މިއަހަރު ރައީސް މުއިއްޒުގެ ދެކަނބަލުންގެ ކުރައްވާ ހައްޖު ދަތުރުފުޅާމެދު އެއްޗެއް ނުބުނެ ވޭތޯ ލައްކަ ކެތްކޮށްފީމެވެ. އެކަމަކު ހަނުހުރެވޭނީވެސް ވަކިވަރަކަށްތާއެވެ. ފަހަރެއްގައިވެސް ދީނުގެ އެވަރުގެ ބޮޑު އަޅުކަމަކަށް ވަޑައިގެންނެވީތީ އެކަމަކަށް ހަޖޫޖަހާ ފާޑުކިޔާކަށް ނެތީމެވެ. ނަމަވެސް އެދަތުރުފުޅަށް ފެށްޓެވުމުގެ ކުރިންނާއި އެދަތުރުފުޅުގެ ތެރެއިން ހިނގާ އެހެރަދާ ކަންކަމާމެދު އެއްޗެއް ނުބުނެ ހުރުމަކީ ހަމަ އެއްގޮތަކަށްވެސް ވިޔާދާ ކަމަކަށް ދެކިގެން ހަނުހުންނަވަރުގެ ކަމެއް ކަމަކަށް މަށަކު ނުދެކެވެ.
ރައީސް މުއިއްޒުއެވެ. ތިޔަ ވަޑައިގެންނެވުނީ ގައުމެއްގެ ރައީސެއް އަދި ކީއްކުރަންތޯ މި ކުޑަ ދިވެހިރާއްޖޭގެ ރައީސަކު ހައްޖަކަށް އަލަކަށް ނޫނެވެ. ރާއްޖޭގެ ކުރީގެ ރައީސުންވެސް އަދި އެބޭބޭފުޅުންގެ އަނބިއަނބި ކަނބަލުންވެސް ވެރިކަމުގެ ދުވަސްވަރު ހައްޖަށް ވަޑައިގެންނެވިއެވެ. ހަމަ ސައޫދީ ސަރުކާރުން ފޮނުވާ ޚާއްޞަ ފްލައިޓެއްގައެވެ. އެގައުމަށް އެތެރެވުމާއެކު ސައޫދީ ސަރުކާރުން ދެއްވާ ހުރިހާ އިނާޔަތަކާ އިއްޒަތްތެރި މެހެމާންދާރީތައް ފުރިހަމައަށް ލިބެއެވެ. އެކަމަކު ތިޔަވަރު ވެގެނެއް އެބޭފުޅުންނަކު ނޫޅުއްވައެވެ. އާކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން އެބޭފުޅުންނެއް ނުތެޅެއެވެ. އެވެރިންވެސް ތިއްބެވީ ޚާއްޞަ ތަނެއްގައެވެ. ހައްޖަށްދާ އެހެން އާއްމުންނާ ވަކިންނެވެ. ޚާއްޞަ ގޮތްތަކެއް އެވެރިންނަށްވެސް ލިބިދެއެވެ. ތިޔަހާ އާވެގެނެއް ނޫޅުއްވައެވެ. ތިޔަހާ ދެއްކުންތެރިވެގެނެއްވެސް ނުމެ ނޫޅޭމެއެވެ.
މަނިކުފާނު ވަޑައިގަންނަވާތީ މިއަހަރުގެ މުޅިހައްޖު ދަތުރުވެސް ތިޔަވަނީ ސިޔާސީ ކޮށްލާފައެވެ. ފުރަތަމަ ދަތުރުފުޅަށް ފަށްޓަވަމުންވެސް ތިޔަ ގެންދެވީ ދައުލަތުގެ ޓީވީގެ ބޮޑު ކުރޫއެކެވެ. ދެއްކޭތޯ ތިޔަ އުޅުއްވަނީ މިއީ މުޅިން އަލަށް ކުރާ ކަންކަން ކަމަށެވެ.
