ރޯހަން އަގަރްވާލްގެ އުމުރުން 26 އަހަރެވެ. އޭނާގެ މެޑިކަލް ޓްރެއިނިންގ ނިމެނީ އަންނަ އަހަރު ނަމަވެސް، މިއަދު އެއީ އިންޑިއާގެ އެންމެ ޚިދުމަތް ރަނގަޅު އެއް ހޮސްޕިޓަލުގެ މައި ޑޮކްޓަރެކެވެ.
މަތިމައްޗަށް ކޮވިޑު ކޭސްތައް ފެންނަމުންދާ އިންޑިއާގެ ހޮސްޕިޓަލުތައްވެސް ފުރެމުންދާއިރު، ބަލި މީހުން ގިނަވެ، ހޮސްޕިޓަލަށް ގެންނަ މީހުންގެ ތެރެއިން ފަރުވާ ދިނުމާއި، ނުދިނުމާއި މެދު ގޮތް ނިންމަންޖެހޭ ނާޒުކު ޙާލަތުގައި ފަހު ބަސް ބުނާ މީހަކީ މިއަދު ރޯހަންއެވެ.
ނިއުދިއްލީގެ ހޮލީ ފެމިލީ ހޮސްޕިޓަލުގައި ދުވާލަކު 24 ގަޑިއިރުގެ ޑިއުޓީއެއް އަދާކުރަމުންދާ ރޯހަން އަކީ ރޭގަނޑުވެސް ހޮސްޕިޓަލުގެ ޝިފްޓް އިންޗާރޖެވެ. ޒުވާން އުމުރުގައި އެ ބޮޑު ޒިންމާ އަދާކުރަމުންދާއިރު، ރޯހަން ކުރަމުންދާ ތަޖުރިބާ ވަރަށްވެސް ތަފާތުވެފައި ބިރުވެރިއެވެ. އެ ހޮސްޕިޓަލުގެ އެނދުތައް ފުރި، ބަލި މީހުންނަށް ފޯރުކޮށްދެވޭ ވަރަށް އޮކްސިޖަން ލިބެން ނެތްއިރު، ވެންޓިލޭޓަރަށް ލާން ޖެހޭ މީހުންވެސް ނުލެވި ދޫކޮށްލާން ޖެހިފައި މިވަނީ ހޮސްޕިޓަލުގެ ކެޕޭސިޓީއަށް ނުތަކާވަރަށް ކޮވިޑު ބަލި މީހުން ގެންނަމުންދާތީއެވެ. އެ ޙާލަތުގައި ފަރުވާ ނުދީ ދޫކޮށްލަންވެސް ޖެހޭއިރު، އެ ބިރުބޮޑު ހިތްދަތި ނިންމުން ނިންމަމުން ދަނީ ރޯހަންއެވެ.
ފުރާނައަކީ އަތްމަތީގައިވާ އެއްޗެއްކަން ފާހަގަކޮށް ރޯހަން ބުނީ، އެ ފުރާނަ ސަލާމަތް ކުރުމާއި ނުކުރުމާމެދު ގޮތެއް ނިންމަންޖެހޭ ޙާލަތުގައި މިއަދު ތިބީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ސިއްޙީ އޮފިޝަލުން ކަމުގައެވެ.
އަދަދުތައް ދުވާލެއްގެ މައްޗަށް 3 ލައްކައިން މަތީގައި
އާންމު ޙާލަތުގައި ހޮލީ ފެމިލީއަކީ މުޅި ޤައުމުގައިވެސް އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލެވެ. ނަމަވެސް މިއަދު މުޅި ހޮސްޕިޓަލުގެ ކޮންމެ ދިމާލަކުންވެސް ފެންނަމުންދަނީ މަރުގެ ބިތުވެރިކަމެވެ. އެތައް ހަފުތާތަކެއް ވެގެންދާއިރު، މިވަގުތުވެސް އައިސީޔޫގައި އިތުރު އެއްވެސް މީހަކަށް ފަރުވާދޭނެ ޖާގައެއް ނެތެވެ. މުޅި އައިސީޔޫވެސް އޮތީ ފުރިފައެވެ. ވާރޑުތައް ފުރެމުންދަނީ ބިރުވެރިކަމުގައި ފުރާނަ އަތް މައްޗަށް ލައިގެން ތިބި ބަލި މީހުންނާއި، ޙާލު ބޮޑުވެ، އަލުން ލޯބިވާ މީހުންނާއި ބައްދަލުވާނެ ކަމުގެ އުއްމީދު ފަނޑުވެފައިވާ ބަލި މީހުންނާއެކުއެވެ.
ޖެހި ޖެހިގެން އެތުރިފައި ހުރި އެނދުތަކުގައި ތިބީ ހުސް އެފަދަ، ޙާލުބޮޑު ބަލި މީހުންނެވެ. ނުވިތާކަށް އަލަށް ވައްދާ ބަލި މީހުން ގޮނޑިތަކާއި ސްޓްރެޗަރތަކުގައި ތިބޭ މަންޒަރު ފެންނައިރު، މުޅި ތަނުންވެސް ފެންނަނީ ބިރުވެރިކަމާއި ހާސްކަމެވެ. ޑޮކްޓަރުންނާއި ނަރުހުން ކޮޅުކޮޅުމައްޗަށް ދުވަމުންދާއިރު، ޑޮކްޓަރުންވެސް ތިބީ ލޯ ކުރިމަތިން އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާ މަންޒަރު ބަލަން ގޮތް ހުސްވެފައެވެ. އެއްފަހަރާ އެތައް ބަޔަކު މަރުވާ މަންޒަރު ފެނި، ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
ޑރ ރޯހަންއަކީވެސް އެއް ފަހަރާ 65 މީހުންގެ ޒިންމާއާ ޙަވާލުވެގެން ހުރި ޑޮކްޓަރެކެވެ. ދޭތެރެ ދޭތެރެއިން އިމަރޖެންސީ ބަލިމީހަކަށް އެޓެންޑްވާން ޖެހޭއިރު، ރޯހަން ބަލަހައްޓަމުން ގެންދާ ބަލި މީހުންގެ ގާތުގައި އެންމެ ގިނައިރު މަޑުކޮށްލަން ލިބެނީވެސް ހަތަރުވަރަކަށް މިނެޓަށެވެ.
އިންޑިއާއިން މިއަދު މުގުރަމުންދަނީ މުޅި ދުނިޔޭގެ ކޮވިޑު ރެކޯޑުތަކެވެ. ފާއިތުވި ދެހަފުތާގެ ތެރޭގައި ދުވާލެއްގެ މައްޗަށް 3 ލައްކައިން ކޭސްތައް ރިޕޯޓު ކުރަމުންދާއިރު، ބަލި މީހުން އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ދުވަމުން ދަނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. އެ ޙާލުގައި ކިތަންމެ ބަޔަކު މަގުމައްޗަށް މަރުވެގެން ވެއްޓިފައިވާއިރު، މަރުވާ މީހުންގެ ޖަނާޒާ ބޭއްވުމަށްވެސް ކިއޫގައި ޖެހިފައިވާ އެތައް އާއިލާއެއް އެބަތިއްބެވެ.
މިއަދު ދިއްލީގެ ހޮލީ ފެމިލީ ހޮސްޕިޓަލުންވެސް އެ ގެންދަނީ އޮކްސިޖަންއާއި ސިއްޙީ ވަސީލަތްތަކަށް އެދި އާދޭސް ކުރަމުންނެވެ. މިއީ އިންޑިއާގެ އެންމެ ހޮސްޕިޓަލެއްގެ ޙާލަތެވެ. މުޅި އިންޑިއާ މިވަގުތު އޮތީ އެފަދަ ބިރުވެރި ފައްތަރެއްގައެވެ. ކޮވިޑް-19 ވައިރަސް މުޅި އިންޑިއާ ކުޑަކަކޫމައްޗަށް ތިރިކޮށްފިއެވެ.