ކ. މާލެ
|
14 އޮކްޓޯބަރ 2023 | ހޮނިހިރު 08:54
އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައި
އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައި
ރޮއިޓާސް
އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް
"ޢިމާރާތްތައް ބިމާ ހަމަކުރަމުން އެދަނީ މީހުންވެސް އެތެރޭގައި ތިއްބާ... 24 ގަޑިއިރުގެ ޑިއުޓީއަކަށް ނުކުތް ފަހުން ހަފުތާއެއް"
މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޣައްޒާއިން އެކަނިވެސް 1500 އަށް ވުރެ ގިނަ މީހުން ވަނީ އިޒްރޭލުގެ ޢުދުވާންތަކުގައި މި ދުނިޔެ ދޫކޮށްފައި

ފާއިތުވި ހަފުތާއެއްހާ ދުވަހަކީ، ޢުމުރުން 39 އަހަރުގެ އިބްރަހީމް ޙަމްދާންގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ހިނގައިދާނެ ފަދަ ދުވަސްތަކެއް ނޫނެވެ. ޔަހޫދީ އިޒްރޭލުގެ ރަޙުމެއްނެތް ޢުދުވާނީ ޙަމަލާތަކުގައި ބިމާ ހަމަވަމުންދާ ޣައްޒާގެ އެކި ހިސާބުތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ޙަމްދާން އަވަދި ނެތި އުޅެމުން ދަނީ، އަމިއްލަ ނަފުސަށް އެންމެ ހުސް ވަޤުތު ކޮޅެއްވެސް ނުދީއޭ ދެންނެވިދާނެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފަށައިގެން ޙަމްދާން ހަރަކާތްތެރިވަމުން އެ ދަނީ ޑިއުޓީގައެވެ. އޭނާއަށް ވީ ގޮތަކުން، އިޒްރޭލުގެ ޙަމަލާތަކަށް ރެކެމުންނެވެ. ބިމާ ހަމަވެފައި ވާ ޢިމާރާތްތަކުގެ ބައިތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރެވޭތޯ ޙަމްދާންގެ ޓީމުން މަސައްކަތް ކުރަމުން ދާއިރު، ޕެރަމެޑިކްސް ޓީމުތަކުގެ މެންބަރުންވެސް ދަނީ ޙަމަލާގެ ޝިކާރައަކަށްވެ، މި ދުނިޔެއަށް ފަހު ނޭވާ ދޫކުރަމުންނެވެ.

އަހަރަމެން ކަހަލަ، ސިވިލް ޑިފެންސް ދާއިރާގަ މަސައްކަތް ކުރާ މީހުންނަކީ އާންމު ގޮތެއްގަވެސް މުޅި ދުވަހު ނޫނީ ވިދިވިދިގެން ދެ ދުވަހު މަސައްކަތް ކުރާ ބައެއް. އެކަމަކު، މި ކަހަލަ ވަޤުތެއްގަ، އަހަރަމެން މަސައްކަތް ހުއްޓައެއް ނުލަ. އަހަރެން ގެއިން ނުކުތީ ހޮނިހިރު ދުވަހުގެ ހެނދުނު. ޑިއުޓީ އޮތީ 24 ގަޑިއިރަށް. އޭރު މިތަނަށް އައި ގޮތަށް މި އުޅެނީ. އަހަރެންގެ ޢާއިލާ އޮތް ޙާލެއް ނޭނގެ. ދޭތެރެއަކުން ގުޅާލަން ފޯނުން. އެހެން ނޫނީ މުޅިންވެސް މިތާ މި އުޅެނީ.
އިބްރާހީމް ޙަމްދާން؛ ޣައްޒާ ރެސްކިއު މިޝަންގެ މެންބަރެއް

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ އިޢުލާންކޮށް، ތަނެއް ދޮރެއް ބެލުމެއް ނެތި ބޮން އަޅަން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެއީ، ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ހަމާސް ޖަމާޢަތުން އިޒްރޭލަށް ދިން ޙަމަލާތަކެއްގެ ރައްދުގައި ކަމަށް ބުނެއެވެ.

އަހަރަމެންގެ މަރުކަޒު، ސްކޫލަކަށް ބަދަލުކޮށްގެން މި އުޅެނީ. އެއީ 2008 ވަނަ އަހަރުގެ ހަނގުރާމައިގެ ތެރޭގަ އަހަރަމެންގެ ސައިޓްތަކާއި، އުޅަނދުފަހަރާއި ޓީމު މެންބަރުންނަށްވެސް ޙަމަލާ ދީފަ އޮތީމަ. ހަނގުރާމައާއި ކުރިމަތިލުންތައް ގަދަވެގެންދާ ކޮންމެ ފަހަރަކު އަހަރަމެން ބަދަލުވަނީ ސްކޫލަކަށް. ސިވިލް ޑިފެންސް ޓީމުންވެސް ސްކޫލުތަކަށް ބަދަލުވެދާނެ... އެހެންނުވާނީ، ހަމަ ކޮންމެ ފަދަ ދަނޑިވަޅެއްގަވެސް ޙަމަލާއެއް އަމާޒުވެދާނެ ޓީމަށް، ނޫނީ އުޅަނދަށް. ޙަމަލާގެ ޢަމާޒުފަތްގަނޑަކަށް ވެދާނެ ހަމަ.
އިބްރާހީމް ޙަމްދާން؛ ޣައްޒާ ރެސްކިއު މިޝަންގެ މެންބަރެއް

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާއަށް އިޒްރޭލުން ދެމުންދާ ޙަމަލާތައް މިއިން އިރަކު ހުއްޓިދާނެ ކަމަކަށް ނުބެލެވެއެވެ. ދެ ޙަމަލާއެއްގެ ދެމެދުން ދެތިން މިނެޓެއް ހާ އިރަށް އަޑުފަށްގަނޑު މަޑުވި ނަމަވެސް، އަނެއްކާވެސް މުޅި ސިޓީ ގުގުމާލަނީ ވަރުގަދަ ޙަމަލާއަކުންނެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ އިދާރާތަކުން ޚަބަރު ދޭ ގޮތުގައި، މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޣައްޒާއިން އެކަނިވެސް 1500 އަށް ވުރެ ގިނަ މީހުން ވަނީ އިޒްރޭލުގެ ޢުދުވާންތަކުގައި މި ދުނިޔެ ދޫކޮށްފައެވެ. އޭގެ ތެރޭގައި އެތައް ސަތޭކަ ކުޑަ ކުދިންނެއްވެސް ހިމެނެއެވެ.

ޙަމްދާންގެ ވާތާއި، ހަމަ އެ އަތުގެ ކުޑަހުޅުގައި މިހާރުވެސް އޮތީ ބެންޑޭޖު އޮޅާފައެވެ. އެއީ މިދިޔަ ބުދަ ދުވަހު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުމުގެ ތެރޭގައެވެ. ވެއްޓެމުން ދިޔަ ޢިމާރާތެއްގެ ބައިތަކެއްގެ ދަށުވެގެންނެވެ. އޭރު ޙަމްދާން މަސައްކަތް ކުރަމުން ދިޔައީ މަރުވެފައި އޮތް 2 އަންހެން ކުއްޖެއްގެ ހަށިގަނޑު، ޢިމާރާތުގެ ބައިތަކުގެ ދަށުން ނެގޭތޯއެވެ. ޣައްޒާގެ ދެކުނުގެ ސަރަޙައްދުގައި، ޙަމްދާންގެ ޓީމުން މަސައްކަތް ކުރަމުން ދަނީ ސަރުކާރަށް ޚިދުމަތް ކުރާ އިތުރު 12 މެންބަރަކާއެވެސް އެކުގައެވެ.

އަސްލު ތެދަށް ބުނަންޏާ، އަހަންނަށް ދަރިންކޮޅު ފެނޭ. ވީޑިއޯ ކޯލުން. އެ ކުދިން ބުނޭ ބައްޕަ މިސް ވާ ވާހަކަ. ބައްޕަ ގޭގަ ހުންނަން އެދޭ ވާހަކަ. އެކަމަކު، އަހަރެން އެބަ ވިސްނައިދެން އެބަ ދަރިންނަށް. ބައްޕަވެސް ދަރިން މިސްވާ ކަމާއި، ބައްޕަ މަސައްކަތުގަ ކަން. އަހަރެންގެ އަނބިމީހާއާއި މަންމަ މަތިންވެސް ވަރަށް ހަނދާންވޭ. އަހަރެންގެ ޢާއިލާ މިސްވޭ. މި ކަހަލަ އިޙްސާސްތަކެއް މި ކުރެވެނީ، މި ގޮތަށް އުޅޭތާ 5 ވަރަކަށް ދުވަސް ފަހުން. އަހަރަމެންނަކީވެސް އިންސާނުން ވިއްޔާ. ޢާއިލާތައް މިސްވޭ. ދަރިން މިސްވޭ... ބޮން އެޅިއަސް، ތަންތަން ސުންނާފަތި ކުރިއަސް، އިޒްރޭލުން ކިތަންމެ ވަރެއް ކުރިއަސް، މަދަނީ ދިފާޢަށް ޚިދުމަތް ކުރަން އަހަރަމެން މިތިބީ ވަރުގަދަ ޢަޒުމެއްގަ. މެޑިކަލް ޓީމުތަކާ އެކީ، ހުރިހާ ހިސާބެއްގަ އަހަރަމެން މަސައްކަތް ކުރާނަން. އަހަރަމެންގެ މީހުންނަށް ޚިދުމަތް ކުރުން މަތީ ދެމި ތިބޭނަން.
އިބްރާހީމް ޙަމްދާން؛ ޣައްޒާ ރެސްކިއު މިޝަންގެ މެންބަރެއް

