Advertisement
ކ. މާލެ
|
12 ނޮވެންބަރ 2025 | ބުދަ 14:03
ފުވައްމުލަކު ފެން ޕްލާންޓު
ފުވައްމުލަކު ފެން ޕްލާންޓު
ރާއްޖެއެމްވީ
ފުވައްމުލައް ފެނަށް ޖެހުން
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ ވިދާޅުވީ ސަރުކާރުން އެ ކައުންސިލާ އެއްވެސް ކަމެއް ހިއްސާ ނުކުރާ ކަމަށާއި ރަށުގެ ރައްޔިތުންނަށް ފެން ލިބޭނެ އިރެއް ނޭނގޭ ކަމަށް
ފެނުގެ މައްސަލައިގައި އެރަށުގައި މުޒާހަރާ ކޮށްފައިވާއިރު ފެނަކަ އެމްޑީ އިސްތިއުފާ އަށް ވެސް ވަނީ ގޮވާލައިފަ

ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަތައް ހައްލުކޮށް، ހައެއްކަ ގަޑައިރުގެ ތެރޭގައި ފެން ދޫކުރަން ފެށޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ނަމަވެސް، އޭގެ ފަހުން ވިއްސަކަށް ގަޑި އިރު ވި އިރު ވެސް އެރަށަށް ފެން ދޫކުރެވިފައެއް ނުވެ އެވެ.

ފުވައްމުލައް ފެނަށް ޖެހި ރައްޔިތުން އެތައް ތަކުލީފެއް އުފުލަމުން އަންނަ އިރު ރައްޔިތުންގެ އެދުމަކީ އަސާސީ ހިދުމަތްތައް ރަނގަޅަށް ލިބިގެން ދިއުމެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އަންގާރަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަން ފަށާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެރަށުގެ ރައްޔިތުންނަށް އެހިދުމަތް ދެވިފައެއް ނުވެ އެވެ.

މިކަމާއި ގުޅިގެން ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ ވިދާޅުވީ ސަރުކާރުން އެ ކައުންސިލާ އެއްވެސް ކަމެއް ހިއްސާ ނުކުރާ ކަމަށާއި ރަށުގެ ރައްޔިތުންނަށް ފެން ލިބޭނެ އިރެއް ނޭނގޭ ކަމަށެވެ. އޭނާ އެދުނީ އެކަމުގެ މައުލޫމާތު ހޯދަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އަށް ގުޅުއްވުމަށެވެ.

ފުވައްމުލަކަށް އަލުން ފެން ދޫކުރެވޭނެ ގަޑި ފާއިތުވެ އެތައް އިރެއްވެ ފެނުގެ ކާރިސާ ހަމައަކަށް އެޅުވުމަށް ފެއިލްވީ ކީއްވެގެން ކަމެއް ހީނާ ހާމައެއް ނުކުރެ އެވެ. އަދި އޭނާ ފޯނަށް ޖަވާބެއް ވެސް ނުދެއްވަ އެވެ.

ފެނުގެ މައްސަލައިގައި އެރަށުގައި މުޒާހަރާ ކޮށްފައިވާއިރު ފެނަކަ އެމްޑީ އިސްތިއުފާ އަށްވެސް ވަނީ ގޮވާލައިފަ އެވެ.

- ކޮމެންޓް