ކ. މާލެ
|
18 އޮކްޓޯބަރ 2024 | ހުކުރު 01:30
ޔަހްޔާ ސިންވާރު - ހަމާސްގެ އެންމެ އިސްވެރިޔާގެ މަގާމަށް އައްޔަން ކުރީ ޖުލައި މަހުގެ ތެރޭގައި
ޔަހްޔާ ސިންވާރު - ހަމާސްގެ އެންމެ އިސްވެރިޔާގެ މަގާމަށް އައްޔަން ކުރީ ޖުލައި މަހުގެ ތެރޭގައި
އޭޕީ
ޣައްޒާ ހަނގުރާމަ
ޔަހްޔާ ސިންވާރު – ފަލަސްތީނުގެ ހައްގުގައި ވަރުގަދަ އަޒުމެއްގައި ޖިހާދު ކުރި ހިތްވަރު ގަދަ ފަހުލަވާނެއް
ސިންވާރުގެ މުޅި ފިކުރަކީ އަދި މަސައްކަތަކީވެސް ފަލަސްޠީނުގެ ތާރީޚީ ބިމުގައި އިސްލާމީ ދައުލަތެއް ޤާއިމުކުރުމެވެ. އަދި އިޒްރޭލަކީ ވުޖޫދުގައި އޮންނަން ޖެހޭ ދައުލަތެއް ކަމަށް ގަބޫލު ނުކުރުމެވެ. އިޒްރޭލުން ސިންވާރު ނައްތާލުމަށް ބޭނުންވާ އެންމެ މައިގަނޑު އެއް ސަބަބަކީވެސް އޭނާގެ މި ހަރުދަނާ އަޒުމެވެ. މިފިކުރުގައި ސާބިތުވެ ހުރުމާއެކު އިޒްރޭލުން ދެކެނީ ސިންވާރަކީ ހަމައެކަނި ސިޔާސީ ވާދަވެރިއެއްގެ ގޮތުގައެއް ނޫނެވެ. އެއާ ޚިލާފަށް މުސްލިމުންގެ ބިމުގައި ހުރި ވަރުގަދަ "ނުރައްކާތެރި" ބާރެއްގެ ގޮތުގައެވެ.

ޔަހްޔާ ސިންވާރު ޝަހީދު ކޮށްލައިފި ކަމަށް އިޒްރޭލުން ބުރާސްފަތި ދުވަހު ވަނީ އިއުލާނު ކޮށްފައެވެ.

ސިންވާރު ޝަހީދުވެގެން ދިއުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންދާނެ ފޫނުބެއްދޭ ވަރުގެ ހިތްދަތިކަމަކަށް ވާނެއެވެ. ސިންވާރަކީ ފަލަސްތީނުގެ ގިނަ ބައެއްގެ ލޯތްބާއި ތާއީދު ހޯދާފައިވާ ފަރާތެކެވެ. އޭނާގެ ހިތްވަރާއި، ވަރުގަދަ އަޒުމާއި، ތޫނު ފިލިކަމާއި، ޖެހިލުން ކުޑަކަމަކީ ސިންވާރުގެ ދުޝްމަނުންނަށްވެސް ސާފުކޮށް އެނގޭ ހަގީގަތްތަކެކެވެ. އެއާއެކު ސިންވާރު ވެފައިވަނީ އިޒްރޭލުން އެންމެ ޖެހިލުންވާ ފަރާތުގެ ގޮތުގައެވެ. އެއީ އެންމެ އަތުލައިގަންނަން ބޭނުންވި އަދި އެންމެ ނައްތާލަން ބޭނުންވި ފަރާތެވެ. އޭގެ ހެއްކަކީ މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ޔަހޫދީ ދައުލަތުން ސިންވާރު އަވަހާރަކޮށްލައިފި ކަމަށް ބުނެ އަޑުއަރުވާފައިވުމެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ޣައްޒާގެ ހުރިހާ ސަރަހައްދަކަށް އެއެއް މިއެއް ބެލުމެއް ނެތި ބޮމުގެ ވާރޭ ވެއްސަމުން ޓޭންކަރުތަކުގައި ޣައްޒާގެ އާންމުންގެ ގެދޮރަށާއި މިސްކިތްތަކަށް ބޮޑު ބަޑިން ހަމަލާދެމުން، ކުޑަކުދިންނާއި އަންހެނުންނަށް ދަންދެން ބެލުމެއް ނެތި ރަހުމު ކުޑަ ޔަހޫދީ ސިފައިން ހަމަލާ ދެމުން ގެންދިއުމުގައި އެމީހުންގެ އެންމެ ބޮޑު ޓާގެޓަކަށް ވެފައި އޮތީ ޔަހްޔާ ސިންވާރުގެ ފުރާނަ ދުއްވާލުމެވެ. އެހެން ނަމަވެސް މިގަދަފަދަ ހަނގުރާމައިގެ ތޫފާނުގެ ތެރޭގައި ޣައްޒާގެ ބިމުގެ އަޑީގައިވާ ބިންގަރާހުގެ ވިއުގައެއްގެ ތެރޭގައި ސިންވާރު ވަނީ އެތައް ނުރައްކާތެރި ހަމަލާއަކުން ސަލާމަތްވެފައެވެ.

އިޒްރޭލުން އެންމެ ޖެހިލުންވި އަދި އެންމެ ބިރުގަތް މި ވަރުގަދަ ހަނގުރާމަ ވެރިޔާ ސިއްރިއްޔާތުގައި އެންމެހާ ނުރައްކާތެރި މާހައުލެއްގައި އަނިޔާވެރި އިޒްރޭލުގެ ސިފައިންނާ ކުރިމަތިލަމުން ގެންދިޔައެވެ. ސިންވާރުގެ ގާތް ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެމެރިކާ އާއި އިޒްރޭލު ގުޅިގެން ސިންވާރު އަތުލައިގަތުމަށް އެތައް މިލިއަން ޑޮލަރެއް ޖާސޫސު ކުރުމަށް އެކަނިވެސް އިންވެސްޓްކޮށްފައިވާއިރު، އެ ނުބައި ރޭވުންތަކުން ސަލާމަތްވުމަށް، އެއްތަނެއްގައި ގާއިމްވެ ހުރުމުގެ ބަދަލުގައި ސިންވާރު އަބަދުވެސް ގެންދިޔައީ އެއްތަނުން އަނެއްތަނަށް ބަދަލު ވަމުންނެވެ. އަދި މުވާސަލާތުކުރުމަށް ބޭނުންކުރަނީ އިތުބާރުހުރި މެސެންޖަރުންނެވެ. ސިންވާރުގެ މޭސްތިރިކަމުގެ ދަށުން 7 އޮކްޓޯބަރު 2023 ގައި އިޒްރޭލަށް ދިން ސިއްސައިގެންދާ ފަދަ ނުރައްކާތެރި ހަމަލާއަށް ފަހު ސިންވާރު އާންމު އެއްވެސް ތާކުން ފެނިފައެއް ނުވެއެވެ.

ސިންވާރު ގެ ގާތް މީހުން ބައެއް މީޑިއާތަކަށް ކިޔައިދީފައިވާ ގޮތުގައި އޭނާގެ ހިތްވަރުގަދަކަން އުފެދިގެން އައިސްފައިވަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕްތަކުގައި ހިތްދަތިކަމާއެކު ހޭދަކުރި ކުޑައިރުގެ ދުވަސްތަކުގެ ތެރެއިންނެވެ. 1988 ވަނަ އިޒްރޭލުން ސިންވާރު ހައްޔަރުކޮށް އުމުރަށް ޖަލަށްލައި އިޒްރޭލުގެ ޖަލު ބަންދުގައި އޭނާ ހޭދަކުރި 22 އަހަރުގެ ދިގު މުއްދަތަކީވެސް އިތުރު ހިތްވަރާއި ކެރުން ލިބިގެން ދިޔަ ތަޖުރިބާއެއް ކަމަށްވިއެވެ.

1991 އިން 1995 އަށް އަޝްކެލޮންގައި ސިންވަރާއެކު ޖަލުގައި ހުރި ކުރީގެ ލެބަނީޒް ކޮމިއުނިސްޓް މިލިޓަންޓެއް ކަމުގައިވާ ނަބީހް އަވަދާ ބުނާގޮތުގައި ސިންވާރު ދުށްގޮތުގައި 1993 ގައި އިޒްރޭލާއި ފަލަސްޠީނު އޮތޯރިޓީއާ ދެމެދު ވެވުނު އޮސްލޯ ސުލްޙައިގެ އެއްބަސްވުމަކީ "ވަރަށް ނުބައި" އަދި އިޒްރޭލުގެ މަކަރުވެރި ރޭވުމެކެވެ. ސިންވާރު ގަބޫލުކުރި ގޮތުގައި އިޒްރޭލުން ފަލަސްޠީނުގެ ބިންތައް ދޫކޮށްކޮށްލާނީ "މަޝްވަރާއަކުން ނޫނެވެ، ބާރުގެ ބޭނުންކޮށްގެން" އެކަންޏެވެ.

ސިންވާރު ސިފަކުރަމުން އަވަދާ ބުނެފައިވަނީ އޭނާ އަކީ "ގޮތުގައި ހުންނަ އަދި އޭނާ ގަބޫލު ކުރާ ގޮތުގައި ހިފަހައްޓާ މީހެއް" ކަމަށެވެ. ޖަލުގައި ހުރި އިރުވެސް ހަމާސް އިން ނުވަތަ ލުބުނާނުގެ ހިޒްބުﷲ ގްރޫޕުން އިޒްރޭލާ ދެކޮޅަށް ހަމަލާ ދޭ ޚަބަރު އަޑުއިވުމުން އޭނާއަށް އާދަޔާ ޚިލާފު އުފަލެއް އިހްސާސު ކުރެވޭ ކަމަށް ބުނެފައިވެއެވެ. ސިންވާރުގެ ވިސްނުމުގައި އިޒްރޭލުގެ އަތްދަށުން "ފަލަސްޠީނު މިނިވަންކުރުމަށް" އޮތް ހަމައެކަނި މަގަކީ ހަނގުރާމައިގެ ކުރިމަތިލުމެވެ. އެނޫން އެއްވެސް ގޮތަކުން އިޒްރޭލުގެ އަތްދަށުން ފަލަސްތީނުގެ ބިންތައް ސަލާމަތެއް ނުކުރެވޭނެއެވެ.

އަވަދާ ބުނާގޮތުގައި ސިންވާރަކީ "ޖަލުގައި ތިބި އެންމެންގެ މައްޗަށްވެސް ބަސްވިކޭ، އެއެންމެންގެ މައްޗަށް ވެސް ނުފޫޒް ފޯރުވާ ވަރުގަދަ ނަމޫނާއެކެވެ."

އިޒްރޭލުގެ ޝިން ބެޓް ސެކިއުރިޓީ އޭޖެންސީގެ ކުރީގެ އޮފިޝަލެއް ކަމުގައިވާ މައިކަލް ކޫބީ، ޖަލުގައި ސިންވާރާ 180 ގަޑިއިރު ސުވާލު ކުރިކަމަށް ވެއެވެ. އޭނާ ބުނާގޮތުގައި ސިންވާރަކީ މީހުން ޖެހިލުންވުމާއި، އަމުރުވެރިކަމުގެ ޤާބިލުކަން ފާޅުކަން ބޮޑު ގޮތެއްގައި ލިބިފައި ހުރި މީހެކެވެ.

އަޝްކެލޮން ޖަލުގެ ގޯތިތެރޭގައި ޓޭބަލް ޓެނިސް ކުޅޭއޭއިރު، ސިންވާރު ގިނަފަހަރަށް ކުޅެން ހުންނާނީ ހުސްފައިގައި ކަމަށް އޭނާއާއެކުގައި ޖަލުގައި ހޭދަކުރި ފަރާތްތަކުން ބުނެފައިވެއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާ ބޭނުންވަނީ އޭނާގެ ފައިތިލަ އަބަދުވެސް ފަލަސްޠީނުގެ ބިމުގައި ބީހެން ކަމަށެވެ. 'އަހަރެން މިހުރީ ޖަލެއްގައެއް ނޫން. އަހަރެން މިހުރީ އަހަރެންގެ ބިމުގައި. އަހަރެން މިހުރީ މިނިވަންކަމާއެކު، އަހަރެންގެ ޤައުމުގައި." ސިންވާރު އާއެކު ޖަލުގައި ދުވަސްތައް ހޭދަކުރި މީހުން އޭނާގެ ވާހަކަތައް ކިޔައިދެމުން ބުނެފައިވެއެވެ.                

ސިންވާރު ހަމާސްގެ މެންބަރަކަށް ވީ 1980 ގެ އަހަރުތަކުގައި އެ ޖަމާޢަތް އުފެދުނު ދުވަސްވަރުއެވެ. އޭނާ ޤަބޫލުކުރީ ހަމާސްގެ އައިޑިއޮލޮޖީއެވެ. އެ އައިޑިއޮލޮޖީގެ މަޤްޞަދަކީ ފަލަސްޠީނުގެ ތާރީޚީ ބިމުގައި އިސްލާމީ ދައުލަތެއް ޤާއިމުކުރުމެވެ. އަދި އިޒްރޭލަކީ ވުޖޫދުގައި އޮންނަން ޖެހޭ ދައުލަތެއް ކަމަށް ގަބޫލު ނުކުރުމެވެ. އިޒްރޭލުން ސިންވާރު ނައްތާލުމަށް ބޭނުންވާ އެންމެ މައިގަނޑު އެއް ސަބަބަކީވެސް އޭނާގެ މިދެންނެވި ހަރުދަނާ އަޒުމެވެ. މިފިކުރުގައި ސާބިތުވެ ހުރުމާއެކު އިޒްރޭލުން ދެކެނީ ސިންވާރަކީ ހަމައެކަނި ސިޔާސީ ވާދަވެރިއެއްގެ ގޮތުގައެއް ނޫނެވެ. އެއާ ޚިލާފަށް މުސްލިމުންގެ ބިމުގައި ހުރި ވަރުގަދަ "ނުރައްކާތެރި" ބާރެއްގެ ގޮތުގައެވެ.

ސިންވާރު ގަބޫލުކުރާ އުސޫލަކީ، އުނދަގޫތަކާއި ވޭން ތަހައްމަލު ކުރުމަކީ އިސްލާމީ ތަޞައްވުރުގެ އެންމެ މުހިންމު އެއް ސިފައެވެ. އެ އަގީދާގެ މަތީގައި ހުރުމަކީ "އޭނާގެ ހިތްވަރުގަދަކަމުގެ ފަހަތުގައި އޮތް އެންމެ ބޮޑު ސަބަބެވެ. ހަމާސްގެ އިސް އޮފިޝަލަކު ސިންވާރު އާ ބެހޭ ގޮތުން ހާމަކުރި ވާހަކައެއްގައި ބުނެފައިވަނީ "އޭނާއަކީ ދުނިޔެއަށް ޝައުޤުވެރިކަން ކުޑަ، މަދު މިންވަރަށް ރުހިންގެން،" އުޅުނު އާދައިގެ ދިރިއުޅުމަށް ލޯބި ކުރި މީހެއްގެ ކަމަށެވެ.

އިޒްރޭލުގެ އަނިޔާވެރި ބޮޑު ވަޒީރު ނަތަންޔާހޫ، ސިންވާރު ޝަހީދު ކޮށްލުން ސިފަކުރީ ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ. އަދި މި ލިބުނު "ކާމިޔާބާއެކު" އޭނާގެ ބޮޑާކަން އިތުރަށް ފާޅުވެގެން ދިޔަކަން މި ހާދިސާ އާ ގުޅިގެން މީޑިއާ މެދުވެރިކޮށް ދެއްކި ވާހަކަތަކުން ހާމަވެއެވެ.

ނަތަންޔާހޫގެ ބަހަކަށްވީ ހަމާސްގެ މައްޗަށް "ފުރިހަމަ ކާމިޔާބެއް" ލިބެންދެން ހަނގުރާމަ ނުހުއްޓާނެކަމަށް ބުނެ ވައުދުވުމެވެ.

އެހެން ނަމަވެސް ޣައްޒާގެ އާންމު ރައްޔިތުން ދެކޭގޮތުގައި ސިންވާރު ޝަހީދު ކޮށްލުމަކުން ހަނގުރާމަ ނިމުމަކަށް ނާންނާނެއެވެ.

"ސިންވާރު ޝަހީދުކޮށްލުމަކުން ހަނގުރާމަ ނުހުއްޓޭނެ. އެއީ މި ހަނގުރާމައަކީ ފަލަސްޠީނުގެ މައްސަލައާއި ފަލަސްޠީނު ދެމިއޮތުމުގެ މައްޗަށް ކުރެވޭ ހަނގުރާމައެއް،" ޣައްޒާގައި ދިރިއުޅޭ ޞަލާޙް މުސްލިޙް އަލް-ޖަޒީރާ އާ ވާހަކަދައްކަމުން ބުންޏެވެ.

"އިޒްރޭލުން ވަނީ ހަމާސްގެ ލީޑަރުންކަމުގައިވާ އިސްމާޢީލް ހަނިއްޔާ، ޞާލިޙް އަލް-ޢަރޫރީ، އަދި މިއަދު ސިންވާރު ޝަހީދުކޮށްފައި. އެކަމަކު މިއަދާ ހަމައަށްވެސް ހަނގުރާމަ ނުހުއްޓޭ. އަޅުގަނޑުމެން ސިންވާރުގެ މި ނިމުމާމެދު ފަޚުރުވެރިވަން،" އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް