އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، މައިންބަފައިންނަށް ކިޔަމަންގަތުމަށް އަޟްހާ އީދު ޚުތުބާގައި ގޮވާލައިފިއެވެ.
އަޟްހާ އީދު ދުވަހާ ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި އީދު ޚުތުބާގައި ބުނީ މިއީ ހައްޖުގެ އެންމެ ބޮޑު ދުވަސް ކަމަށާއި، ދުނިޔޭގެ ކަންކޮޅުތަކުން އެތައް މުސްލިމުންނެއް އެއް ބިމެއްގައި މާތް اللهގެ އަމުރަފުޅަށް ބޯލަނބައި އެއްވެ ތިބޭ މި މަތިވެރި އެއްވުމަކީ، މުސްލިމުންގެ އެއްބައިވަންތަކަމާއި، މާތް اللهގެ ހަޟުރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ އާލަމީ ބައްދަލުވުމެއް ކަމަށެވެ.
މީގެ އިތުރުން إِبْرَاهِيْم عَلَيْهِ السَّلَام އާއި އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން إِسْمَاعِيْلُ عَلَيْهِ السَّلَام ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާ ހައްޖުގެ އަޅުކަމުން ހަނދާން ކޮށްދޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މިއަދު ފާހަގަ ކުރާއިރު إِبْرَاهِيْم عَلَيْهِ السَّلَامއާއި إِسْمَاعِيْلُ عَلَيْهِ السَّلَام ވެވަޑައިގަތް މަތިވެރި ގުރުބާނީއިން އިބުރަތް ހާސިލްކުރަންޖެހޭ ކަމަށާއި، އެއީ މާތް اللهއަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެއް ކަމަށެވެ.
ޚުތުބާގައި ބުނީ إِسْمَاعِيْلُ عَلَيْهِ السَّلَام ދެއްކެވި ކިޔަމަންތެރިކަމަކީ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށާއި، މައިންބަފައިންނަށް ކިޔަމަންގަންނާން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށެވެ. މިއަދު އަހަރެމެންގެ ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސް ނާހާ ވާހަކަ އަޑު އިވޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަހަރެމެންގެ ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދާން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށެވެ.
إِبْرَاهِيْم عَلَيْهِ السَّلَام އެކަލޭގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ލޮބުވެތި ދަރިކަލުން، ޤުރުބާންކުރެއްވުމަށް މާތް الله ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވިއެވެ. އެ ޙާދިސާ ބަޔާންކުރައްވައި، މާތްالله ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތްކުރައްވައި އުޅުއްވާ ފުރާވަރަށް އެރި ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ގުރުބާންކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެއެވެ. ފަހެ، ތިބާޔަށް (އެ ކަމާ މެދު) ފެންނަ ގޮތެއް ވިސްނައިބަލާށެވެ!" މި ހިނދު އިސްމާޢީލުގެފާނު ދެންނެވީ ކީކޭތޯއެވެ! މާނައީ: "އޭ ބައްޕާއެވެ! ކަލޭގެފާނަށް الله އަމުރުކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! الله އިރާދަކުރެއްވިއްޔާ އަޅުގަނޑު ވާނީ، ކެތްތެރީންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ." އިސްމާޢީލުގެފާނު މި ތާނގައި މާތްﷲގެ އަމުރުފުޅަށް ކިޔަމަންވެވަޑައިގަތީއެވެ. ދެ ބަފައިކަލުން ވެސް ކެތްތެރިވެ ވަޑައިގަތީއެވެ. ބަފައިކަލުން، ދަރިކަލުން ގުރްބާން ކުރެއްވުމަށް ޓަކައި ވަޅި ނެންގެވިއެވެ. ދަރިކަލުން ބަފައިކަލުންނަށް ކިޔަމަންވެ ވަޑައިގެން، ބަފައިކަލުންނަށް ކަނދުރާ ލަންބަވައިލެއްވިއެވެ. އެ ހައި ހިސާބުން އިމްތިޙާނުން ފާސްވީކަމުގެ އުފާވެރި ޚަބަރު އަތުވެއްޖެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ." މި އިމްތިޙާނުގެ މަގުސަދަކީ إِسْمَاعِيْلُ عَلَيْهِ السَّلَام ގުރްބާން ކުރެއްވުމެއް ނޫނެވެ. މާތް اللهގެ އަމުރުފުޅަށް ކިޔަމަންވެވަޑައިގަންނަވާ މިންވަރު ބެއްލެވުމެވެ. ކޮންމެ ކަމަކަށް މާތް الله އަމުރުކުރެއްވިޔަސް އެކަމަކަށް ފަސްޖެހިވަޑައިގަތުމެއް ނެތި، އެ އަމުރުފުޅު، ތަންފީޒު ކުރައްވާނެކަން ދެއްކެވުމެވެ. إِسْمَاعِيْلُ عَلَيْهِ السَّلَام ސަލާމަތްވެވަޑައިގަތީ، މާތް ﷲ ބާވައިލެއްވި ފިދުޔައަކުންނެވެ. މި އީދުގައި އުޟްޙިޔާ ކަތިލުން ޝަރްޢުކުރެވިފައި ވަނީ މިހެންވެގެންނެވެ. އުޟްޙިޔާއަށް ކަތިލެވޭނީ ނަޢަމް ސޫފީގެތެރެއިން އެއްޗެކެވެ. ގެރި ބަކަރި ޖަމަލުފަދަ ތަކެއްޗެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެންމެ އިތުރުވެގެންވަނީ އުޟްޙިޔާގެ ތިންބައިކުޅަ އެއްބައި ކެއުމެވެ. އަނެއް ތިންބައިކުޅަ އެއްބައި ފަޤީރުންނަށް ޞަދަޤާތް ކުރުމެވެ. އަނެއް ތިންބައިކުޅަ އެއްބައި ގާތްތިމާގެ މީހުންނަށާއި ރަޙްމަތްތެރީންނަށް ހަދިޔާކުރުމެވެ.
އަޟްހާ އީދު ޚުތުބާ![]()
ޚުތުބާގައި ބުނީ އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، މާތް اللهއާއި އެކަލާނގެ ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އެންގެވުންތަކާ ދުރުހެލިވުން ކަމަށާއި، ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުން ކަމަށެވެ.
އެހެންކަމުން މިއަދުގެ ޒުވާނުން އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން ނަމޫނާ ލިބިގަތުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.