ކ. މާލެ
|
9 މެއި 2021 | އާދީއްތަ 16:20
ކުރީ އަހަރެއްގެ ރޯދަމަހު މީހަކު ޒަކާތް ދައްކަނީ (ފައިލް ފޮޓޯ)
ކުރީ އަހަރެއްގެ ރޯދަމަހު މީހަކު ޒަކާތް ދައްކަނީ (ފައިލް ފޮޓޯ)
ރަމަޟާން 1442 - ޒަކާތް ދިނުން
ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ
ޒަކާތް ދިނުމަކީ ވާޖިބެއް
އިސްލާމް ދީނުގައި ފިޠުރު ޒަކާތް ޝަރުޢު ކުރެވިގެން ވަނީ ދެ ބޭނުމެއްގައި

ފިތުރު ޒަކާތް

ފިޠުރު ޒަކާތް ދިނުމަކީ ވާޖިބުވެގެންވާ އަޅުކަމެކެވެ. މުސްލިމު ކޮންމެ ބޮޑު މީހަކާއި ކުޑަކުއްޖަކަށެވެ. ރޯދަ މަހުގެ ރޯދަ ހިފައި ނިމިގެން ޢީދު ދުވަހު ތިމާއާއި ޢާއިލާގެ މީހުން ކައިގެން ބާކީ ވާނަމަ އެ އެއްޗަކުން ޞާއެއްގެ މިންވަރެވެ. އެބަހީ 2.37 ކިލޯއެވެ. ޢީދު ވިލޭރެއާ ހަމައަށް ދިރިހުރި ކޮންމެ މުސްލިމަކަށެވެ. ކުޑަކުއްޖާގެ ފަރާތުން ނެރޭނީ އޭނާގެ ބަލަދުވެރިޔާއެވެ.

ފިތުރު ޒަކާތުގެ މަޤްޞަދު

އިސްލާމް ދީނުގައި ފިޠުރު ޒަކާތް ޝަރުޢު ކުރެވިގެން ވަނީ ދެ ބޭނުމެއްގައެވެ. އެއްބޭނުމަކީ ރޯދަވެރިޔާއަށް ރޯދަ މަހުގައި ކުރެވިފައިހުރި ނޭދެވޭ ކަންތައްތަކުން އޭނާ ޠާހިރުކުރުވުމެވެ. އެއާއެކު އެންމެ މުހިއްމު ސަބަބަކީ ފަޤީރުމީހާއާއި ނިކަމެތި މީހާގެ މަޞްލަޙަތަށްޓަކައި ޢީދުދުވަހު އޭނާވެސް ޢާއްމު މުސްލިމުންގެ އުފަލުގައި ބައިވެރި ކުރުވުމަށާއި ތަނަވަސް މީހާ ދެކެ ނިކަމެތިމީހާ ހަސަދަވެރި ވެދާނެތީ އެކަމުން އޭނާ ދުރުހެލި ކުރުވުމެވެ. އިމާމު ދާރުޤުޠްނީއާއި ބައިހަޤީ ނެރުއްވާފައިވާ ޙަދީޘެއްގައި ވެއެވެ. ލޮބުވެތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. ]أَغْنُوهُمْ عَنْ الْمَسْأَلَةِ فِي هَذَا الْيَوْمِ[ މާނައީ: ފަޤީރުން ސަލާމްޖެހުމުގެ ނިކަމެތިކަމުން ދުރުކޮށް މިއަދު އެމީހުން ފުދުންތެރި ކޮށްދޭށެވެ. މިއެވެ.

ފިޠުރު ޒަކާތް ނެރެންޖެހޭ ތަކެތި

އިހު ޒަމާނުގައި މީހުންގެ ދިރިއުޅުން އޮތް ގޮތުން މިއަދުހެން މީހުންގެ އަތަކު ނަގުދު ފައިސާއެއް ނުހުރެއެވެ. ދަނޑުވެރިންގެ އަތުގައި ހުންނަނީ އޮށްޓަރުގެ ބާވަތެވެ. ޖަނަވާރު ގެންގުޅޭ މީހުންގެ އަތުގައި ހުންނަނީ ގެރިބަކައްޓެވެ. ރުފިޔާ ފައިސާ (އޭރުގައި ނަމަ ދީނާރާއި ދިރުހަމް) ހުންނަނީ މަދު މީހެއްގެ އަތުގައެވެ. އެވެސް ފަސޭހައަކުން މާރުކުރެވޭގޮތަކަށް ނުހުރެއެވެ. އިމާމުވެރި ބޭކަލުންގެ ދުވަސްވަރުގައި ވެސް ކަންތައް އޮތީ މިގޮތަށެވެ. އެހެންކަމުން ކީރިތި ރަސޫލާ ފިޠުރު ޒަކާތް ނެރުމުގައި އިރުޝާދު ދެއްވާފައި ވަނީ އެމީހަކު ކާއެއްޗަކުން އެއް ޞާޢުގެ މިންވަރު ނެރުމަށެވެ. (އެބަހީ 2.37 ކިލޯއެވެ.) އެކަމަކު ކަނޑައެޅޭ ވަކި ބާވަތްތަކެއް ކީރިތި ރަސޫލާ އެންގެވިިއެވެ. އެބާވަތްތަކަކީ ގޮދަނާއި ބާރްލީއާއި ކަދުރާއި ހިކި މޭބިސްކަދުރާއި ގަނޑުކިރެވެ. ބައެއް ރިވާޔަތްތަކުގައި ގަނޑުކިރުގެ ބަދަލުގައި ދޮނަޅައިގެ ވާހަކަ އައިސްފައި ވެއެވެ.

މިޒަމާނުގައި އަގާ ނުލައި ޞާޢުގެ މިނުން ކަނޑައަޅަން ނޭގުން

މިހާރުގެ ވަޒަނުން ބަލާނަމަ ޞާއަކީ 2.37 ކިލޯއެވެ. އެހެނަސް މިއީ އެކި ބާވަތުން ވަޒަން ތާފާތުވާ އެއްޗެއްސެވެ. މިސާލަކަށް ގޮދަން ޞާއަކާއި ހިމަގޮދަން ޞާޢަކާ ވަޒަންގެ ގޮތުން ތަފާތު ވާނެއެެވެ. ހަމަ އެހެންމެ ކަދުރު ޞާޢަކާއި ހިކި މޭބިސްކަދުރު ޞާޢެއްގެ ބަރުދަން ތަފާތު ވާނެއެވެ. އެހެންކަމުން މިތަކެތި ހަމައެކަނި އެޒަމާނުގައި ދިންގޮތޭ ކިޔައިގެން މިޒަމާނުގައި ވަޒަނުން ދިނުމަކުން ދެކޮޅު ނުޖެހޭނެވެ.

ކާޑު ގެބާވަތުން ޒަކާތް ނެރުން ވާޖިބެއް ނޫން

މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. [عَنْ أَبِي سَعِيدٍ الْخُدْرِيِّ يَقُولُ كُنَّا نُخْرِجُ زَكَاةَ الْفِطْرِ صَاعًا مِنْ طَعَامٍ أَوْ صَاعًا مِنْ شَعِيرٍ أَوْ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ أَقِطٍ أَوْ صَاعًا مِنْ زَبِيبٍ] މާނައީ: އަބޫ ސަޢީދު ވިދާޅުވެފައި ވެއެވެ. ތިމަންމެން ފިޠުރު ޒަކާތަށް ނެރެމުން އައީ ބާރުލީއިން ޞާޢެއްގެ މިންވަރެވެ. ނުވަތަ ޞާޢެއްގެ ހިމަ ގޮދަނެވެ. ނުވަތަ ޞާޢެއްގެކަދުރެވެ. ނުވަތަ ޞާޢެއްގެ ގަނޑު ކިރެވެ. ނުވަތަ ޞާޢެއްގެ ހިކި މޭބިސް ކަދުރެވެ.

ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދުނު ސަބަބު

ބަޔާންވެދިޔަ ޙަދީޘާއި މިނޫންވެސް މިފަދަ ޙަދީޘުތަކުން އެނގެނީ ކީރިތި ރަސޫލާގެ ދުވަސްވަރު މީސްތަކުން ފިޠުރު ޒަކާތް ނެރެއުޅުނީ ބަޔާންވެދިޔަ ފަސް ބާވަތުންކުރެ ކޮންމެވެސް އެއް ބާވަތަކުން ކަމެވެ. އެނޫން ބާވަތެއް ނެތުމުން އެހެން އެއްޗަކުން ނެރުމުގެ ވާހަކައެއް ނުވަތަ އޭގެ އަގެއްގެ ވާހަކައެއް އެބޭކަލުންގެ މެދުގައި ދެކެވިފައެއް ނުވެއެވެ. އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ފިޠުރު ޒަކާތް ނެރުމީ ވާޖިބުކަމެކެވެ. މޮޅުގޮތަކީ މި ބުނެވުނު ބާވަތުން ނުވަތަ އެނޫންވެސް ކާ ބާވަަތަކުން ނެރުމެވެ. އިމާމު މާލިކުގެ އަރިިހުގައި ނެރެންވާނީ ހަމައެކަނި އެފަސް ބާވަތަކުުންކުރެ އެއްޗަކުންހޭ އެހީމާ އިމާމު ވިިދާޅުވަނީ ކޮންމެ ކާބާވަތަކުން ވެސް ނެރެވިދާނެ ކަމަށާއި އަގުން ހުއްދަ ނުވާނެ ކަމަށެވެ. އިމާމު ޝާފިޢީގެ ވެސް އެއްބަސްފުޅަކީ ކާ ބާވަތުން ނެރުމަށާއި އޭގެ ބަދަލެއް ކަމަކު ނުދާނެކަމަށެވެ. އަދި އިމާމު ޝާފިޢީގެ އަނެއް ބަސްފުޅަކީ މޮޅުގޮތަކީ ކާ ބަވަތުން ކަމަށާއި އަގުން ދެވިދާނެކަމަށެވެ. ޝާފިޢީ މަޛްހަބުގައި ފަތުވާދެވެނީ މިރައުޔަށެވެ. އިމާމު އަބޫ ޙަނީފާގެ ބަސްފުޅަކީ ކާ ބާވަތުން ދެވިދާނެ ކަމަށާއި މޮޅުގޮތަކީ އަގު ނެރުން ކަމަށެވެ.

ފައިސާއިން ފިޠުރު ޒަކާތް ނެރުން ހުއްދަ ނުވާނެކަމަށް ބުނުމަކީ ބާޠިލް ރައުޔެކެވެ

މިފަތުވާއަކީ އަބޫ ސަޢީދުލް ޚުދްރީއާއި ބައެއް އަޞްޙާބު ބޭކަލުންގެ ޚިޔާލުފުޅެކެވެ. އިމާމު އަޙްމަދު ޚިޔާރުކުރެއްވީ އަބޫ ސަޢީދުގެ ރައުޔެވެ. އެހެންނާ ޞަރީޙަ ބަސްފުޅަކުން ކީރިތި ރަސޫލާގެ އަރިހުން އިޝާރަތެއްވެސް އައިސްފައި އޮތީއެއް ނޫނެވެ. އެހެންކަމުންބަޔާންވެ ދިޔަ ފަސް ބާވަތުން ނޫން އެއްޗަކުން ފިޠުރު ޒަކާތް ނެރެން ވެއްޖެނަމަ އަޞްޙާބު ބޭކަލުން އަގަށް އަންދާޒާކުރައްވައި އެ އެއްޗަކުން ނެރުއްވައި އުޅުއްވިއެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. [عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ كُنَّا نُخْرِجُ إِذْ كَانَ فِينَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ عَنْ كُلِّ صَغِيرٍ وَكَبِيرٍ حُرٍّ أَوْ مَمْلُوكٍ صَاعًا مِنْ طَعَامٍ أَوْ صَاعًا مِنْ أَقِطٍ أَوْ صَاعًا مِنْ شَعِيرٍ أَوْ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ زَبِيبٍ فَلَمْ نَزَلْ نُخْرِجُهُ حَتَّى قَدِمَ عَلَيْنَا مُعَاوِيَةُ بْنُ أَبِي سُفْيَانَ حَاجًّا أَوْ مُعْتَمِرًا فَكَلَّمَ النَّاسَ عَلَى الْمِنْبَرِ فَكَانَ فِيمَا كَلَّمَ بِهِ النَّاسَ أَنْ قَالَ إِنِّي أَرَى أَنَّ مُدَّيْنِ مِنْ سَمْرَاءِ الشَّامِ تَعْدِلُ صَاعًا مِنْ تَمْرٍ فَأَخَذَ النَّاسُ بِذَلِكَ قَالَ أَبُو سَعِيدٍ فَأَمَّا أَنَا فَلاَ أَزَالُ أُخْرِجُهُ كَمَا كُنْتُ أُخْرِجُهُ أَبَدًا مَا عِشْتُ] މާނައީ: ތިމަންމެނާއެކު ކީރިތި ރަސޫލާ އުޅުއްވި އިރު، ތިމަންމެން ފިޠުރު ޒަކާތަށް ނެރެއުޅުނީ ކޮންމެ ކުޑަ ކުއްޖަކަށާއި ބޮޑު މީހަކަށް ނުވަތަ ކޮންމެ މިނިވަނަކަށާއި އަޅަކަށް ޞާޢެއްގެ މިންވަރެވެ. އެއީ ބާރުލީންނެވެ. ނުވަތަ ގަނޑު ކަދުުރުންނެވެ. ނުވަތަ ހިމަ ގޮދަނުންނެވެ. ނުވަތަ ކަދުރުންނެވެ. ނުވަތަ ހިކި މޭބިސް ކަދުރުންނެވެ. މިގޮތަށް ތިމަންމެން ޒަކާތް ނެރެމުންދަނިކޮށް، ޚަލީފާ މުޢާވިޔާގެ ދުވަސްވަރު އެކަލޭގެފާނު ޙައްޖުގެ ދަތުރުފުޅެއްގައި ނުވަތަ ޢުމުރާގެ ދަތުފުޅެއްގައި ތިމަންމެންގެ ގާތަށް ވަޑައިގަތެވެ. މިންބަރަށް އަރައިވަޑައިގެން އެކަލޭގެފާނު މީސްތަކުންނާ މުޚާޠަބު ކުރެއްވިއެވެ. އެކަލޭފާނު މީސްތަކުންނަށް އެންގެވި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކަށް އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ތިމަން ކަލޭގެފާނަށް އެނގިވަޑައިގެންފައިވާ ގޮތުން ޝާމު ކަރައިގެ ގޮދަނުގެ ދެ މުއްދުގެ އަގު އެއްވަރުވަނީ ކަދުރު ޞާޢަކާއެވެ. އޭގެފަހުން މަދީނާގެ މީހުން ޒަކާތް ނެރެމުން އައީ އެގޮތަށެވެ. އެއަށްފަހު އަބޫ ސަޢީދު ވިދާޅުވެފައި ވެއެވެ. މުޢާވިޔާ މިހެން ވިދާޅުވި ކަމުގައި ވިއަސް، ތިމަން ޒަކާތް ނެރެމުން އައީ ތިމަން ކުރީގައިވެސް ނެރެމުން އައި މިންވަރަށެވެ. މިގޮތަށް ތިމަން ދިރިހުރިހައި ދުވަހަކު ކަންތައް ކުރަމުންދިޔައީމެވެ.

މާތް ﷲ ރުއްސުންލެއްވި އަމީރު މުޢާވިޔާގެ މިޢަލުފުޅަށް ތާއީދު ކުރާ ރިވާޔަތެއް މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. [عَنْ عَبْدِ اللَّهِ بْنِ عُمَرَ قَالَ إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَرَ بِزَكَاةِ الْفِطْرِ صَاعٍ مِنْ تَمْرٍ أَوْ صَاعٍ مِنْ شَعِيرٍ قَالَ ابْنُ عُمَرَ فَجَعَلَ النَّاسُ عَدْلَهُ مُدَّيْنِ مِنْ حِنْطَةٍ] މާނައީ: ޢަބްދު ﷲގެފާނު ވިދާޅުވެފައިވަނީ ފިޠުރު ޒަކާތް ނެރުމަށް ކީރިތި ރަސޫލާ އަމުރު ކުރައްވާފައި ވެއެވެ. އެއީ ޞާޢެއްގެ ކަދުރެވެ. ނުވަތަ ޞާޢެއްގެ ހިމަގޮދަނެވެ. ދެން އިބްނު ޢުމަރު ވިދާޅުވެފައި ވެއެވެ. އެހެނަސް މީސްތަކުން ގޮދަނުގެ ނިޞާބު ހަމަވާ މިންވަރެއް ކަމުގައި ބަލަމުން ދިޔައީ ދެމުއްދު އެވެ. (އެބަހީ ގާތްގަނޑަކަށް ބައި ޞާޢެވެ.)

މި ދެޙަދީޘުން ވަރަށް ސާފުކޮށް އަގުން ނެރުމަކީ މައްސަލައެއް ނޫންކަން އެނގެއެވެ.އަދި ގިނަ އަޞްޙާބު ބޭކަލުން ފަސްބާވަތުން ނޫން އެއްޗަކުން ފިޠުރު ޒަކާތް ނެރުއްވާއިރު އަގަށް ބައްލަވައިގެން ނެރުއްވާކަން ސާފުކޮށް އެނގެއެވެ.

އެހެނިހެން އިމާމުންގެ ޚިޔާލުފުޅު

(ހ) އިމާމު އިބްނި ޙަޖަރު ނަގުލު ކުރައްވާފައިވެއެވެ. ޝާފިޢީ މަޛްހަބުގެ މަޝްހޫރު އިމާމެއް ކަމުގައިވާ އިމާމު އިބްނުލް މުންޛިރު ވިދާޅުވިއެވެ. ކީރިތި ރަސޫލާގެ އަރިހުން ގޮދަނާ ބެހޭ އެއްވެސް ބަސްފުޅެއް ތިމަންމެންނަކަށް އެނގިފައެއް ނުވެއެވެ. އެހެނީ އޭރު ގޮދަނަކީ (މަދީނާގައި ހައްދައި އުޅޭ އެއްޗެއްނޫނެވެ. މީހަކު ބޭރުންގެނެސް އަތުގައި ބަހައްޓާފައިހުރި އެއްޗެއް މެނުވީއެވެ. (އަޅުގަނޑުމެން މިކިޔާ އާޓާފުށް ހަދަނީ މިއިންނެވެ.) ދެމް ޞަޙާބާއިންގެ ދުވަސްވަރު މީސްތަކުންގެ އަތްމަތީގައި ގޮދަން ގިނަވުމުން އެބޭކަލުން ބެއްލެވީ ހިމަގޮދަން ޞާއެއްްގެ އަގަށް ބަލާފައި ގޮދަން ބައި ޞާޢު ޒަކާތަށް ނެރުމަށެވެ. އުއްމަތުގެ އިސް އިމާމުންނަކީ އެބޭކަލުންނެވެ. އެހެންކަމުން ތިމަންމެންނަށް އެބޭކަލުންގެ ބަސްފުޅު ދޫކޮށްލާފައި ދިއުމަކަށް ހުއްދައެއް ނުވާނެެވެ. ދެން އިބްނި ޙަޖަރު ވިދާޅުވަނީއިމާމު އިބްނި މުންޛިރު ޞައްޙަ ސަނަދުން ބޮޑެތި އަޞްޙާބު ބޭކަލުންގެ ރައުޔު ގެންނެވިއެވެ. އެއީ މާތް ﷲ އެބޭކަލުންނަށް ރުއްސުންލެއްވި ޢުޘްމާނުގެފާނާއި ޢަލީގެފާނާއި އަބޫހުރައިރަތުގެފާނާއި ޖާބިރުގެފާނާއި އިބްނިިޢައްބާސްގެފާނާއި ޢަބްދު ﷲ އިބްނި ޒުބައިރުގެފާނާއި އެކަލޭގެފާނުންގެ މަންމާފުޅު އަސްމާއާއި އެނޫން ބޭކަލުންނެވެ. މިބޭބޭކަލުންގެ ރައުޔަކީ ފިޠުރު ޒަކާތް ނެރުމުގައި ގޮދަނުން ނެރޭނަމަ އަގަށް ބަލައިގެން ބައި ޞާޢުގެ މިންވަރު ނެރުމަށެވެ.އެއަށްފަހު އިބްނި ޙަޖަރު ވިދާޅުވެފައި ވަނީ އިމާމު އަބޫ ޙަނީފާ އަގު ނެރުމަށް ބުރަވެ ވަޑައިގަތް މަގަކީ މިއީއެވެ. މިއަށް އިބްނި ޢުމަރުގެ ރިވާޔަތް ވެސް އެބަ ތާއީދު ކުރެއެވެ. (އަލްފަތުޙު: 3/436)

(ށ) އަދިވެސް އިބްނު ޙަޖަރު އިމާމު ޠަޙާވީގެ ބަސްފުޅު މިފަދައިން ނަގުލު ކުރަށްވާފައި ވެއެވެ. އަބޫ ސަޢީދުލް ޚުދްރީ ގެންނެވި ޙަދީޘުން ސާބިތުކޮށްދެނީ އެފަސްބާވަަތަކީ އެޒަމާނުގައި އަގުގެ ގޮތުން އެއްވަރު އެއްޗެހި ކަމާއި އެއާ ތަފާތުވާ އެއްޗެއް މީހަކު ނެރޭނަމަ އޭގެއަގާ އެއްވަރު ނުވާނަމަ އެއަގާ އެއްވަރުވާ ވަޒަނެއްނެރެން ޖެހޭނެކަމަށެވެ. ދެން އެއީ ކޮންމެ ބާވަތެއްގެ ކާޑަކަށް ބެލިކަމުގައި ވިއަސްވެހެވެ. އޭރަކުން ގޮދަނާ އެހެން އެއްޗަކާ ތަފާތެއް ނޯންނާނެއެވެ. އިމާމު ޝާފިޢީއާއި އެކަލޭގެފާނަށް ތަބާވެ ވަޑައިގެންނަވާ ޢިލްމުވެރިންގެ ޙުއްޖަތަކީ މިއީއެވެ.

(ނ) އިމާމު އިބްނި އަބީ ޝައިބާއާއި ޠަޙާވީއާއި އިބްނި ޙަޖަރު ނެރުއްވާފައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢުޘްމާނުގެފާނު ޚުޠްބާއެއްގައި ވިދާޅުވިއެވެ. [أَدُّوا زَكَاةَ الْفِطْرِ مُدَّيْنِ مِنْ حِنْطَة] (ތިޔަބައިމީހުން ފިޠުރު ޒަކާތަށް ގޮދަނުން ނެރޭނަމަ ބައިޞާޢު ނެރޭށެވެ.)

(ރ) އިމާމު އިބްނި އަބީ ޝައިބާއާއި އިބްނި ޚުޒައިމާ މާތް ﷲ ރުއްސުންލެއްވި އިބްނި ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. [قَالَ ابْنُ عُمَرَ فَلَمَّا كَانَ مُعَاوِيَةُ عَدَلَ النَّاسُ نِصْفَ صَاعِ بُرٍّ بِصَاعٍ مِنْ شَعِيرٍ] (އަމީރު މުޢާވިޔާގެ ދުވަސްވަރުގައި އެކަލޭގެފާނު ހިމަގޮދަން ޞާއެއްގެ އަގުގެ މިންވަރު ގޮދަން ބައި ޞާޢެއް ކަމުގައި ކަނޑައަޅުއްވައި މީސްތަކުންނަށް އެންގެވިއެވެ.

(ބ) އަދިވެސް އިބްނި އަބީ ޝައިބާ ރިވާކުރައްވާފައި ވެއެވެ. [فَلَمَّا كَانَ عُمَرُ كَثُرَتِ الْحِنْطَةُ، فَجَعَلَ عُمَرُ نِصْفَ صَاعِ حِنْطَةٍ مَكَانَ صَاعٍ مِنْ تِلْكَ الْأَشْيَاءِ] (ދެންފަހެ ޢުމަރުގެފާނުންގެ ދުވަސްވަރު މަދީގައި ގޮދަން ޢާއްމުވުމުން އެކަލޭގެފާނު ހަމަޖެއްސެވީ ކަނޑައެޅިފައިވާ ފަސްބާވަތަށް އޮންނަ ޞާޢުގެ ބަދަލުގައި އޭގެއަގަށް ބައްލަވާފައި ބައި ޞާޢު ކަޑައެޅުއްވިއެވެ.

(ޅ) އަދިވެސް އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. މިގޮތުން ފިޠުރު ޒަކާތް ނެރުމުގައިނަގުދު ފައިސާ ދެއްކުމަށް އިމާމު އަބޫ ޙަނީފާ ވިދާޅުވާއިރު އެގޮތަށް ވިދާޅުވާ އެތަކެއް ތާބިޢީ ބޭކަލުންނެއް އެބަތިއްބެވިއެވެ. އެބޭކަލުންގެ ތެރޭގައި އިމާމު ސުފްޔާނުއް ޘައުރީއާއި އަލް ޙަސަނުލްބަޞްރީއާއި ޚަލީފާ ޢުމަރު އިބްނިޢަބްދުލް ޢަޒީޒު ހިމެނި ވަޑައިގަންނަވަައެވެ. ހަމައެހެންމެ ބައެއް ޢަޞްޙާބު ބޭކަލުންގެ އަރިިހުން އެރައުޔު ފެންނާން އެބައޮތެވެ. މިސާލަކަށް އިމާމު މުސްލިމު ނެރުއްވި އިބްނި ޢުމަރުގެ ރިވާޔަތުން އެނގޭފަދައިންނެވެ. އިމާމު ބުޚާރީގެ ރައުޔަކީވެސް މިއީއެވެ.

(ކ) އިމާމު އިބްނި އަބީޝައިބާ ވަނީ ނަގުދު ފައިސާއިން ފިޠުރު ޒަކާތް ނެރެވޭނެކަން ބަޔާން ކުރައްވައި އެކަލޭގެފާނުންގެ މުޞައްނިފުގައި މުސްތަޤިއްލު ބާބެއް ބަޔާން ކުރައްވާފައެވެ. އޭގައި އެކަލޭގެފާނު މިފަދައިން ވިދާޅުވެފައިވެއެވެ. "ފިޠުރު ޒަކާތަށް ނަގުދު ފައިސާއިން ދިނުން ހުއްދަވެގެން ވާކަން ހާމަކޮށްދޭ އަސަރުތަކެއް ހުރިކަން ބަޔާންވެގެންވާ ބާބު" މިހެންނެވެ. މިގޮތުން އެއްރިވާޔަތަކަށް އަންނަނީ ޢުމަރު އިބްނި ޢަބްދުލް ޢަޒީޒުގެ ޚިލާފަތުގައި ބަޞްރާގެ ގަވަރުނަރަށް އެކަލޭގެފާނު އަންގަވާފައިވާ އަމުރުފުޅެވެ. [حَدَّثَنَا أَبُو أُسَامَةَ عَنْ ابْنِ عَوْنٍ قَالَ سَمِعْتُ كِتَابَ عُمَرَ بْنِ عَبْدِ الْعَزِيزِ يُقْرَأُ إلَى عَدِيٍّ بِالْبَصْرَةِ يُؤْخَذُ مِنْ أَهْلِ الدِّيوَانِ مِنْ أَعْطِيَّاتِهِمْ عَنْ كُلِّ إنْسَانٍ نِصْفُ دِرْهَمٍ] (އެސިޓީފުޅުގައި ވަނީ ވެެރިކަމުގެ ކޮއިލުގެ ކޮންމެ ބޮލަކުން ބައި ދިރުހަމް ނެގުމަށެވެ. އަދިވެސް ޤުއްރާގެ ކިބައިން ރިވާވެގެން ވެެއެވެ.) [حَدَّثَنَا وَكِيعٌ عَنْ قُرَّةَ قَالَ جَاءَنَا كِتَابُ عُمَرَ بْنِ عَبْدِ الْعَزِيزِ فِي صَدَقَةِ الْفِطْرِ نِصْفُ صَاعٍ عَنْ كُلِّ إنْسَانٍ أَوْ قِيمَتُهُ نِصْفُ دِرْهَمٍ] (ތިމަންމެންނަށް ޢުމަރު އިބްނި ޢަބްދުލް ޢަޒީޒުގެ ފަރާތްޕުޅުން ފިޠުރު ޒަކާތާ ބެހޭގޮތުން ސިޓީފުޅެއް އައެވެ. އޭގައިވަނީ ކޮންމެ މީހެއްގެ އަތުން ޞާޢެއްގެ މިންވަރު ނެގުމަށާއި ނުވަތަ އޭގެ އަގަށްވާ ބައި ދިރުހަމް ނެގުމަށެެވެ.)

(އ)މަޝްހޫރު ތާބިޢީ ބެއިކަލެއް ކަމުގައިވާ އިމާމު އަލްޙަސަނުލް ބަޞްރީގެ ކިބައިން ރިވާ ވެގެން ވެއެވެ. [حَدَّثَنَا وَكِيعٌ عَنْ سُفْيَانَ عَنْ هِشَامٍ عَنْ الْحَسَنِ قَالَ لَا بَأْسَ أَنْ تُعْطِيَ الدَّرَاهِمَ فِي صَدَقَةِ الْفِطْرِ] (އެކަލޭގެފާނުވިދާޅުވެފައިވަނީ ފިޠުރު ޒަކާތުގެ ގޮތުގައި ފައިސާއިން ނެގުމުގައި މައްސަލައެއް ނެތެވެ.)

(ވ) ހަތަރުވަނަ ޤަރުނުގައި އުޅުއްވި އެންމެބޮޑު އެއް އިމާމު ކަމުގައިވާ އިމާމު އަބޫ އިސްޙާޤުގެ ކިބައިން ރިވާވެގެން ވެއެވެ. [عَنْ زُهَيْرٍ قَالَ سَمِعْتُ أَبَا إِسْحَاقَ يَقُولُ أَدْرَكْتُهُمْ وَهُمْ يُعْطُونَ فِي صَدَقَةِ رَمَضَانَ الدَّرَاهِمَ بِقِيمَةِ الطَّعَامِ] (ތިމަންކަލޭގެފާނަށް ޢިލްމުވެރިން ފެނިވަޑައިގެންފައި އޮތީ އެބޭކަލުން ފިޠުރު ޒަކާތުގެ ގޮތުގައި ކާޑުގެ ބަދަލުގައި އޭގެ އަގަށްވާ ފައިސާއިން ނެރުއްވާ ތަނެވެ.)

(އ) އިމާމު އިބްނި މުންޛިރު އަލްއައުސަޠުގައި ބަޔާން ކުރައްވާފައި ވެއެވެ. ކީރިތި ރަސޫލާގެ އަޞްޙާބު ބޭކަލުން ކަދުރާއި ހިމަގޮދަނުން ފިޠުރު ޒަކާތުގެ ގޮތުގައި ޞާޢެއް ނަންގަވަމުން ގޮސް ގޮދަނުން ނަންގަންވަން ވުމުން އެއާ އަގުކުރައްވައި ގޮދަނުން ބައިޞާޢު ނަންގަވަތެވެ. އެހެންކަމުން ތިމަން ކުރީންވެސް ބަޔާން ކުރިފަދައިން މިއީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައި އޮތް ދީނުގެ ފަރުޢީ މައްސަލައެކެވެ. އަދި މިޚިލާފު އޮތީ އިހުނުއްސުރެއެވެ. މިއީ މިކަމުގައި ދާއިރާ ތަނަވަސް ވެފައި އޮތް މައްސަލައެކެވެ. ވުމާއެކު ޙަދީޘުގައި ބަޔާންވާ ބާވަތްތަކުން މީހަކު ތިމާގެ ޒަކާތް ނަގާނަމަ ފަޤީރުންނަށް ފައިދާ ބޮޑުވެފައި އެމީހުންގެ ޙާޖަތްތައް އެގޮތުގައި ފުއްދައި ދޭނަމަ އެގޮތްވެސް ރަނގަަޅެވެ. އަދި ފިޠުރު ޒަަކާތަށް ނެރޭ އެއްޗެހީގެ އަގުނަގަމުން ދިއުމަކީވެސް ސަލަފުއްޞާލިޙުންގެ މެދުގައި ޢަމަލުވަމުން އައި ގޮތެކެވެ. އެހެންނަމަވެސް ޖުމްހޫރު ދަންނަބޭކަލުން އިސްކަން ދެއްވާފައި އޮތީ ކާޑުގެ ބާވަތުން ނެރުމަށެވެ. وَاللَّهُ تَعَالَى أَعْلَمُ

ހަނޑުލާއި ފުށުން ޒަކާތް ނުނެރެވޭނެ

ދިވެހި ރާއްޖެއަކީ ގޮވާންކޮށް އުޅޭތަނެއް ނޫނެވެ. އަޅުގަނޑުމެން އަތަކު ހިމަގޮދަނެއްވެސް އަދި ކަދުރެއްވެސް ނުހުރެއެވެ. ބާރްލީއެއްވެސް ކަދުރެއްވެސް ނުހުރެއެވެ. މޭބިސްކަދުރާއި ގަނޑުކިރެއްވެސް ނުހުރޭމެއެވެ. މާނައަކީ ޙަދީޘުން ސާބިތުވާ ފަސްބައިން ކުރެ އެއްވެސް ބައެއް އަޅުގަނޑުމެން ޢާއްމުކޮށް ބޭނުންކޮށެއް ނުހަދަމެވެ. ޢާއްމުކޮށް ކައިއުޅެނީ ބަތެވެ. އަޅުގަނޑުމެން އަތަކު ހަނޑުލެއް ވެސް ނުހުރޭމެއެވެ. ދެން ކައިއުޅެނީ ފުށެވެ. އެއީ ހިމަގޮދަނުގެ ފުށެވެ. ފުށުން ޒަކާތް ދިނުން އިހުގެ ޢިލްމުވެރިން މަނާ ކުރައްވާފައި ވެއެވެ.

ކޮންމެ ގޮތަކަށް ވެސް ކާޑުގެ ބާވަތުން ޒަކާތް ދައްކަންޏާ ޖެހެނީ ފައިސާ ދީފައި ގަނެގެން ދެން އެއިން ޒަކާތް ދައްކާށެވެ. ޒަކާތް ދެއްކޭނެ ދެގޮތް އޮތްވާ ފުރަގަހުން ކަންފަތުގައ ހިފުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އަނެއްކޮޅުން މިތަކެއްޗަކީ އަޅުގަނޑުމެން ބޭރުން އެތެރެ ކުރާ އެއްޗެއްސަށް ވާއިރު، އެއްކޮޅުން "އިންޑިޔާ އައުޓު" ކިޔަމުން އިންޑިޔާގެ ވިޔަފާރިވެރިން މުއްސަނދި ކޮށްދެނީއެވެ.

