Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2025 | ހޯމަ 17:53
ރައްޔިތުން މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު: ވިދާޅުވީ މި ސައރުކާރުގައި އެންސްޕާ އާއި އާސަންދަ ހޯދަން ޖެހެނީ ސަލާންޖަހައިގެން ކަމަށް
ރައްޔިތުން މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު: ވިދާޅުވީ މި ސައރުކާރުގައި އެންސްޕާ އާއި އާސަންދަ ހޯދަން ޖެހެނީ ސަލާންޖަހައިގެން ކަމަށް
ރާއްޖެއެމްވީ
ބޭސްފަރުވާއަށް ސަލާންޖެހުން
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
އެމްޑީޕީ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބުނު

އެމްޑީޕީ ވެރިކަމުގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއި އެކު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ފުރިހަމަ އަށް ލިބުނު ކަމަށާއި އެހެން ނަމަވެސް މި ސަރުކާރު އައިފަހުން އެ ޚިދުމަތްތައް ލިބެނީ ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން މަދު ބަޔަކަށް ކަމަށް ރައްޔިތުން މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިފަދައިން ވިދާޅުވީ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް އަވަހަށް ޕެންޝަން ފައިސާ ލިބޭ ގޮތް ހަދަން ގޮވާލައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ނެވެ.

ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފައިސާ ލިބޭ ގޮތް ހަދަން ޖެހޭކަން ފާހަގަ ކުރައްވައި ސަމީރު ވިދާޅުވީ، މިފަދަ ޒަމާންވީ ބޮޑެތި މައްސަލަތައް މަޖިލީހަށް ވައްދައި، މަޖިލީހުގެ މެމްބަރުން ބަހުސްކުރަން ޖެހުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި މިއީ މިކަން ވާންޖެހޭނޭ ގޮތް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާދި މިދާކަށް ދުވަހަކު އުތުރުގެ ރަށަކަށް ދިޔައިރު، މުސްކުޅި މަންމައަކާއި ދަރިޔަކު އައިސް މި އަހަނީ އަޅުގަނޑުމެންގެ ކައިރީ ކޮން ގުރޫޕެއްގެ ލެޔެއްތޯ ހުރީ. އަދި ކީއްކުރާ ބައެއްތޯ. އަޅުގަނޑުމެން ދެން ސުވާލުކުރިން ކިހިނެއްތޯވީ. ވިދާޅުވީ މިއުޅެނީ މި ދަރިފުޅަށް އަޅާނެ ލޭފޮދެއް ނުލިބިގެންނޭ. ރަނގަޅަށް ބަލާއިރުގައި އެއީ ރާއްޖޭގައި އެންމެ ގިނައިން ލިބޭ "އޯ ގުރޫޕް ލޭ". އެ ލޭ ނުލިބިގެން މުއްދަތު ހަމަވިތާ އޭރު ތިން ދުވަސް ވެއްޖެ. މިއީ ހާލަތަކީ.

ރައްޔިތުން މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު

ސަމީރު ވިދާޅުވީ މިއަދު ގައުމުގެ ސިއްހީ ހާލަތު ގޯސްވެ، ދަރިން ވިހޭމައި ޖަހާ ވެކްސިން ވެސް ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލް ފަދަ ތަންތަނުން ނުލިބޭ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ވަރަށް ބޮޑު އިހުމާލެއް ކަމަށާއި މިއީ މިކަންކަން މިހެން ވާން ދޫކޮސްލައިގެން ތިބެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ ދާއިރާ ގައި ހުރި މިފަދަ ކަންކަން އިސްލާހުކޮށް ދެއްވުމަށް ބާރުއެޅުއްވުމަށް މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ގޮވާލައްވަމުން ސަމީރު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ މިފަދަ ކަންކަން ކޮށްދެއްވަން ޖެހޭނޭ ކަމަށެވެ. އަދި ކުޑޫ ހުށަހެޅުއްވި އިސްލާހު ބޭރުކޮށް ނުލައި އެ އިސްލާހަށް ތާއީދުކޮށް ދެއްވުމަށް އޭނާ ގޮވާލެއްވި އެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާކަން ފާހަގަކުރައްވައި ސަމީރު ވިދާޅުވީ، ނިމިގެން ދިޔަ އެމްޑީޕީ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއި އެކު އެންމެ ފުރިހަމައަށް އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބުނު ކަމަށެވެ.

އެހެން ނަމަވެސް އެ ސަރުކާރާއި ޚިލާފަށް މި ސަރުކާރު އައިފަހުން އެ ޚިދުމަތްތައް ލިބެނީ ރައްޔިތުން ގޮސް ވެރިންނާއި ސަރުކާރު ތަމްސީލުކުރާ މަޖިލިސް މެމްބަރުންގާތު ސަލާންޖަހައިގެން ކަމަށެވެ.

އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ސަރުކާރުގައި (އެމްޑީޕީ) ވެރިކަމުގައި، ދިޔައީ ހުރިހާ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބުނު. އެހެން ނަމަވެސް މިއަދު މި ސަރުކާރު އައިފަހުން އެ ޚިދުމަތްތައް ލިބެނީ ސަރުކާރުގެ ވެރިޔަކަށް ނޫނީ މަޖިލިސް މެމްބަރުންގާތު ސަލާންޖަހައިގެން.

ރައްޔިތުން މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު

ސަމީރު ވިދާޅުވީ އެންސްޕާ އާއި އާސަންދަ އަކީ ވަކި އުސޫލަކާއި ހަމަތަކެއްގެ ތެރެއިން ދޭ އެއްޗެއް ނަމަވެސް މިއަދު އެ ޚިދުމަތް ރައްޔިތުންނަށް ނުލިބޭ ކަމަށެވެ. މިއަދު ރާއްޖޭގެ ކޮންމެ ރަށަކަށް ބަލާލި ނަމަވެސް ފެނިގެން ދަނީ ބޭނުންވާ ޑޮކްޓަރީ ބޭސްކޮޅު ނުލިބިގެން ރައްޔިތުން ކަންބޮޑުވެގެން އުޅޭ މަންޒަރު ކަމަށެވެ.

- ކޮމެންޓް