އިޒްރޭލުގެ ނިރުބަވެރި ޔަހޫދީން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުޢާންމުގައި ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމަށް ސްކޫލެއްގައި ހިންގާ މައިދާނީ ކުލިނިކެއްގައި، އޮޕަރޭޝަން ޑޮކްޓަރ ބަޝީރު އަލް-ހޫރާނީ މަސައްކަތް ކުރަމުން އެދަނީ ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި އެފަދަ ޑޮކްޓަރަކު މަސައްކަތް ކުރާނެ ފަދަ ޙާލެއްގައެއް ނޫނެވެ.
ޣައްޒާގެ ޞިއްޙީ ނިޒާމު އިނދަޖެހި، ހޮސްޕިޓަލުތަކަށްވެސް ނުކަތާ ވަރަށް ޕޭޝަންޓުން އިތުރުވުމުގެ ސަބަބުން ގިނަ ބަޔަކަށް ޚިދުމަތް ނުދީ އަނބުރާ ފޮނުވާލާއިރު، ޑރ ބަޝީރު މަސައްކަތް ކުރަމުން އެ ދަނީ އެފަދަ ޕޭޝަންޓުންގެ ހަށިގަނޑުގައި އަޅަމުންދާ ވޭނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައި ދެވޭތޯއެވެ. ނަމަވެސް އޭނާގެ އަތުގައިވެސް މާ ގިނަ ވަޞީލަތްތަކެއް ނެތެވެ. ހުރިހާވެސް އެއްޗަކީ ގޯޒް ބެންޑޭޖާއި، ޑިސްއިންފެކްޓް ކުރަން ބޭނުން ކުރާ އަޔޮޑިންއެވެ.
ޒަޚަމްވެފައި ވާ މީހެއްގެ މޭމަތިން ފެށިގެން ބަނޑާ ހިސާބަށް ދެމިގެން ގޮސްފައިވާ ފާރުގަނޑެއް ދައްކަމުން ޑރ ބަޝީރު ބުނީ، އޮޕަރޭޝަންގެ ސަބަބުން އުފެދިފައިވާ ފާރުގަނޑު ސާފު ކުރުމަށް އަޔޮޑިން ނޫން އިތުރު އެއްޗެއް ނެތް ކަމަށެވެ. އަދި އެ މީހަކީ ހޮސްޕިޓަލުގައި ފަރުވާ ދެވެން ޖެހޭނެ މީހެއްކަންވެސް އޭނާ ފާހަގަ ކުރިއެވެ.
ޑރ ބަޝީރު މަސައްކަތް ކުރަމުން ދަނީ ތޮއްޖެހިފައިވާ ޣައްޒާގެ މެދު ތެރޭގައި އޮންނަ ދީރް އަލް-ބަލާހްގައި ހުންނަ އަލް-ސައްޔިދާ ޚަދީޖާ ސްކޫލުގެ މައިދާނީ ހޮސްޕިޓަލުގައެވެ.
އަހަރެމެން މިހާރު މި ތިބި މައިދާނީ ހޮސްޕިޓަލަކީ ކުރިން ސްކޫލެއް. ހޮސްޕިޓަލަކަށް ބޭނުންވާ އެއްވެސް ޢާލާތެއް މިތާކު ނެތް. މި މައިދާނީ ހޮސްޕިޓަލު ހިންގަން ފެށީ، އަލް-އަޤްޞާ މާޓިޔަރޒް ހޮސްޕިޓަލު ފުރިގެން. އެއީ ޣައްޒާގެ މެދުތެރޭ ސަރަޙައްދުގަ ޚިދުމަތް ދެވޭ ޙާލެއްގަ ހުރި ހަމައެކަނި ތަން. އެތާ އެބަ ޚިދުމަތް ދެމުންދޭ ބައި ލައްކައަށްވުރެ ގިނަ ޕޭޝަންޓުންނަށް.ޑރ ބަޝީރު އަލް-ހޫރައިން؛ އޮޕަރޭޝަން ޑޮކްޓަރެއް
އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު މިއިން ދުވަހަކު ހުއްޓާލާނެ ކަމަކަށް ނުބެލެވެއެވެ. ޢުދުވާންތައް ފެށިފަހުން މިއަދާ ޖެހުނުއިރު 20000 ށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، ބައި ލައްކައަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މަރުވި މީހުންގެ 70 ޕަސެންޓް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އެޔެއް މިޔެއް ބެލުމެއް ނެތި ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ބިމާ ހަމަކޮށްފައި ވާ ޢިމާރާތްތަކުގެ ދަށުވެ މަރުވެފައި އެތައް ހާސް ބަޔަކު އަދިވެސް ވާނެ ކަމަށް ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
މިދިޔަ ހަފުތާތަކުގައި މިޞްރު މަގުން ޣައްޒާއަށް ކޮންމެވެސް ވަރަކަށް އެހީގެ ސަޕްލައި އެތެރެ ކުރެވިފައި ވީ ނަމަވެސް، ބޯޑަރު ސަރަޙައްދުން ބޭރަށް އެ ސާމާނު ގެންދިއުމުގައި ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ޣައްޒާގެ އެހެން ސަރަޙައްދުތަކުގައި ހިންގާ ހޮސްޕިޓަލުތަކަށްވެސް އޮތީ އިންތިހާ ތަކުލީފު ޖެހިފައެވެ.
ބައިނަލްއަޤުވާމީ މެޑިކަލް އެޖެންސީ، މެޑިސިންސް ސަންސް ފްރޮންޓިއަރސް އިން ހުކުރު ދުވަހު ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ބުނެފައި ވަނީ، ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައި ހިންގާ ނާޞިރު ހޮސްޕިޓަލުގައި "ކޮންމެ ގޮތެއް ވިއަސް މަރުވާނެ ކުދިންތަކަކަށް ފަރުވާއެއް ދެވޭތޯ ބެލުމަށް، މަރުވެފައިވާ ކުދިންގެ ހަށިގަނޑުތައް މަތިން ހިނގަން ޑޮކްޓަރުންނަށް މަޖުބޫރު" ވެފައި ވާ ކަމަށެވެ.
މައިދާނީ ހޮސްޕިޓަލުގައި ޑރ ބަޝީރު އަވަދިނެތި އުޅެމުން އެ ދަނީ މައިސަރާ އަބޫ ތިލާޚްގެ ބޯ، ބެންޑޭޖު ކޮށްދެވޭތޯއެވެ. މައިސަރާއަކީ އިޒްރޭލުގެ ޢުދުވާންތަކުގައި ޒަޚަމްވި ކުއްޖެކެވެ. އަލް-އަޤްޞާ ހޮސްޕިޓަލުގައި ކޮންމެވެސް ވަރަކަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލުމަށް ހޮސްޕިޓަލަށް މަޖުބޫރުވީއެވެ. މައިސަރާއަށްވުރެ ބޮޑަށް ޞިއްޙީ ފަރުވާ ބޭނުންވާ އެހެން ޕޭޝަންޓުން އިތުރު ވަމުން ދިއުމުގެ ސަބަބުންނެވެ.
ގޯޒްއާއި ޑިސްއިންފެކްޓަންޓް ނޫން އެހެން އެއްވެސް އެއްޗެއް އަހަރެމެން އަތަކު ނެތް. ހުރިހާ އެންމެންނަށް، މުޅި ދުނިޔެއަށް އަހަރެމެން މި ގޮވާލަނީ، އަހަރެމެންނަށް ބޭނުންވާ ޞިއްޙީ ޢާލަތްތައް ފޯރުކޮށްދޭށޭ. ބޭސް ފޯރުކޮށްދޭށޭ. ޣައްޒާ ބައްދާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސްދޭށޭ. މި ޙާލުގަ ތިބި އެތައް ޕޭޝަންޓުންނެއް އެބަ ތިބި. ފަރުވާދޭން ދަތި ކުޑަކުދިންވެސް އެބަތިބި. އެކުދިންގެ ބޭސްގަނޑު މި ބަދަލު ކުރަނީ ދުވާލަކު އެއް ފަހަރު. އަނެއް ދުވަހު އަންނައިރު މި ހުންނަނީ އިންފެކްޓްވެފަ. ސްޓެރަލައިޒް ކުރެވޭނެ ފަދައެއް ނެތް. އެކަމަށް ޚާއްޞަ ތަންތަނެއް ނެތް. އެންމެ ކުޑަ މިނުން، ކުނި އަޅާލާނެ ކޮތަޅުގަނޑެއްވެސް ނެތް.ޑރ ބަޝީރު އަލް-ހޫރައިން؛ އޮޕަރޭޝަން ޑޮކްޓަރެއް
މައިސަރާގެ ޢާއިލާ ދިރިއުޅެމުން ދިޔަ ގެވެސް މިއަދު ފެންނާކަށް ނެތެވެ. އެ ޢާއިލާއިން ވަގުތީ ހިޔާވަހިކަން ހޯދަމުން ދަނީވެސް ޑރ ބަޝީރު މަސައްކަތް ކުރާ މައިދާނީ ހޮސްޕިޓަލުގައެވެ. އެއީ ބޯ ހިޔާ ކޮށްލެވޭނެ އެހެން ތަންކޮޅެއް ފެންނަންދެނެވެ.
2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޣައްޒާގައި މިއަދު 90 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލިފައިވާ މީހުންނެވެ. އިންސާނަކަށް ވީތީ ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކުން މަޚްރޫމު ކުރެވިފައިވަނީ ޣައްޒާގެ މުޅި އާބާދީއެވެ.