ސުޕްރީމް ކޯޓުގެ މިހާރުގެ އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދުނާން އަކީ ދިވެހި ގައުމަށް ގައްދާރުވެފައި ހުންނެވި ބޭފުޅެއް ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް އަންގާރަ ދުވަހު ހުށަހަޅައި ބަހުސް ކުރެވުނު ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި އެ ކޯޓުގެ ބާރު ކަނޑުވައިލިއިރު، މުސާރައާއި އިނާޔަތާއި ރައްކާތެރިކަން ނަންގަވައިގެން އުއްތަމަ ފަނޑިޔާރު ހަނު ހުންނެވުމަކީ ގައުމަށް ގައްދާރުވުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ނުވަތަ ރިޓަޔާ ކުރައްވާފައި އެ ހުންނެވި ކުރީގެ އުއްތަމަ ފަނޑިޔާރަކީ ގައުމަށް ގައްދާރުވި ބޭފުޅެއްގެ ގޮތުގައި އަޅުގަނޑު މިއަދު ސިފަ ކުރައްވަނީ. އެ ބޭފުޅެއްގެ ބޭނުން ގައުމަށް ޖެހުނު ހިނދު ދިވެހި ދައުލަތުން ރައްޔިތުންގެ ފައިސާއިން އިނަޔަތާއި ހިމާޔަތާއި ރައްކާތެރިކަން ނަންގަވައިގެން ހުންނަވައި ހަނު ހުންނެވުން އެއީ ގައުމަށް ގައްދާރުވުން ގޮތުގައި އަޅުގަނޑު ސިފަކުރައްވަނީ
ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް![]()
އައްބާސް ވިދާޅުވީ ރާއްޖޭގެ ކޯޓުތަކަށް އަތްބާނައި ނުފޫޒު ފޯރުވުން ނިމުނީ ކަމަށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޒައާމަތާއި ހަވާލުވެވަޑައިގެން ދުވަހު ގައުމާއި މުޚާތަބު ކުރައްވަވައި ވިދާޅުވެލެއްވި ކަމުގައެވެ. އަދި ރައީސް އެފަދައިން ވިދާޅުވި އެ ދުވަހަކީ ވަރަށް އުފާވެރި ރާއްޖޭގެ ރައްޔިތުންގެ ހިތްތަކަށް ފިނިކަން ލިބިގެން ދިއަ ދުވެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކިކުރި މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުން އަމަލުކުރި ގޮތަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ސުޕްރީމް ކޯޓުން ބަލަމުންދިޔަ މައްސަލަ ހުއްޓުވައި އެ ކޯޓުގެ ބާރު ކަނޑުވައިލީ ޕީއެންސީގެ ސުޕަމެޖޯރިޓީ ބޭނުން ކޮށްގެން އެންމެ 10 މިނެޓުގެ ތެރޭގައި ކަމަށެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގައި ވެސް ފަނޑިޔާރުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވާ މައްސަލައަށް ހައްލެއް ހޯދައިދީފައި ނުވާ ކަމަށެވެ.
ފަނޑިޔާރުންނަށް މިނިވަންކަމާއެކު މަސައްކަތްކޮށް އަދުލު އިންސާފު ގާއިމު ކުރެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން މިނިވަން ކުރެވިގެން ކަމަށާއި އެ ކޮމިޝަނުގެ މިހާރުގެ ކޮމްޕޮޒިޝަން އޮތީ ވެސް ސަރުކާރަށް ކަމަށް އައްބާސް ވިދާޅުވި އެވެ.
ދާދި މިދާކަށްދުވަހު ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ މައްސަލައަށް މި އިއްޒަތްތެރި މަޖިލިސް ބޭނުން ކޮށްގެން ނުފޫޒު ފޯރުވީ ކޮން ފަރާތަކުންކަމެއް އަޅުގަނޑަކަށް ނޭނގޭ، ސުޕަމެޖޯރިޓީ އޮތް ފަރާތުން 10 މިނެޓު ތެރޭގައި ކުރަން ބޭނުންވި ހުރިހާ ކަމެއް ކޮށް ނިންމައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބާރު ކަނޑުވައިލިތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ
ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް![]()
އޭނާ ވިދާޅުވީ ފަނޑިޔާރުން ކުރާ ހުވަޔާއި ހިލާފަށް ވަކި މީހަކު ބޭނުންވާހައި ގޮތަކަށް ހުކުމްތައް އިއްވަމުން ދަނީ ރިޝްވަތުގެ ހަރާމް ފައިސާގައި ހިފައިގެން ކަމަށެވެ. އެކަން ހުއްޓުވުމަށް ކިތަންމެ އިސްލާހެއް ގެނައި ނަމަވެސް ފަނޑިޔާރުންގެ ހިތުގައި ބިރުވެރިކަމެއް ނެތީވިއްޔާ އެކަން ނުހުއްޓޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ މާތްالله ގަންދީ ހުވާކޮށްގެން ތިބެ ރިޝްވަތުގެ ހުތުރު ފައިސާ ނަންގަވަން ފަނޑިޔާރުން ބިރުގަންނަން ޖެހޭ ކަމަށާއި ހުތުރު ފައިސާގައި ޖެހި ވަކި ބޭފުޅުންތަކެއް ވިދާޅުވާ ގޮތަކަށް ޝަރީއަތްކޮށް ވަކި ބޭފުޅުންތަކެއް ވިދާޅުވާހާ ގޮތަކަށް ހަނުހުރެ، މާތްވެގެންވާ އިސްލާމް ދީނަށް ހުރުމަތްކޮށް ނުހިތުމަކީ ވެސް ގައުމަށް ގައްދާރުވުން ކަމަށް އައްބާސް ވިދާޅުވިއެވެ.