ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 16:39
މަސްޖިދުލް ޙަރަމްގެ އިމާމް މަހީރް އަލް މުއައިޣްލީ
މަސްޖިދުލް ޙަރަމްގެ އިމާމް މަހީރް އަލް މުއައިޣްލީ
ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަން
ހައްޖު ޚުތުބާ
ހުރިހާ ހައްޖުވެރިން ވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދުޢާ ކޮށްދިނުމަށް ޚުތުބާގައި ގޮވާލައިފި
ބޭހާއި، އަންނައުނު ފަދަ ޒަރޫރީ ބޭނުންތަކަށްވެސް ދުޝްމަނުން ހުރަސް އަޅަމުންދޭ
ޚުޠުބާ އިއްވައިދެއްވީ މަސްޖިދުލް ޙަރަމްގެ އިމާމް މަހީރް އަލް މުއައިޣްލީ

ހުރިހާ ހައްޖުވެރިންވެސް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންގެ ހައްގުގައި ދުއާ ކޮށްދިނުމަށް މިއަހަރުގެ ހައްޖު ޚުތުބާގައި ގޮވާލައިފިއެވެ.

މަސްޖިދުއް ނަމީރާގައި ހައްޖުގެ ޚުޠުބާ އިއްވައިދެއްވީ މަސްޖިދުލް ޙަރަމްގެ އިމާމް މަހީރް އަލް މުއައިޣްލީއެވެ.

ޚުތުބާގައި ވަނީ ފަލަސްތީނުގައި ދުޝްމަނުންގެ އަނިޔާ ތަހައްމަލު ކުރަމުންދާ ރައްޔިތުންނަށްޓަކައި ދުއާ ކޮށްދިނުމަށް އެދިފައެވެ. އެގޮތުން ދުޝްމަނުންނަކީ އަނިޔާވެރި، ލޭއޮހޮރުވާ ބައެއް ކަމަށާއި، އެއީ މި ބިންމަތީގައި ފަސާދަ އުފެއްދުމަށް މަސައްކަތް ކުރާ ބައެއްކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ކާނާއާއި، ބޭހާއި، އަންނައުނު ފަދަ ޒަރޫރީ ބޭނުންތަކަށްވެސް ދުޝްމަނުން ހުރަސް އަޅަމުންދާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އަދި ހުރިހާ ހައްޖުވެރިންވެސް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންގެ ހައްގުގައި ދުއާ ކޮށްދިނުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

ޚުތުބާގައި ވަނީ އިހުސާންތެރި ވުމަށާއި، ދުނިޔޭގެ ދަޅަތަކަށް ނުހެއްލުމަށްވެސް މުސްލިމު އުއްމަތަށް ގޮވާލާފައެވެ.

އަދި މާތްﷲ އަށް ތަޤުވާވެރިވެ، ދެ ދުނިޔެ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޚުތުބާގައި ނަސޭޙަތްތެރިވެފައިވެއެވެ.

އޭގެ އިތުރުންވެސް އެންމެހާ ފާސިޤު ކަންކަމުން ދުރުވެ ތިބެ، ތެދު މަގު ހޯދުމަށް މަސައްކަތް ކުރުމަށް މުސްލިމު އުއްމަތަށް ގޮވާލާފައިވެއެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ސައުދީ އަރަބިއްޔާ ގައި ހުކުރު ދުވަހު ފަށާފައިވަނީ 1.5 މިލިއަނަށްވުރެ ގިނަ ހައްޖުވެރިންނާ އެކުގައެވެ.

- ކޮމެންޓް