، ސިސްޓަމެޓިކް ޑޭޓާ އެއްކުރުމާއި ދިރާސާކުރުމާއި، އަދި ހޯދުންތައް ރިޕޯޓުކުރުމާމެދު ޢަމަލުކުރަމުން އައީ ކިހިނެއްތޯ؟

އަދި ކުރީގެ ޑޭޓާތަކުންނާއި، ޤަވާޢިދުތައް ތަންފީޒުކުރުމުންނާއި، ރެގިއުލޭޓަރީ އޮނިގަނޑުތަކުން އުފެދިފައިވާ ހުށަހެޅުންތައް މިހާރުގެ އަދި ކުރިމަގުގެ މަގުމަތީގެ ރައްކާތެރިކަމުގެ މަސައްކަތްތަކުގައި ހިމެނެނީ ކިހިނެއްތޯ؟ އެފަރާތްތަކަށް އެއްވެސް ޝާއިޢުކުރެވިފައިވާ ލިޔުމެއް، ދިރާސާ މަސައްކަތެއް، ނުވަތަ ކުރީގެ އަދި މިހާރުގެ ޤަވާޢިދުތަކާއި ސިޔާސަތުތަކެއް، އަދި އޭގެ މުރާޖަޢާތަކާއި، ތަޠްބީޤުކުރެވުނު ގޮތްތަކާއި، ނަތީޖާތަކާއި ހޯދުންތައް ދެއްކޭނެތޯ؟ އެއީ ޙަޤީޤަތުގައިވެސް ތަންފީޒުކުރެވުނު ކަންތައްތަކެއްތޯ؟ ނުވަތަ ހަމައެކަނި ކަރުދާހުގައި ލިޔެވިފައި ހުރި އެއްޗެހިތަކެއްތޯ؟

7. ތަންފީޒުކުރުމުގައި ހުރި ބަޖެޓުގެ ހުރަސްތައް

ޓްރެފިކް އެކްސިޑެންޓުތަކާއި ގުޅޭ މަސައްކަތްތައް ނުވަތަ ޕްރޮގްރާމެއް ތަންފީޒުކުރުމުގައި ދިމާވާ މާލީ ގޮންޖެހުންތަކާއި، އޭގެ ސަބަބުން ކުރިމަތިވަމުންދާ އަސަރުތައް.

• މާލީ ވަސީލަތްތައް މަދުވަނީތޯ؟

• ޚަރަދުތައް އަންދާޒާކުރި ވަރަށްވުރެ އިތުރުވަނީތޯ؟

• ފައިސާ ލިބޭ މިންވަރު މަދުވުން ނުވަތަ ލަސްވަނީތޯ؟

• އަންދާޒާނުކުރެވޭ ޚަރަދުތައް ދިމާނުވަނީތޯ؟

• މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ހިނގާނެ ޚަރަދުތައް ލިބޭތޯ؟

• ޒަމާނީ ޓެކްނޮލޮޖީއަށް އަޕްގްރޭޑްކުރުމުގެ ޚަރަދުތައް ލިބޭތޯ ؟

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި އެކިއެކި އިދާރާތަކުން ދައްކަވާ ވާހަކަ އަކީ ބައެއް ފަރާތްތަކުން 'ކަރުދާހަށް' ތިރިކުރަމުންދާ ވާހަކަތަކެއް ނުވާކަމުގައިވީނަމަވެސް، އެ ސުވާލުތަކުގެ ޖަވާބު އެފަރާތްތަކުން ލިޔުމުން ހޯއްދަވައިދެއްވުމަށް ވެސް ވަނީ އެެދިވަޑައިގަންނަވާފައެވެ. 

- ކޮމެންޓް