ކ. މާލެ
|
13 އޭޕްރިލް 2021 | އަންގާރަ 00:30
މިސްކިތެއްގައި މީހަކު ނަމާދު ކުރަނީ
މިސްކިތެއްގައި މީހަކު ނަމާދު ކުރަނީ
މުހައްމަދު ޝަރުހާން
ރޯދަ ޤަޟާކުރުން
ރަމަޟާން މަހުގެ ރޯދަ ޤަޟާކުރުން
ރޯދަހިފުން ޙަރާމްވެފައިވާ ދުވަސް ދުވަހާއި ފަރުޟު ރޯދައަކަށް ޢައްޔަންވެގެންވާ ދުވަސް ދުވަހު އެފަދަ ރޯދަހިފުން ހުއްދައެއް ނޫން
ފާއިތުވީ ރޯދަ ޤަޟާކުރަން ކަމުދާނީ ސުންނަތް ރޯދަހިފަން ކަމުދާ ދުވަސް ދުވަހު

ރަމަޟާންމަހުގައި ރޯދަވީއްލުން ހުއްދަކުރާ ޢުޒުރުތަކުގެ ތެރެއިން ޢުޒުރެއް މެދުވެރިވެގެން ނުވަތަ ރޯދަގެއްލޭ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެގެން ރޯދަގެއްލުމުން ނުވަތަ ތިމާގެ ރޯދަ ވީއްލުމުން ނުވަތަ ގަސްތުގައި އެފަދަކަމެއްކޮށް ރޯދަނަގައިލުމުން ފާއިތުވެގެންދާ ރޯދަ ޤަޟާކުރުމަށް އަވަސްވެގަތުމީ މުސްތަޙައްބު ސުންނަތެކެވެ. ގިނަ ރޯދަތަކެއް ޤަޟާކުރަންވެފައިވާނަމަ ވިދިވިދިގެން އެރޯދަތައް ހިފުންވެސް އެފަދައެވެ. އަނެއް އަހަރު ރަމަޟާންމަހާއި ދެމެދު އެރޯދަތައް ކިރިޔާ ހިފޭހައި ދުވަސް ނޫނީ ނެތިއްޖެނަމަ، ޤަޟާކުރުމަށް އަވަސްވެގަތުން ވާޖިބުވެދެއެވެ. އަނެއް އަހަރުގެ ރަމަޟާން މަސް އަތުވެއްޖައުމަށް ދާންދެން ފަސްކޮށްފައިނަމަ ޤަޟާކުރުމާއިއެކު ފިދުޔަދިނުން ލާޒިމުވާނެއެވެ. ތަކުރާރުވަމުންދާ ކޮންމެ އަހަރަކަށް މިބުނި ފިދުޔަ ތަކުރާރުކުރާންޖެހޭނެއެވެ.

ފާއިތުވީ ރޯދަ ޤަޟާކުރާން ކަމުދާނީ ސުންނަތް ރޯދަހިފާން ކަމުދާ ދުވަސް ދުވަހެވެ. ރޯދަހިފުން ޙަރާމްވެފައިވާ ދުވަސް ދުވަހާއި ފަރުޟު ރޯދައަކަށް ޢައްޔަންވެގެންވާ ދުވަސް ދުވަހު އެފަދަ ރޯދަހިފުން ހުއްދައެއްނޫނެވެ. ފަރުޟު ރޯދައަކަށް ޢައްޔަންވެގެންވާ ދުވަހަކީ އެހެން އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކެވެ. ނުވަތަ ވަކިމިވެނި ދުވަހަކު ރޯދަހިފާން ނަދުރުގެންފައިވާ ދުވަހެވެ.

ފާއިތުވީ ރޯދައެއް ނުވަތަ ރޯދަތަކެއް ޤަޟާންކުރާންވެފައި އޮތުމާއިއެކު ޤަޟާނުކުރެވިގެން އުޅެނިކޮށް މަރުވެއްޖެނަމަ އެއިން ކޮންމެ ރޯދައަކަށް މުއްދެއް ބެހުމީ އެމީހާގެ ވަލީވެރިޔާގެ މައްޗަަށް ވާޖިބުވެގެންވާ ކަމެކެވެ. މުއްދުބެހުމަކާއި ނުލައި އެރޯދަތައް އެމީހާގެ މަތީން ވަލީވެރިޔާ ހިފުންވެސް ހުއްދައެވެ.

ފާއިތުވި ރޯދައިގެ ނިޔަތް

ދުލުން ކިޔާނީ نَوَيْتُ صَوْم غَدٍ عَنْ قَضَاءِ مَافَاتَ مِنْ شَهْرِ رَمَضَانَ لِلَّهِ تَعَالى މިފަދައިންނެވެ. ހިތުން ނިޔަތް ގަންނާނީ ރަމަޟާންމަހުން ފާއިތުވި ފަރުޟުރޯދަ ޤަޟާކުރުމަށްޓަކައި މާތްކަލާނގެ ކިބަޔަށް މާދަމާ ރޯދަހިފުމަށް ނިޔަތްގަތީމެވެ. މިފަދައިންނެވެ. އެހެން މީހަކުގެ ކިބައިން ޤަޟާކުރާ ރޯދައެއް ނަމަ لِلَّهِ تَعَالى ކިޔުމުގެ ކުރިއަށް عَنْ އިތުރުކޮށް އެމީހެއްގެ ނަންގެންނާނީއެވެ. مَثَلاً: عَنْ أَبِى (ތިމަންގެ ބަފައިގެ ކިބައިން) ނުވަތަ عَنْ فُلاَنٍ بِنْ فُلاَنٍ  (އެވެނިމީހާގެ ދަރި އެވެނި މީހާގެ ކިބައިން) لِلَّهِ تَعَالى މިފަދައިންެނެވެ.

ސުންނަތް ރޯދަ

ރޯދައަށް ހުރުން ސުންނަތްވެގެންވާ ދުވަސްތައް ވަރަށް ގިނައެވެ. އޭގެތެރެއިން އަންނަނިވި ދުވަސްތަކާއި މަސްތައްވެއެވެ. 1- ހޯމަ ދުވަސް 2- ބުރާސްފަތި ދުވަސް 3- ޙައްޖުމަހުގެ ފުރަތަމަ އަށްދުވަސް 4- ޙައްޖުވެރިޔާއަށް މެނުވީ ޢަރަފާތު ދުވަސް އެއީ ޙައްޖުމަހު ނުވަދުވަހެވެ. 5- މުޙައްރަމްމަހު ފުރަތަމަ އަށް ދުވަސް 6- ތާސޫޢާ ދުވަސް އެއީ މުޙައްރަމްމަހު 9 ވަނަ ދުވަހެވެ. 7- ޢާޝޫރާ ދުވަސް އެއީ މުޙައްރަމް ދިހަވަނަ ދުވަހެވެ. 8- ޙުރުމަތްތެރިވެެެގެންވާ މައްސަރުތައް އެއީ: ޛުލްޤައިދާ، ޛުލްޙިއްޖާ، މުޙައްރަމް، ރަޖަބު، މިހަތަރުމަހެވެ. 9- ޝަޢުބާންމަހު ރޯދަހިފުން 10- ޝައްވާލްމަހު 6 ރޯދަ ހިފުން (މި ހަރޯދަ ވިދިވިދިގެން ހިފުމާއި ފިޠުރު ޢީދާއި ގުޅުވައިގެން ހިފުން މޮޅުއިތުރެވެ. 11- ކޮންމެ މަހަކު 13،14،15 މި ތިން ދުވަސް 12- ކޮންމެ މަހަކު 27،28،29 މިތިން ދުވަސް 13- ދެ ދުވަހުން އެއްދުވަސް 14- ތިންދުވަހުން އެއްދުވަސް.

ސުންނަތް ރޯދައިގެ ނިޔަތް

ދުލުން ކިޔާނީ نَوَيْتُ صَوْم غَدٍ تَطَوُّعًا لِلَّهِ تَعَالى މިފަދައިންނެވެ. ހިތުން ނިޔަތްގަންނާނީ މާތްކަލާނގެ ކިބަޔަށް އަޅުކަން ކުޅައުމުގެ ގޮތުން ސުންނަތް ރޯދައެއް މާދަމާ ހިފުމަށް ނިޔަތްގަތީމެވެ. މިފަދައިންނެވެ.

މަކުރޫހު ރޯދަ

ހުކުރު، ހޮނިހިރު، އާދީއްތަ، މިއިން ކޮންމެ ދުވަހެއް ވެސް އެކަހެރިކޮށް ހިފާ ރޯދަ 2- ރޯދަ ހިފުމުން ބުރައެއް ލިބިދާނެ ނަމަ، ބަލިމީހާ އާއި، ދަތުރުވެރިޔާ އާއި، މާބަނޑުމީހާ އާއި، ކިރުމައިމީހާ އާއި، ދުވަސްވެ ވަރުދެރަވެފައިވާ މުސްކުޅިޔާ އާއި މި މީސްމީހުން ހިފާ ރޯދަ. 3- ފަރުޟު ރޯދައެއް ޤަޟާކުރަންވެފައި އޮއްވައި ހިފާ ސުންނަތް ރޯދަ 4- ދަހުރު ރޯދަ. އެއީ ރޯދަ ހިފުން ޙަރާމްދުވަސްނޫން އެހެން ހުރިހައި ދުވަހަކު ރޯދައަށްހުރުމެވެ.

ޙަރާމް ރޯދަ

ޙަރާމް ދެދުވަހާއި އައްޔާމުއްތަޝްރީޤު ތިން ދުވަހާއި، ރޯދަ ހިފުން ޙަރާމްއެވެ. އައްޔާމުއްތަޝްރީޤު ތިން ދުވަހަކީ ޙައްޖުމަހު 11، 12، 13 މިތިން ދުވަހެވެ. 2- ޙައިޟުވެރިޔާ އާއި، ނިފާސްވެރިޔާ އެދެކަމުގެ ދުވަސްވަރުގައި ރޯދަ ހިފުން ޙަރާމެވެ. 3- ސަބަބަކަށްޓަކައި މެނުވީ ޝަޢުބާންމަހުގެ ދެބައިން ފަހުބައިގައި ރޯދަހިފުން ޙަރާމެވެ. އެމަހުގެ ކުރީބަޔާއި ގުޅުވައިގެން ހިފާނަމަ ޙަރާމެއްނޫނެވެ. 4- ސަބަބަކަށްޓަކައި ނުވަތަ ތިމާގެ ޢާދާއަކާއި ދިމާވެގެން މެނުވީ ޝައްކުގެ ދުވަހު ރޯދަހިފުން ޙަރާމެވެ. ސަބަބަކަށްޓަކައި ރޯދަހިފުމަކީ ފާއިތުވެފައިވާ ރޯދައެއް ޤަޟާކުރުމެވެ. ނުވަތަ ބުނެފައިވާ ނަދުރެއް ފުއްދުމަށްޓަކައި ރޯދަހިފުމެވެ. ޝައްކުގެ ދުވަހަކީ ރަމަޟާންމަހު ހަދުފެނިއްޖެއޭ ކިޔައި މީސްތަކުން ވާހަކަދައްކުމާއިއެކު ހަނދު ސާބިތުނުވެ އޮންނަދުވަހެވެ. މިގޮތް މެދުވެރި ވާނީ ޝަޢުބާންމަހު ތިރީސްވަނަ ދުވަހުއެވެ.

- ކޮމެންޓް