"ބޯންލެސް ޗިކަން ވިންގް" ގައި ކަށިހުއްޓަސް އެ ވާނީ ބޯންލެސް ޗިކަން ވިންގް ކަމަށް ބުނެ އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
ބޯންލެސް ޗިކަން ވިންގ ކެއި މީހަކު އޭނާގެ ކަރުގައި ކަށި ކޮޅެއް ޖެހިގެން އެކަމުގައި ސިއްހީ ފަރުވާ ހޯދަން ޖެހުމުން، ރެސްޓޯރެންޓާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަ ނިންމަމުން އެމެރިކާގެ އޮހާއިއޯ ގެ އެންމެ އިސް ކޯޓުން ކުރި ހުކުމު ގައި ބުނެފައިވަނީ، ބޯންލެސް ޗިކަން ވިންގް ގެ ނަމުގައި ވިއްކާ ޗިކަން ވިންގް އަކީ ކޮންމެހެން ކަށި ނެތް އެއްޗަކަށް ވާކަށް ނުޖެހޭ ކަމުގައެވެ.
2016 ވަނަ އަހަރު އެމެރިކާގެ "ވިންގްސް" ނަމަކަށް ކިޔާ ރެސްޓޯރެންޓަކާ ދެކޮޅަށް މީހަކު ހުށަހެޅި މައްސަލައިގައި އޭނާ ބުނެފައިވަނީ އެ ރެސްޓޯރެންޓުން އޭނާ ކެއި ބޯންލެސް ޗިކަން ގައި ކަށި ހުންނާނެ ކަން ރެސްޓޯރެންޓުން އޭނާގެ ސަމާލު ކަމަށް ނުގެނައުމުގެ ނަތީޖާއެއްގެ ގޮތުން ކަށިކޮޅެއް ދިރުވާލެވުމާ ގުޅިގެން އޭނާ އަށް ސިއްހީ މައްސަލައަކާ ކުރިމަތި ލާން ޖެހުނު ކަމުގައެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ބޯންލެސް ޗިކަން މާނަ ކުރުމުގައި އޭގެ ލަފްޒީ މާނައަށް ބަލައިގެން ނުވާނެ ކަމަށެވެ.
ހަތަރު ފަނޑިޔާރުންގެ ބެންޗަކުން ބެލި މި މައްސަލައިގައި އެއް ފަނޑިޔާރެއްގެ ރައުޔު ވަނީ ތަފާތު ވެފައެވެ.
ފަނޑިޔާރުންގެ އަޣުލަބިއްޔަތު ގައި ވާ ގޮތުން ރެސްޓޯރެންޓެއްގެ މެނޫ ގައި "ބޯންލެސް ވިންގްސް" އެހެން އޮތުން އެއީ އޭގައި ކަށިނެތްކަން ޔަގީން ކޮށްދިނުން ނޫން ކަމަށާއި އެއިން އެނގެނީ އެ އައިޓަމް ތައްޔާރު ކޮށްފައިވަނީ ޗިކަން ވިންގް ބޭނުން ކޮށްގެން ކަމުގައެވެ. އޭގެ މިސާލެއްގެ ގޮތުން ބުނެފައިވަނީ ޗިކަން ފިންގާ އޯޑަރު ކުރާ މީހަކަށް އޭނާ އޯޑަރު ކުރީ ކުކުޅުގެ އިނގިލި ނޫންކަން އެނގޭނެ ކަމަށެވެ.
2016 ވަނަ އަހަރު މި މައްސަލަ އޮހައިއޯގެ ދަށު ކޯޓަކަށް ހުށަހެޅުމުން ވެސް މައްސަލަ ނިންމާފައިވަނީ މައްސަލަ ހުށަހެޅި މީހާ އާ ދެކޮޅަށެވެ. އެ ނިންމުމާ މެދު އޭނާ ހިތްހަމަ ނުޖެހުމުން އެންމެ ފަހުން މައްސަލަ އޮހައިއޯ ގެ ސްޕްރީމް ކޯޓަށް އޭނާ ހުށަހެޅިއެވެ.
ކޯޓުގެ ހުކުމް އާ މެދު ރައުޔު ތަފާތުވި ފަނޑިޔާރު ދުށް ގޮތުގައި "ބޯންލެސް" އޭ ބުނުމުން އާންމު ވިސްނުމުގައި އޭގައި ކަށި ހުންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާގެ ރައުޔުގައި ބުނެފައިވެއެވެ.