ކ. މާލެ
|
1 ފެބްރުއަރީ 2024 | ބުރާސްފަތި 13:06
އަސީލް އަބޫ ހަދަފް؛ ފަލަސްޠީނުގެ އަންޑަރގްރެޖުއޭޓް މެޑިކަލް ދަރިވަރެއް
ފަލަސްޠީން އިސްރާއީލް ހަނގުރާމަ
ޔުނިވަރސިޓީއާއި ގެދޮރު ބިމާ ހަމަކުރިއަސް، އެ ޒުވާން ހިތުގައި ޖަހަމުންދާ ޢަޒުމުގެ ވިންދު ވަނީ ވަރުގަދަ!
މެޑިސިންގެ ރޮނގުން ކިޔެވުމަކީ ބުރަކަމަކަށް ވާއިރު، މިއަދު އަސީލް އުޅެން ޖެހެނީ ޓެންޓެއްގަ، ކޮންމެ ދުވަހަކީވެސް ޙަމަލާތައް އަންނަ ދުވަހެއް

ތަޢުލީމީ ޙަޔާތަށް ފަށާ، ދުނިޔެ ތެރެއަށް ހިސާބަކަށް ލޯހުޅުވިލާ ހިސާބުން ފެށިގެންވެސް ގިނަ ކުދިންނަކީ 'ބޮޑު ވެގެން' ޚިދުމަތްތެރި ޝަޚްސަށް ވުމުގެ ފޮނި ހުވަފެންތައް ދެކެމުންދާ ކުދިންނެވެ. ބައެއް ކުދިންނަކީ ފަޔަރމަނުންނާއި ސިފައިންގެ މީހުންނެވެ. ފުލުހުންނާއި ޓީޗަރުންނެވެ. ޑޮކްޓަރުންނާއި ނަރުހުންނެވެ. ޢުމުރުން 5، 6 އަހަރުގެ ކުދިން ތިބި ކުލާހަކަށް ވަދެ ސުވާލު ކޮށްލައިފިނަމަ ހައްތަހާވެސް ޒިންމާދާރު ޚިދުމަތްތެރިންނެވެ.

އެފަދަ ހުވަފެންތަކެއް، އިންތިހާ ކުޑަ ދުވަހުއްސުރެ ދެކެމުން އައި އެކަކީ މެޑިސިންގެ ރޮނގުން ކިޔަވަމުން ދާ ފަލަސްޠީނުގެ ދަރިވަރު، އަސީލް އަބޫ ހަދަފްއެވެ.

މެޑިސިންގެ ރޮނގުން ކިޔެވުމަކީ އަހަރެންގެ އަބަދުގެވެސް ޢަޒުމު- އެންމެ ކުޑައިރުވެސް. އެންމެ ކުޑަ އިރުވެސް، އަހަންނަށް އަހަރެން ސިފަކުރެވެނީ ޑޮކްޓަރެއް ގޮތަށް. ޣައްޒާގެ މަސްރަހު އޮންނަ ގޮތުން ކަންނޭނގެ އެހެން އެވަނީވެސް. މިހާރު މި ކުރިމަތިވި ކާރިޘާއާއި، އަހަރެމެން ތަޖުރިބާ ކުރަމުންދާ ޤަތުލުޢާންމާ ހެދި، އަހަރެނެގް ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ ޢަޒުމު ވަކިން ވަރުގަދަ ވެއްޖެ. ޒަޚަމްވެ، އަނިޔާ ލިބިފަ ތިބި މީހުންނަށް އެހީވާން މައިދާނީ ހޮސްޕިޓަލުތަކުގަ މަސައްކަތް ކުރާ ހިތްޖެހިއްޖެ. އަހަރެމެން އެންމެންނަށްވެސް އެނގޭނެ، ހަނގުރާމައިގެ ތެރޭގައި އެކި ކަހަލަ ބަލިތައް ފެތުރިގެން ދާ ކަން. ބަނޑުގެ ބަލުތަކާއި، ހުމާއި ރޯގާގެ ބަލިތަކުގެ ޝިކާރައަކަށް އެތައް ބަޔަކު އެބަ ވޭ. ކުޑަކުދިންވެސް. ކޮންމެވެސް ދުވަހަކުން، އެ އެންމެންނަށް އެހީވާން އަހަންނަށްވެސް ހުރެލެވުން އުންމީދަކީ.
އަސީލް އަބޫ ހަދަފް؛ ފަލަސްޠީނުގެ އަންޑަރގްރެޖުއޭޓް މެޑިކަލް ދަރިވަރެއް

