ޖުމްހޫރީ ވެރިކަމެއްގެ އެންމެ އިސް އަސާސަކީ ވެރިކަމުގެ އެންމެހާ ކަމެއްގައި ރައްޔިތުންގެ މަޞްލަޙަތު އިސްކުރުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ 57 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ އަރިސް ކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
އުފާވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހީންނަށް އަރިސް ކުރަމެވެ.
— Ibrahim Mohamed Solih (@ibusolih) November 11, 2025
ޖުމްހޫރިއްޔަތެއްގައި ދައުލަތް ހިންގުމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުން ވެރިކަމުގެ އެންމެހާ ކަމެއްގައި ރައްޔިތުންގެ މަޞްލަޙަތު އިސްކުރުމަކީ ޖުމްހޫރީ ވެރިކަމެއްގެ އެންމެ… pic.twitter.com/hPMxo8U8oZ
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ޞާލިޙު ފާހަގަކުރެއްވި ގޮތުގައި ޖުމްހޫރިއްޔަތެއްގައި ދައުލަތް ހިންގުމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެހެންކަމުން ވެރިކަމުގެ އެންމެހާ ކަމެއްގައި ރައްޔިތުންގެ މަޞްލަޙަތު އިސްކުރުމަކީ ޖުމްހޫރީ ވެރިކަމެއްގެ އެންމެ މުހިއްމު އަސާސް ކަމުގައި ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ.
އަންގާރަ ދުވަހު ރާއްޖޭގައި ފާހަގަކުރަމުން މިދަނީ ރާއްޖޭގެ 57 ވަނަ ޖުމްހޫރީ ދުވަހެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޖުމްހޫރިއްޔާ އިއުލާނު ކުރީ އޭރު އޮތް ރަސްކަން ނިމުމަކަށް ގެނެސް 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު އެވެ. ނަމަވެސް އެ ޖުމްހޫރިއްޔާ ދެމިއޮތީ މަދު މުއްދަތަކަށެވެ.
ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނީ 1968 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ.
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަކީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެއަށްފަހު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމުގެ މަގާމު ފުރުއްވި އިބްރާހިމް ނާސިރުގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގައި ޖުމްހޫރީ ނިޒާމެއްގެ ދަށުން ވެރިކަން ހިނގަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.