މި ސަރުކާރުން ރައްޔިތުން ހެއްލުމަށް ޓަކައި ކުޑަކުދިންނަށް މެޓާބަހާހެން، ރޯދަމަހާއި ދިމާކޮށް ގޭގެއަށް މަސްދަޅު ކޭސް ބަހަނީ ވެންމަސްވެނަށް ކާންދޭ އުސޫލުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރުން ވަނީ ރައްޔިތުންނަށް ދޭ އާސަންދަ މެދު ކެނޑި، ބޭސް ސިޓީއަށް ސަލާންޖަހަން ޖައްސާފައި ކަމަށާއި މިއީ މިއަދު ހުރިހާ ދިވެހި ރައްޔިތުންވެސް ޤަބޫލުކުރާނޭ ހަޤީޤަތެއް ކަމަށެވެ.
ދީދީ ވިދާޅުވީ މިއަދު ޑޮކްޓަރަށް ދައްކައިގެން ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ހުންނަ ގިނަ ބޭސްތައް އާސަންދައިން ނުލިބޭ ކަމަށާއި އޭގެން ލިބެނީ ވަރަށް މަދު ބޭހެއް ކަމަށެވެ. އަދި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ކްލިނިކްތަކަށް އެންސްޕާއިން ދޭންޖެހޭ ފައިސާގެ އެހިތެރިކަމެއް ވެސް މިއަދު ނުލިބޭކަމަށް ދީދީ ވިދާޅުވިއެވެ. އަދި މިއަދު އެފަދަ ކްލިނިކްތައް ހިންގަނީ ދަރަނީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދީދީ ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރުން މި އަހަރަށް ހުށައެޅުނު ބަޖެޓުގައިވެސް އާސަންދައިގެ ބޮޑުބައެއް އުނިކޮށްފައި ވާ ކަމަށާއި އެމްޑީޕީ ސަރުކާރުތަކުން ދިވެހިންނަށް ކަށަވަރުކޮށްދީފައި އޮތް އާސަންދައިގެ ޚިދުމަތް ރައީސް މުއިއްޒުގެ މި ސަރުކާރުން ނިގުޅައިގެންފައި ވާކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންނަށް ލިބެމުން އަންނަ ހުރިހާ ޚިދުމަތެއް ވަނީ މެދުކެނޑިފައި ކަމަށާއި އެކަމުގެ ތަކުލީފުތައް މިއަދު ދިވެހި ރައްޔިތުން އުފުލަމުން ގެންދާ ކަމަށެވެ. އެގޮތުން މަސްވެރިންނަށް މީގެ ކުރިން ލިބެމުން އައި ހަމަ އަގު ނުލިބި މަހުގެ އަގުދައްކޮށް މިފްކޯއިން ވިއްކާ މަސްދަޅުގެ އަގުވެސް މި ސަރުކާރުން ބޮޑުކޮށްފި ކަމަށެވެ. އަދި މިއީ މި ސަރުކާރުން ވެރިކަމަށް އައުމަށް ކެމްޕެއިންގެ ތެރޭގައި ވީ އެންމެ ބޮޑު ވައުދު، މަސްވެރިންނަށް މަހުގެ އަގު 20 ރުފިޔާއަށް ވުރެ، ދައްނުކުރާނެ ކަމުގެ ވައުދާއި މުޅިން ޚިލާފުވުންކަމަށް ދީދީ ވިދާޅުވިއެވެ.
ދީދީ ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަން ވެގެން ކިތަންމެ ވާހަކަތަކެއް ދައްކާ، ކުޑަކުދިން ހައްލާލަން މެޓާ ބަހާ އުސޫލުން ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ފޯރުކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅެފައިވާ ކަމަށާއި ނަމަވެސް އެކަންވެސް އެ ކުރައްވަނީ ވެނުމަސް ވެނަށް ކާންދޭ އުސޫލުންކަން ދިވެހި ރައްޔިތުންނަށް އޮޅިފައެއް ނެތްކަމަށެވެ. އަދި މަސްދަޅުކޭސްތައް ގޭގެއަށް ބަހަން ފެށި ދުވަހުން ފެށިގެން މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު އެތަކެއްގުނައެއް ބޮޑުކޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް އޮޅުވާލަން ވެގެން ކިތަންމެ ވާހަކަތަކެއް ދައްކާ، ކުޑަކުދިން ހައްލާލަން މެޓާ ބަހާ އުސޫލުން ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ރައީސް މުއިއްޒު ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެ، އެކަންވެސް އެ ކުރައްވަނީ ވެނުމަސް ވެނަށް ކާންދޭ އުސޫލުންކަން ދިވެހި ރައްޔިތުންނަށް އޮޅިފައެއް ނެތް. ކުރިންވެސް ދަންނަވާލިފަދައިން މަސްދަޅުކޭސްތައް ގޭގެއަށް ބަހަން ފެށި ދުވަހުން ފެށިގެން މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު އެތަކެއްގުނައެއް ބޮޑުޮށްފި.ޑރ. އިބްރާހިމް ދީދީ![]()
އޭނާ އިތުރަށް ވިދާޅުވީ ޑޮލަރު އަގު އިންތިހާއަށް ބޮޑުވެ، އިންފްލޭޝަން ރޭޓް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ތަކެތީގެ އަގު މިއަދު ވަނީ އަތްނުފޯރާފަށަށް ބޮޑުވެފައި ކަމަށެވެ. އަދި އެއީ ކުރިމަތިވަމުން މިއަން ރޯދަމަހަށް ދިވެހި ރައްޔިތުންނަށް ކުރިމަތިވާނޭ ބޮޑު ތަކުލީފަކަށް ވެގެންދާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.