ކ. މާލެ
|
9 ޖުލައި 2025 | ބުދަ 11:35
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ޕެޑްރޯ އަދި ފެނާންޑޭޒް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ޕެޑްރޯ އަދި ފެނާންޑޭޒް އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ފީފާ ކުލަބު ވޯލްޑް ކަޕް 2025
ފްލުމިނެންސޭ ބަލިކޮށް، ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޗެލްސީ
ފައިނަލްގައި އެ ޓީމު ނިކުންނާނީ ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ބްރެޒިލްގެ ފްލުމިނެންސޭގެ މައްޗަށް ކުރި ހޯދައި، ޗެލްސީ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރު މެޓްލައިފް ސްޓޭޑިއަމް ނިއު ޖާޒީގައި ކުޅުނު މެޗު ޗެލްސީ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމުގެ ޕެޑްރޯ ނެޓޯ ހުރަސްކޮށްދިން ބޯޅަ ފްލުމިނެންސޭގެ ކުޅުންތެރިޔަކު ފޮނުވާލި ވަގުތު ލިބުނީ ޔާއޯ ޕެޑްރޯ އަށެވެ. އޭނާ ވަނީ އޭރިޔާ ބޭރުގައި ހުރެ އެ ބޯޅަ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.

އޭގެ ފަހުން ޗެލްސީ އަށް ލީޑު ފުޅާ ކޮށްދޭން ނެޓޯ ހުރަސްކޮށްދިން ބޯޅަ ކްރިސްޓޮފާ އެންކުންކޫ ބޮލުން ފޮނުވާލި ނަމަވެސް، ފްލުމިނެންސޭގެ ގޯލު ކީޕަރު ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަ ކުރަން ލިބުނު ފުރުސަތުގައި ފްލުމިނެންސޭގެ ކުޅުންތެރިޔަކު ފޮނުވާލި ބޯޅަ ޗެލްސީގެ ގޯލަށް ވަަންނަން ދަނިކޮށް، އެ ބޯޅަ ބޭރުކޮށްލީ މާކް ކުކުރެއްލާ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެންޒޯ ފެނާާންޑޭސް ދިން ފުރުސަތެއްގައި ލިބުނު ބޯޅަ ހިފައިގެން ފްލުމިނެންސޭގެ އޭރިޔާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލީ ޕެޑްރޯ އެވެ.

މޮޅާއެކު ޗެލްސީ އިން ކުލަބު ވޯލްޑް ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދާފައިވާއިރު، ފައިނަލްގައި އެ ޓީމު ނިކުންނާނީ ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

- ކޮމެންޓް