ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 21:18
ރަށްވެހި ފަތިސްގެ ކެމްޕެއިން ޙަރަކާތުގެ ދަށުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ރަށްވެހި ފަތިސްގެ ކެމްޕެއިން ޙަރަކާތުގެ ދަށުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
ރަށްވެހި ފަތިސް ކެމްޕެއިން
ފ އަތޮޅަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
 
ފީއަލީ ބިން ހިންކުމުގެ މަޝްރޫއު ވަރަށް އަވަހަށް ޓެންޑަރ ކުރެވޭނެ
 
ބިލެއްދޫ 67 މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރެވިފައިވޭ
 
ވައުދުތައް މި 5 އަހަރުގެ ދައުރުގެ ތެރޭގައި ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި

ފ. އަތޮޅަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް މި 5 އަހަރު ތެރޭގައި ފުރިހަމަ ކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ރައީސް ވަނީ ފ އަތޮޅުގެ ރަށްރަށުގެ ކައުންސިލް މަޤާމުތަކަށް އެމްޑީޕީން ކުރިމަތިލާ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވާފައެވެ.

ފ. ބިލެއްދޫ:

ފ. އަތޮޅު ބިލެއްދޫއާ ގުޅޭގޮތުން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވީ، ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް މިއަހަރުގެ 3 ވަނަ ކުއާޓަރ ގައި ޓެންޑަރ ކުރެވޭނެ ކަމަށެވެ. އަދި އަހަރުގެ މެދު ތެރެއަށްދާއިރު، އެމްބިއުލާންސް ކޮންމެހެން ބޭނުންވާ ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދެވޭނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ރަށްރަށަށް ބޭނުންވާ ބޭސް ލިބުމުގެ ދަތިކަންވެސް ޙައްލު ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ބިލެއްދޫ ސުކޫލުގެ މަލްޓި ޕަރޕޯސް ހޯލުގެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ޙަވާލު ކުރެވިގެންދާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބިލެއްދޫ 67 މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރެވިފައިވާ ކަމަށާއި، އެ ރަށުގެ 30 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާ ކަމަށެވެ. އަދި 21 މިލިއަން ޕީއެސްއައިޕީ މަޝްރޫއުތަކަށްވެސް އެރަށަށް ވަނީ ޚަރަދު ކޮށްފައެވެ.

ފ. މަގޫދޫ

ފ. އަތޮޅު މަގޫދޫއިން ފާހަގަކުރި ކަންކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މަގޫދޫއަށް ވެވަޑައިގެންފައިވާ ވައުދުތައް މި 5 އަހަރުގެ ދައުރުގެ ތެރޭގައި ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. ރައީސް ވިދާޅުވީ، އެރަށަށް އޭޓީއެމްއެއް ފޯރުކޮށްދިނުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށެވެ. އަދި ރަށުގެ ސިއްޙީ މަރުކަަޒަށްވެސް ބަދަލުތަކެއް ގެންނަންޖެހޭކަން ޤަބޫލު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، އެރަށަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަން ޙައްލު ކުރުމުގެ މަސައްކަތްވެސް ކުރައްވާފައިވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މަގޫދޫގެ 28 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 42 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވެއެވެ.

ފ. ފީއަލީ

ފ ފީއަލީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެރަށު ބިން ހިންކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ކޮންސެޕްޓް ޑިޒައިނިންގ އާއި އީއައިއޭވެސް ނިމިފައިވާ ކަމަށެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް ޓެންޑަރ ކުރެވޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ފީއަލީ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި އަހަރުގެ މެދު ތެރޭގައި އެ ރަށަށް އެމްބިއުލާންސްއެއް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާއިރު، ލޭއަޅާ ކުދިންނަށް ރަށުގައި ތިބެގެން ޚިދުމަތް ހޯދޭނެ މަގު ފަހިކޮށްދެއްވުމަށް މުހިއްމު މަޝްވަރާތަކެއް ކުރެވެމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ފ. ފީއަލީގައި އިންކަމް ސަޕޯޓް އެލަވަންސް 179 މީހަކަށް ދޫކޮށްފައިވާއިރު 22 ދަރިވަރުން ގެންދަނީ ހިލޭ ޑިގްރީއަށް ކިޔަވަމުންނެވެ.

ފ. ނިލަންދޫ:

ނިލަންދޫއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ނިލަންދޫގައި އެއަރޕޯޓު ޤާއިމު ކުރުމުގެ ކަންކަން ކުރީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ގޮތް ބައްލަވައި، އެކަމުގައި ކުރިއަށްދާނެ ގޮތެއް ނިންމަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، ނިލަންދޫއަށް ޕީއެސްއައިޕީ ގޮތުގައި 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ. އަދި އެރަށު ފެނުގެ ނެޓްވޯރކް ޤާއިމު ކުރުމުގެ މަސައްކަތާއި ފެނަކައިގެ އޮފީސް ބްލޮކްގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ނިލަންދޫއިން 94 ދަރިވަރަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 64 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވެއެވެ.

ފ. ދަރަނބޫދޫ:

ދަރަބޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ކޮންޓްރެކްޓު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދަރަނބޫދޫ 12 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ފ. އަތޮޅާ ގުޅޭގޮތުން ޖުމުލަކޮށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ފ އަތޮޅުގެ 2 ރަށެއް ވަރަށް އަވަހަށް ފަތުރުވެރިކަމަށް ހުޅުވާލައްވާނެ ކަމަށެވެ. އޭގެ ތެރޭގައި އެނބޫދޫފުއްޓާއި ޖިންނަތުގާ ހިމެނެއެވެ.

ރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުންދާއިރު، އެމްޑީޕީން ގެންދަނީ "ރަށްވެހި ފަތިސް" ނަމުގައި ސިލްސިލާކޮށް އަތޮޅު ތެރޭގެ ހުރިހާ ރަށެއްގެ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
35%
9%
0%
13%
43%
0%
ކޮމެންޓް