އަޑިނޭނގޭ ޑީލްއެއްގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީއައިޕީ ޓާރމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ދޭން ނިންމާފައިވާ ވާހަކަތައް ފެތުރިފައިވަނިކޮށް ޖެޓެކްސް ޕްރޮޕޯސަލް ލީކުވެއްޖެއެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން، މިޕްރޮޕޯސަލް ލިބިފައިވާއިރު، ޖެޓެކްސްއިން ހުށަހަޅާފައިވަނީ ވީއައިއޭގެ އައު ޓާރމިނަލްގެ ކޮންސިއަރޖް ސަރވިސް، ގްރައުންޑް ހޭންޑްލިންގ ސަރވިސް، އަދި ވިއައިޕީ ޕެސެންޖަރ ހޭންޑްލިންގ ހިމެނެއެވެ. އެގޮތުން ވިއައިޕީ ޓަރމިނަލް ފަރުމާކޮށް ޑިޒައިންކުރާނީ ޖެޓެކްސްއިން ކަމަށާއި ޖެޓެސްކްސްގެ ޖީއޭ ފްލައިޓްތަކަށް އެއްހާސް ސްކެއަރ މީޓަރުގެ ސަރަހައްދެއް ވަކިން ހާއްސަކުރަން ޖެހޭއިރު މިތަން އެއަރޕޯޓްގެ އެހެނިހެން ކަންކަމަށް ބޭނުންކުރެވޭނީ ޖެޓެކްސްގެ ޖީއޭ ފްލައިޓްތައް ނެތް ވަގުތުތަކުގައި ކަމުގައި ވަނީ ބުނެފައެވެ.
މިއީ 25 އަހަރުގެ މުއްދަތަކަށް ޖެޓެކްސްއާއި އެކު ވެވޭ އެއްބަސްވުމަށް ވާންޖެހޭ ކަމަށްބުނެފައިވާއިރު، ވީއައިޕީ ޓާރމިނަލް ހިންގާނީ ޖެޓެކްސްއިން ކަމަށްވަނީ ބުނެފައެވެ.
އަދި ކުރިއަށް އޮތް 25 އަހަރަށް 25 މިލިއަން ޑޮލަރު މިކަމަށް އިންވެސްޓްކުރާނެ ކަމަށާއި އަހަރަކު، 5 މިލިއަން ޑޮލަރު އެމްއޭސީއެލްއަށް ލިބޭނެ ކަމަށްވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީއައިޕީ ޓާރމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ދިނުމަށް ނިންމާފައިވަނީ ދާދިފަހުން ވެލާނާ އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑަށް ގެނެވުނު ބަދަލަކާއި، ރައީސްގެ އަރިސް އަދި ރައީސް އޮފީހުގެ ބާރުގަދަ ސިޔާސީ މަގާމެއްގައި ހުރި ފަރާތެއްގެ ނުފޫޒާއެކުއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއަރޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހު އައްޔަންކޮށްފައިވަނީ ފާއިތުވި މެއި މަހުގެ ތެރޭގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއޭސީއެލްގެ ބޯޑަށް މި ބަދަލު ގެނެސްފައިވަނީ ވެސް ސަރުކާރުން ބޭނުންވެގެން ޓާރމިނަލްގެ 2 ފަންގިފިލާ ޖެޓެކްސްއަށް ދިނުމަށެވެ. ޖެޓެކްސްއަކީ މުަހައްމަދު އަލީޖަނާހް އާއި ގާތް ގުޅުމެއް އޮންނަ ބައެއް ކަމަށްވެސް އިތުބާރު ހުރި ގޮތަކަށް ވަނީ މައުލޫމާތުލިބިފައެވެ.
ޖެޓެކްސް އަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ހުންނަ ޕްރައިވެޓް އޭވިއޭޝަން އެންޑް ފްލައިޓް ސަޕޯޓް ކުންފުންޏެކެވެ. މެދުއިރުމައްޗާއި ޔޫރަޕާއި އޭޝިއާ ޕެސިފިކް އާއި އެފްރިކާ އަދި އެމެރިކާ ހިމެނޭ ގޮތަށް ދުނިޔޭގެ 50 އަށް ވުރެ ގިނަ ތަންތަނުގައި 38 ފިކްސްޑް ބޭސް އޮޕަރޭޓަރުންނާއި ގްރައުންޑް ހޭންޑްލިންގ ސްޓޭޝަން އެ ކުންފުނިން ހިންގަ އެވެ.
މި މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ފަރާތްތަކުން ބުނެފައިވަނީ، އެތަނުގެ ވަސީލަތްތަކުގެ ބޭނުން އެމްއޭސީއެލް އަށް ވެސް ރަނގަޅަށް ހިފައި އެތަނުން ބޮޑު އާމްދަނީއެއް ހޯދޭނެ ކަމަށެވެ.
އަދި ވަކިން ހާއްސަކޮށް އިންފްރާސްޓްރަކްޗަރ އަށް އިތުރު އިންވެސްޓްމަންޓެއް ނުވަތަ މާ ބޮޑު ކުރިއެރުމެއް ނުގެންނަ ފަރާތަކަށް އެތަން ކުއްޔަށް ދިނުމަކީ އެއްވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށާއި، ޝައްކެއްވެސްނެތްގޮތުގައި، މި ޑީލްގައި ކޮރަޕްޝަންގެ ބައެއް ކަންކަން ހިމެނޭއިރު، އެއީ އެތައް މިލިއަން ޑޮލަރެއްގެ ނާޖާއިޒު ފައިދާއެއް ލިބޭ އެއްބަސްވުމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެއެވެ.
މީގެ އިތުރުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ކުރުމަށް ނިންމާފައިވަނީ މިނިވަން ދުވަހުއެވެ. އަދި ޖެޓެކްސްއާއި އެކު މި ޑީލް ހަދާފައިވާ އިރު، މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިއަމުންނެވެ. މީގެ ކުރިން ޖީއެމްއާރުއަށް އެއަރޕޯޓް ވިއްކާލިކަމަށް ބުނި ފަރާތްތަކުން އަޑި ނޭނގޭ ޑީލްއެއްގެ ދަށުން އެއަރޕޯޓުން ސީދާ ދިވެހި ދައުލަތަށް ފައިދާ ލިބެން އޮތްކަމެއްގައި އެހެން ގޮތަކަށް އަމަލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް އިމާރާތްކުރާ ވީއައިޕީ/ސީއައިޕީ ޓާރމިނަލްގައި މަތީ ހައިލެވެލް އޮފިޝަލުންނާއި، ބޮޑެތި ވިޔަފާރިވެރިންނާއި، އިއްޒަތްތެރިންނަށް އަމާޒުކޮށްގެން ހަދާފައިވާ ހަތަރު ބުރީގެ އިމާރާތެކެވެ. އެއީ ގްރައުންޑް ލެވެލްގައި ވީވީއައިޕީ ލައުންޖަކާއި، ފުރަތަމަ އަދި ދެ ވަނަ ފަންގިފިލާގައި ވީއައިޕީ އަދި ސީއައިޕީ ލައުންޖާއި އެންމެ މަތީ ފަންތީގެ އިދާރީ އޮފީސްތަކެވެ. މި ޓާރމިނަލް އިން ކެއިންބުއިމުގެ ހިދުމަތް ދިނުމާއި ނަމާދު ކުރާ ކޮޓަރިތަކާއި ވައިފައި އެކްސެސް އަދި ފެންވެރޭނެ ފެސިލިޓީފަދަ ވަސީލަތްތައް ލިބެން ހުންނާނެ އެވެ.