ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް ހުށަހެޅިފައިވާ އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭ ގޮތަށް އޮތް ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ އެސްއީޒެޑް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ބިލަށް ބަހުސްކުރައްވަމުން މެންބަރު މައުރޫފް ވިދާޅުވީ 2014 ވަނަ އަހަރު މި ބިލު ތައާރަފުވެގެން އައީ ބޮޑެތި އިންވެސްޓަރުންތަކެއް ރާއްޖެ ގެނައުމުގެ މަގްސަދުގައި ކަން އެ ބިލުގެ ބަހުސްތަކުން ހާމަވާ ކަމަށެވެ. ނަމަވެސް އޭރުވެސް އެ ގާނޫނު ފާސްވެގެން ދިޔައީ ހެޔޮނިޔަތެއް ނެތި ކަމަށް ގަބޫލު ކުރައްވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
އެހެން ނަމަވެސް އެއީ އޭރު މުޅިން ހެޔޮ ނިޔަތެއްގައި ކުރެވިފައި އޮތް ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ސަބަބަކީ ރާއްޖެ އަށް ގެނެވިފައިހުރި މިފަދަ ބޮޑެތި އިންވެސްޓްމަންޓުތަކުން މި ކުރެވޭ ކަމަކީ ސަރުކާރު ހިންގަން އެއިރެއްގައި ތިބޭ ފަރާތްތަކުން ބޮޑެތި އަދަދުތަކުން ކަޓު ނަގައިގެން އެ އިންވެސްޓްމަންޓުތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުން. ހަގީގަތުގައި އަޅުގަނޑުމެންނަށް މިއުޅެނީ ބޮޑެތި އިންވެސްޓަރުންގެ އެޓްރެކްޝަން ސެޒްގެ މި ފުރުސަތުތައް ދީގެން ވެސް ނުހޯދިގެން. މި ދެންނެވި ސަބަބުތަކަށްޓަކައި.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު![]()
މައުރޫފް ވިދާޅުވީ އެސްއީޒެޑް ގައި ރަނގަޅަށް އިންވެސްޓު ކޮށްފިނަމަ އޭގެން ރަނގަޅު ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެން ދާނެ ކަމަށެވެ. އަދި ރާއްޖެ އަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެ، ރާއްޖޭގައި ކުރިއަށްދާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓުތައް ވެސް އިތުރުވެގެން ދާނެ ކަމަށެވެ.
ނަމަވެސް އެ ފުރުސަތުތައް ފަހި ނުވަނީ އެކަމުން ވެސް ނާޒާއިޒް ފައިދާ ނަގާ މީހުންގެ ސަބަބުން ކަމަށް މައުރޫފް ވިދާޅުވިއެވެ. އިތުރަށް ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ އެސްއީޒެޑްގެ ދަށުން ރަނގަޅު އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިކަން ފާޅުނުކުރަނީ ވެސް ހަމަ އެ ސަބަބާ ގުޅިގެން ކަމަށެވެ.
މިހާރުވެސް ރާއްޖޭގަ ވަރަށް ބޮޑެތި ލަގްޒަރީ އިންވެސްޓްމަންޓްތައް އެބަހުރިކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ ހަމަ އެވަރުގެ އެހެން އިންވެސްޓްމަންޓެއް ކުރާ ފަރާތަކަށް މާބޮޑެތި ފައިދާތަކެއް ލިބޭ ގޮތަށް މިގާނޫނު އިސްލާހުކޮށް، އެ ފުރުސަތު ހުޅުވާލައިފިނަމަ އެ ވެގެންދާނީ ވަރަށް ބޮޑު ނާއިންސާފަކަށް ކަމަށެވެ.
މައުރޫފް ވިދާޅުވީ އެހެންކަމުން ގާނޫނަށް ހުށަހެޅިފައިވާ އިސްލާހު މިހާރު އޮތް ގޮތުން އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ ކަމަށެވެ. އަދި ރާއްޖެ އަށް ޝައުގުވެރިކަން ހުރި ރަނގަޅު އިންވެސްޓަރުން ގެއްލިގެންދާނެ ކަމަށެވެ.