Advertisement
ކ. މާލެ
|
26 ނޮވެންބަރ 2025 | ބުދަ 16:37
ރާއްޖެޓީވީން ގެނެސްދިން '' ބޭކާރު ދެ އަހަރު '' ކަވަރޭޖް ގައި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ
ރާއްޖެޓީވީން ގެނެސްދިން '' ބޭކާރު ދެ އަހަރު '' ކަވަރޭޖް ގައި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރައީސް މުއިއްޒުގެ ސަރުކާރު
ރައީސް މުއިއްޒުގެ ސަރުކާރަކީ ''ޓްރޭނިންގ ވީލްސް'' ސަރުކާރެއް: މެންބަރު މީކާއީލް
މި ސަރުކާރަށް އުންމީދެއް ނެތް
ގައުމުން ކޮރަޕްޝަން ނައްތާލުމު ގައި ހެޔޮ ނިޔަތެއް ނެތް
ފްލެޓު ދޫނުކޮށް ހިފަހައްޓާފައި ވަނީ އެމަނިކުފާނު ކްރެޑިޓް ނެންގެވުމުގެ މަގުސަދު ގައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ''ޓްރޭނިންގ ވީލްސް'' ސަރުކާރެއް ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް ދެ އަހަރު ވުމާ ގުޅިގެން ރާއްޖެޓީވީން ގެނެސްދިން '' ބޭކާރު ދެ އަހަރު '' ކަވަރޭޖް ގައި ވާހަކަ ދައްކަވަމުން މެންބަރު މީކާއީލް ވިދާޅުވީ މި ސަރުކާރަށް އުންމީދެއް ނެތް ކަމަށާއި، މިއީ ޓްރޭނިންގ ވީލްސް ސަރުކާރެއް ކަމަށެވެ.

މެންބަރު މީކާއީލް ވިދާޅުވީ ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި އެއްވެސް ކަމެއްގައި ރަނގަޅު ނާތީޖާ އެއް ނެރެވިފައިނުވާ ކަމަށާއި، މިއީ ގައުމުން ބޭކާރު ވެގެން ދިޔަ ދެ އަހަރު ކަމަށެވެ. އަދި ގައުމުން ކޮރަޕްޝަން ނައްތާލުމު ގައި މި ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތްކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެއްތަނެއް ގައި ހުންނަ މީހަކު ކުއްލިއަކަށް ރައީސް މުއިއްޒު ހިތްޕުޅާ ނުވެގެން ހަމަ އެހެންތަނަކަށް ބަދަލު ކުރައްވަފާނެ. ދެން މިއުޒިކަލް ޗެއަރ ކުޅެލަފާނެ އެނގޭތޯ. އަނެއްކާ ވެސް އައު ޕްރޮޖެކްޓެއް އިއުލާން ކުރައްވަފާނެ. ގުޅީފަޅުގެ ބިން ހިއްކުން ވަގުތީ ގޮތުން ހުއްޓަވާލަ އްވަފާނެ. މޫސުމާ ހެދިއޭ ބުނެފާނެ. ދެން މިކަހަލަ ގޮތަކަށް ދާ ސަރުކާރެއް މިފެނިގެން މިދަނީ. ކުއްލި އަކަށް ރެއިޑެއް ޖަހާފާނެ. ސަރުކާރުގެ މަތީ މަގާމެއްގައި ހުންނަ ބޭފުޅެއްގެ ގެކޮޅަށް. އޭނާ ހައްޔަރުކޮށްފާނެ އެނގޭތޯ. އެއީ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ ދަށުން ހައްޔަރުކުރި މީހެއް ނުންތޯ. ފައިސާ ވެސް އަތުލި ދެއްތޯ. ފަޒުލް ރަޝީދުގެ އަތުން. އެޗްޑީސީގެ ކުރީގެ އެމްޑީ. މިހާރު ކޮންތާކުތޯ ހުންނެވީ. ޕީއެންސީގެ ވާވު އަތޮޅުގެ ކޯޑިނޭޓަރޭ އެއީ.

ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް

މި އަހަރު ޚާއްސަ ކޮށްފައިވަނީ ބޯހިޔާވަހިކަމަށް ކަން ފާހަގަކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ދޫނުކޮށް ދެ އަހަރު ހިފަހައްޓާފަވަނީ އެމަނިކުފާނު ކްރެޑިޓް ނެންގެވުމުގެ މަގުސަދު ގައި ކަމަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެދުވެރިކޮށް ފްލެޓު ލިސްޓު ބަދަލު ކުރުމަށް މަސައްކަތް ކުރި ކަމަށާއި، ފްލެޓަށް ޝަތުރު ހަމަވަނީ އެންމެ 18 ޕަސެންޓް މީހުންނަށް ކަމަށް ވެސް އޭރު ހާމަ ކުރި ކަމަށެވެ. ނަމަވެސް އެއްވެސް ގޮތަކަށް ލިސްޓު ބަދަލު ކުރެވެން ނެތުމުން ފްލެޓް ދޫކުރުމަށް ނިންމީ ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު މީކާއީލް ވިދާޅުވީ ދަރަނިން ސަލާމަތް ކޮށްދިނުމަށް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވައި ރައްޔިތުން އިތުރަށް ދަރަނި ކުރަމުންދާ ކަމަށާއި، އިތުރަށް ދަތި ކޮށްފައިވާ ކަމަށެވެ. އަދި ސިޔާސީ މަގާމުތައް 700ށް ވުރެ އިތުރު ނުކުރާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް މި ސަރުކާރުގައި 2000ށް ވުރެ ގިނަ ސިޔާސީ މަގާމުތައް އުފައްދާ ހަރަދު ވަރަށް ބޮޑަށް އިތުރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް