ކުރީގެ ސަރުކާރުން ކަނޑައަޅައިފައިވާ 4000 ފްލެޓް ލިބޭމީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޑިސްކޮލިފައިކޮށް، އެ ލިސްޓުން އުނިކޮށްފައިވަނީ ރައީސް މުއިއްޒުގެ ސަޕޯޓަރުންނަށް އެ ފްލެޓްތައް ދިނުމަށް ކަމަށް އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޒު އަހްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގަން ފެށި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފްލެޓް ލިބޭ މީހުން ކަނޑައަޅައި، ލިސްޓްތައް ގެޒެޓުގައި އިއުލާނުކޮށް، ފްލެޓްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މި ސަރުކާރުން ޑިސްކޮލިފައިކޮށް، އެ ލިސްޓުން އުނިކޮށްފައިވަނީ ރައީސް މުއިއްޒުގެ ސަޕޯޓަރުންނަށް އެ ފްލެޓްތައް ބަހައިލުމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ރައީސް އޮފީހުގެ އަންޑަރ ސެކެޓަރީގެ މަގާމު އަދާކޮށްފައިވާ މައުރޫފް މިހެން ވިދާޅުވީ، މާލެ ސަރަހަދުން ބޯހިޔާވަހިކަމަށް އެދިއެދި ތިބި 17 ހާހަށްވުރެ ގިނަ މީހުންނަށް، ކުރީގެ ސަރުކާރުގެ ދައުރުގައި ބޯހިޔާވަހިކަން ފޯރުކޮށްނުދެވުނީ ކީއްވެތޯ، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ގޮތުން، އޭނާ ވިދާޅުވީ، އަވަސް އަރުވައިލައިގެން، "އަލިފާންފޮށި" ތަކަކަށް މީހުން ވެއްދެމުގެ ފުރުސަތު އެ ސަރުކާރަށްވެސް އޮތް ކަމަށެވެ. އެހެން ނަމަވެސް އޭރުގެ ސަރުކާރުގެ ސިޔާސަތަކަށްވީ، އިންސާނުން ދިރިއުޅެން އެކަށީގެންވާ ގޮތަށް، ޖާގަ ތަނަވަސް ތަންތަން އިމާރާތްކޮށް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.
ކުރީގެ ސަރުކާރުން، ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ، 4000 ފްލެޓަކީ، މިހައިތަނަށް ރާއްޖޭގައި ހިންގައިފައިވާ ސޯޝަލް ހައުސިންގ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފުރިހަމަ "ފްލޯ ޕްލޭން" އަދި އެންމެ ޖާގަ ތަނަވަސް ފްލެޓްތައް ކަމަށް އޭނާ ފާހަގަކުރިއެވެ.
ރައީސް މުއިއްޒުގެ ސަޕޯޓަރުންނަށް އެތަންތަން ދޭން އެ އުޅެނީ، އެހެންވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ހެއްކެއްގެ ގޮތުން އޭނާ ވިދާޅުވީ، ޑިސްކޮލިފައިކުރި މީހުންނަށް ޝަކުވާ ހުށަހަޅަން ސަރުކާރުން ފުރުސަތު ހުޅުވައިލައިފައިވީ ނަމަވެސް، މާލޭގައި ދިގު މުއްދަތަކަށް ދިރި އުޅުނުކަން ސާބިތުކޮށްދިނުމަށް ލިޔުންތައް ހުށަހަޅަން ފުރުސަތު ދީފައިނުވާކަމެވެ. އެހެންކަމުން، އެއީ ސަރުކާރުން ހެޔޮ ނިޔަތުގައި ކޮށްފައިވާ ކަމެއްކަމަށް ބެލެވެން ނެތް ކަމަށް އޭނާ ފާހަގަކުރިއެވެ.