19 ވަނަ ރައްޔިތުންގެ މަޖިލީހުން ބޮޑު އަގުލަބިއްޔަތަކުން ރުހުން ނުދޭން ނިންމި ތިން ވަޒީރުންނަށް ރައީސް މުއިއްޒު ކޮންޓްރޯލްކުރައްވާ 20 ވަނަ މަޖިލީހުން ރުހުންދީފިއެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ދޭން ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައެވެ.
ބަންޑާރަނައިބު އުޝާމަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ އިއްތިފާގުންނެވެ. އިސްލާމިކް މިނިސްޓަރު ޝަހީމަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ހައުސިންގ މިނިސްޓަރހައިދަރަށް ރުހުން އޮތް ކަމަށް 81 މެންބަރުން ވޯޓު ދެއްވިއިރު އޭނާއަށް ރުހުން ދިނުމާ ދެކޮޅަށް 4 މެންބަރުން ވޯޓު ދެއްވިއެވެ.
ވޯޓަށް އެހި އިރު މަޖިލީހުގައި 89 މެންބަރުން ތިއްބެވެ.
19 ވަނަ މަޖިލީހުގައި އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓުދެއްވީ 24 މެމްބަރުންނެވެ. ބާކީ 44 މެމްބަރުން ވޯޓުދެއްވީ އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. އެހެންކަމުން އޭނާ އަށް ރުހުން ދޭން މަޖިލީހުން ފާސްވެފައެއް ނުވެއެވެ. އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަށް ރުހުން ދޭން ނުފެންނަ ކަަމަށް 31 މެމްބަރުން، ރުހުން ދޭން ފެންނަ ކަމަށް 30 މެމްބަރުން ވޯޓުދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުން ނުވާ 8 މެމްބަރުން ތިއްބެވިއެވެ. އޭނާ އަށް ވެސް ރުހުން ދިނުމަށް މަޖިލީހުން ފާސްވެފައެއް ނުވެއެވެ.
ދެން މަޖިލީހުން ރުހުން ނުދޭން ނިންމީ ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު އަހުމަދުއަށެވެ. އޭނާ އަށް ރުހުން ނުދިނުމަށް 46 މެމްބަރުން ވޯޓުދެއްވިއެވެ. އަދި ރުހުން ދިނުމަށް ވޯޓުދެއްވީ 24 މެމްބަރުންނެވެ.
ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއެކު، ސުޕްރީމް ކޯޓުގެ ނިންމުމާއި، މަޖިލީހުގެ ނިންމުމަށް ގޮންޖައްސަވައި ރައީސް މުއިއްޒު އަލުން އެ ތިން ވަޒީރުން އައްޔަންކުރެއްވިއެވެ. އަދި މަޖިލީހުން އެ މައްސަލަ ބަލަން ގަރާރެއްވެސް ހުށަހެޅިއެވެ.
ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ވަޒީރުންނަސް ރުހުން ހޯދަން މަޖިލީހަށް 6 ފެބްރުއަރީގައި ފޮނުވާފައެވެ. އަދި އެ މައްސަލައިގައި ވޯޓު ނަގާފައިވަނީ ހޯމަ ދުވަހުގެ ޖަލްސާގައެވެ.