ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި މީގެ ކުރިން ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޙާލު ބަލާފައި ނުވާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަކީ އިތުރުފުޅެއް ކަމަށް ކުރީގެ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ޙުސައިން ވިދާޅުވެއްޖެއެވެ.
އިފްހާމް ޙުސައިން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ދައުރުގައި 'އިބަމަ' ޕްރޮގްރާމްގެ ދަށުން ރައްޔިތުންގެ ޙާލު ބެލުމުގެ މަސައްކަތް ގޭގެއަށް ޒިޔާރަތްކޮށްގެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ހަމައެކަނި ނަން ބަދަލުކޮށް، ދާއިރާ ހަނިކޮށް "ހާލު ކިހިނެއް" ނަމުގައި އައު ޕްރޮގްރާމެއް ފަށާފައިވާ ކަން އިފްހާމް ފާހަގަކުރެއްވިއެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، މީގެ ކުރިން ގޭގެއަށް ގޮސް ރައްޔިތުންގެ ހާލު ބަލާފައި ނުވާ ކަމަށެވެ.
"ގޮއްސަ ރައްޔިތުންގެ ހާލު ބަލަނީ، ފިޒިކަލީ ބަލަނިއްޔޭ އަޅުގަނޑުމެންގެ ސަރުކާރުން، ގޭގެ އަށް ދަނީ، ގޮސް ހާލު ބަލާ، އެމީހުންނަށް ބޭނުންވާ ކަންކަން ކޮށްދެނީ، މީ ދުވަހަކުވެސް ކުރި ކަމެއް ނޫން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިފްހާމް ވިދާޅުވި ގޮތުގައި އެތައް ހާސް ރައްޔިތުންގެ ހާލު ބެލުން ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށާއި އޭގެ ތެރޭގައި ކޮވިޑްގެ ހާލަތުގައި ވެސް ހާލު ބެލުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށެވެ.
"ހަމައެކަނި ކޮވިޑް ފުރަބަންދުގެ ޙާލަތުގައި ވެސް 9,000 އަށްވުރެ ގިނަ ނާޒުކު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ހާލުބަލައި އެހީތެރިކަން ފޯރުކޮށްދެވުނު," އިފްހާމް ވިދާޅުވިއެވެ.
އަދި 'އިބަމަ' ޕްރޮގްރާމް ގާއިމުކޮށް، ގިނަ އަތޮޅުތަކުގައި ތަމްރީނު ހިންގާފައިވާ ކަމަށާއި، 74 ރަށެއްގައި ވަލްނަރަބިލިޓީ މެޕިންގ ހަދައި، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިފްހާމް އިތުރަށް ވިދާޅުވީ، މި މަޢުލޫމާތު ރައީސް އޮފީހުގައި ހުންނާނެ ކަމަށާއި، އެ މަޢުލޫމާތު ބައްލަވާލެއްވުމަށްފަހު މިފަދަ އިތުރުފުޅު ނުހެއްދެވުމަށް އެދޭ ކަމަށެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހާލު ކިހިނެއް ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.