ކ. މާލެ
|
19 ޖޫން 2025 | ބުރާސްފަތި 14:17
ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް
ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް
ދެން އެމްވީ
ހައްޖު ކޯޕަރޭޝަން
ޙައްޖަން މީހުން ގެންދިޔުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނާ މައްސަލަ އޭސީސީ އަށް
އެ މައްސަލައިގައި ބުނެފައި ވަނީ ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ ކޮއްކޮއެއް އެހީތެރިއެއްގެ ގޮތުގައި މިފަހަރު ޙައްޖަށް ގޮސްފައިވާއިރު، ޙައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލްގެ މަންމަ އާއި ބައްޕަ ވެސް މިފަހަރު ވަނީ ޙައްޖަށް ގޮސްފައި ކަމަށް

މިއަހަރުގެ ޙައްޖަށް މީހުން ގެންދިޔުމުގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް އަދި އެ ކުންފުނީގެ އިސްވެރިން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނާ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ބުރާސްފަތި ދުވަހު އެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ޤައުމީ މަޖިލީހުގެ މެމްބަރު އަޙުމަދު ސަލީމް (މާޒް ސަލީމް) އެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ ކޮއްކޮއެއް އެހީތެރިއެއްގެ ގޮތުގައި މިފަހަރު ޙައްޖަށް ގޮސްފައިވާއިރު، ޙައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލްގެ މަންމަ އާއި ބައްޕަ ވެސް މިފަހަރު ވަނީ ޙައްޖަށް ގޮސްފައި ކަމަށެވެ.

މީގެ އިތުރުން ޙައްޖަށް ދިއުމަށް އޮންނަ ކިޔޫގައި ނުޖެހި ޙައްޖު ކޯޕަރޭޝަންގެ ގިނަ ޢަދަދެއްގެ ވެރިންނާއި ބޯޑު މެމްބަރުން ސަރުކާރުގެ ޚަރަދުގައި ހިލޭ ހައްޖަށް ގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި މަޢުލޫމާތު ލިބޭ ގޮތުގައި ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލުގެ މަންމަ އާއި ބައްޕަ ޙައްޖަށް ދިއުމަށް ދަތުރު ކޮށްފައި ވަނީ ފްލައިޓުގެ ބިޒްނަސް ކުލާހުގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމްޑީ ޝަކީލްގެ މަންމަ އާއި ބައްޕަ ތިބުމަށް މައްކާ ގައި ހުންނަ ހޮޓަލަކުން 26،000.00 ރ. (ސައްބީސް ހާސް) ރުފިޔާ އަށް ލިބޭ ޕުރައިވެޓު ކޮޓަރިއެއް ހަމަޖައްސާފައި ވާކަމަށް ވެސް މާޒް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ މަައްސަލައިގައި ދެން ބުނެފައި ވަނީ ކުރިޔަށް އޮތް ޢުމްރާ ދަތުރު ތަކުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޢުމްރާ އަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންގެ ވިސާ ނަގަމުންދަނީ އެކުންފުނީގެ ޑީއެމްޑީ ޝޭޚް ޢަލީ ޝަރީފުގެ އަމިއްލަ ކުންފުންޏެއް ކަމުގައިވާ “ELKASAS” އިން ކަމަށެވެ.

އަދި އޭގެ އިތުރުން ޝޭޚު ޢަލީ ޝަރީފުގެ ކުންފުންޏަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވިސާ ފީ ދައްކަމުންދަނީ 350.00 (ތިންސަތޭކަ ފަންސާސް ޔޫއެސް ޑޮލަރު) ކަމަށާއި، ނަމަވެސް ސައުދީ ޢަރަބިއްޔާ އަށް ދައްކަން ޖެހޭ ވިސާ ފީ ގެ ޢަދަދަކީ 150.00 (ސަތޭކަ ފަންސާސް ޑޮލަރު) ކަމުގެ މަޢުލޫމާތު މީޑިޔާގެ ޒަރިއްޔާ އިން ތިލަވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް އަށް އެޑްރެސްކޮށް މާޒް ހުށަހަޅާފައިވާ އެ ސިޓީގައި ބުނެފައި ވަނީ ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ މަންމަ އާއި ބައްޕަ ޙައްޖަށް ގޮސްފައި ވަނީ، ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ތަރުތީބުންތޯ އާއި، ޙައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލްގެ މަންމަ އާއި ބައްޕަ ޙައްޖަށް ދިއުމަށް ދަތުރުކުރި ފުލައިޓުގެ ބިޒިނަސް ކުލާހުގައި ދަތުރު ކުރި ނަމަ، އެއީ ކޮންގޮތަކުން ހަމަޖެހުނު ކަމެއްތޯ އާއި، ޙައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލްގެ ކޮއްކޮ އެހީތެރިއެއްގެ ގޮތުގައި ޙައްޖަށް ދެވުނީ އެމްޑީ ޝަކީލުގެ ނުފޫޒުންތޯ ބައްލަވައި ދިނުމަށް އެދޭ ކަމަށެވެ.

އަދި މައްސަލައިގައި ފާހަގަކޮށްފައިވާ ޢުމްރާ ދަތުރު ތަކުގެ ވިސާގެ ކަންތައް ހަމަޖައްސަމުން ދަނީ ޙައްޖު ކޯޕަރޭޝަންގެ ޑީއެމްޑީ ޝޭޚު ޢަލީ ޝަރީފުގެ އަމިއްލަ ކުންފުންޏަކުންތޯ އާއި، އެ ކުންފުންޏަށް ވިސާ ފީގެ ގޮތުގައި ޙައްޖު ކޯޕަރޭޝަނުން ފައިސާ ދައްކަމުންދާ ނަމަ އެދައްކަނީ ކިހާވަރެއްތޯ، އަދި ވިސާ ފީގެ ގޮތުގައި ސަޢުދީ އަށް ދަށްކަންޖެހެނީ ކިތައް ޑޮލަރުތޯ ބައްލަވައި ދިނުމަށް ވެސް އެދިފައިވެ އެވެ.

މީގެ އިތުރުން އެ މައްސަލަ އޭސީސީ އިން އަވަސް މައްސަލަ ތަކެއްގެ ގޮތުގައި ތަޙުޤީގެއް ހިންގަވައިގެން ބަލައި ދިނުމަށް ވެސް މާޒް ވަނީ އެދިފަ އެވެ.

އެ މައްސަލަ އޭސީސީ އަށް ހުށަހެޅުމަށް ފަހު "ރާއްޖެ ޓީވީ"އާ ވާހަކަ ދައްކަމުން މާޒް ވިދާޅުވީ، ސަރުކާރާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލައެއް އޭސީސީ އަށް ހުށަހަޅާ ކޮންމެ ފަހަރަކު، އޭސީސީގެ ދިއުޅި ކަނޑައިގެންދާ ކަމަށެވެ. އެހެން ނަމަވެސް ޙައްޖު ކޯޕަރޭޝަންގެ އިސްވެރިންނާ ގުޅިގެން ހުށަހެޅި ކޮރަޕްޝަންގެ މައްސަލަ ދިއުޅި ކަނޑައިގެން ނުގޮސް ބއްލަވާާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މާޒް ވިދާޅުވި އެވެ.

އަޅުގަނޑުމެން އޭސީސީ އަށް، ސަރުކާރުން ކުރާ ވައްކަަމެއްގެ މައްސަލަ އަޅުގަނޑުމެން ހުށަހަޅައިފި ކަަމަށް ވަނީ ނަމަ، އޭސީސީގެ ދިއުޅި ކަނޑައިގެން ދޭ ހަމަ ކޮންމެ ފަހަރަކު. ދިއުޅި އޮންނަ ކަމަކަށް ނުވޭ، ދިއުޅި ކެނޑިފައި މި އޮންނަނީ. އަޅުގަނޑު މި ފަހަރު ޤަބޫލު މި ކުރަނީ އޭސީސީ އިން މި މައްސަލަ ބަލާނެ ކަމަށް. ދިއުޅި ކަނޑައިގެން ނުގޮސް. އެއީ އޭސީސީ އަކީ ޤާނޫނެއްގެ ދަށުން އަމިއްލަ އަށް ދައުވާ ކުރުމާއި، ދައުވާ ލިބިގަތުގެ ބާރު ވެސް އެބަ އޮވޭ. އެ މީހުންނަށް ތަހުގީގު ކުރުމާއި، މި ހުރިހާ ކަމެއްގެ ބާރު ޤާނޫނުން ލިބިފައި މި އޮންނަނީ.

އަޙުމަދު ސަލީމް (މާޒް ސަލީމް)

މީގެ އިތުރުން މާޒް ވިދާޅުވީ އެ މައްސަލަ ހުށަހެޅުމާ އެކު އޭސީސީ އިން އެކަން ތަހުގީގުކޮށް، މައްސަލަ ބެލުމަށް ޙައްޖު ކޯޕަރޭޝަނަށް ވަންނަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ ހަތަރު ދުވަސް ނުވަތަ ފަސް ދުވަސް ފަހުން ތަހުގީގު ފަށައިފި ނަމަ، މައްސަލަ ހުށަހެޅިކަން އެނގި، ހެކި ނައްތާލުމުގެ ފުރުސަތު ވެސް އޮތް ކަމަށް މާޒް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ޙައްޖު ކޯޕަރޭޝަންގެ އިސްވެރިންނާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަ މާޒް އޭސީސީ އަށް ހުށަހަޅާފައިވާއިރު، މީގެ ކުރިން މާޒް ވަނީ ހޯމް މިނިސްޓަރު އަލީ އިޙުސާނާ ގުޅުން ހުރި މައްސަލައެއް ވެސް އޭސީސީ އަށް ހުށަހަޅައިފަ އެވެ.

- ކޮމެންޓް