ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 22:29
ހައުސިން މިނިސްޓަރ އަލީ ހައިދަރު އަހުމަދު
ހައުސިން މިނިސްޓަރ އަލީ ހައިދަރު އަހުމަދު
ނިމިދިޔަ ސަރުކާރުގައި އެޅި ފްލެޓްތައް
މިނިސްޓަރ ހައިދަރުގެ ދުލުން ނިމިދިޔަ ސަރުކާރުން އެޅި ފްލެޓްތަކަށް ތައުރީފް - "ހިޔާފްލެޓަށް ވުރެ އެތަން ޖާގަ އާއި ޕްރައިވެސީގެ ގޮތުން ވެސް ރަނގަޅު"
މިނިސްޓަރ ހައިދަރު ވިދާޅުވީ ހިޔާފްލެޓަށް ވުރެ އެތަން ޖާގައާއި ޕްރައިވެސީގެ ގޮތުން ވެސް ރަނގަޅުކަމަށެވެ.
އެނގިވަޑައިގަންނަވާނެ ހިޔާ ފްލެޓްތަކަށް ވުރެ މާ ތަނަވަސް ޚިދުމަތްތައް ލިބޭގޮތަށް ޢިމާރާތްތައް ތައްޔާރުކޮށްފައި މިހުރީ، ޑިޒައިންކޮށްފައި މިހުރީ. ޖާގައިގެ ގޮތުން ބެލިއަަސް ޕްރައިވެސީގެ ގޮތުން ބެލިޔަސް މާބޮޑަށް ރަނގަޅު ގޮތަކަށް މި ހުރީ. އަދި ކުނި އުކާލުމުގެ ޚިދުމަތަށް ބެލިއަސް ވަރަށް ބޮޑަށް ބަލައިގެން އެ ގޮތަށް ޑިޒައިން ކުރެވިފަ.
ހައުސިން މިނިސްޓަރ އަލީ ހައިދަރު އަހުމަދު

މިއީ ނިމިދިޔަ ޖުލައި މަހުގެ ފަހުކޮޅު ގެދޮރުވެރިޔާ ފްލެޓްތަކުގެ ސައިޓަށް ޒިޔާރަތްކުރައްވާ މިނިސްޓަރ ހައިދަރު ދެއްކެވި ވާހަކަފުޅެވެ. މިނިސްޓަރ ވަނީ އެތަން ހުރީ ހިޔާ ފްލެޓަށް ވުރެ ޖާގައިގެ ގޮތުން ތަނަވަސްކޮށް ޑިޒައިންކޮށްފައި ކަމަށް ވިދާޅުވެފައެވެ. އަދި ކުނި މެނޭޖްކުރުމުގައި ހިޔާ ފްލެޓަކަށް ވުރެ ރަނގަޅު އިންތިޒާމްތަކެއް ހުރިކަަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ޕްރައިވެސީ ނުވަތަ އަމިއްލަ މިނިވަންކަމަށް ބެލިޔަސް މި ފްލެޓްތައް މާ ރަނގަޅު ކަމަށް ވިދާޅުވިއެވެ.

މިއީ ނިމިދިޔަ ސަރުކާރުގެ ވެރިކަމުގައި އޭރުގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ތަސައްވުރާއި އެއްގޮތަށް ފެށި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުގެ ނަތީޖާ އާއި މެދު މިނިސްޓަރ ދެއްކި ވާހަކައެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ނަން ވިދާޅުވެފައި އޭރު މި މަސައްކަތުގައި އިސްކޮށް އުޅުނު މީހުންނަށް ތައުރީފު ނުކުރިއެއް ކަަމަކު މި ފްލެޓްތަކުގެ ތަސައްވުރު ކުރެހި މީހުންނަށް އެ ތަނާއި މެދު މިނިސްޓަރ އެ ކުރެއްވި ތައުރީފްތަކުގެ ކްރެޑިޓް ދިނުން އެންމެ ރަނގަޅުތާއެވެ. އެ ހިސާބަށް މަސައްކަތް އައީ ގައިމު ކޮންމެވެސް ބަޔަކު އެ ހުވަފެން ދެކުނީމައެވެ. އެހެނީ ކޮށިކޮށްޓަށް ވާގޮތަށް ކުދި ކުދި ފޮތިފޮތި ދިނުމުގެ ބަދަލުގައި ކިރިޔާވެސް ހަމަޖެހިގެން އުޅެލެވޭ ވަރުގެ ތަންކޮޅެއް އާއްމުންނަށް ދިނުން ވީ އޭރުގެ ސަރުކާރުގެ މައިގަނޑު އެއް އަމާޒް ކަމަށެވެ.

މިނިސްޓަރގެ ދުލުން ތައުރީފް ކުރެއްވި ޑިޒައިނާއި، މަސައްކަތްތަކަކީ ކުރިން ކަމު ނުގޮސްގެން މި ސަރުކާރުގެ އިސްވެރިން ފާޑުކީ ފްލެޓްތަކެވެ. އޭގެ ޑިޒައިނަކަށް ވެސް ކައިވިތެއްހާ މިންވަރުގެ ބަދަލެއް ވެސް ނުގެންނަވައެވެ. ތެދެކެވެ. ގެދޮރުވެރިކަމަށް ފެންބޮވައިގަނެފައި ތިބި އެތައް ބަޔަކަށް ހިޔާ ފްލެޓަކީ ވެސް ކަރު ހިއްކުން ފިލުވާލަދިން ރާހަތެކެވެ. އެހެނަސް އެއީ ބޯހިޔާވަހިކަމެއް ލިބިގެން ހިންދެމިލެވޭ ވަރުގެ ރާހަތެއް ވެސް ނޫނެވެ. އެ ވާހަކަ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އައީ ތަކުރާރުކޮށް ދައްކަމުންނެވެ. އޭގެ ބަދަލުގައި ޖާގައިގެ ގޮތުން ހިތްދެމިލެވޭ ވަރުގެ އިޖުތިމާއީ މައްސަލަތަކުގެ ކިއްލާއަކަށް ނުވާނެ ފަދަ މޭރުމަކުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދެވޭތޯ އޭރުގެ ސަރުކާރު ބެލިއެވެ. މި ފްލެޓްތަކަކީ އެކަމުގެ ހެއްކެކެވެ.

މިނިސްޓަރ ހައިދަރަށް އޮޅުގެން ނަމަވެސް އެ ވިދާޅުވެވުނީ ހަގީގީ ވާހަކަފުޅެކެވެ. ހިޔާފްލެޓްތަކަށް ވުރެ ޖާގައިގެ ގޮތުން ތަނަވަސް ކަމުގެ ވާހަކައާއި އިޖުތިމާއީ ގޮތުން މި ފްލެޓްތައް ފުރިހަމަ ކަމުގެ ވާހަކައެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ މަސައްކަތް އަންނަ އަހަރު މެދުތެރެއަށް ނިންމާލެވޭނެކަމަށް މިނިސްޓަރ ވަނީ އެ ދުވަހު ވިދާޅުވެފައެވެ. މި ފްލެޓްތަކުގެ މަސައްކަތް މި ސަރުކާރުގައި ނިމުމުން އެ ކްރެޑިޓް ނިކަން ބާރަށް ނަގާނެއެވެ. އަދި މަސައްކަތުގެ ސްޕީޑް އަވަސް ކަމަށް ބުނެ އެ ކްރެޑިޓް ވެސް ނަންގަވައެވެ.

އެހެންނަމަވެސް މި މަސައްކަތުގެ މުގުލުގައި ތިބި މީހުންނަށް ކްރެޑިޓް ދޭކަށް ބޭނުމެއް ނޫނެވެ. އެ ޚިޔާލު ކުރެހި މީހުންނަށް ތައުރީފްކުރާކަށް ބޭނުމެއް ނޫނެވެ. ނުދައްކަން ތިއްބެއް ކަމަކު މި ފެނި ހާމަ ވަނީ ހަގީގަތުގަ މިނިސްޓަރަށް ވެސް ހިޔާ ފްލެޓްތަކަށް ވުރެ މި ފްލެޓްތައް މާ ބޮޑަށް ވެސް ރަނގަޅުކަން ޤަބޫލުކުރެއްވޭ ކަމެވެ. އެކަމަކު ހުންނެވި މަޤާމާއި ސިޔާސީ ގޮތުން ހުންނެވި ފަޅީގެ ގޮތުން މިއަދު އެވާހަކަ މާ އަޑު ހަރުކޮށް ނުދައްކަވާފާނެއެވެ. ވާނީވެސް އެހެން ނޫންތޯއެވެ. ހިޔާ ފްލެޓް އިމާރާތް ކުރީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ. އެހެންވީމަ މި ހުންނަނީކީ މާބާރަށް ދެއްކޭ ޒާތުގެ ވާހަކަތަކެއް ނޫނެއް ނޫންތޯއެވެ. މިހާރުވެސް ގެދޮރުވެރިޔާގެ ފްލެޓްތަކާއި، ހިޔާ ފްލެޓާއި އަޅާ ކިޔުމުން މިނިސްޓަރ މަނިކުފާނު ކުށްވެރި ނުވާކަމެއް ނޭނގެއެވެ. އެއީ ވެސް ވުން މާ ދުރުކަމެއް ނޫނެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް