ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 17:09
އދ. އާންމު މަޖިލީހުގައި ތަގުރީރުކުރައްވަން ވަޑައިގެންނެވި މަގުމަތީގައި ޓްރާންސިޓުގައި އިންނަވައިގެން އިސްރާއިލުން ކުރާ ހަނގުރާމައަށް ފަންޑްކުރާ ކޮސްޓާ ކޮފީއެއް ރައީސް މުއިއްޒު ހިއްޕަވަނީ
އދ. އާންމު މަޖިލީހުގައި ތަގުރީރުކުރައްވަން ވަޑައިގެންނެވި މަގުމަތީގައި ޓްރާންސިޓުގައި އިންނަވައިގެން އިސްރާއިލުން ކުރާ ހަނގުރާމައަށް ފަންޑްކުރާ ކޮސްޓާ ކޮފީއެއް ރައީސް މުއިއްޒު ހިއްޕަވަނީ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ކޫލްވާން ހިތްޕެވި ކޮފީތަށިން ފިހުނީ ތަލި
އެތައް ބައިވަރު މީހުންނާއި ނުހަނު ބޮޑު ޕީއާރު ޓީމެއް ހިމަނުއްވައިގެން އދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ތަގުރީރުކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގައި، ކުރެއްވި ޓްރާންސިޓުގައި ކޫލްކަން ދައްކަވަން ހިއްޕެވުނީ ނުބައިތައްޓެއްގައެވެ.

ހެނދުނު ހޭލެވުމާއެކު ސޯޝަލް މީޑިއާ ހާވާލީމެވެ. ފުރަތަމަވެސް އަޅައިގަތީ މުޅީ ސޯޝަލް މީޑިއާގައި ވައިރަލްވި ކޫލް ވީޑިއޯއެކެވެ. ރައީސް މުއިއްޒު ކޮފީއެއް ހިއްޕަވަނިކޮށެވެ. އެއާއެކު ބަލާލެވުނީ ކޮފީތަށީގައި ޖަހާފައިވާ ނަމަށެވެ. އެއީ ކޮސްޓާ ކޮފީއެކެވެ. އެހާ ހިސާބުން އިތުރަށް އިންޓަރނެޓް ހާވާލީމެވެ. އެއާއެކު ފެނުނީ އިޒްރޭލް ޕްރޮޑަކްޓް ބޭން ލިސްޓް 2023 ކިޔާ ލިސްޓެކެވެ. އެއީ ޣައްޒާގެ ގަތުލުއާންމަށް މަދަދުވެރިވާ ވިޔަފާރިތައް ކަމަށް ބުނާ ލިސްޓެކެވެ. އެ ލިސްޓުގައި ކޮސްޓާ ކޮފީ އޮއްވާ ފެނުނެވެ. އެއާއެކު އުފެދުނު ސުވާލަކީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ހައްގުގައި އެހާ ބޮޑަށް ވަކާލާތުކުރާކަމަށް ވިދާޅުވާ އަދި އެމީހުންނަށްޓަކައި މަރުދޭކަމަށް ވިދާޅުވާ ރައީސަކު، މުސްލިމް އެތައް ގައުމަކުން ބޭންކޮށްފައިވާ ކޮފީއެއް ހިއްޕަވައިގެން އިންނަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވީ ކިއްވެގެންތޯއެވެ.

މިއީ އަނެއްކާ ބަޔަކު ސިއްރުން ނަގާފައިވާ ވީޑިއޯއެއް ބާއޭ ހިތަށް އެރިއެވެ. ނަމަވެސް އެއީ އެކަހަލަ ވީޑިއޯއެއް ނޫންކަން އެނގުނީ، ރައީސް އޮފީހުގެ ވެބްސައިޓުގައި، ރައީސް އޮފީހުން މި ވީޑިއޯ ޕޯސްޓްކޮށްފައި އޮތްތަން ފެނުމުންނެވެ. ވިސްނާލަން ޖެހުނީ އެހާ ހިސާބުންނެވެ. ސޯޝަލް މީޑިއާގައި ހުރި ބައެއް ލިޔުންތައް ވެސް ކިޔާލީމެވެ. އެއާއެކު އެނގުނީ މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޕްރޮމޯޝަންއަށް އެމަނިކުފާނުގެ ދަތުރުފުޅުގައި ގެންދަވައިގެން އުޅުއްވާ ޕީއާރު ޓީމުން ހަދާފައިވާ ވީޑިއޯއެއްކަމެވެ. ކޮފީތަށި ނަންގަވައި ތުނބުގައި ޖައްސަވާއިރު ކޮސްޓާ ކޮފީގެ ނަން ރީތިކޮށް ފެންނަ ގޮތަށް ދެ އެންގަލަކުން ވީޑިއޯގައި ދައްކާފައި ހުއްޓެވެ. ތުން ޖައްސަވަނީވެސް ކުޑަކޮށް ހިނިއައިސް އިންނަވައިގެންނެވެ. ހީވަނީ އެމަނިކުފާނުގެ ކޫލްކަން ދައްކަވަން އުޅުއްވާހެންނެވެ.

އެއާއެކު ދެން ފާހަގަވި އަނެއްކަމަކީ ވަށައިގެން އެތައް ބަޔަކު ތިބި އިރު، އެއިން މީހަކަށްވެސް ކޮފީ ފޮދެއް ނުވިތާކަށް ފެންފޮދެއްވެސް ނުދެއްވާ އަމިއްލަފުޅަށް ކޮފީއެއް ހިއްޕަވާ މަންޒަރު ދައްކަވަން އުޅުއްވާ ކަމެވެ. އެއީ ކޮން ކަހަލަ ކޫލް ކަމެއް ބާވައޭ ހިތައް އެރިއެވެ.

ސޯޝަލް މީޑިއާގައި ފާޑުކިއުން އިންތިހާއަށް އަމާޒުވެ މީހުންގެ ރުޅިވެރިކަމާއި ނަފްރަތު މި ވީޑިއޯއަށް އަމާޒުވެގެން ދިޔަ އެއް ސަބަބަކީ އިޒްރޭލުގެ އަނިޔާވެރި ސިފައިންނަށް އެހީތެރިވެދޭ ޕްރޮޑަކްޓްތަކުގެ ގޮތުގައި ފާހަގަކުރެވޭ ޕްރޮޑަކްޓެއް ހިއްޕަވައިގެން އެހާ ބޮޑަށް އެ ދައްކަވާ، ވަރަށް އުފާފުޅުވެ އިންނަވައިގެން، އެ ހިއްޕަވާ، ފަލަސްތީނުގެ، ހާއްސަކޮށް ޣައްޒާގެ ރައްޔިތުންނަށް ދެއްވި ހިތްދަތި މެސެޖުގެ ސަބަބުންނެވެ. އދ ގެ ޖަލްސާ އަށް ވަޑައިގެންނެވި މަގުމަތީގައި ކޮސްޓާ ކޮފީ ޕްރޮމޯޓް ކުރެއްވި އިރު، މަޖިލީހުގެ ވަތްގަނޑުގައި އިޒްރޭލް ޕާސްޕޯޓް މައްސަލަ ވެސް އޮތީ ބާއްވަވާފައެވެ.

ވަފުދުގައި އެތައް ބައިވަރު މީހުންނާއި ނުހަނު ބޮޑު ޕީއާރު ޓީމެއް ހިމަނުއްވައިގެން އދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ތަގުރީރުކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގައި، ކުރެއްވި ޓްރާންސިޓުގައި ކޫލްކަން ދައްކަވަން ހިއްޕެވުނީ ނުބައިތައްޓެއްގައެވެ. ތުނބުގައި ޖެއްސެވުމާއެކު އޭގައި ހުރި ކޮފީގެ ހޫނުން ފިހިގެން ދިޔައީ ސަރުކާރުގެ ތައްޔެވެ. ޕީއާރާއި ޕްރޮމޯޝަނަށް ކުރައްވަމުން ގެންދެވި ހުރިހާ މަސައްކަތެއް ފަނޑުވެ ސަރުކާރާއި، ރައީސް ބަދުނާމުވާންޖެހުނީ ޕީއާރުޓީމުގެ ނާގާބިލުކަމުން ބާވައޭ ހިތަށް އެރިއެވެ. ނުވަތަ މިއީ އަރިހުގައި ތިއްބަވައިގެން ބަޔަކު ހަމަ ގަސްތުގައި ރައީސްއަށް ދިން ލަނޑެއްބާވައޭ ހިތަށް އެރިއެވެ. އެއްޗެއްގައި ހިއްޕަވާއިރު މި ހިއްޕެވެނީ ކޮންއެއްޗެއްގައިތޯ އަމިއްލަފުޅަށް އެނގިވަޑައިނުގަންނަވާ ނަމަ އަރިހުގައި ތިއްބަވާ ބޭފުޅުންވެސް އެހާކަންހާވަރު ބުނެދެއްވާނަމަ މި ބަދުނާމެއް ނުވީހެއް ނޫންތޯއެވެ.

ހަމަ ހަގީގަތުގައިވެސް މިފަހަރު ކޫލްވާން ހިއްޕެވި ކޮފީތަށިން ތަލިފުޅު ފިހުން ނޫން އިތުރުކަމެއް ނުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް