ސެޕްޓެމްބަރު 23 ވަނަ ދުވަހު ރިޔާސީ އިންތިހާބަށް ދިވެހި ރައްޔިތުން ކުރިމަތިލާއިރު އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންވެސް ގައުމުގެ ދަރަނީގެ ވާހަކަދައްކައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް ދައްކަވާ ވާހަކަފުޅަކީ ގައުމުގެ ދަރަނި އިންތިހާއަށް ބޮޑު ވާހަކައެވެ. ދަރަނި ބޮޑުވުމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވާ ގެއްލުމުގެ ވާހަކައެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ވިދާޅުވަނީ ދަރަނި ބޮޑުވުމުން މައްސަލައެއް ނެތް ކަމަށާއި ތަރައްގީ ކުރެވޭނީ ދަރަނި ނަގައިގެން ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ދަރަނި އިތުރުވެފައިވަނީ 12 ބިލިއަނަށް ކަމަށާއި އެއީ ބޮޑު ދަރަންޏެއް ނޫން ކަމަށެވެ.
ދަރަނީގެ ވާހަކައާއި ގުޅިގެން ސިޔާސީ ގޮތުން އެކި ފަރާތްތައް ދައްކަމުންދާ ވާހަކަތަކުގައި ހަގީގަތްތަކެއް ހުރި ނަމަވެސް ކޮންމެ ފަރާތަކުންވެސް އެވާހަކަތައް ދައްކަނީ އެފަރާތަކަށް އެވާހަކަތައް ދައްކައިގެން ފައިދާވާގޮތަށެވެ. ދަރަނީގެ ސަބަބުން ހަގީގަތުގައި ކުރިމަތިވާނެ ކަންތައްތައް ތިލަކޮށްލެވޭތޯ މަސައްކަތް ކުރާނަމެވެ.
ރާއްޖޭގައި އަމިއްލަ މަސައްކަތުން ދިރިއުޅޭ ކޮންމެ މީހަކަށް ބަލާލި ނަމަވެސް ފެންނަން އޮތް ހަގީގަތަކީ ކޮންމެ ދިވެހި ރައްޔިތަކަކީވެސް ދަރަނިވެރިއެއް ކަމެވެ. ކޮންމެ މީހަކީވެސް ގެދޮރު ހެދުމަށް ލޯނެއް، ކިޔެވުމަށް ލޯނެއް، ގެއަށް ބޭނުންވާ ސާމާނު ގަތުމަށް ލޯނެއް ނޫނީ ކްރެޑިޓް ކާޑުގެ ހިދުމަތް ހޯދާ މީހެކެވެ. އެހެން ނަމަވެސް އެ ދަރަނިތައް އޮވެގެން މާބޮޑު ކަންބޮޑެއް ނޯވެއެވެ. އެފައިސާ އަވަހަށް ދެއްކުމުގެ ބަދަލުގައި ކޮންމެހެން ދައްކަންޖެހޭ އަދަދު ދައްކާލަ ދައްކާލާ ހުންނަނީއެވެ. ގަބޫލުކުރަން ބޭނުންނުވިއަސް ގައުމު ހާލަތަކީވެސް މިއީއެވެ.
ސަރުކާރުގެ ދަރަންޏަށް ބަލާއިރު 2017 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި ހުރީ 46 ބިލިއަން ރުފިޔާގައެވެ. 2012 ވަނަ އަހަރު ދައުލަތުގެ ދަރަނި ހުރީ 27 ބިލިއަން ރުފިޔާގައެވެ. އެއަދަދު 2013 ވަނަ އަހަރު ހުރީ 29 ބިލިއަން ރުފިޔާގައެވެ. ގައުމެއް ތަރައްގީ ކުރުމުގައި އެކި ފަރާތްތަކުން ގެންގުޅޭނީ އެކި އުސޫލުތަކެވެ. އެކި އެޕްރޯޗްތަކެވެ.
އެހެން ނަމަވެސް ކޮންމެ ވެރިކަމެއް އޮތަސް ކޮންމެ މީހަކު ވެރިކަމުގައި ހުންނެވި ނަމަވެސް ފާހަގަކޮށްލަންޖެހޭ އެއް ކަމަކަކީ މިފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ބޭރުގެ ދަރަނި އުފުލިފައިވަނީ ކިހާ މިންވަރަކަށްތޯ އަޅާ ކިޔާލުމެވެ. ކުރިއަށް އޮތް ތިން ހަތަރު އަހަރަށް ފޯކަސްޓް ކުރާ ދަރަނި ހުރީ ކިހާ މިންވަރެއްތޯ ބަލައިލުމެވެ. އެގޮތުން 2016 ވަނަ އަހަރު ބޭރުގެ ދަރަނި 11.7 ބިލިއަން ރުފިޔާގައި ހުރި އިރު އެއަދަދު މިހާރު ވަނީ 17.4 ބިލިއަނަށް އަރާފައެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރު ބޭރުގެދަރަނި 27.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން 2017 ވަނަ އަހަރަށް ވުރެ 2018 ވަނަ އަހަރު ބޭރުގެ ދަރަނި 63 ޕަސެންޓް އިތުރުވެގެންދާނެއެވެ.
މީގެ މާނައަކީ ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ލޯނާއި ވިއްކާފައިވާ ބޮންޑުގެ ސަބަބުން ބޭރުގެ އެކި ފަރާތްތަކަށް ސަރުކާރުން ދައްކަންޖެހޭ މިންވަރު އިތުރުވުމެވެ. ދަރަނީގައި ބޭރުގެ ހިއްސާ އިތުރުވާ މިންވަރަކަށް އިގްތިސާދީގޮތުން އެފަރާތްތަކަށް އަޅުވެތިވާ މިންވަރުވެސް އިތުރުވެގެންދާނެ ކަމެވެ. މީގެ އިތުރުން މޫޑީސް އިން އެންމެފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން،ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 70 ޕަސެންޓް ގައުމުގެ ދަރަނި ހިއްސާކުރާނެ ކަމަށެވެ. ވޯލްޑް ބޭންކަށް ބެލިޔަސް، އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑުގެ ތަފާސް ހިސާބުތަކަށް ބެލިޔަސް ފޯކާސްޓްކުރަނީ ގައުމުގެ ދަރަނި ކުރިއަށް އޮތް އަހަރުތަކުގައި އިތުވާނެ ކަމެވެ.
ދެން އުފެދޭ ސުވާލަކީ ދަރަނި އިންތިހާއަށް ބޮޑުވުން ގައުމަށް އޭގެއިން ކުރާނީ ކޮން އަސަރެއްތޯއެވެ. ހަގީގަތަކީ މިއީ އެއްވެސް ހާލެއްގައި ވަކި ސިޔާސީ ޕާޓީއެއް އޮތުމުން ޖެހޭނެ މައްސަލައެއް ނޫންކަމެވެ.އަދި މިއީ ޕީޕީއެމް ނުވަތަ އެމްޑީޕީގެ މައްސަލައެއްވެސް ނޫނެވެ. މިއީ ގައުމީ މައްސަލައެކެވެ. ދަރަނި އިތުރުވުމާ ގުޅިގެން ކުރިމަތިވެދާނެ އެއް ކަމަކީ މާބޮޑު ގޮންޖެހުމެއް ނެތި ގައުމު ކުރިއަށް ދިއުމެވެ. އިގްތިސާދު އެކި ދާއިރާތަކުން ފުޅާވެގެންދިއުމެވެ. ދަރަނި އިންތިހާއަށް އިތުރުވުމުން ދިމާވެދާނެ ކަމަކީ ރަޝިއާ، އައިސްލެންޑް އެންމެ ފަހުގެ ތާރީހަށް ބަލާއިރު ގްރީސްއަށް ކުރިމަތިވިފަދަ އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމެވެ.
އިގްތިސާދީ މާހިރުން ފާހަގަކުރާ އެއްކަމަކީ، އިންތިހާ ދަރަޖައަށް ދަރަނިވެރިވެއްޖެ ނަމަ ކޮންމެވެސް ހިސާބަކުން އޭނގެ ހިތި ނަތީޖާއާ ކުރިމަތިލާންޖެހުމެވެ. ފަހަރެއްގައި އެއީ އަންނަ އަހަރަށް ނުވަތަ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގައި ކުރިމަތިވެދާނެ ކަމަކަށްވެސް ނުވެދާނެއެވެ.
ރާއްޖޭގެ ދަރަނީގެ މިސާލަކީ ހޫނު ފެނައްލީ ބޮކުގެ މިސާލެވެ. ހޫނު ފެން އެއްޗެކަށް ބޮކެއްލައިފި ނަމަ ވަގުތުން އެފެން ގަނޑުން އެބޮއް ފުންމާލާނެއެވެ.އެހެން ނަމަވެސް ފުރަތަމަ ފެންގަނޑަށް ބޮއް ލުމަށްފަހު ފެން ހޫނުކުރަން ފަށައިފި ނަމަ، އެފެނަށް އެބޮއް ހޭނި ކެކިގެންދާއިރުވެސް ނޭންގި ފެންގަނޑުގައި އިންނާނެއެވެ. ގައުމުގެ ދަރަންޏަކީ މާބޮޑު މައްސަލައެއްކަމަށް ނުދެކި އެންމެފަހުން ބޮކަށްވީގޮތަށް މަރުވުން ނޫނީ އެކަން މީހުންނަށް އިހުސާސް ނުކުރެވިދާނެއެވެ. އެހިސާބުން ދަރަނި ދެއްކުމަށް ބޮޑު ހޭދަ ކުރަންޖެހި އިގްތިސާދީ ގޮތުން ލިބެންޖެހޭ މަންފާތައް ދަރަނި ގިނައިން ދައްކާ އަހަރު ތަކުގައި ނުލިބިދާނެއެވެ. ގައުމުގެ ތަރައްގީ ބޭނުންވާ ބާރު ސްޕީޑުގައި ކުރިއަށް ނުގެންދެވިދާނެއެވެ.
ދަރަނި ބޮޑުވެ، އެ ދަރަނި ދައްކާނެ ފައިސާ ދައުލަތުން ހުސްވާ ހިސާބަށް ގޮސްފައިވާނެއެވެ. އެފަދަ ދަނޑިވަޅެއްގައި ފައިސާ ޕްރިންޓްކޮށްފި ނަމަ ކުރިމަތިވާނީ އިތުރު މައްސަލަތަކެވެ. މީގެ އިތުރުން ދަރަނި ދެއްކުމަށްޓަކައި އާންމުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަކީވެސް ސަރުކާރަށް ކުރަންޖެހިދާނެ ކަމެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގުތައް އިންތިހާއަށް މަތިވެ، ހައިޕަރއިންފްލޭޝަންއަކަށް ގައުމު ދިއުމުގެ ފުރުސަތު ބޮޑެވެ.
ދެން އޮންނާނީ ދަރަނިން ސަލާމަތްވާނީ ކިހިނެއްތޯއާމެދު އުފެދޭ ސުވާލެވެ. އާންމު ރައްޔިތަކަށް ނަމަ ވަރަށް ގިނަ ގޮތްތައް ދަރަނި ދެއްކުމަށް އޮންނާނެއެވެ. ކުރަންޖެހޭ ހަރަދުތައް މަދުކޮށް ނުވަތަ އިތުރު ވަޒީފާއެއް ހޯދައިގެންވެސް ފައިސާ ދެއްކުމަށް މަސައްކަތް ކުރެވިދާނެއެވެ. ގައުމެއްގެ ދަރަނި ބޮޑުވެ، ދަރަނިން ސަލާމަތްވުމަށް ކުރެވޭނެ ކަންކަމަކީ ޓެކްސް އިތުރު ކުރުމާއި، ދައުލަތުގެ ހަރަދު ކުޑަކުރުމައި ނުވަތަ އިގްތިސާދުގައި އާމްދަނީ ލިބޭނެ ބޮޑެތި ކަންތައްތަކެއް ތައާރަފް ކުރުމެވެ.
މިކަންކަމަކީ ހައްލު ހޯދޭނެ ކަންތައްތަކުގައިކަމުގައިވީ ހީނުކުރާފަދަ ބޮޑު އިގްތިސާދީ އަދަވަޅަކަށް ދުނިޔޭގެ އިގްތިސާދު ވެއްޓުނަސް ގައުމަށް އޭގެއިން ކުރާ އަސަރު ބޮޑުވާނެއެވެ. ނުވަތަ ކުރިމަތިވާނީ ކޮން ކަހަލަ ގޮންޖެހުންތަކެއްކަމެއް އެއްވެސްހާލެއްގައި އެއީ ޔަގީންކަމާއެކު ބުނަން އެނގޭނެ ކަންތައްތަކެއް ނޫނެވެ.އެހެން ކަމުން ކޮންމެ ފަދަ ލޮޅުމެއް ކުރިމަތިވި ނަމަވެސް ގައުމުގެ އިގްތިސާދަކީ އެ ލޮޅުމާ ކުރިމަތިލެވޭނެ ފަދަ ހާލެއްގައި އޮތް އިގްތިސާދަށް ވާންޖެއެވެ. ބޭނުންވާ ވަގުތީ އުފާތަކެއް ހާސިލް ކުރުމަށްޓަކައި ނުވަތަ ސިޔާސީ މަންފާތަކެއް ހާސިލް ކުރުމަށް އިގްތިސާދީ ނިންމުންތަކެއް ނިންމުމުގެ ބަދަލުގައި ދެމެހެއްޓެނިވި ދުރު މުސްތަގްބަލަށް ފައިދާހުރި ގޮތްތަކަކަށް އިގްތިސާދު ބިނާ ކުރަންޖެހެއެވެ.