ރިސޯޓު ތަރައްގީކުރުމަށްޓަކާ ދޫކުރާ ބިމާއި، ރަށް އަދި ފަޅު ދޫކުރުމުގެ ކުރިން ރައީސް އޮފީހުން ހުއްދަ ނަގަން ނުޖެހޭ ގޮތަށް ރާއްޖޭގެ ޓުއަރިޒަމް އާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހަޅާފައި ވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސައިނެވެ. އެ އިސްލާހުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހު ވަނީ އިއްވާފައެވެ.
އެ ބިލުގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު އެ ބިލު ހުށަހެޅުއްވަމުން މެމްބަރު މުސްތަފާ ހުސައިން ވިދާޅުވެފައި ވަނީ ސަރުކާރުން މި ބިލު ހުށަހަޅަނީ ދިވެހިރާއްޖޭގެ ޓުއަރިޒަމް އާއި ބެހޭ ޤާނޫނުގައި ބުނާ ފަތުރުވެރިކަމަށް ރަށްރަށާއި، ބިމާއި، ފަޅު ކުއްޔަށް ދިނުމާއި ގުޅޭ އުސޫލަށް ބައެއް ބަދަލު ގެނައުމަށާއި، އެ ޤާނޫނުގެ ދަށުން ނަގަމުން އަންނަ ގްރީން ޓެކްސްގެ މިންވަރު އިތުރުކުރުމަށްޓަކާ، އެ ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.
މިހާރު އެ ޤާނޫނުގެ 35 ވަނަ މާއްދާ އަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން އެ މާއްދާގެ ކ އަދި އ އިސްލާހުކުރުމަށް ވަނީ ހިމަނާފައެވެ. އެއިސްލާހުގައި ވަނީ ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓްހައުސް އަދި އުޅަނދުތަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ނަގާ ޓެކްސްގެ ތަފްސީލްތައް ހިމަނާފައެވެ. އެގޮތުން 1 ޖެނުއަރީ 2023 އިން ފެށިގެން 31 ޑިސެމްބަރ 2024ގެ ނިޔަލަށް މީހަކަށް 6 އެމެރިކާ ޑޮލަރ އަދި 1 ޖެނުއަރީ 2025 އިން ފެށިގެން މީހެއްގެ އަތުން ދުވަހަކަށް 12 އެމެރިކާ ޑޮލަރ ނެގުމަށް ވަނީ ހިމަނާފައެވެ. އެއީ އެ މާއްދާގެ (ކ) އަށް ގެނައި އިސްލާހެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާ، ޓުއަރިސްޓް ގެސްޓްހައުސްގެ ތެރެއިން 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުގައި ތިބޭ ފަތުރުވެރިންގެ އަތުން، ފަތުރުވެރިން އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، 1 ޖެނުއަރީ 2023 އިން ފެށިގެން 31 ޑިސެމްބަރ 2024ގެ ނިޔަލަށްނަގާނީ 3 އެމެރިކާ ޑޮލަރކަމަށް ވަނީ ބުނެފައެވެ. އަދި 1 ޖެނުއަރީ 2025 އިން ފެށިގެން މީހެއްގެ އަތުން ދުވަހަކަށް 6 އެމެރިކާ ޑޮލަރ ނެގުމަށް ވަނީ ހިމަނާފައެވެ. އެއީ އެ މާއްދާގެ (އ) އަށް ގެނައި އިސްލާހެވެ.
އެ ބިލުގައި ހުށަހެޅީ، ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުމުގެ ކުރިން ރައީސް އޮފީހުން ހުއްދަ ހޯދަން ޖެހޭ ގޮތަށް އޮތުން ބަދަލު ކުރި ނަމަވެސް ރަށްތައް ދިނުމުގެ ކުރިން އެކަމުގެ މައުލޫމާތު އެންޓިކޮރަޕްޝަން ކޮމިށަނާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހާ ހިއްސާކުރުން ލާޒިމްކުރާ މާއްދާ އުވާލަން ހިމަނާފައެއް ނުވެއެވެ.