ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ މިސްކިތްތަކުން ބަންގީގެ އަޑު މަޑުކުރަނީ މާލޭ ސިޓީ ކައުންސިލުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް މާލެ ސިޓި ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ހުޅުމާލޭގެ މިސްކިތްތަކުން ބަންގީގެ އަޑު މަޑުވާ ސަބަބާ ގުޅިގެން މިނިސްޓަރ ޝަހީމް އާ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މާލެ ސިޓީގެ މިސްކިތްތަކުގެ ސައުންޑް ސިސްޓަމްތަކަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ކަމަށެވެ. އަދި ސައުންޑް ސިސްޓަމްތަކާ ނުކުޅުމަށާ ބަންގީގެ އަޑު ގަދަކުރުމަށް ތަކުރާރުކޮށް ބުނާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން މާލޭ ސިޓީގެ މިސްކިތްތަކުގެ ސައުންޑް ސިސްޓަމްތައް މި އޮންނަނީ މާލޭ ސިޓީ ކައުންސިލްގެ ދަށުގަ. އެހެންވީމަ ސިޓީ ކައުންސިލަށް ތަކުރާރުކޮށް އަޅުގަނޑުމެން އެދެމުން މިދަނީ ސައުންޑް ސިސްޓަމްތަކާ ނުކުޅޭށޭ ތިބޭފުޅުން. އެހެންވީމަ ސައުންޑް ސިސްޓަމްތަކަށް އަޅުގަނޑުމެން ބަންގީގެ އަޑު ވީހާ ވެސް ދުރަށް އިއްވުމަށް އަޅުގަނޑުމެން މި އޮންނަނީ އަންގާފަ. އޮންނައިރު ސިޓީ ކައުންސިލްގަ ތިބޭ ބަޔަކު ގޮސް އޭގެ އަޑު މަޑުކުރުމަކީ މިނިސްޓްރީއާ ބެހޭ ކަމެއް ނޫން. މިނިސްޓްރީން އަބަދުވެސް މި ބުނަނީ ބަންގި އިއްވާށޭ.
އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު![]()
ބަންގީގެ އަޑު ވީހާވެސް ދުރަށް އިއްވުމަށް އަންގާފައިވާ ކަމަށާއި، އެހެން އޮންނައިރު ސިޓީ ކައުންސިލުގައި ތިބި ބަޔަކު ގޮސް އޭގެ އަޑު މަޑު ކުރުމަކީ މިނިސްޓްރީގެ މައްސަލައެއް ނޫންކަމަށް ވިދާޅުވެ މިނިސްޓަރު ކުރެއްވި ތުހުމަތު މޭޔަރު އާޒިމް ވަނީ ދޮގުކުރައްވާފައެވެ.
އެކަން ހިއްސާކޮށް މޭޔަރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރު އެ ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އާޒިމް ވިދާޅުވީ އެކަހަލަ ކަމެއް ކައުންސިލުން ކޮށްފައި ނުވާނެ ކަމަށާ، ބަންގީގެ އަޑު މަޑުކޮށް، ގަދަކުރަނީ މިނިސްޓްރީގެ އެންގުމާ އެއްގޮތަށް، މިނިސްޓްރީން ވަޒީފާ ދީފައިވާ މުދިމު ކަމަށެވެ.
Kada elhigen bodu dhogeh @Mohamedshaheem1
— Adam Azim, Mayor of Male’ City (@adamazim) October 22, 2025
Ekahala kameh council in kohffa nuvaane. Bangeege adu madukoh gadha kuraanee Ministry ge instruction ah ministry in vazeefaa dheefavaa mudhim. https://t.co/gyWONKfxQE
ބުދަ ދުވަހުގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ސުވާލުތަކަށް މިނިސްޓަރު ޖަވާބުދެއްވަމުން ގެންދެވީ ޒާތީވެ، ވަރަށް ބޮޑަށް ކޯފާވެ ހުންނަވައެވެ.
އެހެން ކަމުން މިނިސްޓަރ ޝަހީމް މަގާމުގެ ހައިސިއްޔަތުން ޤާނޫނީ ޒިންމާއެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި މެމްބަރުންނަށް ޖަވާބު ދިނުމަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން ބަލާނަމަ ހަޑި ހުތުރު ކަމެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރު ވެސް ވަނީ ވިދާޅުވެފައެވެ.