ކ. މާލެ
|
14 ޖޫން 2025 | ހޮނިހިރު 11:23
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން
ރޮއިޓަރސް
ޣައްޒާ-ހަނގުރާމަ
ދެ ދައުލަތުގެ ޙައްލަން ބާއްވަން ހަމަޖެހިފައިވާ އދ ގެ ޖަލްސާ ފަސްކޮށްފައިވާ ކަމަށް ފްރާންސް އިން ހާމަކޮށްފި
މެކްރޮން ވިދާޅުވީ މި ހަފުތާގައި ބާއްވަން ނިންމާފައި އޮތް ޖަލްސާ ފަސް ކުރަން ޖެހުނީ ސަލާމަތީ ބައެއް ސަބަބުތަކުގެ އިތުރުން، ލޮޖިސްޓިކް ސަބަބުތަކާ ހުރެ ކަމަށް.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ދެ ދައުލަތުގެ ޙައްލު ހޯދުމަށް ބާއްވަން ހަމަޖެހިފައިވާ އދ ގެ ޖަލްސާ ފަސްކޮށްފައިވާ ކަމަށް ފްރާންސް އިން ހާމަކޮށްފި އެވެ.

ފްރާންސް އިން އިސް ނަގައިގެން ބާއްވަން ނިންމާފައިވާ އދ ގެ އެ ޖަލްސާ ތާވަލު ކޮށްފައި ވަނީ މި ހަފުތާ އަށެވެ. ނަމަވެސް. ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ އެ ޖަލްސާ ފަސްކޮށްފައިވާކަން ހާމަކުރައްވައިފަ އެވެ. މެކްރޮން އެކަން ހާމަ ކުރައްވާފައި ވަނީ ހުކުރު ދުވަހު އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ޖޫން މަހުގެ 17 ވަނަ ދުވަހުން، 20  ވަނަ ދުވަހަށް ބޭއްވުމަށް ހަމަޖެހިފައި އޮތް އެ ޖަލްސާ ޗެއާ ކުރާ ގޮތަށް އޮތީ ފްރާންސް އަދި ސައުދީ އަރަބިއްޔާ އެވެ. އެ ޖަލްސާ އަަށް ފްރާންސްގެ ރައީސް މެކްރޮންގެ އިތުރުން، އެހެން ޤައުމުތަކުގެ އިސްވެރިން ވެސް ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. 

އެ ޖަލްސާ ފަސްކުރަން ނިންމާފައިވާކަން އިއުލާން ކުރައްވަމުންް މެކްރޮން ވިދާޅުވީ، އެ ޖަލްސާ ފަސް ކުރި ނަމަވެސް ފަލަސްޠީނުގެ ދައުލަތް ބަލައިގަނެ، ދައުލަތް ޤަބޫލު ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. ފްރާންސް އިން މީގެ ކުރިން ވަނީ ޖޫން މަހުގެ ތެރޭގައި ފަލަސްޠީނުގެ ދައުލަތް ބަލައި ގަންނަން އިއުލާން ކުރާނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން މެކްރޮން ވިދާޅުވީ މި ހަފުތާގައި ބާއްވަން ނިންމާފައި އޮތް ޖަލްސާ ފަސް ކުރަން ޖެހުނީ ސަލާމަތީ ބައެއް ސަބަބުތަކުގެ އިތުރުން، ލޮޖިސްޓިކް ސަބަބުތަކާ ހުރެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަލަސްޠީނުގެ ބައެއް މަންދޫބުންނަށް ވެސް އެ ޖަލްސާ އަށް ވަޑައިނުގެންނެވޭ ކަމަށް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. 

މިހާތަނަށް އދ ގެ ގިނަ މެމްބަރު ޤައުމުތަކަކުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ. އދ ގެ މެމްބަރު 193 ޤައުމުގެ ތެރެއިން، 145 ޤައުމަކުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައިގެންފަ އެވެ. 

ޤައުމުތަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ނިންމާފައިވާއިރު، އިސްރާއީލުން ވަނީ އެކަމާ ނުރުހުން ފާޅު ކޮށްފަ އެވެ. އަދި އެ ޤައުމުތަކާ ދެކޮޅަށް އިސްރާއީލް އިން އިންޒާރު ވެސް ދީފައިވެ އެވެ. މީގެ އިތުރުން ދެ ދައުލަތުގެ ޙައްލަަށް އެއްބަސް ނުވާނެ ކަމަށް ވެސް މީގެ ކުރިން އިސްރާއީލް އިން އޮތީ ހާމަކޮށްފަ އެވެ. 

ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން، މެކްރޮން ވިދާޅުވީ ފްރާންސްގެ ސިފައިން މެދު އިރުމަތީގައި ތިބީ އެ ސަރަހައްދުގެ ބައިވެރިން ރައްކާތެރި ކުރުމަށް ކަމަށާއި، ފްރާންސްގެ ސިފައިން ތިބީ ކޮންމެ ޙާލަތަކަށް ވެސް ތައްޔާރަށް ކަމަށެވެ. ނަމަވެސް އީރާނަށް ދޭ އެއްވެސް ހަމަލާއެއްގައި ބައިވެރި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް