Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

"ދެ ރައީސުން ޕާޓީއަށް ދެރަގޮތެއް ނުހަދާނެ"

ދެ ރައީސުންގެ މެދުގައި ޚިޔާލު ތަފާތުވެ ދެ ފެކްޝަނެއް ވަނީ އުފެދިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 ޖޫން 2021 | ހޮނިހިރު 22:33
ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޮޑު ތަފާތަކުން އެމްޑީޕީއަށް ކާމިޔާބުކުރެވެމުން ބޭއްވި ޖަލްސާގެ ތެރެއިން ދެ ރައީސުން

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޮޑު ތަފާތަކުން އެމްޑީޕީއަށް ކާމިޔާބުކުރެވެމުން ބޭއްވި ޖަލްސާގެ ތެރެއިން ދެ ރައީސުން

ލޯކަލް ކައުންސިލް އިންތިޚާބަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ން ޖެހި އަދަދުތައް ދިމާނުވެ މާލެ ސިޓީން ކުރިމަތިވި ބޮޑު ނާކާމިޔާބީއާއެކު ދެން ތިލަވާން ފެށީ މާކުރިއްސުރެވެސް ޕާޓީތެރޭގައި ލާން ފަށާފައިހުރި ރެނދުތަކެއްގެ އަޑެވެ. ރެނދުތައް ލަމުން އައި ކަން ޕާޓީގެ އާންމު މެމްބަރުންނަށްވެސް ދިޔައީ ފެންނަމުންނެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް އެރެނދުތަކުގައި ކޮންމެވެސް ކަހަލަ ބޭހެއް ހާކާލައިގެން އެއީ ނުވާ ކަންތައްތަކެއް ކަމަށް ހަދާލައިގެން ތިބެނީއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ގިނަ ޕާޓީތައް އެކުވެގެން ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރެވި އެވެރިކަމުގެ ދައުރު ފުރިހަމަނުވަނީސް މަގުމަތިން ވެރިކަން ވެއްޓުނެވެ. އެއަށްފަހު 7 އަހަރު ދުވަހު އެމްޑީޕީގެ އާންމު މެމްބަރުންނާއި ލީޑަރޝިޕުން އުފުލި ބުރައާއެކު އަނެއްކާވެސް ވެރިކަމަށް ވަނީ އާދެވިފައެވެ. ނަމަވެސް ކޯލިޝަންގެ ބުރަ އާއި ޕާޓީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންތަކުގެ ސަބަބުން ވެރިކަމަށް އައުމަށް އެޕާޓީން ރައްޔިތުން ކައިރީގައި ދައްކަމުންދިޔަ ވާހަކަތައް އަދި ހަގީގަތަކަށް ހަދައިދެވޭ ތަނެއް ނުފެނެއެވެ. ނުވަތަ އެކަމުގައި ވަނީ ވަރަށް ބޮޑަށްވެސް ލަސްތަކެއް ކުރިމަތިވެފައެވެ.

މިހުރިހާ ކަންބޮޑުވުންތަކާއި މާޔޫސްކަމާއެކުވެސް އެމްޑީޕީއަށް ލިބިފައިވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއެވެ. "ދެ ރައީސު"ންނެވެ.

އެ ދެރައީސުން އެއް ގަލަކަށް އަރައި ތިބުމަކީ އެމްޑީޕީއާއި އެޕާޓީގެ މެމްބަރުންނަށް ނުހަނު މުހިންމު އަދި އެހާމެ ބޭނުންތެރިކަމެކެވެ. ދެ ރައީސުންނަކީ މިވަގުތު ދެ ބާރުގެ ވެރިންނެވެ. ސުޕަރ މެޖޯރިޓީއާއެކު އެމްޑީޕީން ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރަން ހިތަކަށް ލިބިފައިވާއިރު ދެ ރައީސުން އެއް މިސްރާބަކަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.

ވެރިކަމަށް އައިސް 2019 ވަނަ އަހަރުގެ މެއި މަހު އެކުލަވާލެވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބުނެވެ. މިއީ އަދި ރާއްޖޭގައި އަލަށްވީ ކަމެކެވެ. އެއް ޕާޓީއަކަށް އެހާ ބޮޑަށް އަދި މިހާތަނަށް ރައްޔިތުން އިތުބާރުކޮށް އެހާ ބޮޑު މެޖޯރިޓީއެއް ދީފައެއް ނުވެއެވެ. އެއާއެކު ޕާޓީގެ އާންމު މެމްބަރުން އުފަލުން ފޮޅުނެވެ. އެއީ ސުޕަރ މެޖޯރިޓިއާއެކު އެމްޑީޕީން ވީ ވައުދުތައް ފުއްދުމަށް ފަސޭހަވާނެތީއެވެ.

އެހެންނަމަވެސް އެންމެ ފުރަތަމަވެސް މަޖިލީހުގެ ރައީސް ކަނޑައަޅަން ޖެހުނު ހިސާބުން އެމްޑީޕީގެ ތެރޭގައި "ދެ ރައީސު"ންގެ ކޯޅުމެއް އުޅޭކަން ތިލަވާން ފެށިއެވެ. އެކޯޅުން ގަނޑު މައިތިރިވެ އެކަން އޮބިގެން ދިޔައީ ސީދާ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވުމަށް ހުށަހެޅުއްވުމުނެވެ.

މީގައި ފާހަގަކޮށްލަން ޖެހޭ އަނެއްކަމަކީ ދެ ރައީސުންގެ ގުޅުމެވެ. ދެ ރައީސުންނަކީ ބެސްޓް ފްރެންޑުންނެވެ. އެންމެ ކުޑައިރުއްސުރެވެސް ގާތްކޮށް އުޅުއްވި ކޮންމެ ބޭފުޅަކަށްވެސް އަނެއް ބޭފުޅެއްގެ ކަންކަން އެނގިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. މިއީ އަބަދުވެސް ދެ ބޭފުޅުން ދައްކަވަމުންދިޔަ ވާހަކައެވެ. ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ދެ ބޭފުޅުން މަޝްވަރާކުރައްވައިގެންނެވެ. ދެ ބޭފުޅުންގެ ދޭތެރޭގައި އެއްވެސް މައްސަލައެއްނެތެވެ. ނުވެސް އޮންނާނެއެވެ. މިއީ އަބަދުވެސް އެދެބޭފުޅުން ދައްކަވަމުން ދިޔަ ވާހަކައެވެ. އެހެންނަމަވެސް އަބަދުވެސް މަންޒަރުން ފެނުނީ އެހެން ކަމެކެވެ.

ދެ ރައީސުންގެ ފެކްޝަނެއް ވަނީ އުފެދިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަން ވަރަށް ބޮޑަށް ސާފުވެގެންދެއެވެ. 65 މެމްބަރުންގެ ތެރޭގައި ރައީސް ޞާލިހުގެ މެމްބަރުންނާއި ރައީސް ނަޝީދުގެ މެމްބަރުންގެ އެބަތިއްބެވިއެވެ. ދެ ފެކްޝަންގެ ކޯޅުންގަނޑު ދޭތެރެއަކުން ޖަލްސާތަކާއި ކޮމިޓީތަކުންވެސް އަޑުއިވިގެންދެއެވެ. ކޮންމެ ކަމެއް ނިމިގެންދަނީ ޑިމޮކްރަސީއަކީ ޚިޔާލު ތަފާތުވުންތައް އެއްގޮތް ކޮށްގެން ކުރިޔަށްދާ ކަމެކެވެ. އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެކެވެ. އެޕާޓީގެ ތެރޭގައި ހުރި މިފަދަ ހިތްހަމަނުޖެހުންތައް އަމިއްލައަށް ހައްލުކުރާނެއެވެ. ނަމަވެސް ޕާޓީއަށް ދެރަގޮތެއް ނުހަދާނެއެވެ.

ނަމަވެސް މީގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ އަބަދު ޚިޔާލު ތަފާތުވެގެން ދެ ފެކްޝަނެއްގެ ދެމެދުގައި ވާދަވެރިކަން އުފެދިފައި އޮންނައިރު އޭގެ އަސަރު ޕާޓީއަށް ނުކޮށް ނުދާނެކަމެވެ. އެކަން މީގެ ދުވަސްކޮޅެއް ކުރިން ތިލަވި ބަރުލަމާނީ، ރިޔާސީ ބަހުސަށް ބަލާލުމުންވެސް އެނގެއެވެ. ރައީސް ނަޝީދު ބޭނުންފުޅުވަނީ ބަރުލަމާނީ ނިޒާމު ގެންނާށެވެ. އެކަން ރައީސް ޞާލިހަށް ދަންނަވާފައިވާއިރު ރައީސް ޞާލިހު ވިދާޅުވެފައިވަނި އެކަން ނިންމާނީ ރައްޔިތުންނެވެ.

އެހެންނަމަވެސް ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ބަރުލަމާނީ ނިޒާމު ޕްރޮމޯޓްކުރުމުގެ ކެމްޕެއިނެއްވެސް ފެށިއެވެ. އެކަމާއި ދެކޮޅަށް ރައީސް ޞާލިހު އެއްޗެއް ވިދާޅުނުވި ކަމުގައިވިޔަސް އެނގިގެންދަނީ ރައީސް ޞާލިހު ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ރައީސް ނަޝީދު ދެކެވަޑައިގަންނަވަމުން އަންނަ ބޮޑުވަޒީރު ކަމުގެ ހުވަފެންފުޅު ހަގީގަތަކަށް ހެއްދެވުމަށް މަސައްކަތް ނުކުރައްވާ ކަމެވެ. އެއީ ރައީސް ޞާލިހަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ބަރުލަމާނީ ނިޒާމު ގެންނަން ބޭނުން ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާތީއެވެ.

ބަރުލަމާނީ، ރިޔާސީ ބަހުސް ވެގެންދިޔައީ އެމްޑީޕީގެ ކުރިމަގުވެސް ކަނޑައެޅިގެންދާނެ ބަހުސަކަށް ކަމަށް ހީވާ ހިސާބަށް ބައެއް ފަހަރު ކަންކަން ފެންނަމުންދިޔައެވެ. އެބަހުސް ހިނގަމުންދަނިކޮށް ދެން ދިމާވީ އެއަށްވުރެ މާ ބޮޑު ކަމެކެވެ. އެއީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި މަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއެވެ. އެހަމަލާއަށް ފަހު ރައީސް ޞާލިހު ވަނީ ރައީސް ނަޝީދު ފަރުވާ ހޯއްދަވަމުން ގެންދެވި އޭޑީކޭ ހޮސްޕިޓަލަށް ހަމަ އެރޭ ވަޑައިގަންނަވާފައެވެ. ނަމަވެސް އެސަރަހައްދަށް އެއްވެ ތިބެ ރައީސް ނަޝީދުގެ ސަޕޯޓަރުން ގެންދިޔައީ ރައީސް ޞާލިހު އޭޑީކޭއަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވަމުންނެވެ.

އެހިސާބުން އަދި ނިމުނީކީ ނޫނެވެ. އެ ހަމަލާއާ ގުޅިގެން އެކި ކަންކަން ފުރޮޅިގެން އަންނަވަރަކަށް ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ފެކްޝަނުން އެއް ބަޔަކު އަނެއް ބަޔަކަށް ދައްކަމުންދާ ވާހަކަތަކުން މިއީ އެއް ޕާޓީއެއްގެ ބަޔެކޭތޯވެސް ސުވާލުކުރެވޭ ހިސާބަށް ދެއެވެ. ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމުގެ ތުހުމަތުތައް ކުރަމުންދަނީ ސީދާ ޕާޓީގެ ތެރެއިންނެވެ. އެފަދަ ވާހަކަތައް ވަޓްސް އެޕްގްރޫޕްތަކާއި ސޯޝަލް މީޑިޔާގައި އަދި ގައުމީ މަޖިލީހުގެ ބައްދަލުވުންތަކުގައި ގެންދަވަނީ ދައްކަވަމުންނެވެ. ވާހަކަތަކުގެ މިސްރާބު ހުރި ގޮތުން މިއީ ފަސޭހަ ރަހުމަތަކުން ފަސޭހަވެގެންދާނެ ލައްގަނޑެއްކަމަކަށް ނުފެނެއެވެ.

އެއްބަޔަކު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ތެރޭގައި މިހާރުވަނީ ދެ ފެކްޝަނެއް އުފެދި ދެ ފެކްޝަންގެ މަސައްކަތްތައް ވަކިން ކުރަން ފަށާފައެވެ. ސަރުކާރުގައި ތިބިނަމަވެސް އެއް ބަޔަކު ގެންދަނީ އިދިކޮޅުގެ ރޯލު އަދާކުރަމުންނެވެ. ނަމަވެސް ދެ ރައީސުން އަދި މިކަމުގައި ފާޅުގައި އެއްޗެއް ވިދާޅެއްނުވެއެވެ. އެއްގޮތަކީ އަނެއްކާވެސް ބެސްޓް ފްރެންޑްކަމުގެ ޓެގް އަޅުއްވައިގެން ތިއްބެވީއެވެ. ނޫނީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ކުރިޔަށް ކުޅޭނެ ކުޅި ބައި ރާއްވަވާ ޕާޓީގެ ތެރެއިން ބާރު ހޯއްދަވަން މަސައްކަތް ކުރައްވަނީއެވެ.

އެމްޑީޕީއަކީ އަބަދުވެސް ފިކުރެކޭ ބުނެއެވެ. އެއޮޑިއެއް ދުވަހަކުވެސް ނުފެތޭނޭ ބުނެއެވެ. އެއޮޑި ފެތެން ބޭނުންނުވާނެ އާންމު ރައްޔިތުންގެ އަދަދުވެސް މަދެއް ނޫނެވެ. އެފިކުރު ދެ ބައިވެއްޖެނަމަ ދެން ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނާނީ ކޮންކަހަލަ ބަދަލުތަކެއްތޯ ވިސްނަން އަދި މާ އަވަހެވެ. އެހެންނަމަވެސް ޒަމާނުއްސުރެވެސް ހައްގުތަކަށް ވަކާލާތުކުރަމުންދިޔަ ޕާޓީ ދެބައިވެގެން ގޮސްފިނަމަ އެއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަކިން ޚާއްސަކޮށް ކުރިމަގަށް ވިސްނާނަމަ ފަސޭހަ ވިސްނުމެއް ނޫނެވެ.

ދެން އޮތީ އަބަދުވެސް ދެ ރައީސުން ވިދާޅުވާ ވާހަކައެވެ. އެއީ އެމްޑީޕީއަށް ދެރަގޮތެއް ނުހައްދަވާނެ ކަމުގެ ވާހަކައެވެ. އެތައް ބަޔެއްގެ ދަލާއި، ލެޔާއި ފުރާނަ ގުރަބާންކޮށްގެން ދެމިއޮތް ޕާޓީ ދެބައިވެ އެއް ބަޔަކު އަނެއް ބަޔަކު ސިޔާސީ ހަތުރުންނަށް ވާ މަންޒަރު ދެކެން ދެ ރައީސުން ބޭނުންފުޅުވޭތޯ އެއީ މިހާރުގެ ބޮޑު ސުވާލެވެ.

ޑީއާރުޕީއަށް ވީ ގޮތަށް ޕާޓީ ދެބައިވެ އެއް ޕާޓީ ތެރެއިން އެހެން ޕާޓީއެއް އުފެދިގެންވެސް ހަމަ ހިނގައިދާނެއެވެ. ނަމަވެސް އެއީ އަދި މިހާތަނަށް އެމްޑީޕީގެ ތެރެއިން ފެނިފައިވާ މަންޒަރެއް ނޫނެވެ. އެމްޑީޕީގެ ފިކުރު އެމްޑީޕީގެ ތެރެއިން ވަކިވެ އެހެން ޕާޓީއެއްގެ ގޮތުގައި އުފެދި ކާމިޔާބު ގޮތެއްގައި ސިޔާސީ ހަރަކާތް ރާއްޖޭގައި އަދި ހިންގިފައެއްނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިމީހާގެ ރުހުން ހޯދަން ވެސް ޕާޓީއަށް މީހުން ވައްދަންވާނީ ރުހުމާ އެކުގައެވެ!

ވެރިމީހާގެ ރުހުން ހޯދަން ވެސް ޕާޓީއަށް މީހުން ވައްދަންވާނީ ރުހުމާ އެކުގައެވެ!

30 ޑިސެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
ޒަވާޖީ ހަޔާތަށްވުރެ ބޮޑަށް ވިސްނަނީ ކައިވެނި ޕާޓީއަށްތަ؟

ޒަވާޖީ ހަޔާތަށްވުރެ ބޮޑަށް ވިސްނަނީ ކައިވެނި ޕާޓީއަށްތަ؟

23 މެއި 2023
ދެ ރައީސުން ގަދަހިފުމަކަށް

ދެ ރައީސުން ގަދަހިފުމަކަށް

19 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު