ކ. މާލެ
|
27 އޭޕްރިލް 2024 | ހޮނިހިރު 10:23
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ރޮއިޓާސް
ޗެލްސީ
ޓީމުގައި ތިބެން ބޭނުންވާ ނަމަ، ކުޅުންތެރިން ވެސް ރަނގަޅު ވާން ޖެހޭ: ޕޮޗެޓީނޯ
 
ޕޮޗެޓީނޯ ބުނީ، މިއީ ހަމައެކަނި އޭނާ ކުރަން އޮތް މަސައްކަތެއް ވެސް ނޫން ކަމަށް

ޓީމުގައި ތިބެން ކުޅުންތެރިން ބޭނުންވާ ނަމަ، އެމީހުން ވެސް ރަނގަޅު ވާން ޖެހޭ ކަމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ޗެލްސީގައި ތިބެން ކުޅުންތެރިން ބޭނުންވާ ނަމަ، އެމީހުން ވެސް ރަނގަޅު ވާން ޖެހޭ ކަމަށް ޤަބޫލު ކުރަންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޕޮޗެޓީނޯ ބުނީ، އެކަން އޮންނާނީ އެ ގޮތަށް ކަމަށެވެ. ޕޮޗެޓީނޯ ބުނީ ހުރިހާ ދިމާލެއްގައި ވެސް ފެންނަން ހުންނާނީ ހަމައެކަނި އޭނާ ނޫން ކަމަށާއި، މުޅި ޓީމު ކަމަށެވެ. އެހެންކަމުން، ކުޅުންތެރިން ވެސް ރަނގަޅު ކުރަން ހުރި ކަންކަމަށް ސަމާލުކަން ދޭން ޖެހޭ ކަމުގައި އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޕޮޗެޓީނޯ ބުނީ، މިއީ ހަމައެކަނި އޭނާ ކުރަން އޮތް މަސައްކަތެއް ވެސް ނޫން ކަމަށެވެ. މުޅި ޓީމު އެކުވެގެން އެ މަސައްކަތް ކުރަން ޖެހޭކަން ފާހަގަކޮށް އޭނާ ބުނީ، ހަމައެކަނި އޭނާއާ ދިމާލަށް އިނގިލި ދިއްކުރުމަކީ ވެސް ގޯހެއް ކަމަށެވެ. އެކަން އެގޮތުގައި އޮވެގެން ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޗެލްސީގެ ނަތީޖާތައް އިންތިހާ އަށް ދަށްވެ، ލީގުގައި އެ ޓީމުގެ މަގާމު ދަށްވުމުން ޕޮޗެޓީނޯ އަށް އަންނަނީ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ. އެ ޓީމުގެ ކޯޗުކަމާ އޭނާ ހަވާލުވީ މިދިޔަ އަހަރު އެވެ. ޕޮޗެޓީނޯ އަށް އޮތް އެންމެ ބޮޑު މަސައްކަތަކީ ވެސް ޗެލްސީގެ ނަތީޖާ ރަނގަޅު ކުރުމެވެ. އެހެން ނަމަވެސް މި ސީޒަންގައި ވެސް އެ ޓީމަށް ނަތީޖާ ނުނެރެވި، ލީގުގައި އޮތީ ވެސް ނުވަ ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް