ކ. މާލެ
|
26 ޖުލައި 2024 | ހުކުރު 19:25
ރައީސް ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހުގެ ހެނދުނު އެމަނިކުފާނު ޖުމްހުރީ މައިދާނުގައި
ރައީސް ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހުގެ ހެނދުނު އެމަނިކުފާނު ޖުމްހުރީ މައިދާނުގައި
މުހައްމަދު ޝަރުހާން
ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުން
ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލި ހާދިސާއާއި ގުޅިގެން އެއިރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ވިދާޅުވަނީ ދެ މިސާލެއް
ޗީފް އޮފް ޑިފެންސްފޯސްގެ ހައިސިއްޔަތުން ވާނީ ޒިންމާ އަދާކޮށްފައި
ވަތަށް ފާންތިލައެއް ހިފައިގެން ފައިބަންޏާ، ކައްޕިއަށް އެނގެން ޖެހޭނެ އޮޑި ދުއްވާލަނީކަން
އޭނާއަކީ ކޮން ގޮތަކަށް ހިދުމަތް ކޮށްދެއްވި ޗީފް އޮފް ޑިފެންސް އެއްކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ
ޚަބަރުގެ އޯޑިއޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލި ހާދިސާއާއި ގުޅިގެން އެއިރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލު ވިދާޅުވަނީ ދެ މިސާލެކެވެ.

7 ފެބްރުއަރީ 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ސިފައިންނާއި ފުލުހުން އަދި އެއިރު ސަރުކާރާއި ދެކޮޅު ފަރާތްތައް ނުކުމެ ވައްޓާލި އިރު، މޫސާ އަލީ ޖަލީލު ހުންނެވީ ޗީފް އޮފް ޑިފެންސްފޯސްގެ މަގާމުގައެވެ. މި ކަމާއި ގުޅޭގޮތުން ފަށާއިރުގައި މިނިވަންދުވަހުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އަސްކަރިއްޔާގައި ހަދަންޖެހޭ ހުރިހާ ކޯހެއް ހަދައި، އަސްކަރިއްޔާގެ ވައިސްޗީފްކަމުން، ޗީފްކަމަށް އައިސްފައި ހުރި މީހަކު، ގައުމުގައި އެވަރު ބޮޑުކަމެއް ހިނގައި ދިޔައިރުގައި، ޣާފިލުކަންމަތީގައި ހުރެ އެވަރު ބޮޑުކަމެއް ނޭނގުމަކީ އެއްވެސްކަހަލަ ތަމްރީނެއް ހެދިފައި ނެތުން ކަމަށް ކަމަށެވެ.

މޫސާ އަލީ ޖަލީލު ވިދާޅުވީ ކަން ހިނގުމުގެ ކުރިން އެވާހަކަ ދަންނަވަން ޖެހޭ ފަރާތްތަކުގައި ދަންނަވަމުން ދިޔަކަމުގައިވާނަމަ އެއީ އޭނާގެ ވާޖިބު އަދާކުރެވުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ ހިތާމަވެރި ދުވަހެއް ކަމަށާއި، އޭގެ ފަހުން 4 ވެރިކަން އައިސްފި ކަމަށާއި، ސިފައިން ކުރިކަމަށް ބުނާ ބަޣާވާތުގެ ކަމަކާއި އެއްވެސް ބޭފުޅަކު މިހާރު ނޫޅުއްވާ ކަމަށެވެ.

ލެޓް ދަ ސްލީޕިންގް ޑޮގް ލައި އޭ ބުނާކަހަލަ ގޮތަކަށް ގައުމުގެ ސަލާމަތަށްޓަކައި ހުންނާނެ ދެއްކުން ރަނގަޅު ނޫން ވާހަކައެއް. އަޅުގަނޑުނަމެއް ރައީސް ނަޝީދު މިހާތަނަށް އައި އިރުވެސް ނުނަގާ. އަޅުގަނޑާ ދިމާލަށް ބާޣީއެކޭ ވިދާޅުވި އަޑު ނާހަން. އަދި މީހަކު ކައިރީގައި ބުނެގެން އައިސްވެސް އެވާހަކަ ނުދައްކާ. ޗީފް އޮފް ޑިފެންސްފޯސްގެ ހައިސިއްޔަތުން އަޅުގަނޑުވާނީ ޒިންމާ އަދާކޮށްފައި. އެކަމުގެ ހެކި ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލު

މޫސާ އަލީ ޖަލީލު ވިދާޅުވީ އޭނާއަކީ ކޮން ގޮތަކަށް ހިދުމަތް ކޮށްދެއްވި ޗީފް އޮފް ޑިފެންސް އެއްކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އޭގެ އިތުރުން ރައީސް ނަޝީދުގެ ކޯރ ގްރޫޕަށްވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

7 ފެބްރުއަރީ 2012ގެ ވާހަކަ ދައްކާއިރުގައި ދެ މިސާލެއް އަބަދުވެސް ބޭނުންކުރައްވާކަމަށް މޫސާ އަލީ ޖަލީލު ވިދާޅުވިއެވެ.

އެއްމިސާލަކީ އޮޑީގެ ވަތަށް ފާންތިލައެއް ހިފައިގެން ފައިބަންޏާ، ކައްޕިއަށް އެނގެން ޖެހޭނެ އޮޑި ދުއްވާލަނީކަން އެ. އެހެންވީމަ މިސާލަކަށް އެކަހަލަ ސިޗުއޭޝަނެއްގައި ކައްޕިއަށް ނޭނގިއްޖެއްޔާ ހެދޭނެ ގޮތެއް ނޯންނާނެ އަޅުގަނޑުމެންނަށް. ދެވަނަ މިސާލަކީ ބަތްކައްކަން ތެއްޔަށް ފެނާއި ހަނޑުލާއި އަޅާފައި ބަތްކަންކަން ފެށީމާ ބަތް ކަންކަން ނޭނގިއްޖެއްޔާ ފުލުގައިވެސް ހިފާނެ ބަތްތެލި އަނދައިގެންދާނީ. އެހެންވީމާ ގަރު ނަގަންޖެހޭ ހިސާބުން ގަރު ނަގާ ލުހެލަންޖެހޭ ހިސާބުން ލުހެލާ ބަތް ކެއްކުމަކީ ވެސް އާދައިގެ ކަމެއް ނޫން. މި ދެމީސަލު އަޅުގަނޑު ނަގަން.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލު

މޫސާ އަލީ ޖަލީލު ވިދާޅުވީ އެއިރެއްގައި އޮތް ސަރުކާރަކަށް ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްދެއްވާފައިވާނެ ކަމަށާއި، ޗީފްކަމުގައި ހުންނެވިޔަސް އަދި ދިފާއީ ވަޒީރުކަމުގައި ހުންނެވި ނަމަވެސް ވެރިންނަށް ގައްދާރުވެފައި ނުވާނެ ކަމަށެވެ. އަދި މި ދެމަގާމަކީވެސް ރައީސްގެ އިހްތިޔާރުގައި އޮންނަ މަގާމެއްކަމުން ބަހައްޓަން ފެނިވަޑައިގަންނަވާނަމަ ބަހައްޓަވާނެ ކަމަށާއި، އެއީ ކިތައްމެ އިހްލާސްތެރި މީހަކަށް ވިޔަސް އެކަން އޮންނާނީ އެހެން ކަމަށެވެ.

އަދި އެފަދަ މަގާމަށް ދާންވާނީ އެކަން އެނގިގެން ތިބެ ކަމަށް މޫސާ އަލީ ޖަލީލު ވިދާޅުވިއެވެ.

- ކޮމެންޓް