"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ފެލެޓުތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިރާސީ އައު އަހަރަށް ގިނަ ބަޔަކު ފްލެޓުތަކަށް ބަދަލުވާން ބޭނުންވެ އެވެ. ނަމަވެސް ސަރުކާރުގެ ސްޕީޑް ވަރަށް ލަސް ކަމަށާއި، ވާނުވާ ނޭނގޭ ކަމަށް ފްލެޓު ލިބުނު ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ދަރިން ސްކޫލަށް ވެއްދުމުގެ މަސައްކަތް ކުރާނެ ގޮތެއް ނޭނގޭ ކަމަށާއި، ފްލެޓަށް ބަދަލުވާ ކަމަށް ވާނަމަ ހުޅުމާލޭގައި ހުންނަ ސްކޫލަކަށް އަދި ފްލެޓަށް ނުވަދެވޭ ކަމަށްވާ ނަމަ މާލޭ ސްކޫލަކަށް ދަރިން ވައްދަން ބެލެނިވެރިން ބޭނުންވެ އެވެ. އަދި މާލެ ސްކޫލަކަށް ވައްދާފަހުން ފްލެޓަށް ވަދެވޭ ގޮތް ވުމަކީ ވެސް ދިގު ދަތުރެއް ކޮށްފައި މާލެ އަންނަން ޖެހޭ ކަމަށްވާތީ ދިރާސީ އައު އަހަރުގެ ކުރިން ފްލެޓަށް ވަދެވޭ ގޮތް ހަދައި ދިނުމަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.
މި ޝަކުވާ ބޮޑުވެފައިވަނިކޮށް އަންގާރަ ދުވަހުގެ ރޭ މައްޗަންގޯޅި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މި ފްލެޓުތަކަށް އަންނަ ދިރާސީ އަހަރަށް ސްކޫލްތައް ހުޅުވުމުގެ ކުރިން ވަދެވޭނެ ކަމަށެވެ.
އެފްޑީސީ މިހާރު ގުޅަން ޖެހޭ ކަރަންޓާ މި ހުރިހާ މަސައްކަތެއް އެ ހިންގަނީ. ޑިސެންބަރު ނިމޭއިރު ގިނަ ޓަވަރުތައް ނިންމާފައި ހަވާލު ކުރެވޭނެ ކަމަށް އެފްޑީސީން ޔަގީންކަން ދީފައިވޭ. ނުނިމޭ ތަންތަން ވެސް ސްކޫލު ހުޅުވެން ވާއިރަށް ހުރިހާ ޓަވަރަކަށް އައު ދިރާސީ އަހަރަށް މީހުންނަށް ވަދެވޭނެ ކަމަށް ޔަގީންކަން ދެއްވާފައި މިވަނީ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު![]()
ދިރާސީ އައު އަހަރުގެ ކިޔެވުން ފަށަނީ 27 ޖެނުއަރީ 2026 ގަ އެވެ.
ސޯޝަލް ހައުސިންގެ ގޮތުގައި ކުރީ ސަރުކާރުން އިމާރާތްކުރި 4000 ހައުސިން ޔުނިޓްތަކަކީ ސަރުކާރު ބަދަލުވެގެން ދިޔައިރު، ސްޓަރަކްޗަރގެ ހުރިހާ މަސައްކަތެއް ނިންމާފައިވާ މަޝްރޫއެކެވެ. އަދި ފްލެޓު ލިބޭނެ މީހުންގެ ލިސްޓް ވެސް ފައިނަލް ކޮށްފައިވެ އެވެ. ނަމަވެސް މިސަރުކާރުން ފުރަތަމަ ވަނީ އެލިސްޓަށް ފްލެޓުތައް ދޫކުރުމަށް ދެކޮޅު ހަދައި، މައްސަލަތަކެއް ބަލާކަން ހާމަކޮށްފައިވެ އެވެ. މި ސަރުކާރަށް ދޮޅު އަހަރުވެގެން ދިޔައިރު ވެސް މި މައްސަލަ ނިންމިފައިނުވާތީ، އަދި ގާނޫނީ ގޮތުން ކުރެވޭނެ ކަމަކަށްނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ކުރީ ސަރުކާރުގެ ފްލެޓު ލިސްޓަށް ފްލެޓުތައް ދޫކުރަން ނިންމައި އެކަން 29 މެއި 2025 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި އެވެ. އަދި ހައުސިން މިނިސްޓަރު އަަބްދުﷲ މުއްތަލިބު ވިދާޅުވީ، މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން 4000 ފްލެޓު ދޫކޮށް، އެތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ކަމަށެވެ.