ޗެލްސީ އަށް ކުޅެމުން އައި އިންގްލެންޑުގެ ފޯވާޑް، ނޯނީ މަޑުއޭކޭ އާސެނަލް އަށް ބަދަލުވެއްޖެ އެވެ.
އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި އޮތީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ނަމަވެސް ޗެލްސީގައި ދެ އަހަރު ހޭދަ ކުރުމަށް ފަހު، އޭނާ ވަނީ އާސެނަލް އަށް ބަދަލުވެފަ އެވެ.
އާސެނަލް އާއެކު މަޑުއޭކޭ ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
މަޑުއޭކޭ އާސެނަލް އަށް ސޮއި ކުރުމާއެކު، އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ އޭނާ އަކީ ޕްރިމިއާ ލީގުގައި ހުރި އެންމެ ހުނަރުވެރި އެއް ފޯވާޑް ކަމަށެވެ. އަދި އުމުރުން 23 އަހަރުގައި މަޑުއޭކޭ އާސެނަލް އަށް ބަދަލުވީއިރު، އޭނާ އަކީ ކުލަބު އަދި ޤައުމީ ޓީމުގައި ވެސް ތަޖުރިބާ ހުރި ކުޅުންތެރިޔެއް ކަމަށް އާޓެޓާ ބުންޏެވެ.
މީގެ އިތުރުން އާސެނަލް އަށް ސޮއި ކުރުމަށް ފަހު ވާހަކަ ދައްކަމުން މަޑުއޭކޭ ބުނީ، އާސެނަލް އަށް ބަދަލުވީ އެތައް ގޮތަކުން ވިސްނުމަށް ފަހު ކަމަށެވެ. އަދި އާސެނަލް އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ބައެއް ކުޅުންތެރިންނާ މަޝްވަރާ ކުރި ކަމަށް ވެސް މަޑުއޭކޭ ބުންޏެވެ.
އިތުރަށް އޭނާ ބުނީ އާސެނަލްގައި ގިނަ ކަންތައްތަކެއް ޙާސިލު ކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން އާސެނަލް އާއެކު ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމުގެ އަޒުމުގައި ހުރި ކަމަށް މަޑުއޭކޭ ވަނީ ބުނެފަ އެވެ. އާސެނަލްގައި މިވަގުތު އޮތް ޓީމަކީ އެކަންކަން ޙާސިލު ކުރެވޭނެ ވަރުގެ ފެންވަރު އޮތް ޓީމެއް ކަމަށް ވެސް މަޑުއޭކޭ ވަނީ ބުނެފަ އެވެ.
އާސެނަލް އަކީ މަޑުއޭކޭގެ ސީނިއާ ކެރިއަރުގައި އޭނާ ކުޅޭނެ ހަތަރު ވަނަ ކުލަބެވެ. އާސެނަލްގައި އޭނާ ބޭނުން ކުރާނީ 20 ނަންބަރު ޖާޒީ އެވެ. އާސެނަލްގެ ކުރިން އޭނާ ވަނީ ޗެލްސީގެ އިތުރުން، ޕީއެސްވީ އައިންދޮވަން އަދި ޖޯން ޕީއެސްވީ އަށް ވެސް ކުޅެފަ އެވެ.
މަޑުއޭކޭ ވަނީ ޗެލްސީގައި ހޭދަ ކުރި ތިން ސީޒަންގެ ތެރޭގައި އެ ކުލަބަށް ކުޅެދިން 92 މެޗުގައި 20 ލަނޑު ޖަހައިފަ އެވެ. ޗެލްސީ އާއެކު އޭނާ ވަނީ ޔުއެފާ ކޮންފަރެންސް ލީގުގެ އިތުރުން، މިއަހަރުގެ ފީފާ ކުލަބު ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.