ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުން، ޣައްޒާގައި ހިންގަމުން ދާ ޤަތުލުޢާންމަށް 4 މަސް ވާން ދާ އިރު، މިއިން ދުވަހަކު ޙަމަލާތައް ހުއްޓާލަފާނެ ކަމުގެ ކޮޅުމަތިވެސް ފެންނާކަށް ނެތެވެ. ބައިނަލްއަޤުވާމީ ޕޯޑިއަމްތަކާއި، މައިދާންތަކާއި، ޝަރުޢީ މޭޒުތައް ކައިރީގައި، ޤަތުލުޢާންމު ހުއްޓުވުމާއި އިޒްރޭލު ޖަވާބުދާރީ ކުރުވަން މަޝްވަރާތަކެއް ކުރުން ފިޔަވާ، ޢަމަލީ ގޮތުން އަދި މިހާތާކަށް ހަރުދަނާ ފިޔަވަޅުތަކެއްވެސް އެޅިފައެއް ނެތެވެ. މި ހުރިހާ ކަމެއްގައި އެންމެ ބޮޑު ވޭނެއް ތަހައްމަލު ކުރަމުން ދަނީ ޣައްޒާގެ ކުޑަ ކުދިންނެވެ.
2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ މުޅި އާބާދީއަކީ މިއަދު ގެދޮރު ގެއްލިފައި ވާ ރެފިއުޖީންނަށް ވެއްޖެއެވެ. ޟަރޫރީ އެތައް ޙައްޤަކުން އެމީހުން ވަނީ މަޙްރޫމުކޮށްފައެވެ. ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތައް ފުދޭނެ ވަރުވެސް ނެތެވެ. އިންތިހާ ވޭނުގައި އޮތް ދަރިފުޅަށް ދޭނެ ބޭސްކޮޅެއް ނެތިގެން އެކަމުގެ ފިކުރުގައި ތިބި މައިންބަފައިންގެ ޢަދަދު އިންތިހާއެވެ. ޣައްޒާގެ ހުރިހާ ރަށްވެހިންހެން މިއަދު ދިރިއުޅެމުން ދަނީ ދެކުނުގެ ސަރަޙައްދުތަކުގައި ކަމަށް ވާ އިރު، މިއަދު އެއީ އެތައް ޢާއިލާއެއްގެ ޙާލަތެވެ.
2007 ވަނަ އަހަރާ ހިސާބުން ފެށިގެން ހެން ޣައްޒާގެ ރަށްވެހިންގެ ދިރިއުޅުމަކީ އިންތިހާ ވޭން ހުރި ކަމެކެވެ. ދާޚިލީ ހަމަނުޖެހުންތަކަކަށް ފަހު ޣައްޒާގެ ކޮންޓްރޯލް، ޙަމާސް ޖަމާޢަތުން ނެގުމާއެކު ހުރިހާ ފަރާތަކުން ޣައްޒާ ބައްދާލިއެވެ. އިޒްރޭލާއި މިޞްރުންވެސް ޣައްޒާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. ފަލަސްޠީނުގެ މައި ސަރުކާރުންވެސް މެއެވެ. މި ހުރިހާ ކަމަކާއެކު ޣައްޒާ ސިފަ ކުރެވިފައި އޮތީ ދުނިޔޭގެ އެންމެ ބޮޑު، އަނގަމަތި ހާ ޖަލުގެ ގޮތުގައެވެ. އެފަދަ ޙާލެއްގައި ވަނިކޮށް، ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލަން ކަމަށް ބުނެ ޣައްޒާގައި ހިންގަން ފެށި ޤަތުލުޢާންމާއެކު ޣައްޒާ ހަފުސްވީއެވެ.
އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތަކުން ޣައްޒާގެ ރަށްވެހިން މިއަދު ވަނީ މަޙްރޫމު ކޮށްފައެވެ. އެންމެ ޟަރޫރީ ބޭސް ފަރުވާގެ ޚިދުމަތްވެސް ލިބުން އިންތިހާއަށް ދަތިވެފައި އޮތް އޮތުމަކީ، ގެދޮރު ގެއްލިފައި ވާ އެތައް ހާސް ޢާއިލާއެއްގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. މުޝީރާ އަބޫ ލިބްދީއަކީވެސް އެފަދަ މާޔޫސްކަމެއްގައި އިން މައެކެވެ. ގަދަ ހުމާއި ބަލިވެ ތިބި އޭނާގެ ދަރިންކޮޅަށް ދޭނެ އާދައިގެ ހުން ބޭހެއް، އެންޓިބައޮޓިކެއް ނެތެވެ. ނުވިތާކަށް ތަދު ކަނޑުވާ ބޭސްކޮޅެއްވެސް ލިބޭކަށް ނެތެވެ.
ޚާން ޔޫނިސްގައި ހިންގާ ޔޫރަޕިއަން ހޮސްޕިޓަލުގެ ޑޮކްޓަރަކު ބުނި ގޮތުގައި އިތުރު ވަމުން ދާ ޕޭޝަންޓުންނަށް ފަރުވާ ދެވޭނެ ތަނަވަސްކަމެއް މިއަދު ހޮސްޕިޓަލުތަކުގައި ނެތެވެ. ވަކިން ޚާއްޞަކޮށް ކުޑަކުދިންނަށް ފަރުވާ ދިނުމުގެ ޤާބިލުކަމެއް މިއަދު ގިނަ ހޮސްޕިޓަލުތަކުގައި ނެތް ކަމީ، އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.
ފަރުވާއެއް ނެތް. ހޮސްޕިޓަލުގަ ޑޮކްޓަރު ބޭސް ސިޓީ ލިޔެދިނަކަސް، ފަރުވާއެއް ދެވޭކަށް ނެތް. އަހަރެމެން ހިނގައްޖައިން ފާމަސީއަށްވެސް. އެތާކުންވެސް އެކަމެއް ނުވި. އދއިން ހިންގާ ސްކޫލު ދޮށަށްވެސް ދެވިއްޖެ. އެތާކުންވެސް ނުވި. އެއްވެސް ގޮތަކަށް ފަރުވާއެއް ލިބޭކަށް ނެތް. މި ކުއްޖާއަށްވެސް ނެބިއުލައިޒަރެއް ބޭނުންވޭ. އެމީހުން އަތަކު އެވެސް ނެތް. މި ފިރިހެން ދަރިފުޅުގެ ފުއްޕާމޭގަ ހުރި އިންފެކްޝަން ފިލުވަން އެންޓިބައޮޓިކްސް ބޭނުންވޭ. އެކައްޗެއްވެސް ނެތް. އެއްވެސް ކަހަލަ ފަރުވާއެއް ލިބޭކަށް ނެތް. މި އަންހެން ދަރިފުޅަށް ދޭނެ ފަރުވާއެއްވެސް އޮތީއެއް ނޫން. މި ދަރިފުޅު ބަލިވެ އުޅޭތާ ހަފުތާއެއް ވީ. ފަރުވާއެއް ނުދެވޭ. ދިޔާ ބޭހެއް އެބަ ދެން. އެކަމަކު، އެޔަކުން އެއްވެސް އަސަރެއް ނުކުރޭ. ހަށިގަނޑާއި ފުރާނަ ވަކިވެދާންދެން ވޭން އަޅާލައަޅާލާ އެ ތިބެނީ އެ ކުދިން. އަހަރެމެންގެ މަރަކީ ދިގުދެމިގެންދާ، ވޭނީ މަރަކަށް ވެއްޖެ. ފަރުވާއެއް ނުލިބިޖެއްޔާ އެކަން އޮންނާނީ އެހެން.މުޝީރާ އަބޫ ލިބްދީ؛ ގެދޮރު ގެއްލިފައި ވާ މައެއް
މި ދުވަސްވަރަކީ ޣައްޒާއަށް ފިނި މޫސުމުގެ ދުވަސްވަރު ކަމުން، ޢާންމު ފިނިހޫނުމިންވެސް ހުންނަނީ ވަރަށް ދަށުގައެވެ. އެއާއެކު ޞިއްޙީ ޙާލަތަށްވެސް ނޭދެވޭ އަސަރުތަކެއް ފޯރައެވެ. އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމާއި، ހަށިގަނޑަށް ބޭނުންވާ ހޫނު ލިބޭނެ ގޮތެއް ނެތި، އެތައް ބައެއްގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. ވެހެންޏާ ވޭހޭހާ ވާރޭއެއްގެ ތެރޭގަ، ބޮޑުވަންޏާ ބޮޑުވާހާ ފެންގަނޑެއްގެ ތެރޭގައި، ވަގުތީ ޓެންޓެއްގައި އެތައް ހާސް ޢާއިލާއަކުން ދިރިއުޅުމުގެ ދުވަސްތައް ގުނަމުން ދާ އިރު، ނިއުމޯނިއާއާއި ބަނޑުގެ އެކި ބަލިތަކަށް އެމީހުން ވަނީ ހުށަހެޅިފައެވެ.
ޙަޤީޤަތަށް ބުނަންޏާ ދިރި ހުރުމަކީ ހަމަ އެކަނި ފެނާއި ކާބޯތަކެތި ލިބިގެން ވާން އޮތް ކަމެއް ނޫން. އަހަރެމެންނަށް ބޭސްފާރުވާ ބޭނުންވޭ. އަހަރެމެންނާއި އަހަރެމެންގެ ދަރިންނަށް ސަލާމަތާއި ރައްކާތެރިކަން ބޭނުންވޭ. ހަށިގަނޑަށް ބޭނުންވާ ހޫނު ހޯދެން ޖެހޭ. މިތަން އެހާ ފިނި. ޓެންޓެއްގެ ތެރޭގަ 10 މީހުން އުޅޭ އިރުވެސް އެހާ ފިނިގަދަ. ހޫނު ލިބޭ މިންވަރު ސުމެކޭވެސް ބުނެވިދާނެ. ހަށިގަނޑު ހޫނުކޮށްލެވޭނެ އެއްވެސް ފަދައެއް ޓެންޓަކު ނެތް. މި ދަރިފުޅު ކެއްސާލައިފީވިއްޔާ، މި އޮތް ދަރިފުޅުވެސް ހަމަ އެގޮތަށް ކެއްސަން ފަށާ. ބަނޑުގެ ބައްޔެއް ޖެހިޖެއްޔާ، އަނެކަކަށް އެބަ އެ ބަލި ފެތުރޭ. އެކަކު އަނެކަކަށް ބަލި ފަތުރާ، ބަލިޖެހިޖެހި މި ތިބެނީ. މީ އަހަރެމެންގެ އަދުގެ ދިރިއުޅުމަކީ.މުޝީރާ އަބޫ ލިބްދީ؛ ގެދޮރު ގެއްލިފައި ވާ މައެއް
ނިރުބަވެރި ޔަހޫދީންގެ ޢުދުވާންތަކުގައި މިހާތަނަށް 25000 އަށް ވުރެ މީހުންގެ ފުރާނަ ދުއްވާލާފައި ވާ އިރު، އޭގެ ތެރޭގައިވެސް ގިނައީ ކުޑަކުދިންނެވެ. ކުޑަކުދިންގެ ޖީލެއް މިއަދު ޣައްޒާގައި އޮތީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ނުކުޅެދޭ ޙާލަތަކަށް ގޮސްފައެވެ. ގުނާ ޢަދަދުވެސް ކުރަން ދަތި މިންވަރެއްގެ ކުދިން މިއަދު ތިބި ޔަތީމު ޙާލުގައެވެ. ބައެއް ކުދިންނަކީ އެ ކުދިން ނިސްބަތްވި ޢާއިލާތަކުން މި ދުނިޔޭގައި ބާކީ ހުރި ހަމަ އެކަނި ފުރާނައެވެ.
ޣައްޒާގައި ހުރި 36 ހޮސްޕިޓަލުގެ ތެރެއިން ގިނަ ހޮސްޕިޓަލުތަކުގައި މިއަދު ޚިދުމަތެއް ނުދެއެވެ. 15 ޕަސެންޓެއްހާ ހޮސްޕިޓަލުގައި ޚިދުމަތް ދެވުނެއް ކަމަކު، އެކަންވެސް ވަނީ ހަމަ ކިރިއާއެވެ. ގިނަ ހޮސްޕިޓަލުތައް ހިންގަމުން ދަނީ ކެޕޭސިޓީއަށް ވުރެ 3 ގުނަ އިތުރު ލޯޑެއްގައެވެ. ތެލާއި ހަކަތައިގެ ދަތިކަމާއި، ޞިއްޙީ ޢާލާތްތަކާއި ވަޞީލަތްތަކުގެ ދަތިކަމުގެ އިތުރަށް، ޞިއްޙީ ޚިދުމަތްތެރިންގެ ޢަދަދުވެސް އެހާމެ މަދެވެ.
ގައިންގަޔަށް ފަސޭހަކަމާއެކު އަރާ ބަލިތައްވެސް ފެތުރެމުން ދަނީ އޭގެ އިންތިހާއަށެވެ. ޢުމުރުން 5 އަހަރުން ދަށުގެ ކުދިންގެ ތެރޭގައި ބޭރަށް ހިންގުން ފެތުރެމުން ދަނީ ކަންބޮޑުވާ ދަރަޖައަކަށެވެ. 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހާ އަޅާ ބަލާއިރު ނޮވެމްބަރ 2023 ގެ ޢަދަދު 20 ގުނަ އިތުރު ކަން، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ފާހަގަ ކޮށްފައެވެ. ކުޑަކުއްޖަކަށް މިއަދު މި ދުނިޔޭގައި އޮތް އެންމެ ނުރައްކާ މަންޒިލަކީ ޣައްޒާ ކަމާ މެދު ދެބަސް ވާނެ ޖާގައެއް ނެތެވެ. ހަމަ ރަނގަޅަށްވެސް އިޒްރޭލުން ހިންގަމުން އެ ދަނީ ނަސްލެއް ދޮވެލުމުގެ ޤަތުލުޢާންމު ނޫން ދެވަނަ ދެ ޖަރީމާއެއް ނޫނެވެ.