މާލިއްޔަތު ޤަވާއިދަށް ބަދަލުގެނެސްގެން އެކުލަވާލާ އެއްބަސްވުންތަކުގެ މައްސަލަ އެމްޑީޕީގެ ދެން އުފެދޭ ސަރުކާރެއްގައި ބަލާނެ ކަމަށް އެ ޕާޓީ އިން ބުނެފިއެވެ.
އެމްޑީޕީ އިން ބުދަ ދުވަހުގެ ރޭ އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެވިފައިވާ އެންމެހާ ބަދަލެއް ގެނެސްފައިވަނީ ދައުލަތުގެ ޕްރޮކިއުމަންޓްގެ ތެރެއިން ބޭނުން މަޝްރޫއެއް ބޭނުން ފަރާތަކަށް ބޭނުން އަގެއްގައި ހަވާލުކުރުމަށް މަގުފަހި ކުރުމަށްޓަކާ ކަމަށެވެ.
މިފަދައިން ގެންނަ ބަދަލުތައް ގެނައުމުގައި އަދި ތަންފީޒުކުރުމުގައި ބައިވެރިވާ ފަރާތްތަކުގެ މައްސަލަބަލައި، ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
ހަމަހަމަ، ދެފުށްފެންނަ، އަދި ވާދަވެރި ޕްރޮކިއުމަންޓް ނިޒާމެއްގެ އެންމެ އަސާސީ ބޭނުމަކީ ޖަވާބުދާރީ ކުރެވޭ، ރައްޔިތުންގެ އިތުބާރު އޮތް މާލީ ނިޒާމެއް އުފެއްދުން ކަމަށް އެ ޕާޓީ އިން ބުނެފައެވެ. މި ސަރުކާރުން އެ ނިޒާމު ބަލިކަށިކޮށް، ފުނޑާލަމުންދާ ކަމަށް އެމްޑީޕި އިން ވަނީ ބުނެފައެވެ.
"ދިވެހިރައްޔިތުންގެ މާލިއްޔާ ވެރިމީހާގެ ބާރުގެ ދަށަށް ގެންދިއުމެވެ. އެހެންކަމުން މިފަދަ ނޭއްގާނީ ކަންކަމުން ދުރުވެ، މިކަންކަން ހުއްޓާލައި، ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސަށް ރުޖޫޢަވުމަށް ގޮވައިލަމެވެ." އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް މި ސަރުކާރުން ގެނެސްފައިވާ ހަތަރު ބަދަލުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ބޮޑެތި ކޮރަޕްޝަން ހިންގުމަށް ދޮރު ހުޅުވިފައިވާ ކަމަށް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ވާދަވެރި ޕްރޮކިއުމަންޓް ނިޒާމު ފުނޑާލުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަށް އެ ޕާޓީ އިން ވަނީ ގޮވާލާފައެވެ.
އެމްޑީޕީ އިން އިތުރަށް ބުނީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ޢަމަލުކުރެވެމުން އައި ގަވާއިދު ނަންބަރު 2023/R-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އަކީ ޒަމާނީ ޕަބްލިކް ފައިނޭންސް ނިޒާމެއް ހިންގުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާއެއްގެ ލަފާއާއެކު އެކުލަވައިލައިފައިވާ ގަވާއިދެއް ކަމަށެވެ.
އެހެންނަމަވެސް، މި ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިކުރުމުގެ ގޮތުން، ދައުލަތުގެ އެންމެހާ ޕްރޮކިއުމަންޓެއް އިއުލާންކުރުމެއް ނެތި އަދި ބިޑްކުރުމުގެ އެއްވެސް އިޖުރާއަތެއް ފުރިހަމަކުރުމަކާއި ނުލާ ބަދަލުކުރެވޭ ގޮތަށް ހަމަޖައްސަމުންދާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ބޭނުން ފަރާތަކަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ހަވާލުކުރެވޭ ގޮތަށް ވަނީ ގަވާއިދަށް ބަދަލުތައް ގެނެސްފަ ކަން އެމްޑީޕީ އިން ފާހަގަކުރެއެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން، "ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫޢުތައް" ގެ ގޮތުގައި ކަނޑައަޅާ ކޮންމެ މަޝްރޫޢަކީ އެ ކޮމިޓީއިން ބޭނުންވާ ކޮންމެ ފަރާތަކަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ހަވާލުކުރެވޭނެ މަޝްރޫޢެކެވެ.
ނޫސްބަޔާން: ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ހިލާފު ގަވާއިދެއް ހަދައިގެން، ވަކި ބަޔަކަށް އަދި ނުއަގުގައި ޕްރޮޖެކްޓްތައް ދިނުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކުރުން
— MDP Secretariat (@MDPSecretariat) October 29, 2025
https://t.co/hJIRYpWijV pic.twitter.com/w5fDVmeKFw
މީގެ އިތުރުން މި ފަދަ ކަންކަން ބަލައި، ޖަވާބުދާރީ ކުރުމަށް ކަނޑައަޅައިފައިވާ، މަރުކަޒީ ބޭންކާއި އޮޑިޓަރ ޖެނެރަލް އޮފީސް ފަދަ މުއައްސަސާތައް ވެސް ސިޔާސީކޮށްފައިވާ ކަމަށް އެމްޑީޕީ އިން ބުނެއެވެ.
" ސަރުކާރުގެ ސީދާ ބާރުގެ ދަށަށް ގެންގޮސްފައި އޮތް މިފަދަ ދަނޑިވަޅެއްގައި، މުޅި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ސީދާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ނަގައި، ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބަދަލުކުރުމަކީ ސަރުކާރުގެ ޚުދުމަތާރުކަމަށް އިތުރުވާ ބޮޅެކެވެ." އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ މިނިވަންކަމާއި، ދެފުށް ފެންނަގޮތަށް އަދި ދައުލަތަށް އެންމެ ފައިދާ ވާނެގޮތަށް ގެންދިއުމަށް މިހާރު ހުރަސް އެޅިފައިވާ ކަމަށް އެ ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ރައްޔިތުންނާއި، ދައުލަތުގެ ފައިސާ އާއި މުދަލަށް ނުރައްކާ ބޮޑު ކަންކަން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ޖާގަ މިކަމުން ހުޅުވޭ ކަމަށް ވެސް އެމްޑީޕީ އިން ބުނެއެވެ.