މީހުން ސަލާމަތް ކޮށްދޭ މީހެއްގެ ގޮތުގައި 2007 ވަނަ އަހަރުން ފަށައިގެން ޣައްޒާގެ ސަރުކާރަށް ޚިދުމަތް ކުރަމުން ދާ ޙަމްދާން ވަނީ މިހާތަނަށް އެތައް ހަނގުރާމައެއް، އިންތިހާ ގާތުން ތަޖުރިބާ ކޮށްފައެވެ. ނަމަވެސް، މިހާރު ދެމުންދާ ޙަމަލާތަކަކީ އޭނާއަށްވެސް އަދި ތަޖުރިބާ ކުރެވިފައި ނުވާ ވަރުގެ ކަމެކެވެ.

މީގެ ކުރިން 2014، 2021 ގަ، އަދި ދެންވެސް ކުރި ހަނގުރާމަތަކާއި މި ހަނގުރާމަ އަޅައެއް ނުކިޔޭނެ. މި ހަނގުރާމައިގެ ނުރައްކާތެރިކަން، ޚިޔާލަށް ގެނެވޭ ވަރަށް ވުރެވެސް ބޮޑު. އިންސާނުން ދިރިއުޅެމުންދާ ޢިމާރާތްތައް އެހެރަ ބިމާ ހަމަކޮށްލަނީ، އިންޒާރެއްވެސް ނުދީ. ބޮޑެތި އުސް ޢިމާރާތްތައް ފުނޑުފުނޑުކޮށް ބިމަށް ކަނޑާ ވައްޓާ އެ ލަނީ، އެ ޢިމާރާތްތަކުގަ ހިޔާވަހިކަން ހޯދަމުންދާ އިންސާނުންނާވެސް އެކީ. މީ އަހަރަމެންނަށް ވަރަށް ދަތި ވަޤުތެއް. އަހަރަމެން އަތަކު އެކަށީގެންވާ ޢާލާތްތަކެއް ނެތް. މީހުން ސަލާމަތް ކުރެވޭތޯ ބަލަމުން މި ދަނީ އަމިއްލަ ދެއަތުން ކޮނެގެން. މީ ވަރަށް އުނދަގޫ ކަމެއް.
އިބްރާހީމް ޙަމްދާން؛ ޣައްޒާ ރެސްކިއު މިޝަންގެ މެންބަރެއް

އިޒްރޭލުން ބިމާ ހަމަކުރަމުން ދާ ޢިމާރާތްތަކުގެ ބައިތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް ޙަމްދާންގެ ޓީމުން ގަދަ އަޅާ މަސައްކަތް ކުރަން މަޖުބޫރުވެފައި ވަނީ ހަށިގަނޑުގައި ހުރީވިއްޔާ ހުރި، ހުރިހާ ބާރެއް ލައިގެންނެވެ. ދުނިޔޭގެ އެހެން ހިސާބުތަކުން ފެންނަ ރެސްކިއު މިޝަންތަކައި ޚިލާފަށް، ޣައްޒާގައި ސުންނާފަތި ވެފައިވާ ޢިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށްޓަކައި، އެ ބަރު ގައު ކުނޑިތައް ނަގާ ދުރު ކުރާކަށް ބަރު އުޅަނދުތަކެއް ނެތެވެ. ޒަމާނީ ޢާލާތްތަކެއް ނެތެވެ. ބުލްޑޯޒަރުތަކެއްވެސް ނެތެވެ. ބަރު ހިލަފަދަ ކޮންކުރީޓުޝީޓުގެ ބައިތައް އުފުލަމުން ދަނީ އުދައްޔާއި އެނޫންވެސް އެފަދަ، އަތުން ހިފާ ގެންގުޅޭ ޢާލާތްތައް ބޭނުން ކޮށްގެންނެވެ.

ރެސްކިއު މިޝަންގެ ވާހަކަ ދައްކަންޏާ، ކިހިނެއް ކިޔައިދޭނީވެސް... ފަސް ހަ ބުރީގެ ޢިމާރާތްތައް މި ހުންނަނީ ބިމާ ހަމަވެފަ... މީހުންނާވެސް އެކީ. އަހަރަމެންނަކީ ސިވިލް ޑިފެންސް ޓީމަކަށް ވާ އިރު، އަހަރަމެން އަތަކު ނެތް އެކަމަށް އެކަށީގެންވާ ޢާލާތްތަކެއް. އަހަރަމެން އަތުގަ އޮތީ އަލިފާން ނިއްވާ ލޮރީއެއް. އަހަރަމެންނަށް އެބަ ބޭނުންވޭ ޓްރަކާއި، ބުލްޑޯޒަރުތަކާއި، އިތުރު ޓީމު މެންބަރުންވެސް. މިތާ މި އުޅނީ އަހަރަމެން 12، ނޫނީ 13 ވަރަކަށް މީހުން. ފަލަސްޠީނާއި އަހަރަމެންގެ މީހުންނަށް އަމާޒުކޮށް އިޒްރޭލުން މިހާރު އެ ދެމުންދާ ވަރުގަދަ ޢުދުވާނީ ޙަމަލާތަކާ އަޅާ ބަލާއިރު އެއީ އެއްވެސް އެއްޗެއް ނޫން. މި ވަރަކުން ނުފުދޭ.
އިބްރާހީމް ޙަމްދާން؛ ޣައްޒާ ރެސްކިއު މިޝަންގެ މެންބަރެއް

ޣައްޒާގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވާ މީހުންނަށްވެސް ސަލާމަތެއް ނެތެވެ. މިދިޔަ ބުދަ ދުވަހުވެސް، ފަލަސްޠީނު ރެޑް ކްރެސެންޓްގައި މަސައްކަތް ކުރާ އެމަރޖެންސީ މެޑިކަލް ވޯކަރުންގެ 4 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ތަފާތު 2 ހިސާބެއްގައި އެ 4 މީހުން މަރުވީ، އެމީހުން ދަތުރު ކުރަމުން ދިޔަ އެމްބިއުލާންސްތަކަށް އިޒްރޭލުގެ ޙަމަލާތައް އަމާޒު ވެގެންނެވެ. އެމީހުންނާއެކު އެމްބިއުލާންސްތަކުގައި ދަތުރުކުރި އިތުރު މަސައްކަތްތެރިން، ތިބި ޙާލަތު ފެންނަ ވީޑިއޯއެއް، ޕަލަސްޓައިން ރެޑް ކްރެސެންޓުން ވަނީ ޢާންމު ކޮށްފައެވެ.

ޙަމްދާންއާއި އޭނާގެ ޓީމުގެ މެންބަރުން ދަތުރު ކުރަމުން ދިޔަ އެމްބިއުލާންސްއަށް ޙަމަލާ އަމާޒުވިއެވެ. އެ އެމްބިއުލާންސްގެ ބިއްލޫރިގަނޑަށް އަމާޒުވި ހަމަލާގައި ވިއްސައިގެން ދިޔަ ބިއްލޫރިތައް ހެރިގެން، ޙަމްދާންގެ ޓީމުގެ 2 މެންބަރަކު ވަނީ ޒަޚަމްވެފައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު، އަޝްރަފު އަލް-ޤިދްރާ ފާހަގަ ކުރި ގޮތުގައި އިޒްރޭލުގެ ޢުދުވާންތަކުގައި، ޞިއްޚީ ޚިދުމަތްތެރިންގެ 10 މުވައްޒަފެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި ޞިއްޚީ ޚިދުމަތް ދިނުމަށް ބޭނުން ކުރާ 14 ފެސިލިޓީއެއްވެސް ވަނީ ހަލާކު ކޮށްލާފައެވެ. އޭގެ ތެރޭގައި، ޣައްޒާގެ އުތުރުގައި އޮންނަ ބައިތު ހަނޫންގައި ހުންނަ ހަމަ އެކަނި ހޮސްޕިޓަލުވެސް ހިމެނެއެވެ.

ޙަމްދާން މަސައްކަތް ކުރަނީ ޣައްޒާގެ ސަރުކާރުން އޮޕަރޭޓް ކުރާ ސިވިލް އެމަރޖެންސީ ޑިޕަރޓްމަންޓްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގައެވެ. ހަމާސް ޖަމާޢަތުން ޣައްޒާގެ ކޮންޓްރޯލް ނަގާފައި ވަނީ، 2007 ވަނަ އަހަރު ފަލަސްޠީނުގައި ހިންގި ދާޚިލީ ހަމަނުޖެހުންގަނޑުގެ ތެރެއިންނެވެ.

- ކޮމެންޓް