އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކަށް ރައްދު ދިނުމުގެ ގޮތުން، 2023 އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން، އިޒްރޭލުން މެދުކެނޑުމެއްނެތި ތިން ހަފްތާއަށް ވުރެ ދިގު މުއްދަތަކަށް ޣައްޒާއަށް ބޮމުގެ ހަމަލާތައް ދިނެވެ. ފުލުފުލުގައި ދިން މި ހަމަލާތަކަށްފަހު، 2023 އޮކްޓޯބަރު 27 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާގެ އަށް އެރިއެވެ. އަދި އިޒްރޭލުގެ ރަހުމުކުޑަ ސިފައިން ގެންދިޔައީ މި އަނިޔާވެރި މަންޒަރުތައް އެމީހުންގެ ފޯނުތަކުން މުޅި ދުނިޔެއަށް ލައިވްކޮށް ދައްކަމުންނެވެ.
"އަހަރެމެން މިއުޅެނީ ޓެކްނޮލޮޖީގެ ޒަމާނެއްގަ. މިއީ ދުނިޔޭގެ ތާރީޚުގައި ވެސް ޤަތުލުއާންމެއް ލައިވް ސްޓްރީމްކުރި ފުރަތަމަ ފަހަރު،" ފަލަސްޠީނު ނޮވެލިސްޓް ސޫސަން އަބުލްހަވާ އަލްޖަޒީރާގެ ތަޙްޤީޤީ ޔުނިޓް (އައި-ޔުނިޓް) އަށް މައުލޫމާތު ދެމުން ބުންޏެވެ.
އެތައް އަހަރެއްގެ ބުރަ މަސައްކަތުން ފަލަސްތީނު ރައްޔިތުން އެޅި ގެދޮރާއި، އިމާރާތްތަކާއި، ކުޑަކުދިން ކުޅެއުޅުނު ޕާކުތަކާއި، އެތައް ހާސް ކުދިންގެ މުސްތަގުބަލާ ގުޅިފައިހުރި ސްކޫލު ތައް ބޮން އަޅާ ހިނދުކޮޅެއްގެ ތެރޭގައި އަޅިއަށް ބަދަލުވެގެން ދިޔަ މަންޒަރާއި، މައިންގެ ރުއިމާއި ފުރާނައަށް އެދި ގޮވާ އަޑު އިޒްރޭލު ސިފައިން ދިޔައީ ސޯޝަލް މީޑިއާގައި އާންމުކުރަމުންނެވެ. އިންސާނިއްޔަތުކަމުގެ އެންމެ ކުޑަމިނެއްވެސް ނެތް ގޮތަކަށް، އެމީހުން މި ވޭންދެނިވި މަންޒަރުތައް ދުނިޔެއަށް ދައްކުވައިދެމުން ދިޔައެވެ.
އިޒްރޭލު ސިފައިން އަމިއްލައަށް ދުނިޔެއަށް ދޫކުރަމުން ދިޔަ އެމީހުންގެ އަނިޔާވެރިކަމުގެ ހެކިތަކުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ އެކި މީޑިއާތަކުން ދިޔައީ އިޒްރޭލުގެ ހަނގުރާމައިގެ ކުށްތައް ތަޙުޤީޤުކުރަމުންނެވެ.
2،500 އަށްވުރެ ގިނަ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޑޭޓާބޭސްއެއްގެ މައްޗަށް ބިނާކޮށް އަލްޖަޒީރާގެ އައި-ޔުނިޓުން ކުރި ތަހުގީގަކުން ހާމަވާ ގޮތުގައި އިޒްރޭލު ސިފައިން އާންމުކޮށްފައިވާ އޯޑިއޯ-ވިޝުއަލް ހެކިތައް މައިގަނޑު ގޮތެއްގައި ބެހެނީ ތިން ބަޔަކަށެވެ. އެއީ އަސްކަރީ ބޭނުމަކާ ނުލާ މުދާ ހަލާކުކުރުމާއި، ހައްޔަރުކުރެވިފައިވާ ފަރާތްތަކަށް އަނިޔާވެރިވުމާއި، ނިޔާފަތްގަނޑުގެ ގޮތުގައި އިންސާނުން ބޭނުންކުރުމެވެ. މި ތިން ބާވަތުގެ އަމަލުތަކަކީވެސް ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ ޤާނޫނު (އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ލޯ) އާ ޚިލާފު އަދި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ރޯމް ސްޓެޓިއުޓްގެ ދަށުން ހަނގުރާމައިގެ ކުށްތަކުގެ ގޮތުގައި ކަނޑައެޅިދާނެ އަމަލުތަކެކެވެ.
އަސްކަރީ ބޭނުމަކާ ނުލާ މުދާ ހަލާކުކުރުން
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯ ފުޓޭޖްތަކުގައި އާންމުކޮށް ފެންނަނީ އިޒްރޭލު ސިފައިން ފަލަސްތީން ރައްޔިތުންގެ މުދަލާއި ތަކެތި ހަލާކުކޮށް ސުންނާފަތިކުރާ މަންޒަރުތަކާއި، އިމާރާތްތަކުގައި ހުޅުޖަހާ މަންޒަރެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ތަކުރާރުވާ މަންޒަރަކީ އިމާރާތްތައް ގޮއްވާލާ ސުންނާފަތިކޮށްލާ މަންޒަރުތަކެވެ.
ހިއުމަން ރައިޓްސް ވޮޗްގެ މެދުއިރުމަތީ އަދި އުތުރު އެފްރިކާ ސަރަޙައްދުގެ އެސޯސިއޭޓް ޑިރެކްޓަރ ވަން އެސްވެލްޑް ވިދާޅުވި ގޮތުގައި "އިޒްރޭލު ސިފައިން ހާމަކުރި ވީޑިއޯ ތަކުގައި އެމީހުން އިމާރާތްތަކަށް ވަދެ، އެ އިމާރާތްތަކުގައި ގޮވާ ތަކެތި ހަރުކޮށް، ގޮވާލާ މަންޒަރުތައް އާންމުކޮށްފައިވާއިރު، އޭގެން ހާމަވަނީ އެކަމުގެ ޤާބިލުކަން އެމީހުންނަށް ލިބިފައިވާކަމާއި، އެ އިމާރާތްތަކަކީ އެމީހުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ތަންތަންކަން ސާފުކޮށް ދޭހަވާ،" ކަމެވެ.
އޭނާ އިތުރަށް ވިދާޅުވީ، "ދުޝްމަނެއް ނެތް އިމާރާތެއް ގޮއްވާ ސުންނާފަތިކޮށްލުމަކީ އެއްވެސް ހާލެއްގައި ހަނގުރާމައިގެ އުސޫލުތަކާ އެއްގޮތްވާ ކަމެއް ނޫން. އަސްކަރީ ބޭނުމެއް ނެތި، ހަމަ ހިތުހުރިހާ ގޮތަކަށް މީހުންގެ މުދާ ސުންނާފަތިކުރުމަކީ ކަނޑައެޅިގެން ޤާނޫނާ ޚިލާފްކަމެއް. އަދި މިފަދަ އަމަލުތައް ފުޅާ ދާއިރާއެއްގައި ހިންގައިފިނަމަ، އެއީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ބެލެވިދާނެ،" އެވެ.
ރޯމް ސްޓެޓިއުޓްގެ 8 ވަނަ މާއްދާގެ (2)(ހ)(4) ގައި ވާގޮތުން "ހަނގުރާމައިގެ ޙޙާލަތުގައި ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނުބެލެވޭ، އަދި ޤާނޫނާ ޚިލާފަށް އަދި ގަސްތުގައި ފުޅާ ދާއިރާއެއްގައި މުދާ ނައްތާލުމާއި، އަތުލުމަކީ،" ކުށެކެވެ.
