ކ. މާލެ
|
27 އޭޕްރިލް 2024 | ހޮނިހިރު 10:11
ޒުހައިރު ސަޢުދުﷲ؛ ޣައްޒާގެ ރަށްވެއްސެއް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
"200" މިއީ ޢަދަދެއް... ދެންވެސް ޢަދަދުތަކެއް، އެކަމަކު އަގު ނުކުރެވޭނެ ޢަދަދުތަކެއް!
 
ގަތުލުއާންމުގެ ކުރިން ޣައްޒާގައި އޮތް އާބާދީގެ 2 ބައިކުޅަ އެއްބައި ހާ މީހުން ނުވަތަ 1.1 މިލިއަނެއްހާ މީހުންނަށް މިއަދު ވަނީ ކާބޯތަކެތީގެ ކަށަވަރުކަން ގެއްލިފަ
 
90000 ހައުސިންގް ޔުނިޓް ސުންނާފަތިކޮށް، ބިމާ ހަމަކޮށްފައި ވާ އިރު، ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި އެކި ވަރުގެ ގެއްލުންތައް ލިބުނު ހައުސިންގް ޔުނިޓްތަކުގެ ޢަދަދު، 3 ލައްކައާ ގާތް ކުރޭ

ކަލަންޑަރުން ކައިރިއަށް ޖެހިލާ، ދުވަހުގެ ވަނަވަރު ބަލައިލާއިރު އަހަރެމެންނަށް މިއަދު ފެންނާނީ މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ އޭޕްރިލް މަހުން 24 ވަނަ ދުވަހުގެ ގޮތުގައެވެ. ބަޔަކަށް މިއީ މުހިންމު ތާރީޚަކަށް ނުވެދާނެއެވެ. ނަމަވެސް، އެތައް ބަޔަކަށް، މިއަދަކީ މުހިންމު ދުވަހެކެވެ. ވަކިން ޚާއްޞަކޮށް، މި ދުވަހަކީ ބައިނަލްއަޤުވާމީ މުޖުތަމަޢު، ތަނެއްގައި މަޑުޖެހި، ކުރިއަރާފައިވާ އަދުގެ ދުނިޔޭގައި ފެއިލްވެފައި އޮތް މިންވަރު ވަޒަން ކުރަން ހަމަ އެންމެ ރަނގަޅު އެއް ދުވަހެވެ. މިއަދަކީ، ނިރުބަވެރި އިޒްރޭލުން، ފަލަސްޠީނުގެ ޣައްޒާގައި ނަސްލު ދޮވެލުމުގެ ގަތުލުއާންމު ހިންގަން ފެށިތާ 200 ވަނައަށް ވީ ދުވަހެވެ.

މި ދައްކަނީ ދެ ޖަމާޢަތެއްގެ މެދުގައި ބަދަލުކުރާ ޙަމަލާތަކެއްގެ ވާހަކައެއް ނޫނެވެ. ދެ ޤައުމެއްގެ މެދުގައި އޮތް ކޯޅުންގަނޑެއްގެ ވާހަކައެއްވެސް ނޫނެވެ. މި ދައްކަނީ، އާންމު ރައްޔިތުންތަކަކާ ދެކޮޅަށް، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަސްކަރީ ބާރުތަކުގެ ތެރޭގައި ގުނާލެވޭ ޔަހޫދީ އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގަމުން ގެންދާ ގަތުލުއާންމުގެ ވާހަކައެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާއަތް ނެތިކޮށްލުމަށް ކަމަށް ބުނެ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން 7 ވަނަ އަށް ވީ ދުވަހު ހިންގަން ފެށި ގަތުލުއާންމު، މިއިން ދުވަހަކު ހުއްޓިދާނެ ކަމުގެ ކޮޅުމަތިވެސް ފެންނާކަށް ނެތެވެ. އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުގެ ނިވަލުގައި އޮވެގެން ޔަހޫދީ ނިރުބަވެރިން ހިންގަމުން ގެންދާ ރަޙުމެއް ނެތް ގަތުލުއާންމުގައި ޣައްޒާއިން މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 34000 އަށް ވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރެއިން 72 ޕަސެންޓް ހިއްސާކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ދައްކަނީ ތުއްތު ތުއްތު ކުދިންގެ ވާހަކައެވެ. އެއީވެސް ހަމަ "ޓެރަރިސްޓުން" ހެއްޔެވެ؟

އެޔެއް މިޔެއް ބެލުމެއް ނެތި ޣައްޒާ ސުންނާފަތި ކުރަމުން ދާއިރު، އާންމުން ދިރިއުޅޭ ތަންތަންވެސް ވަނީ ބިމާ ހަމަކޮށް ނިންމާފައެވެ. މުޅި އާބާދީހެން މިއަދު އުފަން ފަސްގަނޑުގައި ދިރިއުޅެމުންދަނީ ރެފިއުޖީންގެ ގޮތުގައެވެ. ޖަނަވާރުތަކެއްވެސް ނުގެންގުޅޭނެހާ ދެރަ، ނިކަމެތި ޙާލެއްގައެވެ. އިޒްރޭލުގެ ނިރުބަވެރި އަސްކަރިއްޔާއިން ޣައްޒާ ހަފުސް ކުރަން ހިންގަން ފެށި ގަތުލުއާންމަށް 7 މަސްވާން ގާތްވެފައި ވާ އިރު، ޣައްޒާ ސުންނާފަތި ކުރުމުގެ ނިޔަތުގައި މިހާތަނަށް އެކަނިވެސް 75000 ޓަނުގެ ގޮވާތަކެތި، ޣައްޒާއަށް އަޅާފައިވެއެވެ. އަހަރެމެންނަށް އެއީ ކިހާ ވަރެއްގެ ކަމެއްކަންވެސް ވަޒަންކޮށްލާކަށް ނޭނގެއެވެ. 90000 ހައުސިންގް ޔުނިޓް ސުންނާފަތިކޮށް، ބިމާ ހަމަކޮށްފައި ވާ އިރު، އެއްގަމާއި ވައިގެ މަގުން ނިރުބަވެރި ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި އެކި ވަރުގެ ގެއްލުންތައް ލިބުނު ހައުސިންގް ޔުނިޓްތަކުގެ ޢަދަދު، 3 ލައްކައާ ގާތް ކުރެއެވެ. ގަތުލުއާންމުގެ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި އެކަނިވެސް ޢުމްރާނީ ބިނާރަށް ދިން ގެއްލުމުގެ ބަދަލު އަގު، ގާތްގަނޑަކަށް 18.5 މިލިއަން ޑޮލަރަށް އަރައެވެ.

މި ދެންނެވެނީ ހައްތަހާވެސް ޢަދަދުތަކެއްގެ ވާހަކައެވެ. މި ޢަދަދުތަކަކީ އަހަރެމެން ފަދަ އިންސާނުންތަކެއްގެ ދިރިހުރުމާއި، ދިރިއުޅުމާ ގުޅިފައި އޮތް ޢަދަދުތަކެކެވެ. އެފަދަ އެކަކީ، ޣައްޒާގެ ދީރް އަލް-ބަލާޙްގެ ސްކޫލު ޢިމާރާތެއްގައި، ވަގުތީ ހިޔާވަހިކަން ހޯދަމުން އަންނަ ޒުހައިރު ސަޢުދުﷲއެވެ. ވަގުތީ ހިޔާވައްސެއްގައި ހިތްދަތި ދުވަސްތަކެއް ގުނަން ޖެހިފައި އޮތެއް ކަމަކު، ގަތުލުއާންމުގެ ކުރި އޭނާގެ ދިރިއުޅުމުގެ އުޖާލާ ހަނދާންތައް މިއަދުވެސް ވަނީ އެނާއާ އެކުގައެވެ.

މި ގަތުލުއާންމުގަ އުޅޭތާ މިއަދަށް 200 ދުވަސް ވެއްޖެ. އަހަރެމެން ހީކުރީ ހަފްތާއެއ 10 ވަރަކަށް ދުވަސް، ނޫނީ، ގިނަވެގެން މަހެއްހާ ދުވަސް ކަމަށް ވާނީ. ހީވެސް ނުކުރަން 200 ދުވަސް ވަންދެން މިކަމެއް ދެމިގެންދާނެ ކަމަކަށް. ގަތުލުއާންމުގެ ތެރޭގަ ހޭދަވާ 1 ދުވަސް، 1 އަހަރު ފަދަ. ނިދިން ހޭލެވެނީ އަނިޔާވެރިކަމެއްގެ ތެރެއަށް. ފުރަތަމަ ކަމަކަށް، ދިރިއުޅުމުގެ އަސާސްތައް ގެއްލި ހިނގައްޖެ. ގޭހެއް، ކަރަންޓެއް، ފެނެއް ނެތް- މީހުން ބޭނުންވާ ދިރިއުޅުމުގެ އަސާސީ ތަކެތި ނެތް! ހޭލައިގެން އެއްޗެއް ރޯފިލުވާ، ހޫނުކޮށްލަން މި ޖެހެނީ ދަރު އުނދުނުގަ. ނިދިން ހޭލާ ގޮތަށް އުޅެންޖެހެނީ ފެން އުފުލަން، ބޯނެ ފެންފޮދެއް ހޯދަން. ދިރިއުޅުމުގަ ކުރެވޭނެ އިތުރު ކަމެއް ނެތް. އަހަރެމެން ކުރިން، ހޭލައިގެން ދަނީ މަސައްކަތު، ވަޒީފާއަށް. މިހާރު، އަހަރެމެން އުޅެން މި ޖެހެނީ ޓެންޓްތަކުގަ. އަހަރެމެންނަކީވެސް އެއް ޒަމާނެއްގަ، އަމިއްލަ ގެދޮރުގަ ދިރިޫޅުނު ބައެއް. ސަލާމަތާއި ރައްކާތެރިކަމާއެކު ދިރިއުޅެމުން ދިޔައީ، ގަތުލުއާންމު އައިސް، އަހަރެމެންގެ ދިރިއުޅުން. 360 ޑިގްރީޒްއަށް އަނބުރާލުމާ ހިސާބަށް.
ޒުހައިރު ސަޢުދުﷲ؛ ޣައްޒާގެ ރަށްސެއްސެއް

ސަޢުދުﷲއާއި އޭނާގެ ޢާއިލާ މިއަދު ދިރިއުޅެމުން ދަނީ ސްކޫލު ޢިމާރާތުގެ ގޯތިތެރޭގައި ޓެންޓެއް ޖަހައިގެންނެވެ. އެތަނަކީ އިންސާނަކަށް ވީތީ ބޭނުންވާ އެންމެ އަސާސީ ކަންކަމުގެ ކަންފުޅެއްވެސް ހުރި ތަނެއް ނޫނެވެ.

އޭ މީސްތަކުންނޭ، ފުދިއްޖެ. އަހަރެމެންނާ މެދު ރަޙުމު ކުރޭ. މީހަކަށް ކެތްކުރެވޭނީ ވަކި ވަރަކަށް. އަހަންނަށް ދެން ކެތެއް ނުވާނެ. އަހަރެމެންނަށް އެހީވާން، ތަދައްޚުލްވެވޭނެ ބަޔަކު ތިބެންޖެހޭނެ. ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެދެވޭނެ ކޮންމެ ފަރުދަކުވެސް އެކަން ކުރަން ޖެހޭ. އަހަރެމެންނަކީ މުސްލިމުން، އަހަރެމެންނަކީ ޢަރަބިން، އ އަހަރެމެންނަކީ އޭޝިޔާ މީހުން. ދުނިޔޭގެ ކޮންމެ ސަރަޙައްދެއްގެ ބަޔަކަށް ވިޔަސް، އަހަރެމެންނަށް ހަމަ އެހީ ވާންވީ. އަހަރެމެންނާ އެކީ ތެދުވެ، އދއިންވެސް އެހީވާންވީ. މިހެން ތިބެންވީ ކިހާ ދުވަހަކު؟ ހަނގުރާމަ ހުއްޓާލަން އިޒްރޭލަށް މަޖުބޫރު ނުކުރެވޭނަމަ، އަދި އެމެރިކާއިން ހަނގުރާމަ ނިންމާލަން ބޭނުން ނުވާނަމަ... އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމު ހުއްޓުވަން ތެދުވާނެ ބަޔަކު ނެތް، ފުދޭ ވަރަށް ގަތުލުކުރެއްވިއްޖޭ ބުނާނެ ބަޔަކު ނެތް.
ޒުހައިރު ސަޢުދުﷲ؛ ޣައްޒާގެ ރަށްސެއްސެއް

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާ ހަފުސް ކުރުމުގައި އިޒްރޭލުން މަޑުޖެހިލާފައި ނުވާ އިރު، ސަޢުދުﷲ ފަދަ ރަށްވެހިން މިއަދު ބުނަމުން ދަނީ ފުދޭ ވަރު ވެއްޖެ ކަމަށެވެ. އެކަމަކު، އެ އަޑު އިވެނީ ކާކަށް ހެއްޔެވެ؟ އަނެކާގެ ޒިންމާއެއް ކަމުގައި ދެކި، އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށް ކަންކަން ޖަހަމުން ގޮސް، އެހީއަށް އެދުނު މީހާ ގާތަށް ނާށިގަނޑު ހިފައިގެން ދެވޭ ގޮތްވެސްވެއެވެ.

ގަތުލުއާންމުގެ ކުރިން ޣައްޒާގައި އޮތް އާބާދީގެ 2 ބައިކުޅަ އެއްބައި ހާ މީހުން ނުވަތަ 1.1 މިލިއަނެއްހާ މީހުންނަށް މިއަދު ވަނީ ކާބޯތަކެތީގެ ކަށަވަރުކަން ގެއްލިފައެވެ. ކުރިއަށް އޮތް 40 އަކަށް ދުވަހުގެ ތެރޭގައި، ބަނޑުހައި ހޫނު ކަމުގެ އެންމެ އިންތިހާ ނިކަމެތި އިން ފަހަނައަޅާ، ގޯހުން ގޯހަށް ޙާލަތު ބަދަލުވާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވަނީ އިންޒާރު ކުރައްވާފައެވެ.

ޣައްޒާއަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢަށް ކޮށްދެވުނު ހަމަ އެންމެ ކަމެއްވެސް ނެތެވެ. ޙަމަލާތައް ބަޑުޖައްސާލަން ބާރު ދިނުމުގެ ގޮތުން، ދުނިޔޭގައި މިވަގުތު އޮތް އެންމެ ބިޔަ، ބައިނަލްއަޤުވާމީ އިއްތިޙާދު ނުވަތަ އދއިން ފާސްކުރަން މަސައްކަތް ކުރި ކޮންމެ ޤަރާރަކަށް އެމެރިކާއިން ވަނީ ހުރަސް އަޅާފައެވެ. މިހާތަނަށް ހުށަހެޅި 4 ޤަރާރަކީވެސް އެމެރިކާއިން ވީޓޯ ކޮށް، ސަލާމަތީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލި ޤަރާރުތަކެކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް