ކ. މާލެ
|
9 މެއި 2021 | އާދީއްތަ 08:01
ފުލުހުންގެ އޮޕަރޭޝަން
ފުލުހުންގެ އޮޕަރޭޝަން
ރާއްޖެއެމްވީ
ކުށަށް އަރައިގަތުން
ރައީސް ނަޝީދަށް ދެވުނު ހަމަލާ ކުށްވެރިކުރާ ގާނޫންތައް
 
މި ކުށްކުށަކީ ގާނޫނު ދަންނަ ބޮޑެތި ކުށްތައް
 
އެއްކުށަށް ވުރެ ގިނަ ކުށުގެ ރުކުން ހަމަވޭ
 
ތުހުމަތުކުރެވޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ ގާނޫނުގެ ރޫހު

6 މެއި 2021 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާ ރާއްޖޭގެ 4 ގާނޫނަކުން ކުށްވެރިކުރެއެވެ. އެ ހަމަލާގެ ބާވަތާއި އޭގެ ނުރައްކަލާއި ގާނޫންތައް ފަރުމާކުރެވިފައިވާ ގޮތާއި އޭގެ ރޫހަށް ބަލާއިރު މި ހަމަލާ ރާވައި ހިންގި މީހުންނާ ދެކޮޅަށް އެއްފަހަރާ އެއް ގާނޫނަށްވުރެ ގިނަ ގާނޫނު ބޭނުން ކުރެވިދާނެއެވެ. އެއްފަހަރާ އެތައް ދައުވާއެއް ކުރެވިދާނެއެވެ.

1. ގާނޫނުލް އުގޫބާތު 9/2009

މިއީ 1205 މާއްދާގެ މައްޗަށް އެކުލެވޭ ރާއްޖޭގެ އެންމެ ބޮޑު ގާނޫނެވެ. މިގާނޫނުގެ 120 ވަނަ މާއްދާގެ (ހ) ގައި މީހެއްގެ ރުހުމަކާއި ނުލައި އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ. (ހ) އޭނާގެ ގައިގައި އަތްލުން ނުވަތަ އޭނާއަށް އަނިޔާއެއްކުރުމެވެ.

މިކުށުގެ ދަރަޖަ އުފުލިގެންވާ ހާލަތްތަކަކީ، (ހ) ބޮޑު އަނިޔާއެއް މީހެއްގެ ހަށިގަނޑަށް ދިނުން (ށ) އެކުށް ކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން (ނ) އެ އަމަލުން އަނިޔާ ލިބުނު ފަރާތަކީ ފުލުހެއް ނުވަތަ ސިފައިންގެ މީހެއްކަމުގައިވުމެވެ. މިހަމަލާގައި ރައީސް ނަޝީދުގެ އިތުރުން ސިފައިންނަށްވެސް އަނިޔާވެފައިވާކަން އެނގެން އެބައޮތެވެ.

މި ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގައި ނުރައްކާތެރި ހަތިޔާރު މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އެއީ އެއިން ހިފިދާނެ ހުއްދަ އެހެން ބޭނުމެއް އޮތްކަން ސާބިތުކޮށްދެވެން ނެތް ހާލަތްތަކުގައި ބޭނުންކުރާ، މީހަކު މަރާލެވިދާނެފަދަ ގާބިލުކަން ހުރި ހަތިޔާރެވެ. އަދި އެއިން މީހަކަށް ބޮޑެތި އަނިޔާ ލިބިދާނެފަދަ ގޮތަކަށް ބޭނުންކުރެވޭ އެއްޗެހިކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ނުރައްކާތެރި ހަތިޔާރުގެ މާނައިގައި ލޭޒަރގަންއާއި ސްޓަންގަންއާއި މީހެއްގެ ހަށިގަނޑަށް ޝޮކެއް ފޮނުވައިގެންވެސް ވިޔަސް ވަގުތީ ގޮތުން ނުކުޅެދޭ ހާލަތަށް ގެނުވާ އެއްޗެއްސާއި، ވަކި ވަގުތެއް ޖެހުމުން ގޮވާގޮތަށް ހަދާފައި ހުންނަ އެއްޗެއްސާއި، ގޮވާނެ ވަކި ވަގުތެއް ރޭވިފައި ހުންނަ އެއްޗެއްސާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބައޮލޮޖިކަލް އަދި ކެމިކަލް މާއްދާތަކާއި، ނުރައްކާތެރި އެސިޑާއި، ރޭޑިއޯ އެކްޓިވް މާއްދާތައް ހިމެނެއެވެ.