ޑޮކްޓަރަކަށް ވުމަކީ އޭނާގެ އަބަދުގެވެސް ހުވަފެނެވެ. ނަމަވެސް، މިއަދު އޭނާގެ ޙަޔާތުގެ ކޮންމެ ދުވަހެއްވެސް ގުނަމުން ދަނީ ޣައްޒާގެ ރަފަޙުގައި ތޮއްޖެހިފައި އޮތް ރެފިއުޖީ ކޭމްޕެއްގައި ޖަހާފައި ހުރި އާދައިގެ ޓެންޓެއްގެ ތެރޭގައެވެ.

ރެއަކީ ކޭމްޕުގަ އަހަރެމެންނަށް ވަރަށް ދަތިވި ރެއެއް. ވާރޭވެހިގެން އަހަރެމެންގެ ޓެންޓަށް ހުރިހާ ކޮޅަކުން ފެންގަނޑު ވައްދާލީ. މި ކޭމްޕުގަ އަހަރެމެން މި ގުނަނީ ވަރަށް ދަތި ދުވަސްތަކެއް. ހުރިހާ ވަގުތެއް ހުސް ކުރަން ޖެހިފަ އޮންނަނީ ކާބޯތަކެތި ހޯދާން. ސާފު ބޯފެން ފޮދެއް ހޯދަން. ދިރިއުޅުމުގެ އެންމެ ޟަރޫރީ އަސާސީ ބޭނުންތައްވެސް މިތާ ފުއްދޭކަށް ނެތް. ކޭމްޕު ތެރެއިން ނުލިބޭ ތާހިރު ކާބޯތަކެއްޗެއްވެސް. ދުވަހުގެ ކެއުން ބަރޯސާވަނީ ދަޅުކާނާއަށް. ކުރިން، އަހަރެމެން ވިސްނި ހަމަ އެކަނި ކަމަކީ މުސްތަޤުބަލު ބިނާ ކުރަން. އަހަރެމެންގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން. ޔުނިވަރސިޓީއަށް ދާނެ ގޮތާއި، ދުވަސް ހޭދަ ކުރާނެ ގޮތާ މެދު އޭރު ވިސްނަން ޖެހެނީ. ވަރަށް ސާދާ ދިރިއުޅުމެއްގެ ހަނދާންތައް އެއީ. އަހަރެމެން އެންމެ ލޯބިވާ މީހުންނާ އެކީ އުޅުނު އެ އާދައިގެ ދިރިއުޅުންވެސް މިއަދު އަހަރެމެން އަތުން ޖަހައިގެންފި.
އަސީލް އަބޫ ހަދަފް؛ ފަލަސްޠީނުގެ އަންޑަރގްރެޖުއޭޓް މެޑިކަލް ދަރިވަރެއް

ޣައްޒާގެ އުތުރުގެ ސަރަޙައްދުގައި އޮންނަ ޣައްޒާ ސިޓީގައި އަސީލް ކިޔަވަމުން ދިޔަ އަލް-އަޒްހަރު ޔުނިވަރސިޓީގެ ކެމްޕަސްވެސް މިއަދު ނެތެވެ. ނިރުބަވެރި އިޒްރޭލުންގެ ޢުދުވާންތަކުގައި ބިމާހަމަކޮށް، ސުންނާފަތި ކުރީއެވެ.

ގާ ކުނޑިގަނޑަކަށް ވެފަ އޮތަސް، ގެއަށް ދާން ބޭނުމީ. ކުރީގެ ބައެއް ހަނދާންތަކާއި، ފޮތްތަކާއި، އަހަންނަށް މުހިންމު ބައެއް ފިލާވަޅުތަކާއި، އަމިއްލައަށް ހެދި ބައެއް ނޯޓްސްތައް ލިބޭތޯ ބަލާލަން. ގެއަށް އަނބުރާ ގޮސް، ތަންތަން ހާވާލާއިރު ކޮންމެވެސް އެއްޗެއް ފެންނާނެ ކަމަށް އުންމީދު ކުރެވެނީ. ޔުނިވަރސިޓީއަށް އަނބުރާ ގޮސް، އެކުވެރިންނާ ބައްދަލުކޮށްލާ، ކުރީގެ ހަނދާންތައް އާ ކޮށްލަން ބޭނުންވަނީ. މިހާރު އަހަންނަށްވެސް ބުނެވިދާނެ އަހަރެމެންގެ މުސްތަޤުބަލު ވިއްސިވިހާލި ކޮށްފިއޭ، އަހަރެމެންގެ ދިރިއުޅުން ނަގާލައިފިއޭ. އަހަރެމެންގެ ހުވަފެންތަކުގަ ކޮޅުންފައިން ޖަހައިފިއޭ. ހަނގުރާމަ ހުއްޓާލިއަސް، އަހަރެމެންގެ އިހު އޮތް ދިރިއުޅުމަށް އެނބުރި ދާން އަދި ކިތައް އަހަރު ބޭނުންވާނެ؟ އަހަރެމެންގެ ގެދޮރާއި ޔުނިވަރސިޓީ ކޮޅަށް ޖަހަން ކިތައް އަހަރު ނަގާނެ؟ އެކައްޗެއްވެސް މިއަދު ނެތް. ގަހެއް، ގަލެއް، އެކައްޗެއްވެސް ނެތް.
އަސީލް އަބޫ ހަދަފް؛ ފަލަސްޠީނުގެ އަންޑަރގްރެޖުއޭޓް މެޑިކަލް ދަރިވަރެއް

އަސީލްއާ އެއްބަނޑު އެއްބަފާ 4 ކުދިން، ޢާއިލާ ގޮވައިގެން ޚާން ޔޫނިސްގައި ހުރި އެމީހުންގެ ގެއިން ނުކުމެ، ވަގުތީ ހިޔާވަހިކަމަށް ބަދަލުވީ ޣައްޒާގައި ޤަތުލުޢާންމު ފެށުމާ އެކުގައެވެ. ދުވަހުގެ ގިނަ ވަގުތު ފިލާވަޅު ދަސްކޮށް، މުޠާލިއާ ކުރުމުގައި ހޭދަ ކުރި އަސީލްއަށް މިއަދު މަޖުބޫރު ވެފައި އޮތީ ޢާއިލާއަށް ބޭނުންވާ ފެނާއި ކާބޯތަކެތި ހޯދުމަށް އަތްފުނާއަޅާށެވެ.

ހަނގުރާމައިގެ ކުރިން، އަހަރެމެންގެ ގެދޮރު ހުރި އިރު، ހަމަހިމޭންކަން އޮތް އިރު، ދުވަހުގެ ހުރިހާ ވަގުތެއްހެން އަހަރެން ހޭދަ ކުރަނީ ފިލާވަޅު ދަސްކުރުމުގަ. މެޑިސިންގެ ރޮނގުން ކިޔެވުމަކީ ވަރަށް ބުރަ ކަމެއް. އެކަމަކު މިއަދު އަހަރެމެންނަށް އުޅެން މި ޖެހެނީ ޓެންޓެއްގަ. ކޮންމެ ދުވަހަކީވެސް ޙަމަލާތައް އަންނަ ދުވަހެއް. ދޮންނަ މެޝިނެއް ނެތް، ކަރަންޓެއް ނެތް، އިންޓަރނެޓެއް ނެތް، ފިލާވަޅުތަކަށް ބޭނުންވާ ރިސަރޗެއްވެސް ހަދާލެވޭކަށް ނެތް. ކަން ދިމާވެފަ އޮތް ގޮތުން، ދުވަހުގެ ހުރިހާ ވަގުތެއް މިހާރު ދަނީ ޕާން ފިހުމާއި، އެއްޗެހި ދޮވުމާއި، ޓެންޓު ސާފު ކުރުމުގެ މަސައްކަތުގަ. ޞިއްޙީ ޚިދުމަތާ ގުޅުން ހުރި ތަންތަނުގަ ހިލޭސާބަހަށް މަސައްކަތް ކުރެވޭތޯވެސް އަހަރެން ބެލިން. އިތުރު ތަޖުރިބާއެއް ލިބޭނެ ކަމުގެ އުންމީދުގަ. އެކަން އެހެން އޮތަސް، ޔުނިވަރސިޓީގެ ޕްރޮފެސަރުންނަށް އަހަންނަށް ހޯދައިދޭ ތަޖުރިބާތަކުގެ ފައިދާ މާ ބޮޑުވާނެ ކަން އެނގޭ. އެކަމަކު، މިހާރު، އެކަން ވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނީ.
އަސީލް އަބޫ ހަދަފް؛ ފަލަސްޠީނުގެ އަންޑަރގްރެޖުއޭޓް މެޑިކަލް ދަރިވަރެއް

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމަށް 4 މަސް ވާން ގާތްވެފައި ވާ އިރު، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އާބަދީގެ 1 ޕަސެންޓް މީހުން ވަނީ މި ދުނިޔެއާ ވަކިކޮށްފައެވެ. ބާކީ އޮތް އާބާދީ އެކުގައި ހެން ތިބީ ރެފިއުޖީ ޙާލުގައި، ޣައްޒާގެ ދެކުނުގައި ތޮއްޖެހިފައެވެ. ބިނާވެށި ހަފުސްކޮށްފައި އޮތް ޣައްޒާގައި ކާބޯތަކެއްޗާއި ބޯފެން ލިބުން އިންތިހާ ދައްޗެވެ. ބޭސްފަރުވާގެ ކަންފުޅެއްވެސް ނެތޭ ބުނެވިދާނެއެވެ.

އަހަންނާ އެކީ، އެއް ކުލާހެއްގަ ކިޔެވި ކުދިންގެ އެއްވެސް ޚަބަރެއް އަދި ނެތް. ޤަތުލުޢާންމުގެ ކުރީކޮޅު، ހިސާބަކަށް ގުޅުން އޮވޭ. ކިހިނެއްތޯ ބަލާ، ކޮންތާކުތޯ ބަލާ ހަދާލެވޭ. އެކަމަކު، މިހާރު އެއްވެސް ވަރަކަށް ގުޅުމެއް ނެތް. އެމީހުންނާ ބެހޭ އެއްވެސް ޚަބަރެއް ނުލިބޭ. ދިރިހުރިކަމެއް، މަރުވީ ނޫން ކަމެއްވެސް ނޭނގެ. ކިޔަވައިދޭ ޓީޗަރުންގެ ޚަބަރެއްވެސް ނޭނގެ. ޓެންޓުތަކެއްގަ ވިޔަސް، ކުރިން ދިޔަ ގޮތަށް ކިޔަވަން ދެވުން އުންމީދަކީ. އަހަރެމެންގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން، މުދައްރިސުންގެ އެހީ ލިބޭނެ ގޮތްވުން އެދެވެނީ. ޑޮކްޓަރުންނަށް ވެވޭނެ ދުވަހެއް އައުމަށް އެދެވެނީ. އަހަރެމެން އެންމެ ބޭނުންވާ ކަންތައް ވާނެ ގޮތެއް ވުމަށް އެދެވެނީ.
އަސީލް އަބޫ ހަދަފް؛ ފަލަސްޠީނުގެ އަންޑަރގްރެޖުއޭޓް މެޑިކަލް ދަރިވަރެއް

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުގައި ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 25000 އަށް ވުރެ މައްޗަށް އަރާފައެވެ. ޙަޤީޤީ ޢަދަދުތައް އުޅޭނީ އެއަށްވުރެވެސް މާ މަތީގައި ކަމީ، ޤަބޫލު ކުރަން ޖެހޭ ހިތި ޚަބަރެކެވެ.

- ކޮމެންޓް