އިސްލާމް ދީނުގައި ނަމާދުގެ މަޤާމް
ނަމާދަކީ އިސްލާމީ ރުކުންތަކުގެ ތެރެއިން އެންމެ މުހިންމު ރުކުނެވެ. އަދި ދީނުގެ ބިންގަލަކީ ނަމާދުކަމުގައި ލޮބުވެތި ރަސޫލާގެ ޞައްޙަ ޙަދީޘުފުޅުތަކުގައި ވާރިދުވެފައި ވެއެވެ. ނަމާދު އަދާނުކޮށެއް މުސްލިމަކަށް އޭނާގެ އީމާންކަންމަތީ ޤާއިމުވެ ނުހުރެވޭނެއެވެ. ނަމާދަށް އިންކާރުކޮށްފި މީހަކު އިސްލާމް ދީނުން ބޭރުވާނެ ކަމުގައި ދީނުގެ އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ.
އަލްޙަމްދަކީ ނަމާދުގެ އެންމެ މުހިންމު ރުކުން
ނަމާދުގައި ރުކުންތަކަކާއި ސުއްނަތްތަކެއް ވެއެވެ. މިގޮތުން ސާދަ ރުކުނެއް ވާކަމުގައި އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. މިބުނެވުނު ސާދަ ރުކުނުގެ ތެރެއިން އެންމެ މުހިންމު ރުކުނަކީ އަލްޙަމްދު ކިޔެވުމެވެ. އެހެންކަމުން ނަމާދަށްޓަކައި އަލްޙަމްދުގެ މުހިއްމު ކަމާހުރެ ކީރިތި ރަސޫލާވަނީ އަލްޙަމްދަށް ނަމާދުގެ ނަމުން ނަންދެއްވާފައެވެ. އެއީ ޙައްޖަށް ޢަަރަފާތުގެ ނަމުން ނަން ދެއްވި ފަދައިންނެވެ.
އަލްޙަމްދުގައި ވަނީ ހަތް އާޔަތް
ކީރިތި ޤުރުއާނުގެ ޙިޖްރު ސޫރަތުގައި މާތް ﷲ އަންގަވާފައިވާ ފަދައިން އަލްޙަމްދުގައި ވަނީ ހަތް އާޔަތެވެ. ނަމާދު ކުރާއިރު މިހަތް އާޔަތް ކިޔެވުމުގައި ސަމާލުކަން ދޭން ޖެހޭނެއެވެ. އޭގެތެރެއިން އެއް އާޔަތަކީ ބިސްމިއެވެ. އެހެންކަމުން ބިސްމިއާ ނުލައި އަލްޙަމްދު ފުރިހަމަ ނުވާނެއެވެ. އަދި އަލްޙަމްދާ ނުލައި ނަމާދު ޞައްޙައެއް ނުވާނެއެވެ. މާތް ﷲގެ އިރާދަފުޅާއި މިންވަރުފުޅުން ތިރީގައި ބިސްމިއާބެހޭ އިތުރު ތަފްޞީލު ބަޔާން ކުރާން ޤަޞްދު ކުރަމެވެ.
114 ފަހަރު ބިސްމި ބާވައިލެއްވުން
ބިސްމިއަކީ ކީރިތި ޤުރުއާނުގެ ބަރާއަތު ސޫރަތް ފިޔަވައި ކޮންމެ ސޫރަތެއް ފެށުމުގައި މާތް ﷲ ބާވައިލައްވާފައިވާ އާޔަތެކެވެ. ލޮބުވެތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު އެކަލޭގެފާނުގެ މިތުރު އަޞްޙާބު ބޭކަލުން ކީރިތި ޤުރުއާން ލިއުއްވިއިރު ބަރާއަތު ސޫރަތް ފިޔަވައި ކޮންމެ ސޫރަތެއްގެ ފެށުމުގައި بِسْمِ اللَّهِ ލިއުއްވާފައި ވަނީ އެބޭކަލުންގެ މެދުގައި އެއްވެސް ޚިޔާލު ތަފާތުވެ ވަޑައިގަތުމެއްނެތި އެންމެހައި ބޭކަލުންގެ އިޖުމާޢުން އެކަމަށް އެއްބަސްވެ ވަޑައިގެންނެވެ. އަދި ޤުރުއާން ދަސްފުޅު އަޞްޙާބު ބޭކަލުން ވެސް ކޮންމެ ސޫރަތަކާއެކު ބިސްމިވެސް ދަސްފުޅު ކުރައްވާފައި ވާތީއެވެ. ހަމައެހެންމެ ބަރާއަތު ސޫރަތުގައި بِسْمِ اللَّهِ ނޯންނަ ކަމަށްވެސް އަޞްޙާބު ބޭކަލުންނާއި އެންމެހައި ދަންނަބޭކަލުން ވަނީ އެއްބަސްވެ އިޖްމާޢުވެ ވަޑައިގެންފައެވެ.
ބިސްމީގެ މަޤާމް
އަޑުހަރުކޮށް ކިޔަވާ ނަމާދުގައި اَلْحَمْدُ ކިޔަވާއިރު بِسْمِ اللَّهِ ބާރަށް ކިއުމާމެދު މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ދެބަސްވެރިވުން އުފެދިގެންދާތީ އެބަ ފެނެއެވެ. މިއީ ޙަޤީޤަތުގައި ވަރަށްވެސް ދެރަކަމެކެވެ. މިދެބަސްވެރިކަން އުފެދި އެންމެފަހުން މިއޮތީ އެކަކު އަނެކެއްގެ ބޮލުގައި ބާޠިލުގެ ތުހުމަތު އަޅުވާ ދަރަޖައަށް މައްސަލަތައް ގޯސްވެފައެވެ. ދަންނަބޭކަލުންގެ މެދުގައި މިމައްސަލައާމެދު އިޚްތިލާފު އުފެދިފައި އޮތްކަމުގައި ވިއަސް އެބޭކަލުން އިޚްތިލާފުވެ ވަޑައިގެންފައިވަނީ ހަމައެކަނި އައުލާގޮތަކީ ކޮބައިތޯ ބެލުމުގެ މައްސަލައިގައެވެ.
ދިވެހިރާއްޖޭގައި މިހާތަނަށް އެންމެން އެއްގޮތަކަށް ބާރަށް ބިސްމި ކިޔަމުން ދަނިކޮށް ކުއްލިޔަކަށް މިދިމާވީ ބޮޑު ފިތުނައަކާއެވެ. ދީނުގައި އެންމެ ޞައްޙަކަން ބޮޑު ރަގަޅުގޮތޭ ކިޔައިގެން އުޅޭ ބަޔަކު ދީނުގައި ކަނޑައެޅިފައިހުރި އުޞޫލުތައް މުގުރާލައިގެން ތިމާމެންނަށް އެނގިފައިހުރި އެއްޗެއް އެއީ އެންމެ ޞައްޙަގޮތްކަމަށް ބުނެ އެހެން ގޮތްތައް ބާޠިލްކޮށް، ބިދުޢައެކޭބުނެ ހަދަންފެށުމުން ދެން ނުވެނުދާނެގޮތް މިދަނީ ފެންނަމުންނެވެ. އެއްބަޔަކު އަނެއްބައެއްގެ ފަހަތުގައި ނަމާދު ނުކުރާ ހިސާބަށް ކަންތައް މިއޮތީ ގޮސްފައެވެ.
މިތާގައި ވިސްނާލަން ޖެހޭ ކަމަކީ ކަމެއްކުރުމަށް ސުއްނަތުން ދެގޮތެއް ސާބިތުވާން އޮވެފައި ބަޔަކު އެއިން އެއްގޮތަކަށް ޢަމަލު ކުރަނިކޮށް އެސުއްނަތް ދޫކޮށް އަނެއް ސުއްނަތަށް ޢަމަލުކުރަން އެންގުމުން ތިމާމެންނަށް އިތުރުވަނީ ކޮން ސަވާބެއްތޯ ބަލާލަން ޖެހެއެވެ. އިތުރުވިހައިވެސް އެއްޗަކީ ތަނުގައި އުފެދިގެންދިޔަ ބޮޑު ފިތުނަވެރި ކަމަކާއި ރޯވެގެންދިޔަ ރުޅިވެރިކަމާއި ނަފްރަތުގެ އަލިފާންގަނޑެވެ. މިތާގައި އޮތް އެންމެ ބޮޑު ހިތާމައަކީ މިއައު ގޮތްތައް ފަތުރަންއުޅޭ ގިނަމީހުންނަކީ ދީނުން އެއްވެސް މިންވަރެއް ކިޔަވާފައިނެތް މީހުންނެވެ. އަމިއްލަ އަމިއްލައަށް އެދުރުވެގެން ފަތުވާ ދިނުމުގެ ހަރުފަތަށް އަރައިގެން އުޅޭ މީހުންނެވެ. މިފެންވަރުގެ މީހުން އިސްލާމް ދީނުގައި އެންމެ ޞައްޙަކަން ބޮޑުގޮތަކީ ކޮބައިކަން ހޯދާނީވެސް ކިހިނަކުންތޯއެވެ. އަނެއްބަޔަކީ ކޮންމެވެސް ވަރަކަށް ދީނުގެއެއްޗެހި ކިޔަވާފައި ތިބި ކަމުގައިވިއަސް މިފަދަ މައްސަލައެއް ޙައްލު ކުރުމުގެ ޤާބިލްކަން ނެތް ބައެއްކަން އެބައިމީހުންގެ ޢަމަލާއި ބަހުން އެބަދޭހަވެއެވެ.
ބިސްމިއަކީ އަލްޙަމްދުގެ އާޔަތެއް
ކުޑަވެސް ޝައްކެއް ނެތްގޮތުގައި ބިސްމިއަކީ ސޫރަތުލް ފާތިޙާ އާދެ! اَلْحَمْدُގެ އާޔަތެކެވެ. ރަނގަޅަށް ވިސްނައިލުމުން ބުއްދީގެ ގޮތުން އެނގިގެންދާ އެއްޗަކީ اَلْحَمْدُގެ ހަތް އާޔަތް އޮވެފައި އެސޫރަތް ބާރަށް ކިޔަވަންޖެހޭއިރު އެއްއާޔަތް ސިއްރުން ކިޔަވާފައި އަނެއް ހަ އާޔަތް ބާރަށް ކިޔެވުމަކީ ހަމަބުއްދި ޤަބޫލުކުރާ ކަމެއް ނޫންކަމެވެ. އެހެންކަމަށް ވާނަމަ ބާރަށް ކިޔަވާ ނަމާދުގައި اَلْحَمْدُ ކިޔަވާއިރު ބިސްމި ކިޔަންޖެހޭނީ اَلْحَمْدُގެ އެހެނިހެން އާޔަތްތަކެކޭވެސް އެއްގޮތަކަށް ބާރަށެވެ.
އިސްލާމީ އުއްމަތުގައި އިޚްތިލާފު އުފެދިފައި އޮތްކަމުގައިވިއަސް މިމައްސަލާގައި ޢިލްމުވެރިން ގެންނަވާފައިހުރި ހުރިހާ ކޮޅެއްގެ ދަލީލުތަކާމެދު އިންސާފުވެރި ގޮތަކަށް ބަލާލަމާ ހިނގާށެވެ! އެއިރުން ޔަޤީނުންވެސް ޝައްކުތައް ފިލައިގޮސް ޙައްޤު ހާމަވެގެން ދާނެއެވެ. މިގޮތުން ފުރަތަމަ ބަލައިލާހިތްވަނީ بِسْمِ اللَّهِ އަކީ اَلْحَمْدُގެ އާޔަތެއްތޯ، ނުވަތަ ނޫންތޯ މިއަށެވެ. މިހެނީ بِسْمِ اللَّهِ އަކީ اَلْحَمْدُގެ އާޔަތެއް ކަމުގައި ވާނަމަ މިމައްސަލާގައި އިތުރަށް ދިގު ބަޙުޘްތަކެއް ކުރަންޖެހޭނެ ކަމަކަށް އަޅުގަނޑު ނުދެކޭތީއެވެ. ވުމާއެކު އިންސާފުވެރި ނަޒަރަކުން ޤުރުއާނާއި ސުންނަތުގެ އަލީގައި މިމައްސަލައާމެދު ބުރަދަންހުރީ ކޮން ކޮޅަކަށްތޯ ބަލައިލަން އެބަޖެހެއެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ މިއާޔަތާމެދު ވިސްނާލައްވާށެވެ! އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ﴿وَلَقَدْ آتَيْنَاكَ سَبْعًا مِّنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ ﴿٨٧﴾ (ޔަޢުނީ: ހަމަކަށަވަރުން އަހުރެން ކަލެއަށް ފަހަރުފަހަރު މަތީން ކިޔަވަންޖެހޭ ހަތް އާޔަތާއި ކީރިތި ޤުރުއާން ދެއްވީމެވެ.) ([1])
(1) މިއާޔަތުގައި "السَّبْعُ الْمَثَانِى" އޮތް ބަސްފުޅުގެ މުރާދަކީ سُورَةُ الْفَاتِحَة ކަމުގައި ކީރިތި ރަސޫލާގެ އަރިހުން އެތަކެއް ޞައްޙަ ޙަދީޘަކުން ސާބިތުވާން އެބަ އޮތެވެ. އަދި މާތް ﷲ ރުއްސުންލެއްވި أَبُو هُرَيْرَةގެ ކިބައިން ރިވާވެގެންވެއެވެ. އެރިވާޔަތުގައި ވަރަށް ޞަރީޙަކޮށް بِسْمِއަކީ اَلْحَمْدُގެ ހަތް އާޔަތުގެ ތެރެއިން އެއްއާޔަތް ކަމުގައި ބަޔާންވެގެންވެއެވެ. އެރިވާޔަތުގައި އައިސްފައިވަނީ މިފަދައިންނެވެ. "إِذَا قَرَأَ أَحَدُكُمْ اَلْحَمْدَ فَاقْرَأُوا بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِنَّهَا أُمُّ الْقُرْآنِ وَأُمُّ الْكِتَابِ وَالسَّبْعُ الْمَثَانِى وَبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِحْدَى آيَاتُهَا" (ޔަޢުނީ: ކަލޭމެން اَلْحَمْدُ ކިޔަވާއިރު بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ކިޔަވާށެވެ. ހަމަކަށަވަރުން އެއީ أُمُّ الْقُرْآنِ އެވެ. އަދި أُمُّ الْكِتَابِ އެވެ. އަދި اَلسَّبْعُ الْمَثَانِى އެވެ. އަދި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އަކީ އެސޫރަތުގެ އެއް އާޔަތެވެ.) ([2])
(2) މާތް ﷲ ރުއްސުންލެއްވި އުންމު ސަލަމާގެ އަރިހުން ރިވާވެގެން ވެއެވެ. "أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ الْفَاتِحَةِ فِي الصَّلاَةِ فَعَدَّهَا آيَةً مِنْهَا" ([3]) (ޔަޢުނީ: ހަމަކަށަވަރުން ކީރިތި ރަސޫލާ ނަމާދުގައި ސޫރަތުލްފާތިޙާގެ ކުރީގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ކިޔަވާ ވިދާޅުވެއެވެ. އަދި އެކަލޭގެފާނު އެއާޔަތަކީ އެސޫރަތުގެ އާޔަތެއްގެ ގޮތުގައި ބައްލަވައެވެ.)