އެކަމަކު ބުނަންހެއްޔެވެ. މަނިކުފާނަށް ނޭނގި އޮތިއްޔާ ހަނދާންވެސް ކޮށްލަދޭނަމެވެ. ހައްޖު ކޯޕަރޭޝަންގެ އާއްމު މުއައްޒަފުންނަކީ ނުހަނު ހީވާގި އެހާމެ އެކަމަށް ގާބިލް ބައެކެވެ. ކޮންމެ ސަރުކާރެއް އޮތަސް އެވެރިން އެމަސައްކަތް ކުރަނީ ވަރަށް ކުރާހިތުން އަދި ހައްޖާޖީންނަށް ވަރަށް އޯގާތެރިކަމާއެކުގައެވެ. ސިޔާސީ ކަމެއް، ސިޔާސީ ކުލައެއް އެވެރިންގެ ކިބަޔަކު ނުހުރެއެވެ. އެކަމަކު ތިޔަ މަސައްކަތް ކުރެއްވީ އެވެރިންގެ ތެރޭގައިވެސް ސިޔާސީ ކުލަ ޖެއްސުމަށެވެ. ފުރަތަމަ ތިޔަ ބަދަލު ކޮށްލެއްވީ އެމީހުންގެ ޔުނީފޯމުގެ ކުލައެވެ. އަމިއްލަ ޕާޓީ ޕީއެންސީ ކުލައަށެވެ. ޕާޓީގެ އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ މަނިކުފާނުގެ ޕްރޮމޯޝަނަށް ގެންގުޅޭ އެތައް ބަޔަކު އެހީތެރިންގެތެރެއަށް ލައްވައި މުޅިއެތަން ތިޔަ ގަޑުބަޑުކުރެއްވީއެވެ. ކިއޫގައި އެތައް ބަޔަކު ހައްޖަށްދާން ތިއްބައި ބޭރުބޭރުން ވައްދައިގެން ހައްޖުކޯޕަރޭޝަންގެ އެމްޑީގެ މަންމާފުޅު ފަސްޓް ކްލާހުގައި ހައްޖަށް ގެންދަވައިގެން ވީއައިޕީ ފެންވަރުގައި ބެހެއްޓި ބެހެއްޓުން އެހެން މީހުންނަށް އެނގޭހާ ސާފެވެ.
ރައީސް މުއިއްޒުއެވެ. މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ހައްޖުގެ އަޅުކަމުގައި ސިޔާސީ އެއްވެސް ކުލައެއް ޖައްސައި އެފަދަ އެއްވެސް ފޮޓޯ ވީޑިއޯއެއް ނުނަގަން ސައޫދީ ސަރުކާރުން ވަނީ އަންގަވާފައެވެ. ރާއްޖެއަށް އެކަންޏެއް ނޫނެވެ. މުޅި ދުނިޔެއަށެވެ. އެއީ މުތުލަގަށް މުޅިން މަނާކަމެކެވެ. އެކަމަކު އެކަންވެސް ބޮލާލާ ތިޔަޖެއްސެވީއެވެ. ހައްޖަށް ދިޔަ މީހުން އެއްކުރައްވައި ޕާޓީކުލައިގެ ބެކްޑްރޮޕެއްގެ ކުރިމަތީގައި އިންނަވައިގެން ތިޔަބޭއްވި ސިޔާސީ ބައްދަލުވުން ދިވެހިންގެ އިތުރުން ސައޫދީ ސަރުކާރަށްވެސް ފަހުމްވެއެވެ. މިފަދަ ދީނީ އަޅުކަމަކަށް ގޮސްތިބި ބައެއްގެ ހިތްތަކުގައި މަނިކުފާނާމެދު ލޯބި އުފައްދަވާ މަނިކުފާނަށް ތާއީދު ހޯދަން ބާއްވާ ސިޔާސީ ވައުދުވުމުގެ ޖަލްސާއެއް ހައްޖާޖީންނަކަށްވެސް ކަމަކު ނުދިޔައެވެ. ހައްޖުގެ އަޅުކަމުގައި ތިބީތީ އެވެރިން އެވާހަކަ ނުދެއްކިއަސް އެއީކީ ރުހިގެން ތިބެވޭވަރުގެ ކަމެއް ނޫނެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްއަކީ ދިވެހި ހައްޖުވެރިންނަށް ލިބުނު ވަރަށްބޮޑު ފަސޭހައެކެވެ. އެކަމަކު އެކަންވެސް ތިޔަ މާނަކުރެއްވީ މުޅިން އެހެންގޮތަކަށެވެ. މަނިކުފާނު ވީމައެވެ. ދިވެހި ސަރުކާރު ވީމައެވެ. ބައްލަވާ ރާއްޖެއަކީ އެއިނިޝިއޭޓިވް ލިބުނު ފުރަތަމަ ގައުމެއް ނޫނެވެ. ދުނިޔޭގެ އެހެންގައުމުތަކަށްވެސް ލިބިދޭ ޚިދުމަތެއް މިއަހަރު ރާއްޖެއަށް ލިބުމަކީ ކޮންމެހެން މަނިކުފާނާ މަނިކުފާނުގެ ވެރިކަން ވެގެން ލިބުނު އެއްޗެއް ނޫނެވެ. މަނިކުފާނުގެ ވެރިކަމާ ދިމާވުމަކީ އިއްތިފާގެކެވެ. އެކަމަކު އެކަން އެއީ މަނިކުފާނުގެ ދުރުވިސްނުންފުޅާ މަނިކުފާނުގެ ގާބިލްކަމާއި މަނިކުފާނު ލަޔާގަތާ މަނިކުފާނާ ސައޫދީއާ އޮތް ގާތްކަމެއްކަމަށް ދައްކުވަން ތިޔަ ކުޅުއްވި ޑްރާމާތަކަކީ މިފަދަ ކަމަކަށް ކުރަން ހެޔޮވާވަރުގެވެސް ކަމެއް ނޫނެވެ. އެއީ އުއްޑުން އޮންނަ ނާށި ތެދުކޮށްލުމަކީވެސް މަނިކުފާނުގެ އިރުޝާދާ ލަފާފުޅުކަމަށް މަނިކުފާނުގެ ވަޒީރުން ވިދާޅުވާހެން އޮންނަ ކަންކަމެއް ނޫނެވެ.
ހައްޖުވެރިން ތިބޭ ހޮޓަލުގެ ފުރިހަމަކަމާ އެވެރިންނަށް ފިނިފެންމަލުންކީ މަރުހަބާއާ ދިވެހި ރަހަތަކުގެ ކާއެއްޗިއްސަށް ދަންދެން ދެއިރު ދެދަޅައަށް ދެއްކުމަކީ ރީތިކަމެއް ނޫނެވެ. ބަލަގަ އެއީވެސް އާދަވެ ހިނގާ ކަންކަމެވެ. ދިވެހި ރިހާކުރާ، ދިވެހި ތެލުލިފަތާ، ވަޅޯމަހާ މަސްމިރުސްފަދަ ދިވެހިންގެ ދިވެހި ކެއުންތަކުގައި ހިމެނޭ އެފަދަ ތަކެތި ހައްޖާޖީންގެ ކެއުންތަކުގައި ހިމަނާމީ ފުރަތަމަ ފަހަރެއް ނޫނެވެ. ކުރީގެ ސަރުކާރުތަކުންވެސް އައީ އެކަން އެހެން ކުރަމުންނެވެ. ހޮޓަލަށް އަންނަ މީހުންނަށް ހޮޓަލުގެ ފަރާތުން މަރުހަބާ ކިޔުމުގެ ގޮތުން ދޭ މާބޮނޑިއާ އެދިއްކޮލަށް ހަދިޔާއަކީވެސް އަލަށްދޭ އެއްޗެއް ނޫނެވެ. ގެންދިޔަ ބޮޑު ޓީވީ ކުރޫ ލައްވައި ނަގަނަގައިގެން އެވާހަކަ ދެއްކިނަމަވެސް އެއީ އާ ކަމެއް ނޫނެވެ. އެކަމަކު ދައްކާން ނުކެރިގެން ތިޔައުޅުއްވަނީ އެވެރިންގޮސް ތިބޭ ހޮޓަލާ ހަރަމްފުޅާ ދުރުވާހަކައާ 30 ދުވަހުގެ ދަތުރެއް 15 ވަރަކަށް ދުވަހަށް ކުރުކޮށްލީމާ ހައްޖުވެރިން ދެއްކި ފައިސާގެ ބޮޑުބައެއް ސަލާމަތް ކުރެވޭނެ ވާހަކައެވެ. އެވެރިންނަށް ހިނގާ ޚަރަދު އެއިން ލައްކަތައް ކުޑަކުރެވިގެންދާނެ ވާހަކައެވެ.
ކޮންމެއަކަސް އިތުރަކަށް މިވާހަކަ ދައްކާކަށް ނެތީމެވެ. މަނިކުފާނަކީ ކޮންމެ ގޮތަކުންވެސް ރެކޯޑެއް ހެދޭތޯ އުޅުއްވާ ބޭފުޅެކެވެ. މިފަހަރުވެސް ތިޔަ ކުރެއްވީ އެކަމެވެ. ދިވެހި ތާރީޚުގައިވެސް ހައްޖުދަތުރެއް މީގެ ކުރިއަކުން އެއްވެސް ވެރިއަކު ސިޔާސީ ކުރައްވާފައެއް ނެތެވެ. އެކަމަކު ތިޔަ ކުރެއްވީ އެކަމެވެ. މުޅި ހައްޖު ދަތުރު ތިޔަ ސިޔާސީ ކުރެއްވީއެވެ. ހައްޖެއް ސިޔާސީ ކުރެއްވުމުގެ ރެކޯޑް ތިޔަ ހާސިލް ކުރެއްވީއެވެ. އެލަގަބު ރާއްޖޭގެ ފުރަތަމަ ރައީސަކަށް ތިޔަލިބިވަޑައިގެންނެވީ މަނިކުފާނަށެވެ. ތިޔަ ކަމަށް ދެއްވާ އެވޯޑް ދެއްވުމުގެ ހަފްލާއެއް ރާއްޖެ ވަޑައިގެންނެވުމާއެކު ޚަލީލްމެން ބާއްވާނޭ ކަމަށް ދެކެމެވެ. އެކަމަކު ތިޔަ ކަމުން ސައޫދީ ސަރުކާރު ނުރުހުމަކީވެސް ވެދާނެ ކަމެކެވެ. މިހާރުވެސް ހައްޖުގެ އަޅުކަން ސިޔާސީ ނުކުރުމަށް އެވެރިން ވަނީ ބަޔާނެއް ނެރެފައެވެ. އެހެންކަމުން ތިޔަކަމުން ސައޫދީ ސަރުކާރާ ދިވެހި ސަރުކާރާ ނުޖެހުނިއްޔާ ލައްކަވާ ރަނގަޅެވެ. ގެންނެވި ފޭކު ސައޫދީ ޕްރިންސްގެ މައްސަލައިގާ ސައޫދީން ނުރުހި ރައީސް އޮފީހުގެ ވެބްސައިޓުން އެޚަބަރު ނެގިހެން މުޅި ހައްޖު ދަތުރުގައި ބޮޑު ހޭދައެއް ކޮށްގެން ގެންދިޔަ ދައުލަތުގެ ޓީވީން ނެގި ވީޑިއޯތަކާއި ވިދާޅުވިހާ ވާހަކަތައް ޑިލީޓް ނުކުރުވައިފިއްޔާވެސް ހާދަހާވާ ރަނގަޅެވެ. މަވާ ސަލާމެވެ.