ކ. މާލެ
|
14 ޖުލައި 2025 | ހޯމަ 10:05
ޗެލްސީ އިން ކުލަބު ވޯލްޑް ކަޕްގެ ތަށި އުފުލާލަނީ
ޗެލްސީ އިން ކުލަބު ވޯލްޑް ކަޕްގެ ތަށި އުފުލާލަނީ
ރޮއިޓަރސް
ފީފާ ކުލަބު ވޯލްޑް ކަޕް 2025
ޕީއެސްޖީ ބަލިކޮށް، ޗެލްސީ އިން ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްފި
ޗެލްސީ އިން ޕީއެސްޖީގެ މައްޗަށް ކުރި ހޯދާފައިވާއިރު، ޕީއެސްޖީ އަކީ ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

އެމެރިކާގައި ކުރިއަށް ދިޔަ ފީފާ ކުލަބު ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިކޮށް، ޗެލްސީ އިން މުބާރާތް ކާމިޔާބު ކޮށްފި އެވެ.

އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމް ނިއު ޖާޒީގައި އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ޗެލްސީ އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި ޗެލްސީ އިން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މުބާރާތުގެ ފައިނަލްގެ ޖާގަ ޗެލްސީ އިން ހޯދީ ފުރަތަމަ ސެމީ ފައިނަލްގައި ފްލުމިނެންސޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. ދެ ވަނަ ސެމީ ފައިނަލްގައި ޕީއެސްޖީ އިން ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗު ފަށައިގެން 22 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިންގްލެންޑުގެ ކޯލް ޕާމާ އެވެ. އެއީ މަލޯ ގުސްޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ އަށް މިނެޓު ފަހުން ޕާމާ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ޗެލްސީގެ ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ޕާމާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލެވީ ކޮލްވިލް އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ޗެލްސީގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ޔާއޯ ޕެޑްރޯ އެވެ. އެއީ ޕާމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މިއީ 32 ޓީމު ވާދަ ކުރާ ގޮތަށް ކުލަބު ވޯލްޑް ކަޕްގެ ފޯމެޓު ބަދަލު ކުރުމަށް ފަހު ބޭއްވި ފުރަތަމަ މުބާރާތެވެ. މުބާރާތުގެ ފައިނަލް މެޗަށް ފަހު ޗެލްސީ އަށް މުބާރާތުގެ ޗެމްޕިއަން ތަށި ހަވާލު ކޮށްދެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.

ޗެލްސީ އިން ޕީއެސްޖީގެ މައްޗަށް ކުރި ހޯދާފައިވާއިރު، ޕީއެސްޖީ އަކީ ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

- ކޮމެންޓް