(3) މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. عَنْ اِبْنِ عَبَّاسٍ أَنَّهُ قَرَأَ الْفَاتِحَةَ ثُمَّ قَالَ (وَلَقَدْ آتَيْنَاكَ سَبْعًا مِنَ الْمَثَانِي) قَالَ: هِيَ فَاتِحَة الْكِتَاب وَبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ اْلآيَةُ السَّابِعَةُ. ([4]) (މާނައީ: އިބްނު ޢައްބާސް މިއާޔަތް ކިޔަވާ ވިދާޅުވުމަށްފަހު ވިދާޅުވިއެވެ. މިތާގައި ސަބްޢު މަޘާނީގެ މުރާދަކީ ފާތިޙަތުލް ކިތާބެވެ. بِسْمِ اللَّهِ އަކީ އެސޫރަތުގެ ހަތްއާޔަތުގެ ތެރެއިން އެއް އާޔަތެވެ.)
(4) ބަޔާންވެދިޔަ ދަލީލުތަކުގެ އިތުރުން، މުޞްޙަފުގެ ލިއުމަށް ބަލާލި ކަމުގައި ވިއަސް ބިސްމިއަކީ އަލްޙަމްދުގެ އާޔަތެއް ކަމުގައި ތާއީދު އެބަ ލިބެއެވެ. އެއީ ކީރިތި ޤުރުއާން ލިޔެވުނުއިރު ﷲގެ ޙަޟްރަތުން ބާވައިލެއްވުނު އެއްޗެއްނޫން އެހެން އެއްވެސް އެއްޗެއް މުޞްޙަފުގައި ލިޔެވިފައި ނުވާއިރު، ކީރިތި ރަސޫލާގެ ލޮބުވެތި އަޞްޙާބުންގެ އިޖުމާޢުން އެއްވެސް ޚިލާފެއްނެތި އެބޭކަލުންވަނީ މުޞްޙަފު ލިއުއްވިއިރު بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِއަކީ އާޔަތެއް ކަމުގައި ހިމަނުއްވަވައި 113 ސޫރަތުގެ ކުރީކޮޅުގައި ބިސްމި ލިއުއްވާފައެވެ. މިގޮތުން އެބޭކަލުންގެ މެދުގައި އެއްވެސް ޚިލާފެއް ނެތި ބަރާއަތު ސޫރަތުގެ ކުރީކޮޅުގައި بِسْمِ اللَّهِ ނުލިއުއްވައި އަނެއް 113 ސޫރަތުގެ ކުރީކޮޅުގައި އެބޭކަލުން މިއާޔަތް ލިއުއްވާފައި އޮތް އޮތުމަކީ ކީރިތި ރަސޫލާގެ އެބޭކަލުންނަށް މިގޮތަށް ޢަމަލުކުރައްވަން އަންގަވާފައި އޮތްކަމުގެ ސާފު ހެއްކެކެވެ. އަދި ޤުރުއާން ބާވައިލެއްވުނީ މިގޮތަށްކަން ދަލީލުކޮށްދޭ ހެއްކެއްވެސް މެއެވެ. އެހެނީ ކީރިތި ރަސޫލާގެ އަމުރުފުޅަކާ ނުލައި އަޞްޙާބު ބޭކަލުން މިފަދަ މުހިއްމު ފިޔަވަޅެއް ނާޅުއްވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
(5) މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. "سُئِلَ أَنَسٌ كَيْفَ كَانَتْ قِرَاءَةُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ كَانَتْ مَدًّا ثُمَّ قَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ يَمُدُّ بِبِسْمِ اللَّهِ وَيَمُدُّ بِالرَّحْمَنِ وَيَمُدُّ بِالرَّحِيمِ" ([5]) މާނައީ: ކީރިތި ރަސޫލާ ކީރިތި ޤުރުއާން ކިޔަވާވިދާޅުވަނީ ކިހިނަކުންތޯ، މިފަދައިން މާތްﷲ ރުއްސުންލެއްވި އަނަސާއި ސުވާލުވެވުމުން، އެކަލޭގެފާނު ވިދާޅުވިއެވެ. އޭގައި ކީރިތި ރަސޫލާ މައްދުކުރައްވައި ދަންމަވަތެވެ. ދެން އަނަސްގެފާނު މިފަދައިން بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ތިލާވަތު ކުރައްވާފައި ވިދާޅުވިއެވެ. މިގޮތަށް بِسْمِ اللَّهِ އަށް މައްދު ކުރައްވަތެވެ. އަދި الرَّحْمَن އަށްވެސް މައްދު ކުރައްވަތެވެ. އަދި الرَّحِيم އަށްވެސް މައްދުކުރައްވަތެވެ.
(6) އަދިވެސް މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސު ރިވާކުރައްވާފައި ވެއެވެ. "كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لاَ يَعْلَمُ خَتْمَ السُّورَةِ حَتَّى يَنْزِلَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ"([6]) މާނައީ: އެއްސޫރަތްނިމި އަނެއް ސޫރަތް ފެށޭތާގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ މިއާޔަތް ބާވައި ލެއްވުމުން ނޫނީ އެސޫރަތް ނިމުނުކަމެއް ކީރިތި ރަސޫލާ އަށް އެނގިވަޑައި ނުގަންނަވަތެވެ.
(7) އަދިވެސް މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސު ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. "أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ كَانَ إِذَا جَاءَهُ جِبْرِيلُ فَقَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ عَلِمَ أَنَّهَا سُورَةٌ "([7]) މާނައީ: ކީރިތި ރަސޫލާގެ އަރިހަށް ޖިބްލީގެފާނު ވަޑައިގެން ބާވައިލެއްވޭ އާޔަތްތައް ތިލާވަތު ކުރައްވާއިރު بِسْمِ اللَّهِ ވިދާޅުވެއްޖެނަމަ އެއީ ސޫރަތެއް ފެށުނީކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވަތެވެ.
(8) އަދިވެސް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސުގެ ކިބައިން ރިވާވެގެން ވެއެވެ. كَانَ الْمُسْلِمُونَ لاَ يَعْلَمُونَ اِنْقِضَاءَ السُّورَةِ حَتَّى يَنْزِلَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ([8]) މާނައީ: މުސްލިމުންނަށް ކީރިތިޤުރުއާނުގެ ސޫރަތެއް ނިމިއްޖެކަން އެނގެނީ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާވައިލެއްވުމަށް ފަހުއެވެ.
ރިވާޔާތްތައް:
[1] ސޫރަތުލް ޙިޖްރި: (87) އެވެ. މިއާޔަތުގައި ބަޔާންކޮށްފައި މިވާ ސަނާގެ ހަތް އާޔަތަކީ ސޫރަތުލްފާތިޙާ ކަމުގައި އެންމެހައި މުފައްސިރުން އެއްބަސްވެ ވަޑައިގަންނަވައެވެ.
[2] ރިވާކުރެއްވީ ދާރުޤުޠްނީއެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ މިރިވާޔަތުގެ ހުރިހާ ރާވީންނަކީ ޘިޤާއިން (އިތުބާރު ހިފޭ ބޭކަލުން) ކަމުގައެވެ. މިވާހަކަ ނަގާފައިވަނީ އަލްމަޖްމޫޢުގެ 336/3 އިންނެވެ.
[3] ރިވާކުރެއްވީ އިމާމު އިބްނު ޚުޒައިމާ، އެކަލޭގެފާނުންގެ ޞަޙީޙުގައެވެ.
[4] ރިވާކުރެއްވީ އިމާމު އައްޠަބަރީއެވެ. އެކަލޭގެފާނު ވިދާޅުވަނީ މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމަށެވެ.
[5] ރިވާކުރެއްވީ އިމާމު ބުޚާރީއެވެ.
[6] ރިވާކުރެއްވީ އިމާމު ޙާކިމެވެ. އެކަލޭގެފާނު ވިދާޅުވަނީ މިއީ ޞައްޙަ ރިވާޔަތެއް ކަމަށެވެ.
[7] ރިވާކުރެއްވީ އިމާމު ޙާކިމެވެ. އިމާމު ޙާކިމު ވިދާޅުވަނީ ދެޝައިޚުންގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޞައްޙަ ރިވާޔަތެއް ކަމަށެވެ.
[8] ރިވާކުރެއްވީ އިމާމު އަބޫ ދާއޫދާއި ޙާކިމާއި ޢަބްދުއް ރައްޒާޤެވެ. ޙާކިމު ވިދާޅުވަނީ ދެޝައިޚުންގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޞައްޙަ ރިވާޔަތެއް ކަމަށެވެ.
ބަޔާންވެދިޔަ އެއްވެސް ރިވާޔަތެއްގެ ޞައްޙަކަމާމެދު މުޙައްދިޘުންގެ މެދުގައި ކުޑަވެސް ދެބަސްވުމެއް އުފެދިފައި ނުވެއެވެ. އެހެންކަމުން މި ރިވާޔަތްތަކަށް ބައްލަވައިގެން ސޫރަތުލް ފާތިޙާގެ އާޔަތެއް ކަމުގައި بِسْمِ اللَّهِ ހިމެނުއްވުމާއި އެސޫރަތް ފަށާއިރު بِسْمِ ކިއުމަކީ ކީރިތި ރަސޫލާގެ އެތަކެއް ޞަޙާބީންނެއް ޤަބޫލު ކުރައްވާ ކަމެކެވެ. އޭގެ ތެރޭގައި މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުއް ޞިއްދީޤާއި ޢުމަރުލް ފާރޫޤާއި ޢުޘްމާނު އިބްނު ޢައްފާނާއި ޢަލިއްޔު އިބްނު އަބީ ޠާލިބާއި ޢައްމާރުބްނުު ޔާސިރާއި އުބައްޔުބްނު ކައުބާއި އިބްނު ޢުމަރާއި އިބްނު ޢައްބާސާއި އަބޫޤަތާދާއާއި އަބޫ ސަޢީދުލް ޚުދްރީއާއި އަނަސްބުނު މާލިކާއި އަބޫހުރައިރާއާއި ޢަބުދު ﷲ އިބްނި އައުފާއި ޝައްދާދުބްނު އައުސާއި ޢަބުދު ﷲ އިބްނު ޖަޢުފަރާއި ޢަބްދު ﷲ އިބްނުއް ޒުބައިރާއި ޙަސަން އިބްނު ޢަލީ އާއި އެނޫންވެސް އެތަކެއް ޞަޙާބީންނާއި ތާބިޢީ ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ.
އައުލާ ގޮތަކީ ބިސްމި ބާރަށް ކިޔެވުން
އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ޤުރުއާން ބާރަށް ކިޔެވުމީ ސުއްނަތެކެވެ. އަދި ސިއްރުން ކިޔަވާ ނަމާދުގައި ޤުރުއާން ސިއްރުން ކިޔެވުމަކީވެސް ސުއްނަތެކެވެ. މިގޮތުން އަޑު ހަރުކޮށް ކިޔަވާއިރު އަލްޙަމްދުގެ އެހެން އާޔަތްތައް ކިޔަވާ ތަންތާގައި ބާރަށް ކިޔަވާ ފަދައިން ބިސްމި ބާރަށް ކިޔެވުމާއި ސިއްރުން ކިޔަވާ ތަންތާގައި ބިސްމިވެސް ސިއްރުން ކިޔެވުމަކީ ދަންނަބޭކަލުންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެކެވެ. މިއިން ކޮންމެ ގޮތަކީވެސް ސުއްނަތެއް ކަމާމެދަކު ޝައްކެއްނެތެވެ. އެއީ އެދެގޮތަށްވެސް ޙަދީޘުތަކުން ފެންނާން ހުރުމާއި، ޞަޙާބީންނާއި ތާބިޢީންނާއި ތަބުޢުއް ތާބިޢީންގެ ތެރޭގައިވެސް އެދެގޮތަށް ބުރަވެވަޑައިގަންނަވާ ދަންނަބޭކަލުން ތިއްބެވީތީއެވެ.
ދީނުގެ ޢިލްމުވެރިންގެ ތެރެއިން ބައެއް ޢިލްމުވެރިން އައުލާކަމަށް ބުރަވެ ވަޑައިގަންނަވަނީ ހުރިހާ ނަމާދެއްގައިވެސް ބިސްމި ސިއްރުން ކިޔެވުމެވެ. ހަރުއަޑުން ޤުރުއާން ކިޔެވޭ ނަމާދެއްކަމުގައި ވިއަސް ވެމެވެ. އަނެއްބައި ބޭކަލުން އައުލާކަމަށް ދެކެވަޑައިގަންނަވަނީ ހަރުއަޑުން ކިޔަވާ ނަމާދުގައި ބިސްމިވެސް ހަރުއަޑުން ކިޔެވުމަށެވެ. މިގޮތަށް ބާރަށް ބިސްމި ކިޔެވުމަކީ އަޞްޙާބުންނާއި ތާބިޢީންގެ ދުވަސްވަރުގައި މައްކާގެ އެންމެހައި ޢިލްމުވެރިންގެ މަޛްހަބެވެ. އަދި މަދީނާގެ ގިނަ ޢިލްމުވެރިންގެ މަޛްހަބުވެސް މެއެވެ. ([9])
މީގެ އިތުރުން މާތް ﷲ ރުއްސުންލެއްވި މުޢާވިޔާ އިބްނު އަބީ ސުފިޔާނު މަދީނާއަށް ވަޑައިގެން ނަމާދުގައި އަލްޙަމްދުގައި بِسْمِ اللَّهِ ބާރަށް ވިދާޅުވެފައި ސޫރަތުގައި بِسْمِ ބާރަށް ވިދާޅު ނުވުމުން މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ޙާޟިރުވެ ތިއްބެވި ބޭކަލުން އެކަމަށް އިޢުތިރާޟު ކުރައްވައި އަޑު އުފުއްލެވުމުން އެއަށްފަހުން ނަމާދު ކުރެއްވިއިރު މުޢާވިޔާ بِسْمِ ބާރަށް ވިދާޅުވުމުން އެކަމަށް ތާއީދު ކުރެއްވިހައި އަޞްހާބުން ހިމެނި ވަޑައިގަންނަވައެވެ. ([10])
(9) މާތް ﷲ ރުއްސުންލެއްވި އަނަސް އިބްނު މާލިކުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. بَيْنَمَا ذَاتَ يَوْمٍ بَيْنَ أَظْهُرِنَا يُرِيدُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذْ أَغْفَى إِغْفَاءَةً ثُمَّ رَفَعَ رَأْسَهُ مُتَبَسِّمًا فَقُلْنَا لَهُ مَا أَضْحَكَكَ يَا رَسُولَ اللَّهِ قَالَ نَزَلَتْ عَلَيَّ آنِفًا سُورَةٌ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِنَّا أَعْطَيْنَاكَ الْكَوْثَرَ فَصَلِّ لِرَبِّكَ وَانْحَرْ إِنَّ شَانِئَكَ هُوَ اْلأَبْتَرُ([11]) މާނައީ: އެއްފަހަރެއްގައި ކީރިތި ރަސޫލާ ތިމަންމެންނާއެކު އިންނެވިއެވެ. އެހިނދު އެކަލޭގެފާނަށް ލޯފުޅު ލެއްޕެވޭގޮތްވިއެވެ. ދެން ކުއްލިއަކަށް ހިނިވަރުނަ ކުރަށްވަމުން އިސްތަށިފުޅު އުފުއްލެވިއެވެ. ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ތިޔަހާ ބޮޑަށް ހިނިވަރުނަ ކުރައްވަނީ ކޮންސަބަބަކާ ހުރެތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. ދެންމެދެންމެ ތިމަން ކަލޭގެފާނުންގެ މައްޗަށް ސޫރަތެއް ބާވައިލެއްވުނީއެވެ. އެއީ: بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِنَّا أَعْطَيْنَاكَ الْكَوْثَرَ فَصَلِّ لِرَبِّكَ وَانْحَرْ إِنَّ شَانِئَكَ هُوَ اْلأَبْتَرُ މިސޫރަތެވެ.
(10) ބިސްމި ބާރަށް ކިއުމަށް ދެކެވަޑައިގަންނަވާ ބޭކަލުންގެ ތެރޭގައި ވަރަށް ގިނަ އަޞްޙާބު ބޭކަލުންގެ އިތުރުން ﷲ ރަޙުމަތްލެއްވި ތާބިޢިއްޔަ ބޭކަލުންގެ ތެރޭގައި އެރައުޔަށް ތާއީދު ކުރައްވާ ބޭކަލުން ވަރަށްވެސް ގިނައެވެ. އެބޭކަލުންގެ ތެރޭގައި މާތް ﷲ ރަޙްމަތް ލެއްވި ސަޢީދު އިބްނިލް މުސައްޔިބު އާއި ޠާއޫސު އާއި ޢަޠާ އާއި މުޖާހިދު އާއި ސަޢީދުބްނި ޖުބައިރު އާއި އިބްނި ސީރީން އާއި ޢިކްރިމާއާއި ޢަލިއްޔުބްނު ޙުސައިނުއާއި ސާލިމު އިބްނު ޢަބުދުﷲ އާއި މުޙައްމަދު އިބްނު މުންކަދިރު އާއި އަބޫބަކްރު އިބްނު މުޙައްމަދު އާއި މުޙައްމަދު އިބްނު ކަޢުބުއާއި ނާފިޢު މަވްލާ އިބްނު ޢުމަރު އާއި ޢުމަރު އިބްނު ޢަބުދުލް ޢަޒީޒު އާއި އަބުއްޝަހުނާ އާއި މަކްޙޫލާއި ޙަބީބު އިބްނު ޘާބިތު އާއި އައްޒުހުރީއާއި އަބޫޤަލާބާ އާއި ޢަލިއްޔު އިބްނު ޢަބުދުﷲ އިބްނު ޢައްބާސާާއި އަލްއަޒްރަޤު އިބްނު ޤައިސު އާއި ޢަބުދުﷲ އިބްނު މަޢުޤިލު ހިމެނި ވަޑައިގަންނަވައެވެ. އަދި ތަބުޢުއް ތާބިޢީންގެ ތެރެއިން ޢުބައިދުﷲ އިބްނި ޢުމަރުލް އަމުރީ އާއި އަލްޙަސަން އިބްނު ޒައިދު އާއި ޢަބުދުﷲ އިބްނު ހަސަނު އާއި ޒައިދުބްނި އަލިއްޔު އިބްނު ޙުސައިނު އާއި މުޙައްމަދު އިބްނު އުމަރް އިބްނި ޢަލީ އާއި އިބްނު ޢުބައްޔުއްޛިއުބު އާއި އައްލައިޘު އިބްނު ސަޢުދު އާއި އައްޝާފިޢީއާއި އިސްޙާޤު އިބްނު ރާހުވައިހި އާއި އެނޫންވެސް އެތަކެއް ޢިލްމުވެރިން ހިމެނި ވަޑައިގަންނަވައެވެ.([12])
ބިސްމި ބާރަށް ކިއުމަށް ބުރަވެ ވަޑައިގަންނަވަމުން އައްޝައިޚު އަބޫ މުޙައްމަދު އަލްމަޤްދަސީ ވިދާޅުވެފައި ވެއެވެ. "اَلْجَهْرُبِالْبَسْمَلَةِهُوَ الَّذِى قَرَّرَهُ الأَئِمَّةُ الْحُفَّاظُ وَاخْتَارُوهُ وَصَنَّفُوافِيهِ مِثْلُ مُحَمَّدِبْنِنَصْرٍ الْمَرُوزِى وَأَبِى بَكْرِبْنِ خُزَيْمَةَ وَأَبِى حَاتِمِ بْنِ حِبَّانَ وَأَبِى الْحَسَنِ الدَّارِقُطْنِى وَأَبِى عَبْدِ اللَّهِ الْحَاكِمِ وَأَبِى بَكْرٍ الْبَيْهَقِى وَالْخَطِيبِ وَأَبِى عُمَرَبْنِ عَبْدِالْبَرِّ وَغَيْرِهِمْ رَحِمَهُمُ اللَّهُ" މާނައީ: ޙަދީޘު އިލްމުވެރީންގެ ތެރެއިން އިމާމުންނާއި ޙާފިޒުން ކަނޑައަޅުއްވައި ނިންމަވާ ފައިވަނީ بِسْمِބާރަށް ކިއުމަށެވެ. އެބޭކަލުން އެގޮތަށް ބުރަވެވަޑައިގަންނަވައި އެކަމަށް ތާއީދު ކުރަށްވައި އޭގެ މައްޗަށް ފޮތްތައް ލިއުއްވާފައި ވެއެވެ. އޭގެ ތެރޭގައި އެބޭކަލުންނަށް މާތް ﷲ ރަޙްމަތްލެއްވި އިމާމު مُحَمَّدِ بْنِ نَصْرِ الْمَرُوزِى އާއި ابْنُ خُزَيْمَة އާއި ابْنُ حِبَّان އާއި الدَّارُ قُطْنِى އާއި الْحَاكِم އާއި الْبَيْهَقِى އާއި الْخَطِيبُ الْبَغْدَادِي އާއި ابْنُ عَبْدِ الْبَرِّ އާއި މިނޫންވެސް އެތަކެއް އިމާމުވެރި ބޭކަލުންނެއް ހިމެނި ވަޑައިގަންނަވައެވެ.
[9] މިވާހަކަ ނަގުލުވެގެންވަނީ އިމާމު ނަވަވީގެ އަރިހުންނެވެ. އެއީ ޝަހަރަ މުޙައްޛަބުގެ 339/3 އިންނެވެ.
[10] ރިވާކުރެއްވީ އިމާމު ޝާފިޢީ، އަލްއުއްމާއި މުސްނަދުގައެވެ. މިރިވާޔަތް އިމާމު ޝާފިޢީ ވަނީ ޢުބައިދު އިބްނު ރިފާޢާގެ ކިބައިންނާއި ޢުޘްމާނު އިބްނު ޚުޡައިމްގެ ކިބައިން ޞައްޙަ ސަނަދުން ރިވާކުރަށްވާފައެވެ. އަދި މިޙަދީޘުން އެގެނީ ބިސްމި ބާރަށް ކިޔެވުމަކީ އެއްދުވަސްވަރެއްގައި މަދީނާގެ އެންމެހައި އަޞްޙާބު ބޭކަލުންނާއި ތާބިޢީންގެ މެދުގައި އޮތް ޢަމަލު ކަމުގައެވެ. އަދި މިވާހަކަ އަލްމަޖްމޫޢުގެ 338-340/3 ގައި ބަޔާންވެގެން ވެއެވެ.
[11] ރިވާކުރެއްވީ އިމާމު ޝާފިޢީއާއި އިމާމު މުސްލިމާއި އަބޫދާއޫދާއި ނަސާއީއެވެ.
[12] އިމާމު ނަވަވީ: ޝަރްޙުލްމުހައްޛަބް (336/3)