ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން ނުދީ ހިފަހައްޓަމުން އަންނަ ރައްޔިތުންގެ އެންމެ ބޮޑު އެއް ޙައްޤަކީ ގޯތިގެދޮރުގެ ހައްޤުކަމަށާއި އެކަން ކުރެވެން އޮތީ މިމަހުގެ 31 ވަނަ ދުވަހު އޮންނަ ބޮޑު ހިނގާލުމުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވެ މި ސަރުކާރަށް އަޑު އިއްވައިގެން ކަމަށް މާލޭ ސިޓީގެ މޭޔަރ އަދާމް އާޒިމް ވިދާޅުވެއްޖެއެވެ.
ޤާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިއަ ޕީޓްރަލް ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތައް މިހާތަނަށް ކޮށްދީފައިވަނީ އަދި ކޮށްދޭނީ ވެސް އެމްޑީޕީގެ ސަރުކާރުން ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުން ދިއައީ ރަށްރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަން ކަމުގައިވާ ބަނދަރުތަކާއި، މަގުތަކާއި، ވައިގެ ބަނދަރުތަކާއި، އަދި ތަޢުލީމީ މަރުކަޒުތައް ފަދަ ތަންތަން ޤާއިމުކޮށްދެމުން ކަމަށް އާޒިމް ފާހަގަ ކުރެއްވިއެވެ.
އާޒިމް ވިދާޅުވީ އެމްޑީޕީ ސަރުކާރާއި ޚިލާފަށް ރައީސް މުއިއްޒުގެ މި ސަރުކާރުން ރައްޔިތުނަށް ކަންކަން ކޮށްދޭނަަމޭ ވިދާޅުވެ ކަނޑަނީ ހުސް ފޮނި ކަމަށާއި އެނޫން ކަމެއް މި ސަރުކާރުން ނުކުރާކަމަށެވެ. އެގޮތުން ފުރަތަމަ ސަރުކާރާއި ހަވާލުވެ ކަނޑަން ފެށި ފޮނި ވެރިކަމަށް އަހަރުވެގެން ދިޔައިރުވެސް ނިމުމަކަށް ނާންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިގައުމުގެ ރައްޔިތުންނަކީ ބަޔަކު ކަނޑާ ފޮނި އަޑުއަހަން ތިބެން ބޭނުންވާނޭ ބައެއް ނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ ސީދާ ކަންކަން ކޮށްދޭ ވެރިކަމެއް ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ތާރީޚުގައި ތަފާތު ގިނަ ސަރުކާރުތަކެއް ވެރިކަން ކޮށްފައިވާއިރު، ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވަނީ އެމްޑީޕީ ސަރުކާރުންނެެވެ.
އެގޮތުން އާޒިމް ފާހަގަކުރެއްވި އެއްކަމަކީ ބޯހިޔާވަހި ކަމެވެ. އާޒިމް ވިދާޅުވީ، ރައްޔިތަކަށް ގޯއްޗެއް ލިބުނަސް އަދި ފްލެޓެއް ލިބުނަސް ލިބައި އޮންނާނީ ސީދާ އެމްޑީޕީ ސަރުކާރުން ކަމަށް އާޒިމް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މި ސަރުކާރުން ރައްޔިތުން ގުނބޯހައްދާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މި ސަރުކާރުގެ އަމަލުތައް ހުއްޓުވުމަށް އޮތި އެއްމެ ގޮތެއް ކަމަށާއި އެ ގޮތަކީ ހުރިހާ ރައްޔިތުންވެސް މަގުތަކަށް ނުކުމެ، މި ސަރުކާރުގެ ނޭންގާނީ ކަން މި ސަރުކާރަށް އަޑުއިއްވުންކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުން ސަރުކާރުގެ ނޭދެވޭ ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލައި، ސަރުކާރު ޖަވާބުދާރީ ކުރުވޭނީ ހަމައެކަނި ރައްޔިތުންނަށެވެ. އެހެން ފަރާތަކަށް މިކަން ނުކުރެވޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ނިމިދިއަ އެމްޑީޕީ ސަރުކާރުން ލިޔެކިޔުމުން ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓްތައްވެސް ނުދީ މި ސަރުކާރުން ހިފަހައްޓަމުން އަންނަ ކަމަށާއި އެގޮތުން އެމްޑީޕީން ދީފައި ހުރި އެ ގޯތިތަކާއި ފްލެޓްތައް ހޯދަން ރައްޔިތުން އަޑުއުފުލަން ޖެހޭކަމަށެވެ.