މި ގާނޫނުގެ 710 ވަނަ މާއްދާގެ (ހ) ގައި، ކުށެއްކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން ނުވަތަ އެފަދަ ހަތިޔާރެއް އަތުގައި އޮތްކަން ދެއްކުން މާނަކޮށްފައިވެއެވެ. ނުރައްކާތެރި ހަތިޔާރު މާނަކޮށްފައިވަނީ މަތީގައި މާނަކޮށްފައިވާ މާނައިގައެވެ. މިގާނޫނުގެ 711 ވަނަ މާއްދާގައި، ލައިސަންސްނެތި ނުވަތަ ސަރުކާރުގެ ހުއްދަނެތި، އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ. (ހ). ފަނާކުރަނިވި މާއްދާއެއް ހިމެނޭ އެއްޗެއް އުފެއްދުމާއި، ގެންގުޅުމާއި، އެހެން މީހަކަށް ދިނުމާއި، އެހެން ތަނަކަށް ގެންދިޔުމާއި، އެއިން ވިޔަފާރިކުރުން ކުށެއްކަމަށް ކަނޑައަޅާފައިއެވެ.

މިގާނޫނުގެ 80 ވަނަ މާއްދާގެ ދަށުން، ކުށެއްކުރަން އުޅުމާއި، 81 ވަނަ މާއްދާގެ ދަށުން ކުށެއްކުރުމަށް އެދުމާއި، 82 ވަނަ މާއްދާގެ ދަށުން ކުށެއްކުރުމަށް ރޭވުމަކީވެސް މިގާނޫނުގެ ތެރެއަށް ވަންނަ ކުށްތަކެކެވެ. ކަން ހިންގާފައިވާ ގޮތަށް ބަލާއިރު، ކުށްކުރަން އުޅުނު މީހާ ނުވަތަ ފަރާތްތަކުން ކުށް ފުރިހަމަކޮށްފައިވާކަމަށް ފެންނަން އެބަ އޮތެވެ. އެހެންކަމުން މިގާނޫނުގެ 86 ވަނަ މާއްދާގެ ކުށުގެ ދަރަޖަވެސް އުފުއްލިގެންވެއެވެ. މީގެ އިތުރުން މިގާނޫނުގެ 86 ވަނަ މާއްދާގެ ދަށުން ކުށްކުރުމުގެ އާލާތްތައް އަތުގައި ހުރުމަކީވެސް ކުށެކެވެ.

2. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު 32/2015

މިގާނޫނުގައި ޓެރަރިޒަމް ޓެރަރިޒަމަކަށް ވުމުގައި ހަމަވާންޖެހޭ ކުރުންތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން އެގާނޫނުގެ 4 ވަނަ މާއްދާގައި ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށާއި، އާންމުނަށް ބިރުދެއްކުން ނުވަތަ ބިރުވެރިކަމެއް އުފެއްދުމާއި، ގާނޫނާއި ޚިލާފަށް ދީނީ އަދި ސިޔާސީ ފިކުރެއް ފެތުރުމަށް މި ގާނޫނުގެ 5 ވަނަ މާއްދާގައި 8 ކަމެއް ހިމަނާފައިވެއެވެ. އެކަންތައްތަކުގެ ތެރޭގައި އަނިޔާވެރިވުމުގެ ގޮތުން މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ ހިއްސަކަށް ގެއްލުން ދިނުމާއި،

ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުމާއި، އާންމު ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވުން ހިމެނެއެވެ. މިކަންކަންކަމަށް ބަލާއިރު، ރައީސް ނަޝީދަކީ ކުރީގެ ރައީސްކަން ކޮށްފައިވާ އަދި މިހާރު މަޖުލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ ދައުލަތުގެ އެންމެ އިސް އެއްބޭފުޅާއެވެ. އަދި އެތައް ބަޔަކު އެމީހަކަށް ބަލަމުން އަންނަ ސިޔާސީ ބޮޑު ޕާރޓީއެއްގެ ހިންގުމުގެ އެއް ލީޑަރެވެ.

މިކަންކަމަށް ބަލާއިރު، މިގާނޫގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތައް މިހާދިސާގައި ހާސިރުވެފައިވާކަމަށް ދެކެމެވެ. އަދި އެކަން ހާސިރުކުރުމަށް 5 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތަށް ރުޖޫއަވެފައިވާކަމަށްވެސް ގަބޫލުކުރަމެވެ.

3. ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫން 4/1975

މި ގާނޫނަކީ ދިވެހިރާއްޖެއަށް ގެނައުން މުޅީން މަނާތަކެއްޗާއި، އެއިން އެއްޗެއް ރާއްޖޭގައި އުފެއްދުން މަނާކުރުމާއި، ގެންގުޅުން މަނާކުރުމާއި، ޚާއްސަ ހުއްދައިގެ ދަށުން ގެވެނޭ ތަކެތި ކަނޑައެޅުމުގެ ގާނޫނެވެ.

މި ގާނޫގެ 2 ވަނަ މާއްދާގައި ހަނގުރާމައިގެ ހަތިޔާރާއި، ބަޑިބޭހާއި، ގޮވާތަކެތި ދައުލަތުގެ ބޭނުމަށް މެނުވީ ދިވެހިރާއްޖެ ގެނައުމާއި އުފެއްދުމާއި، ބޭނުންކުރުމާއި، ގެންގުޅުމާއި، ވިޔަފާރިކުރުމަކީ މުޅިން މަނާކޮށްފައިވާ ކަމެކެވެ.

ހިނގައިގެން އުޅޭ ހާދިސާއަށް ބަލާއިރު، އަނިޔާވެރި އަމަލުގައި ބޭނުންކޮށްފައިވާ އެއްޗަކީ ރާއްޖެ އެތެރެކޮށްފައިވާ އެއްޗަކަށް ވިޔަސް، ރާއްޖޭގައި ތައްޔާރުކޮށްފައިވާ އެއްޗަކަށް ވިޔަސް، މީހަކު ވިއްކާފައިވާ އެއްޗަކަށް ވިޔަސް އެކަން ކުރިބަޔަކު އެކުރީ ގާނޫނީ ބޮޑު ކުށެކެވެ. މި އަމަލުގެ ސަބަބުން އެތައް ބަޔަކަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ލިބިފައިވާކަން އެނގެން އެބައޮތެވެ.

4. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫން 17/2010

މި ގާނޫނަކީ މީސްތަކުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭ ގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ނުރައްކާތެރި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީސްތަކުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމާއި، މިފަދަ ކަންކަން ކުރުން މަނާކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ 3 ވަނަ މާއްދާގައި މަގުބޫލު ސަބަބެއްނެތި އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް އާންމު ތަނެއްގައި ގެންގުޅުމަކީ ނުވަތަ ބެހެއްޓުމަކީ މަނާކަމެކެވެ. މި ގާނޫނުގައިވެސް ނުރައްކާތެރި ހަތިޔާރު މާނަކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މާނަކުރުމުގެ ތެރޭގައެވެ.

ގިނަ ކުށަށް ދައުވާ އުފުލުމުގެ ގާނޫނީ ހައިސިއްޔަތު

ރައީސް ނަޝީދާއި ސިފައިންނާއި އާންމުގެ ބަޔަކަށް އަނިޔާވެ އަދި އެތަނުގައި ހުރި ބައެއް މުދަލަށް ގެއްލުންވެފައިވާ މި ހާދިސާގައި އެ އަމަލުކުރި ބަޔަކު އަމަލުކޮށްފައިވާ ގޮތަކީ މަތީގައި ބަޔާންކޮށްފައިވާ ގާނޫނުތަކުގެ އެންމެހައި ރުކުންތައް ފުރިހަމައަށް ހަމަވާ އަމަލުތަކެވެ.

މި އަމަލު ހިންގާފައިވާ މީހުންގެ މައްޗަށް އެއް ކުށަށްވުރެ ގިނަ ކުށްތަކުގެ ދައުވާ އުފުލުމުގެ ގާނޫނީ ހައިސިއްޔަތު ދައުލަތަށް ލިބިގެންވާ ކަމަށް ދެކެމެވެ.

އެގޮތުން ގާނޫނުލްއުގޫބާތުގެ 94 ވަނަ މާއްދާގެ ދަށުން، ދައުވާ ރައްދުވާ ފަރާތުން ކުރާ ކުށުގެ އެއް އަމަލުގެ ސަބަބުން، އެއް ކުށަށް ވުރެ ގިނަ ކުށުގެ ރުކުން ފުރިހަމަވާކަމުގައިވާނަމަ، އެއިން ކޮންމެ ކުށަކަށް އޭނާގެ މައްޗަށް ދައުވާ އުފުލައި އެއިން ކޮންމެ ކުށެއް އޭނާގެ މައްޗަށް ސާބިތުކުރެވިދާނެއެވެ.

އަދި މިކުށްކުށަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމަނާފައިވާ އަދި އަދަބުވެސް ބޮޑުވެގެންވާ ކުށްތަކެކެވެ. މިކަން ހިންގާފައިވާ މީހުން ތަހުގީގު މަރުހަލާގައި އަދި ޝަރީއަތުގެ މަރުހަލާގައިވެސް ބަންދުގައި ބޭއްތިއްބުމަކީ ޖިނާއީ އިޖުރާއަތާއި އަދި މަތީގައި ބަޔާންވެގެންވާ ގާނޫނުތަކަށް ރިއާޔަތްކުރާއިރު، ގާނޫނީ ރޫހުކަމުގައި ދެކެމެވެ.

މި ގާނޫނުތަކުގެ އިތުރުންވެސް ތަހުގީގަށް ހޯދޭ ހޯދުންތަކަށް ރިއާޔަތްކޮށް އިތުރު ގާނޫނުތަކުން ދައުވާތައް އުފުލުމުގެ އިޚުތިޔާރު އެ ގާނޫނުތަކުންވެސް ދީފައިވާކަން ފާހަގަކުރަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
67%
0%
0%
0%
33%
ކޮމެންޓް