ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށާއި ހައްޖު ވެރިން ތިބީ މިހާރު އަރަފާތު ބިމުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ އަރަފާތު ބިމުގައި ހުންނަވާ ހައްޖުވެރިންގެ އެންމެ ފަހުގެ މައުލޫމާތުތައް މީޑިއާ އާއި ހިއްސާކުރެއްވުމުގެ ގޮތުން ފޮނުއްވި އޯޑިއޯ މެސެޖެއްގައެވެ.
އެ މަނިކުފާނު ވިދާޅުވީ އެއްވެސް ހައްޖާޖީ އެއްގެ ބަލި ހާލަތު ރަނގަޅު ނޫންކަމުގެ މައުލޫމާތެއް މި ވަގުތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެއްވެސް ހާލަތެއް ވެސް މެދުވެރިވެފައި ނެތް ކަމަށާއި ހައްޖުގެ ކަންކަން ވަރަށް އޮމާންކަމާއި އެކު ކުރިއަށް ދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަަކަފުޅުގައި މި ފަހަރު ހައްޖުގެ އިންތިޒާމްތައް ކުރިއަށް ވުރެ ރަނގަޅުކަމަށް ފާހަގަކުރައްވާފައިވެއެވެ. އެކަމަށްޓަކާ ހައްޖު ކޯޕަރޭޝަނަށް ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ހައްޖުވެރިންގެ ހާލު ހައްޖު މިޝަން އިން ވަރަށް ކައިރިން ބަަލަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެހެން އަހަރުތަކާއި އަޅާ ބަލާ އިރު މި އަހަރު ހައްޖުގެ އިންތިޒާމްތައް ކުރިއަށް ވުރެ ފުރިހަމަކަމަށް ފާހަގަކުރައްވާ ޝަހީމް ވަނީ ސައުދީ ސަރުކާރަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.
މި އަހަރު ރާއްޖެ އިން 1150 އަށް ވުރެ ގިނަ މީހުން ވަނީ ޙައްޖަށް ގޮސްފައެވެ.