ކ. މާލެ
|
17 ނޮވެންބަރ 2018 | ހޮނިހިރު 11:18
ދިވެހި ފުރަތަމަ ޖުމްހޫރިއްޔާ އިއުލާންކުރުމާއި ފުރަތަމަ ރައީސް ހުވާ ކުރެއްވުން
ދިވެހި ފުރަތަމަ ޖުމްހޫރިއްޔާ އިއުލާންކުރުމާއި ފުރަތަމަ ރައީސް ހުވާ ކުރެއްވުން
މުހައްމަދު ޝަރުހާން
ރައީސުލްޖުމްހޫރިއްޔާ
ރައީސުންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ނަޒަރެއް
 
ތާރީޚާއި ވަގުތުތަކުގައިވެސް ތަފާތުކަން
 
ރަސްމިއްޔާތު ބޭއްވުމުގެ ތަފާތުތަކެއް އެބަހުރި

1953 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ އޯގަސްޓު 21 ވަނަ ދުވަހުގެ ނިޔަލަށް ދެމުނު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އާއި އެއަށްފަހު 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހުން ފެށިގެން އަދާ ހަމައަށް ހިނގަމުން މިއަންނަ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ރައީސްކަމުގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އެކި ގޮތްގޮތުން އިންތިޚާބު ކުރެވުނު ބޭބޭފުޅުންގެ މަޤާމުތަކުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ތާރީޚާއި ވަގުތުތައް ކަނޑައެޅުމުގައި ތަފާތުތަކެއް ފެންނާން އެބަހުއްޓެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރެވުނު ޖުމްހޫރިއްޔަތަކީ ދިވެހީންގެ ޒަމާންވީ ވިރާސީ ރަސްކަން އަދި ފަހުން ވިރާސިއްޔަ އިންތިޚާބިއްޔަ ރަސްކަން އުވާލައި، ވަކި ބޭފުޅަކަށް ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިކަން ދިނުމުގެ މަޤްޞަދުގައި 1 ޖަނަވަރީ 1953 ގައި އިޢުލާނުކުރެވުނު ޖުމްހޫރިއްޔަތެވެ. މި ޖުމްހޫރިއްޔަތެއް ޤާއިމު ކުރެވިގެން ދިޔައީ ދިވެހީން އެތައް ޒަމާނެއް ވާންދެން ރަސްކަމާއި ރަސްކަމާއި ގުޅުން ހުރި ކަންތައްތައް ދިވެހީން ސަގާފަތާއި އާދަކާދަތަކުގެ ތެރޭގައި ހިމެނި ހަރުލާފައިވާ ދުވަސްވަރެއްގައި ކަމުން ދިވެހީންގެ މި ޖުމްހޫރިއްޔަތު ޤާއިމުކުރުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުތަކުގައިވެސް ހުރީ މި ދެންނެވި ރަސްކަމުގެ އަސަރުތަކެވެ. ޤައުމުގެ ރައީސްކަމުގެ މަޤާމަށް ހޮވުނު އަތިރީގޭ ސުމުއްވުލްއަމީރް މުޙައްމަދު އަމީން ދީދީ ދޮށިމޭނާ ކިލެގެފާނުންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ހިނގީ ރަސްކަލަކު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާއި ދާދި އެއްކަހަލަ ގޮތަކަށެވެ.

މިގޮތުން ޤައުމުގެ ރައީސް އަތިރީގޭ މުޙައްމަދު އަމީން ދީދީ އާއި ޤައުމުގެ ނައިބު ރައީސް ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުނީ އެކަމަށްޓަކައި ދާރުލްޢުލޫމްގައި ބޭއްވުނު ޚާއްޞަ ދަރުބާރެއްގައެވެ. މި ދަރުބާރުގެ ރަސްމިއްޔާތު ފެށުނީ 1953 ގެ ޖަނަވަރީ 1 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މުޙައްމަދު އަމީން ދީދީ ދަރުބާރަށް ވަޑައިގެންނެވުމާ އެކުގައެވެ. ޞަލަވާތަށްފަހު އެއިރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ޖަލާލުއްދީނުގެ ކުރިފުޅުމަތީގައި ނައިބު ރައީސް ހުވާކުރެއްވުމަށްފަހު ޤައުމުގެ ރައީސް ހުވާކުރެއްވިއެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސްކަމުގެ ހުވާ މުޙައްމަދު އަމީން ދީދީ ކުރެއްވިތާ 7 މަހާއި 21 ދުވަސް ވީ ތަނާ މާލޭގެ ރައްޔިތުން ގުޅަކުޅޭ ފަސްގަނޑަށް އެއްވެ ގެނެވުނު އިންޤިލާބަކުން މުޙައްމަދު އަމީން ދީދީގެ ވެރިކަން ނިމުނެވެ. އަދި އެހާ ހިސާބުން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާވެސް އުވިގެން ދިޔައީއެވެ.

އެއަށްފަހު ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް އަލުން ރަސްކަމަކަށް ބަދަލުވެ 1954 ގެ ފެބްރުއަރީ 21 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރަސްކަމަށް އަލްއަމީރު މުޙައްމަދު ފަރީދު ފާށަނާ ކިލެގެފާނު އިސްކުރެވުނެވެ. އަދި އޭގެ 14 އަހަރު ފަހުން ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލު ކުރެވުނެވެ. މިފަހަރު ދިވެހިރާއްޖޭގައި ޤާއިމު ކުރެވުނު ދެވަނަ ޖުމްހޫރިއްޔާގެ ބާނީއަކީ އޭރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ވެލާނާގޭ އިބްރާހީމް ނާޞިރު އެވެ. ދެވަނަ ފަހަރަށް މި އުފެއްދި ޖުމްހޫރިއްޔަތުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ، އިބްރާހީމް ނާޞިރު ކުރެއްވީ 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހުގެ 00:00 ނާދީ ތަމައްދުން، އާދެ! ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ބޭއްވުނު ޚާއްޞަ ޖަލްސާއެއްގައެވެ. ރައީސް ނާޞިރުގެ ދެވަނަ ދައުރުގެ ހުވާ ކުރެއްވުން ބޭއްވެވީވެސް ހަމަ ނާދީ ތަމައްދުންގައި 1973 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހުގެ 00:00 ގައެވެ. މި ދެ ރަސްމިއްޔާތުގެވެސް ޖަލްސާތައް ފެށުނީ ނޮވެންބަރު 10 ވަނަ ދުވަހުގެ ރޭގައެވެ.

އިނގިރޭސިންގެ ހިމާޔަތުން މިނިވަންވުމުގެ އެއްބަސްވުމުގައި ރައީސް ނާސިރު ސޮއިކުރައްވަނީ، އެމަނިކުފާނު ހުވާ ކުރެއްވި ދަރުބާރުގެ ފޮޓޯފުޅެއް ފެންނާކަށްނެތް

ރައީސް ނާޞިރަށް ފަހު ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަދި ދިވެހި ޖުމްހޫރީ ވެރިކަން އެންމެ ގިނަ ދުވަސް ވާންދެން، އާދެ! ދިގު 30 އަހަރު ވާންދެން ކުރެއްވި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ފުރަތަމަ ރިޔާސީ ދައުރުގެ ހުވާ ކުރައްވާފައިވަނީ ރައީސް ނާޞިރުވެސް ރައީސްކަމުގެ ހުވާ ކުރެއްވި ފަދައިން ނާދީ ތަމައްދުންގައި، 1978 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ 00:00 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއްގައެވެ. މި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ރައީސް ނާޞިރުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުތަކާ އެއްގޮތަކަށް ބޭއްވިފައި މި ވަނީ އޭރު މި ކަންކަން ކުރުމުގެ އެންމެހައި އިންތިޒާމެއް ކުރެއްވީ ރައީސް ނާޞިރު ދުވަސްވަރުވެސް އެކަންކަން އިންތިޒާމްކުރައްވަން ތިއްބެވި ފަރާތްތަކުން ކަމަށްވާތީ އެ އާދަކާދައިގެ ދަށުންނެވެ.

 

ރައީސް މައުމޫން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސް މައުމޫނުގެ ފުރަތަމަ ދައުރަށް ފަހު ދެން އައި ހުރިހާ ރިޔާސީ ދައުރެއްގައިވެސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ ނޮވެންބަރު 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެކަމަށްޓަކައި ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ ޚާއްޞާ ޖަލްސާއެއްގައެވެ. މިއީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުޙައްމަދު އަމީން ދީދީ ހުވާ ކުރެއްވި ވަގުތުވެސް މެއެވެ. މިގޮތުން 1983 ވަނަ އަހަރުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ ނޮވެންބަރު 11 ވަނަ ދުވަހުގެ ހެނދުނު މާލޭ ހިއްކި ބިމުގައި އެކަމަށްޓަކައި ތައްޔާރު ކުރެވުނު ޚާއްޞަ ދަރުބާރުގެއެއްގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއްގައެވެ. އެއަށްފަހު 1988 ވަނަ އަހަރު ރައީސް މައުމޫންގެ 3 ވަނަ ދައުރުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ ނޮމެންބަރު 11 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއްގައެވެ. އަދި 1993 ވަނަ އަހަރު އެމަނިކުފާނުންގެ 4 ވަނަ ރިޔާސީ ދައުރުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއްގައެވެ. އެއަށްފަހު 1998 ވަނަ އަހަރާއި 2003 އަހަރު، އެ މަނިކުފާނުންގެ ރިޔާސީ 5 ވަނަ ދައުރާއި 6 ވަނަ ދައުރުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުތައް ބޭއްވިފައިވަނީ ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި އެކަމަށްޓަކައި ބޭއްވުނު އެމަޖިލީހުގެ ޚާއްޞަ ޖަލްސާއެއްގައި ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ހެނދުނެވެ.

 

ރައީސް ނަޝީދު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު

2008 ވަނަ އަހަރު ދިވެހިރާއްޖޭގެ ޖުމްހޫރީ ވެރިކަމުގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް ހަމަތަކާއި އެއްގޮތަށް ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކެނެރީގޭ މުޙައްމަދު ނަޝީދުގެ ރިޔާސީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުނީ 2008 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދަރުބާރުގޭގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއްގައެވެ. 1953 އެއްގެ ފަހުން ދިވެހިރާއްޖޭގެ ރައީސްއާއެކު ނާއިބު ރައީސަކުވެސް ހުވާކުރައްވާފައިވަނީ ރައީސް ނަޝީދުގެ ހުވާކުރެއްވުމުގެ މި ރަސްމިއްޔާތުގައެވެ. އެއީ އަމަނިކުފާނުންގެ ނާއިބު ރައީސްއެއްގެ ގޮތުގައި އިންތިޚާބު ކުރެވުނު ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. ރައީސް ނަޝީދުގެ ރިޔާސީ ދައުރު ފުރިހަމަ ނުވަނީސް އެމަނިކުފާނުންގެ ވެރިކަން ބަދަލުވެ އެމަނިކުފާނުންގެ ނައިބަކަށް ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ދިވެހިރާއްޖޭގެ ރައީސްކަމުގެ ހުވާކުރައްވާފައިވަނީ ކުއްލިގޮތަކަށް ވަރަށް އަވަސް އަވަހަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ހާޒިރުގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައެވެ.

 

އެންމެ އާދައިގެ ގޮތަކަށް ހުވާ ކުރައްވާފައިވަނީ ޑރ. ވަހީދު 

ސުޕްރީމް ކޯޓުގެ ނުފޫޒުން 2013 ވަނަ އަހަރު ބޭއްވުނު ހައިޖާނު ބޮޑު ރިޔާސީ އިންތިޚާބަކަށް ފަހު ރައީސްކަމުގެ މަޤާމަށް ހޮވުނުކަމަށް ކަމާއިބެހޭ އިދާރާއިން ކަނޑައެޅި ކާމިނީގޭ ޢަބްދުﷲ ޔާމީން ރައީސްކަމުގެ ހުވާކުރެއްވީ، ދެވަނަ ޖުމްހޫރިއްޔާގައި ރިޔާސީ އިންތިޚާބުން ހޮވިގެން ރައީސްކަމަށް ވަޑައިގެންނެވި އެހެން ބޭބޭފުޅުންނާއި ޚިލާފަށް ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއްގައެވެ. މި ޖަލްސާގައި ޢަބްދުﷲ ޔާމީނާއެކު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ނައިބު ރައީސްގެ ހުވާކުރެއްވިއެވެ. ދިވެހީން މިވީހާ ދުވަހު ފާހަގަކުރަމުން އައި ޖުމްހޫރީ ދުވަސް ނޫން އެހެން ދުވަހެއްގައި "މިރައީސްގެ" ހުވާކުރެއްވުން ވެގެން ދިޔައީ ދިވެހީންގެ ޢާއްމު އާދަކާދައާއި ޚިލާފަށް ކުރެވުނު ކަމަކަށެވެ.

ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވި ދަރުބާރު

2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި ބޭއްވުނު ވާދަވެރި ރިޔާސީ އިންތިޚާބުން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ހޯއްދަވައިގެން ދިވެހީންގެ އުއްމީދުތަކަށް އަލުން ދިރުން ގެނެސްދެއްވި ޅ.ހިންނަވަރު ނޫރާނީގޭ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުންގެ ނައިބު ރައީސް ފައިޞަލް ނަސީމްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބޭއްވިގެން މިދަނީ ޔާމީންގެ ރިޔާސީ ދައުރުވެސް ފެށުނު ނޮވެންބަރު 17 ވަނަ ދުވަހުގައެވެ. އެހެން ހުރިހާ ރައީސުންނާ ޚިލާފަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއާއި ނައިބު ރައީސް ފައިޞަލް ނަސީމްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވިގެން މިދަނީ ދިވެހިރާއްޖޭގެ ރަސްމީ ބޯޅަދަނޑުގައި ހަވީރު 4:30 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއްގައެވެ. މި ޖަލްސާ ވެގެން ދާނީ މިހާތަނަށް ރާއްޖޭގެ ރައީސަކު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އެންމެ ބޮޑުކޮށް އެންމެ ގިނަ ބަޔެއްގެ ބައިވެރިވުމާ އެކު ބޭއްވޭ ރަސްމިއްޔާތަށެވެ. މިއަދުގެ މި ރަސްމިއްޔާތު ޚާއްޞަވެގެންދާ އަނެއް ސަބަބަކީ ދިވެހިރާއްޖޭގެ އަވަށްޓެރި، މި ސަރަހައްދުގެ އެންމެ ބޮޑު ޤައުމު، އަދި ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކްރެސީ ކަމަށްވާ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ، ޔާމީނުގެ ރައީސްކަމުގައި ރާއްޖެ ވަޑައިނުގެން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާތީއެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގެ ރައީސުންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުތައް ބޭއްވުނު ގަޑިތަކަށް ބަލާއިރު ރާއްޖޭގެ ރައީސްކަން ކުރެއްވި 6 ރައީސުންނާއި އަދި މިއަދު ރައީސްކަމުގެ ހުވާކުރައްވާ ރައީސް އާއެކު، 7 ރައީސުންގެ 13 ރިޔާސީ ދައުރުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވާ ގަޑިތަކަށް ބަލާއިރު 3 ރަސްމިއްޔާތު ބާއްވަވާފައިވަނީ މެންދަމު 00:00 ގައެވެ. 8 ރަސްމިއްޔާތު ހެނދުނު 10:00 ގައެވެ. އަދި 1 ރަސްމިއްޔާތު މެންދުރުފަހު ބާއްވަވާފައިވާއިރު މިއަދު މި ރަސްމިއްޔާތު ބޭއްވިގެން މިދަނީ ހަވީރު 4:30 ގައެވެ. އަދި ރަސްމިއްޔާތު ބޭއްވުނު ދުވަސްތަކަށް ބަލާއިރު ފުރަތަމަ ޖުމްހޫރިއްޔާގައި 1 ޖަނަވަރީގައި ބޭއްވުނު އިރު ދެވަނަ ޖުމްހޫރިއްޔާގައި 10 ފަހަރު ބޭއްވިފައިވަނީ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ނޮވެންބަރު 11 ވަނަ ދުވަހުގައެވެ. އަދި މިއަދުގެ މި ރަސްމިއްޔާތާއި ލައިގެން 2 ރަސްމިއްޔާތު މިބޭއްވެނީ ނޮވެންބަރު 17 ވަނަ ދުވަހުގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ރިޔާސީ ހުވާކުރައްވާ ދުވަސް އަލުން ނޮވެންބަރު 11 އަށް ވެގެން ދިޔުމަކީ ގިނަ ދިވެހީންގެ އުއްމީދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
17%
83%
ކޮމެންޓް