ހައްޔަރުކުރެވިފައިވާ ފަރާތްތަކަށް އަނިޔާވެރިވުން
ބައެއް ވީޑިއޯ ތަކުން ފެންނަ ގޮތުގައި އިޒްރޭލު ސިފައިންގެ ހައްޔަރުގައި ތިބި މީހުން ލައިގެން ތިބި ހެދުންތައް ވީދާ، އެމީހުންގެ ފުރާނައަށް ނުރައްކާވާ ގޮތްގޮތަށް އެމީހުން ބޭތިއްބުމާއި، އެމީހުން ލައިގެން ހުރި ފޭރާންތައް ހަޑިވެފައި ވާތީ މަލާމާތްކޮށް ހަޑިހުތުރު ބަހުން މުއާމަލާތްކުރެއެވެ. މީގެ އިތުރުން އަންހެނުންނާ ފިރިހެނުން ބަރަހަނާކޮށް، އެމީހުންގެ އަތްފައި އަދި ކަނުބަނދެ، އެމީހުންގެ ގައިމައްޗަށް ފައިން އަރައި ތަޅުންގަނޑުގައި ދަމަމުންދާ މަންޒަރުތައްވެސް ބައެއް ވީޑިއޯތަކުން ފެނެއެވެ.
އިންސާނީ ޙައްޤުތަކުގެ މާހިރެއް ކަމުގައިވާ ޑިކްސަން ވިދާޅުވާ ގޮތުގައި، އަނިޔާކުރުމަކީ ބައިނަލްއަޤްވާމީ ކުށްތަކުގެ ތެރެއިން އެންމެ ސީރިއަސް އެއް ކުށެވެ. ނަމަވެސް، ގިނަ ފަހަރަށް މިފަދަ ކަންކަމުގެ ހެކި ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންކަމުން، މިފަދަ ވީޑިއޯތަކުގައި އަނިޔާކުރުމުގައި ބައިވެރިވެފައިވާކަން އެމީހުން އަމިއްލައަށް އިޢުތިރާފުވާ މަންޒަރުތައް ހުރުމަކީ ތަޙުޤީޤުކުރާ ފަރާތްތަކަށާއި ދަޢުވާކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި އެއްޗެކެވެ.
"އެމީހުން އަހަރެންގެ ދަރިފުޅު، އެންމެ ބޮޑު ފިރިހެން ދަރިފުޅު ގެންގޮސް އަނިޔާކުރީ. ޖެހިގެން ހުރި ކޮޓަރިން އަހަރެންނަށް އިވުނީ އޭނާގެ ހަޅޭކުގެ އަޑު. ދަރިފުޅުގެ ރުއިމުގެ އަޑުން ހީވަނީ އެމީހުން އޭނާ ނޭވާ ހާސްކޮށް، ތަޅަމުންދިޔަހެން. އަހަރެމެންގެ ބޮލުގައި ބަޑި ޖައްސައިގެން ތިބީ. އަހަރެމެންނަށް އެއްވެސް ކަމެއް ނުކުރެވުނު. އަހަރެމެންނަށް އެއްވެސް ހަރަކާތެއް ނުކުރެވުނު،" އިޒްރޭލުގެ އަނިޔާވެރިކަން ތަހައްމަލު ކުރި ފަލަސްތީނު ރައްޔިތެއް ކަމުގައިވާ އަބޫ ޢާމިރު ކިޔައިދިނެވެ.
އަބޫ ޢާމިރު އިތުރަށް ބުނިގޮތުގައި އިޒްރޭލު ސިފައިންގެ މީހަކު އޭނާގެ ދަރިފުޅާ ދިމާލަށް "ކަލޭމެން މަރާލުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި، އެމީހުންނަށް އެންމެން ވެސް މެރިދާނެ ކަމަށާއި، އެއީ އެމީހުންނަށް ވަރަށް އާދައިގެ ކަމެއް" ކަމަށް ބުންޏެވެ. އަދި "މީހުން މެރުން ހުއްޓުވޭނެ ވަރުގެ ބަޔަކުވެސް ނެތްކަމަށާއި އިޒްރޭލު ޖަވާބުދާރީ ކުރުވާނެ މީހަކު ވެސް ނެތް" ކަމަށް އިޒްރޭލު ސިފައިން ބުނި އަޑު އިވުނު ވާހަކަ އާބޫ އާމިރު ވަރަށް އަސަރާއެކު ކިޔައިދިނެވެ.
އިޒްރޭލު ސިފައިން ދިޔައީ އަންހެނެއް، ފިރިހެނެއް، ކުޑަކުއްޖެއް ކަމެއް ބެލުމެއް ނެތި އަނިޔާކުރަމުންނެވެ.
ފަލަސްތީނު އަންހެނެއް ކަމުގައިވާ ހަދީލް ދަހްދޫހް ބުނި ގޮތުގައި އިޒްރޭލު ސިފައިންގެ މީހަކު އޭނާގެ ބަނޑުގައި ފައިން ޖެހިއެވެ. އަދި އޭނާގެ ބުރަކަށީގައި ބަޑިން ޖަހާ، އަތުގައި އޮތް ފަލަ ދަގަނޑު ބުރިއަކުން ބޮލުގައި ޖެހިއެވެ.
ހައްދުފަހަނަ އަޅާފައިވާ އިޒްރޭލު ސިފައިންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވި ފާދީ ބަކުރު ބުނި ގޮތުގައި، އޭނާއަށް މަރުގެ އިންޒާރު ދީ، މަރުވެ، ކުނިވެފައިވާ މީހެއްގެ ހަށިގަނޑުގެ މަތީގައި އޮށޯންނަން މަޖުބޫރުކުރުވިއެވެ.
މީގެއިތުރުން ފާދީ ބަކުރު ބުނެފައިވަނީ، އިޒްރޭލު ސިފައިން ބަންދުގައި މީހުން ބައިތިއްބާ މަރުކަޒެއް ކަމުގައިވާ އިޒްރޭލުގެ ދެކުނުގައި ހުންނަ ސްޑީ ޓެއިމަން ގައި ކުއްތާ އިން ލައްވާ ބަންދުގައި ތިބޭ މީހުން ރޭޕް ކުރުވާ މަންޒަރު ވެސް ފެނުނު ކަމަށެވެ.
މިފަދަ އަމަލުތަކަކީ ރޯމް ސްޓެޓިއުޓްގެ 8 ވަނަ މާއްދާގެ (2)(ހ)(ii) އަދި 8 (2)(ށ)(xxi) ގައި ވާގޮތުން ކުށެކެވެ.
ހުޅަނގުގެ ބައިވެރިވުން
ޣައްޒާގައި އިޒްރޭލުން ހިންގާ ގަތުލުއާންމު މިހާރުދަނީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.)ގައި ތަހުގީގު ކުރަމުންނެވެ. މީގެ ސަބަބުން، އިޒްރޭލަށް އެހީތެރިވެދޭ އެހެން ޤައުމުތަކުގެ މައްޗަށްވެސް ދަޢުވާ ކުރެވިދާނެ ކަމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ.
2019 އިން 2023 އަށް، އިޒްރޭލަށް އެތެރެކުރެވުނު ހަތިޔާރުގެ 69 އިންސައްތަ އެމެރިކާއިން އެތެރެކޮށްފައިވާއިރު 30 އިންސައްތަ އެތެރެކޮށްފައިވަނީ ޖަރުމަނުވިލާތުންނެވެ. މި ދެ ޤައުމުންވެސް ޣައްޒާ ހަނގުރާމައިގެ ތެރޭގައިވެސް ހަތިޔާރު ފޯރުކޮށްދިނުން ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް މި 2024 އިން ފެށިގެން ޖަރުމަނުވިލާތުން ފޯރުކޮށްދޭ ހަތިޔާރުގެ މިންވަރު ވަނީ ދަށަށް ގޮސްފައެވެ.
ހުސްވި އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ޣައްޒާ ގައި އިޒްރޭލުން ފެށި ރަހުމުކުޑަ ހަނގުރާމަ އަށް ހޯމަ ދުވަހު އެއް އަހަރު ފުރޭއިރު ޣައްޒާގެ ކޮންމެ 5 މީހަކުން އެކަކު ވަނީ ޝަހީދުވެފައެވެ. ހަނގުރާމައަށް އެއް އަހަރު ފުރުނު އިރު އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 41،870ށް އަރާފައިވާ ކަމަށާއި، އޭގެ ތެރެއިން 16،756 އަކީ ކުޑަކުދިން ކަމަށާއި، މަރުވި އަންހެނުންގެ އަދަދު މަދުވެގެން 11،346ށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެއެވެ.