ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ދެއްކީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ދުވަހުކަން މިއަދު އެ ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަކީލުން ބުނެފިއެވެ.
ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާން އިސްލާމިކް ބޭންކަށް ދައްކަވަންޖެހޭ ލޯނެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ މިދިއަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ޣާލިބު ސަލީމް ކިޔާ މީހެކެވެ.
ސިނާންގެ މައްޗަށް ސާބިތުވެފައިވަނީ އޭނާއާއި ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުޙައްމަދު ސަލީމް ބައިވެރިވެގެން ނެގި ލޯނެއްގެ ފައިސާ ދައްކާފައިނުވާ މައްސަލަ އެވެ.
މައްސަލާގައި ބުދަ ދުވަހު ސުޕްރީމް ކޯޓުން ޝަރީއަތް ފަށައި، ބޭއްވި އަޑުއެހުމުގައި ޣާލިބުގެ ފަރާތުން ބުނެފައިވަނީ އިސްލާމިކް ބޭންކުން އިތުރު ބަޔަކާ އެކު ސިނާން ނެންގެވި 2.5 މިލިއަން ރުފިޔާގެ ލޯނު ނުދައްކަވާ އޮތުމުން އިސްލާމިކް ބޭންކުން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ހުށަހެޅި ކަމަށެވެ.
އެ ކޯޓުން ސިނާންގެ ޣައިރު ހާޒިރުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހުކުމްކުރީ ހަ މަސް ތެރޭ ފައިސާ ދެއްކުމަށެވެ. ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ މިންވަރަށް ވުރެ މަދު ނޫން އަދަދެއް ދައްކަން ޖެހޭނެ ކަމަށް ވެސް ހުކުމްގައި ކަނޑައަޅައިފައު ވެއެވެ. ނަމަވެސް، އެ ހުކުމާ އެއްގޮތަށް ސިނާން ފައިސާ ދައްކަވަމުން ނުގެންދަވާތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭންކުން ތަންފީޒީ މައްސަލައެއް ކޯޓަށް ހުށަހެޅި އެވެ.
އެހެންވެ، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަވާފައިނުވާތީ، ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާއާ އެކު ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއް އެމްއައިބީއަށް ދައްކަމުން ގޮސް އެ ފައިސާ ޚަލާސްކުރަން ކޯޓުން ވަނީ އަންގައިފައެވެ.
އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފެސިލިޓީއާ ގުޅިގެން ރަހުނުކޮށްފައިވާ ސިނާނުގެ 'ރޯދި' ދޯންޏާއި ސަލީމްގެ 'ޕްރެޝަސް' ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާ ގުޅޭ ރަހުނު އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް އެ ފެސިލިޓީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ހޯދުމުގެ ބާރު އެމްއައިބީއަށް ލިބޭނެ ކަމަށް ވެސް މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައިވެއެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުން އެނގުނު ގޮތުގައި އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން އެދި ފެބްރުއަރީ 13ގައި މައްސަލަ ހުށަހެޅުމުން، ހަމަ އެ ދުވަހު އެ ފައިސާ ވަނީ އެއްކޮށް ދައްކާ ޚަލާސްކޮށްފައެވެ.
އެހެންވެ، އެ ހުކުމް ތަންފީޒުކުރަން ހިތަދޫ ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ ވެސް ކުރިއަށް ނުގެންދަން ވަނީ ނިންމައިފައެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ޣާލިބު ސަލީމްގެ ވަކީލު އިބްރާހިމް ޝިޔާމް ބުދަ ދުވަހު ވިދާޅުވީ، ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް ވަކި ވަރެއް ދައްކަންޖެހޭ ކަމަށް ހުކުމުގައިވާތީ، ހުކުމާ އެއްގޮތަށް ދަރަނި ދައްކާފައިނުވާކަން ސާފުކޮށް އެނގޭ ކަމަށެވެ. އެ ގޮތުން، ހުކުމްކުރިތާ ތިން މަސްވީއިރު ވެސް އެ ފައިސާ ދައްކާފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއަދު ބޭއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ސިނާންގެ ވަކީލު މޫސާ އަލީ ވިދާޅުވި ގޮތުގައި، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ ސިނާން މައްސަލައަށް އައްޔަންކުރި ވަކީލު ހާޒިރުނުވެވޭނެ ކަމަށް އަންގާފައިވަނިކޮށް ގައިރު ހާޒިރުގަ އެވެ.
އޭރުގައި ހުކުމް ކުރި ކަމެއް ވެސް މެންބަރު ސިނާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ސިނާންގެ ވަކީލު ވިދާޅުވި އެވެ. ސިނާނަށް ހުކުމުގެ މައުލޫމާތު ލިބިވަޑައިގަތީ، އޭގެ ފަހުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅި ރަޖިސްޓްރީ ކުރުމުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވެސް ވަނީ އެ ފައިސާ މިހާރު އަމިއްލަ އިޚުތިޔާރުގައި ދައްކައި ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ފައިސާ ދެއްކީ ހަ މަހުގެ މުއްދަތު ހަމަވުމުގެ ކުރިން ކަމަށާއި އެހެންވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިވާ ކަމަށް އޭނާ ވަކާލާތު ކުރެއްވިއެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ޝަރީއަތުން ބުނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
މި މައްސަލަ ދިގުލައިގެން ދިއައީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑުކުރި ހިސާބުންނެވެ. އެކަމަކު، ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު އިސްތިއުފާދެއްވިއިރު، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާއި މަހާޒް އަލީ ޒާހިރު ވަނީ މަގާމުން ވަކިކޮށްފައެވެ. އެހެންވެ، އެ ބޭފުޅުންގެ ބަދަލުގައި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި، އަބްދުﷲ ހަމީދު ވަނީ އައްޔަންކުރައްވައިފައެވެ.
ސުޕްރީމް ކޯޓުގެ ބުދަ ދުވަހުގެ އަޑުއެހުން ނިންމާލާފައި ވަނީ ފައިސާ ދެއްކި ގޮތުގެ ތަފުސީލުތައް އެ ކޯޓާ ހިއްސާކޮށްދިނުމަށް އަންނަ ހަފުތާގެ ބުރާސްފަތީގެ ނިޔަލަށް ސިނާނަށް މުއްދަތު ދީފަ އެވެ. މި ލިޔެކިޔުމާ ގުޅިގެން ވާހަކަ ދައްކަން ބޭނުން ވެއްޖެ ނަމަ، އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް މި މައްސަލައިގައި ރިޔާސަތު ފަނޑިޔާރު އައިޝަތު ޝުޖޫނު ވިދާޅުވި އެވެ.
އެ ކޯޓުގައި ސިނާންގެ ގޮނޑިއާ ގުޅޭ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ސުޖޫންއާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.