(ހ) ހަނޑުލަކީ ޒަކާތް ނެރެ އުޅުނު އެއްޗެއް ނޫން

ދަންނަވަންތޯއެވެ؟ ހަނޑުލަކީ އޭރުގައި ޢަރަބިން ދަންނަ އެއްޗެއް ވެސް ނޫނެވެ. ކީރިތި ޤުރުއާނުގައި ނުވަތަ ލޮބުވެތި ރަސޫލާގެ އަރިހުން އެންމެ ޙަދީޘެއް ފިޔަވައި އެހެންތާކު ހަނޑުލަށް ކިޔާނަން [الرُّزّ] ނުވަތަ [الأُرُزّ] ވެސް އައިސްފައި ނެތެވެ. އެއީ ވެސް ބަނީ އިސްރާއީލުންގެ ވާހަކައެއް ބަޔާން ކުރެއްވުމުގައެވެ. ދެން ސުއްނަތް ގޮތަކީ މިއީއޭ ކިޔައިގެން ފަސޭހަ ގޮތުގައި ޒަކާތް ދެއްކެން އޮތްވައި ފައިސާއިން ދެއްކުން ޙަރާމްވާނެއޭ ބުނެ، ހަނޑުލަށް މަޖްބޫރު ކުރުވުމުގެ ބޭނުމެއް އެބައޮތްތޯއެވެ.

(ށ) ފުށުން ޒަކާތް ނެރުން ބައެއް ޢިލްމުވެރިން ހުއްދަ ނުކުރައްވާ

ފުށަކީ ކީރިތި ރަސޫލާ ޒަކާތް ނެގުމަށް އެންގެވި ބާވަތުގައި ހިމެނޭ އެއްޗެއް ނޫނެވެ. އަދި އެއްވެސް ޞަޙާބީއަކު ފުށުން ފިޠުރު ޒަކާތް ދައްކަވާފައި ނުވެއެވެ. މިދެންނެވި ފަސް ބާވަތުން ކުރެ ބާވަތަކުން ޒަކާތް ދިނުމަށް ވިދާޅުވާ ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވަނީ އެއިން އެއްޗެއްގެ ފުށުން ޒަކާތް ޞައްޙަ ނުވާނޭ ކަމަށެވެ. އިމާމު އިބްނިލް ޖައްލާބު (އަވަހާރަވީ 378ހ ގައި) އެކަލޭގެފާނުންގެ ފޮތް "އައްތަފްރީޢު ފީ ފިޤްހިލް އިމާމު މާލިކު"ގެ 1/165 ގައި ވިދާޅުވެފައި ވެއެެވެ. وَلاَ يُخْرِجُ فِي زَكَاةِ الْفِطْرِ سَوِيقٌ وَلاَ دَقِيقٌ وَلاَ خُبْزٌ މާނައީ: ފިޠުރު ޒަކާތުގެ ގޮތުގައި ހިމަގޮދަން ފުށާއި ގޮދަންފުށާއި ރޮށްޓާއި ނުވަތަ ޕާން ނެރެގެން ނުވާނެއެވެ. އެބަހީ ނެރެން ޖެހޭނީ މިތަކެތީގެ އޮށްޓަރުންނެވެ.

ކާޑުގެ ބާވަތުން ޒަކާތް ނެރުމުން ފަޤީރުންނަށް ގެއްލުން ލިބިފައި، ބޭރުގެ ވިޔަފާރި ވެރިންނަށް ފައިދާވުން

ރާއްޖޭގައި ކާޑުގެ ބާވަތުން ފިޠުރު ޒަކާތް ދައްކަމުންދަނީ ހަނޑުލުންނެވެ. މިހާރަކަށް އައިސް ރޮށިކައި އުޅޭތީ ފުށުންވެސް އެބަދައްކައެވެ. މިދޭއްޗަކީ ކީރިތި ރަސޫލާވެސް އަދި ޞަޙާބީންވެސް ޒަކާތް ދެއްކެވި އެއްޗެއް ނޫނެވެ. އެހެންކަމާހުރެ އިމާމު ޖައްލާބު ފަދަ ބައެއް ޢިލްމުވެރިން އެއިން ދެއްކުން ހުއްދަ ނުކުރައްވަނީއެވެ.

ޤައުމަށް ލިބޭ ގެއްލުމުގެ އިތުރުން ބޭރުގެ ފަރާތްތަކަށް ފައިދާ ބޮޑުވުން

ކޮންމެއަކަސް ހަނޑުލާއި ފުށުން އަޅުގަނޑުމެން ޒަކާތް ދިނުމުން ފަޤީރުމީހާއަށް ޢީދުގައި ބޭނުންވާނެ ޙާޖަތްތަކަށް ބޭނުން ނުހިފެއެވެ. އެހެންކަމުން އެމީހުން ހަދާގޮތަކީ ނުއަގުގައި ވިޔަފާރިވެރިންނަށް އެތަކެތި ވިއްކާލާފައި ފައިސާއަށް ބަދަލުކޮށްގެން އެމަދު ފައިސާކޮޅު ބޭނުން ކުރަނީއެވެ. މިތަކެތިން ޒަކާތް ދައްކަން މަޖްބޫރު ކުރުމުގެ ނަތީޖާއަކީ ޢާއްމުކޮށް ރާއްޖެއަށް އެތެރެކުރާ ކާޑަށް ވުރެ 14.22 މިލިޔަން ކިލޯ އިތުރަށް އެތެރެކުރަން ޖެހޭނެއެވެ. މިކަމުގެ ފައިދާ ކުރާނީ ރާއްޖެއަށް ކާޑުގެ ބާވަތް އެކްސްޕޯރޓު ކުރާ ފަރާތްތަކަށެވެ.

- ކޮމެންޓް
11 މެއި 2021 | އަންގާރަ 07:13
ޙުސޭނު
ދީނީވާހަކަޔަކަށްވުރެ ބޮޑަށްސިޔާސީވާހަކައެއްދެއްކުމާވައްތަރީ. ޑރ.ޒާކިރުނައިކުވެސްވިދާޅުވީ،ޒަކާތްދައްކަންވާނީގޮވާމުންކަމށް، ފައިސާއަކުންނޫންކަމަށް. ޙުސެންރަސީދުވާހަކަތައް، ވާހަކަތައްހުނަނީ، ޕާޓީޕުރޮމޯޓުކުރަން، ނޫނީއެހެންޢިލްމުރިންގެ، ވާހަކަތައްދޮގުކުރާގޮތަށް. ދިމާއިދިކީލިކޮށް.
11 މެއި 2021 | އަންގާރަ 02:45
ބބބބ
މިހާރު މި މީހުންނަށް ލާރި ދޭން ބިރުގަނޭ
11 މެއި 2021 | އަންގާރަ 02:34
🤔
މިލިޔުމުގަ ބުނަން އުޅޭކަހަލަ ފައިސާއިން ފިތުރުޒަކާތް ދައްކާށޭ. މިވެނި ބަޔަކަށް ގެއްލުމޭ އެވެނި ބަޔަކަށް ފައިދަލޭ މިކިޔަނީ. ކޮންމެ ޤައުމަކަސް މީ އެއް އުއްމަތެއް ނޫންބާ؟؟
11 މެއި 2021 | އަންގާރަ 02:12
ޙަސަން.
"މިގޮތަށް ތިމަން ދިރިހުރިހައި ދުވަހަކު ކަންތައް ކުރަމުންދިޔައީމެވެ." މަރުވި ފަހުން ތަ މި ސްޓޭޓްމަންޓް ނެރުނީ؟
10 މެއި 2021 | ހޯމަ 21:26
ޙަސަން
ކީރިތި ރަސޫލާ ފިޠުރު ޒަކާތް ނެރުމުގައި އިރުޝާދު ދެއްވާފައި ވަނީ އެމީހަކު ކާއެއްޗަކުން އެއް ޞާޢުގެ މިންވަރު ނެރުމަށެވެ. (އެބަހީ 2.37 ކިލޯއެވެ.) މިއީ ވަކި ޒަމާނަކަށް ހާއްސަކޮށް ދެއްވާފައިވާ އިރުޝާދެއް ނޫން. ވަރަށް ސިން ޕަލް.
9 މެއި 2021 | އާދީއްތަ 18:03
ކަލޯ
(އައްތަފްރީޢު ފީ ފިޤްހިލް އިމާމު މާލިކު"ގެ 1/165 ގައި ވިދާޅުވެފައި ވެއެެވެ. وَلاَ يُخْرِجُ فِي زَكَاةِ الْفِطْرِ سَوِيقٌ وَلاَ دَقِيقٌ وَلاَ خُبْزٌ މާނައީ: ފިޠުރު ޒަކާތުގެ ގޮތުގައި ހިމަގޮދަން ފުށާއި ގޮދަންފުށާއި ރޮށްޓާއި ނުވަތަ ޕާން ނެރެގެން ނުވާނެއެވެ. އެބަހީ ނެރެން ޖެހޭނީ މިތަކެތީގެ އޮށްޓަރުންނެވެ.) ލިޔުނން ކިޔުނު ބޭފުޅާ ސާބިތު ކޮށްދޭނަ އުޅުނު ކަންތައް މީ ބަހުން ދޮގު ކޮށްފި. ނެރެން ޖެހޭނީ ފައިސާއިންނޭ ވިދާޅެއް ނުވޭ.
9 މެއި 2021 | އާދީއްތަ 17:57
ކަލޯ
“އިހު ޒަމާނުގައި މީހުންގެ ދިރިއުޅުން އޮތް ގޮތުން މިއަދުހެން މީހުންގެ އަތަކު ނަގުދު ފައިސާއެއް ނުހުރެއެވެ. ދަނޑުވެރިންގެ އަތުގައި ހުންނަނީ އޮށްޓަރުގެ ބާވަތެވެ. ޖަނަވާރު ގެންގުޅޭ މީހުންގެ އަތުގައި ހުންނަނީ ގެރިބަކައްޓެވެ. ރުފިޔާ ފައިސާ (އޭރުގައި ނަމަ ދީނާރާއި ދިރުހަމް) ހުންނަނީ މަދު މީހެއްގެ އަތުގައެވެ.” ދޮގު ނަހައްދަވާ! ދީނާރު ހުރިނަމަ ހުއްޓަސް މާރު ކުރެވުނަސް ނުކުރެވުނަސް އެއްވެސް ޞަޙާބީ އެއް އެއްވެސް ތާބިޢީ އެއް އަދި އެއްވެސް އަތްބާޢުއްތާބިޢީއެއް ފައިސާއިން ފިތުރު ޒަކާތް ދީފަ ވާކަން ސާބިތެއް ނުވޭ. ވީމާ މި ކަމުގަ އެންމެ ރައްކާތެރިކަން ބޮޑީ ސީދާ ކާ ތަކެތީގެ ބާވަތްތަކުން ނެރުން
9 މެއި 2021 | އާދީއްތަ 17:01
ނޯނޭމް
"އަނެއްކޮޅުން މިތަކެއްޗަކީ އަޅުގަނޑުމެން ބޭރުން އެތެރެ ކުރާ އެއްޗެއްސަށް ވާއިރު، އެއްކޮޅުން "އިންޑިޔާ އައުޓު" ކިޔަމުން އިންޑިޔާގެ ވިޔަފާރިވެރިން މުއްސަނދި ކޮށްދެނީއެވެ." މީކޮންވާހަކައެއް؟؟؟