އާޒިމް ވިދާޅުވީ ގޯއްޗާއި ފްލެޓް ބޭނުން ނަމަ ރައްޔިތުން ޖެހޭނީ މަގުތަކަށް ނުކުމެ، މި ސަރުކާރުގައި ދަންނަވަން ކަމަށާއި އެގޮތުން އެމްޑީޕީ އިންތިޒާމުކޮށްގެން މި މަހުގެ 31 ވަނަ ދުވަހު ބާއްވާ ހިނގާލުމުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވާން ޖެހޭ ކަމަށެވެ. ގޯއްޗާއި ފްލެޓް ނުލިބޭނޭ ކަމަށް ބުނެ ގޭގައި އަތް އުރާލައިގެން ތިއްބަސް މިކަމެއް ނުވާނޭ ކަމަށާއި މިކަން ވާންއޮތީ ރައްޔިތުން ސީދާ މަގުމައްޗަށް ނުކުމެ މި ސަރުކާރަށް އެކަމުގެ އަޑުއިއްވައިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ބިރުން މަގުމައްޗަށް ނުކުންނަން ނުކެރި ތިބެ ގޯއްޗާއި ފްލެޓް ހޯދަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމެއް ނުވާނޭ ކަމަށާއި އެކަން ވާނީ ރައްޔިތުން ކެރިގެން ކުރިމަތިލައިގެން މަގުތަކަށް ނުކުމެ އަޑުއުފުލައިގެންކަމަށެވެ.
ގޯއްޗާއި ފެލެޓް ދޭން ބުންޏަސް މި ސަރުކާރުން އެ ބުނަނީ މާދަމާ، މާދަމާ، ނުވަތަ އަނެއް ދުވަސްކަމަށް. މިނޫން ވަރެއް ނުވޭ. މިހެން އަޑުއަހާކަށް ނޫން އަޅުގަނޑުމެން މިތިވީ ރައްޔިތުން ގެދޮރުބޭނުމީއާ މިއަދު ރައްޔިތުން ނުކުންނަންވީ. ތިބޭފުޅުން ތި ތިއްބަވަނީ ތިބޭފުޅުންގެ ގެދޮރު، ނުދީފާނެކަމަށް ބަލައިގެން ކަމަށް ވަނީ ނަމަ، ނުލިބޭނެ. ތިބޭފުޅުން ބޭނުންވާ ކަންތައް ހޯދަން ބޭނުންވާނަމަ ތިބޭފުޅުން ޖެހޭނީ ނުކުންނަން. ތިބޭފުޅުންގެ މޫނު ފެނިގެން ނުދޭނެކަމަށް ބަލައިގެން ނުނިކުމެ ތިބެއްޖެ ނަމަ އެ ދުވަހަކުވެސް ނުލިބޭނެ. އެ ލިބޭނެ ދުވަހެއް ނުވެސް އަންނާނެ. ތިބޭފުޅުން ހީކުރަނީ ތިބޭފުޅުންގެ ފްލެޓާއި ގޯތި ތިބޭފުޅުން މަގުތަކަށް ނުކުމެއްޖިއްޔާ ނުލިބޭނޭ، ތިމަންނަ ފެނިއްޖެއްޔާ ކަޓުވާލާނޭ. އެހެން ކަޓުވައެއް ނުލެވޭނެ. ހަމަ ދޭން ޖެހޭނީ.މާލޭ ސިޓީގެ މޭޔަރ އަދާމް އާޒިމް
އާޒިމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ގޯއްޗާއި ފްލެޓަކީ އެމްޑީޕީ ސަރުކާރުން ދުރާލައި ވިސްނައިގެން، މި ސަރުކާރު އައިސް ފޭރިގަނެފާނެ ކަމަށް ބަލައިގެން ލިޔެކިޔުންތަކާއި އެކު ހަވާލުކޮށް ކަށަވަރުކޮށްދީފައި އެއްޗެއް ކަމަށެވެ. އެހެން ކަމުން އެއްވެސް ބަޔަކަށް އެ އަތެއް ނުލެވޭނޭކަމަށް އާޒިމް ވިދާޅުވިއެވެ. އެހެން ކަމުން ރައްޔިތުންނަށް ގޯއްޗާއި ފެލްޓް ދީފައި އޮތީ ކަނޑުންތޯ ނުވަތަ ފަޅުންތޯ ނުބަލައި އެ ހޯދުމަށް ރައްޔިތުން މަގުމައްޗަށް ނުކުތުމަށް އާޒިމް ވަނީ ގޮވާލައްވާފައެވެ.