ސަޢޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިނާގައި ހުންނަ ޙައްޖު މިނިސްޓްރީގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހްދަށް، ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން ދިވެހި ޙައްޖާޖީންނަށް ދެއްވި ޚާއްޞަ މެހުމާންދާރީއަށާއި އެ ޤައުމުގައި ތިބުމަށް އެކޮމޮޑޭޝަން ހަމަޖެއްސުމުގައި، އިންތިޒާމުތަކުގެ ފުރިހަމަކަމަށް ތަޢުރީފު ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން މި ވަގުތު ތިއްބެވީ ސަޢޫދީ ޢަރަބިއްޔާގައެވެ. މި ދަތުރުގައި ސަރުކާރުގެ ބައެއް އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދު، އެ ޤައުމުގައި ތިއްބަވަނީ، ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހުމާނުންގެ ގޮތުގައެވެ.