ޚާޝަގްޖީ މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު


ޚާޝަގްޖީ އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރިޔަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝަގްޖީ މަރާލުމުގެ އޮޕަރޭޝަން ކުރިޔަށް ގެންދިޔުމަށް ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން ހުއްދަދެއްވި ކަމަށް ނުވަތަ އެކަން ކުރުމަށް އަމުރުކުރެއްވުން ގާތްކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުން މިވަނީ އެނގިގެންގޮސްފައެވެ. އެތަހުގީގު ނިންމާލަމުން އެމެރިކާގެ އިންޓެލިޖެންސުން ބުނެފައިވަނީ ސައުދީގެ އެޖެންޓުންތަކެއް ބައިވެރިވެގެން އެފަދަ އޮޕަރޭޝަނެއް މުހައްމަދު ބިން ސަލްމާން ނުވަތަ މަޝްހޫރު ނަމުންނަމަ އެމްބީއެސްގެ ހުއްދަނެތި ކުރިޔަށް ގެންދެވޭނެ ގޮތެއް ނޯންނާނެއެވެ. އެއީ 2017 ވަނަ އަހަރުން ފެށިގެން ސައުދީގެ ސަލާމަތާއި ގުޅޭ އެންމެހާ ކަންކަމާއި އިންޓެލިޖެންސާ ގުޅޭ އެންމެހާ ކަންކަމުގެ ފުރިހަމަ ބާރު އެމްބީއެސް އަށް ލިބިވަޑައިގަންފައިވާތީއެވެ.
ވޮޝިންގޓަން ޕޯސްޓްގައި ކޮލަމިސްޓެއްގެ ގޮތުގައި ލިޔަމުންދަނިކޮށް ޚާޝަގްޖީ މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހުއެވެ. ޚާޝަގްޖީގެ ލިޔުންތަކުގައި ގެންދިޔައީ އެމްބީއެސް އާއި އޭނާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަންތަނާ ޚާޝަގްޖީ މަރާލާފައިވާއިރު އޭނާގެ ހަށިގަނޑު ހޯދިފައެއްނުވެއެވެ. ބެލެވޭ ގޮތުގައި އޭނާގެ ހަށިގަނޑު ވަނީ އަންދާލާފައެވެ.
ޚާޝަގްޖީގެ މަރާގުޅިގެން އެމްބީއެސްއަށް ކުރެވޭ ތުހުމަތުތައް މިހާތަނަށްވެސް އެމްބީއެސް ގެންދެވީ ދޮގުކުރައްވަމުންނެވެ. އަދި މިކަމުގައި ސައުދީ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށް ތަކުރާރުކޮށް ސައުދީ ސަރުކާރުން އަންނަނީ ބުނަމުންނެވެ.
މީގެކުރިން ގެންދިޔަ ތަހުގީގުތަކުގެ ތެރެއިން އދ ގެ ސްޕެޝަލް ރެޕަރޗުއަރ އެގްނެސް ކަލާމަރޑް އިސްވެހުންނަވާ ކުރިޔަށް ގެންދިޔަ ތަހުގީގުގައި ފާހަގަކޮށްފައިވަނީ ޚާޝަގްޖީ މަރާލުމަށް އޯޑަރުކޮށްފައިވަނީ ސައުދީގެ އިސް ފަރާތްތައް ކަމަށްވުމަކީ ވަރަށް ގާތްކަމެއްކަމަށެވެ
ޖަމާލް ޚާޝަގްޖީ ސައުދީ އަރަބިއްޔާ ދޫކޮށް އެމެރިކާގެ ވޮޝިންގޓަނަށް ހިޖުރަކުރިއެވެ. އެއީ އޭނާ ކުރަމުންދިޔަ މަސައްކަތްކަމުގައިވާ ނޫސްވެރިކަން ކުރެވޭނެކަމުގެ އުންމީދުގައެވެ.
ސައުދީ އަރަބިއްޔާ ދޫކޮށް އެމެރިކާއަށް ބަދަލުވުމުގެ ތިން މަސްކުރިން އަލްޖަޒީރާއަށް ދިން އިންޓަރވިއުއެއްގައި ޚާޝަގްޖީ ބުނެފައިވަނީ ސައުދީގެ ނޫސްވެރިންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގެއްލިފައިވާކަމަށެވެ. އެއީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އޭރު ސައުދީގެ ސަރުކާރަށް ގެންނަމުންދިޔަ ބަދަލުތަކާ ގުޅޭގޮތުންނާއި ގެންގުޅުއްވަމުން ގެންދެވި ސިޔާސަތުތަކަށް ފާޑުކިޔުމުގެ ފުރުސަތު ނެތުމުންކަމަށް ވަނީ ބުނެފައެވެ. އަންހެނުންނަށް ކާރު ދުއްވުމުގެ ފުރުސަތު ލިބުން ފިޔަވައި ދެން ހުރި ކަންކަމަށް ބަލާއިރު އެކަންކަމަކީ ފައިދާވާނެ ކަންތައްތަކެއް ނޫންކަމަށް ޚާޝަގްޖީ ބުނެފައިވެއެވެ.
ޚާޝަގްޖީ ތުރުކީގެ ޕީއެޗްޑީއަށް ކިޔަވަމުންދާ ދަރިވަރެއްކަމުގައިވާ ހެޓިސީ ސަންގީޒް އާ ބައްދަލުކުރިއެވެ. ހެޓިސީއަކީ ޚާޝަގްޖީ ކައިވެނިކުރަން އުޅުނު އަންހެން ކުއްޖާއެވެ.
ޚާޝަގްޖީ ފުރަތަމަ ފަހަރަށް ތުރުކީގެ އިސްތަންބޫލްގައި ހުންނަ ކޮންސިޔުލޭޓަށް ދިޔައެވެ. އޭނާ ދިޔައީ ކުރީގެ އަންހެނުން ވަރިކޮށްފައިވާކަމުގެ ލިޔުންތައް އެޓެސްޓްކުރުމަށެވެ. އެއީ ތުރުކީގެ ޤާނޫނު ބުނާގޮތުން ކައިވެންޏެއް ކުރާނަމަ ބޭނުންވާ ލިޔުމެކެވެ. އޭރު ޚާޝަގްޖީ އާއި ހެޓިސީ ދިޔައީ ކައިވެނިކުރުމަށް ތައްޔާރުވަމުންނެވެ.
ހެޓިސީ އާއެކު ކޮންސިޔުލޭޓަށް އޭނާ ދިޔައެވެ. ހެޓިސީ މަޑުކުރީ ކޮންސިޔުލޭޓްގެ ބޭރުގައެވެ. ކޮންސިޔުލޭޓްގެ ތެރެއަށް ޚާޝަގްޖީ ވަންނަ މަންޒަރު ވަނީ ސީސީޓީވީ ކެމެރާތަކަށް ރިކޯޑްކުރެވިފައެވެ. ޚާޝަގްޖީ ކޮންސިޔުލޭޓް ތެރެއަށް ވަނީ އެއްވެސް ކަމެއް ގޯސްކޮށް ގޮސްފިނަމަ ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ގެ ގާތް މީހެއް ކަމުގައިވާ ޔާސިން އަކްތޭއަށް އެކަން އެންގުމަށް ހެޓިސީ ކައިރީ ބުނެފައެވެ.
ތިން ގަޑިއިރު ބޭރުގައި މަޑުކުރުމަށްފަހު ޚާޝަގްޖީގެ ޚަބަރެއް ނުވުމުން ހެޓިސީ ގޮސް ކޮންސިޔުލޭޓްގެ ސްޓާފުން ގާތު ޚާޝަގްޖީ ކޮބައިތޯ ސުވާލުކުރިއެވެ. އޭގެ ޖަވާބެއްގެ ގޮތުން ކޮންސިޔުލޭޓްގެ ސްޓާފުން ބުނީ ކޮންސިޔުލޭޓްގެ ފަހަތުގައި ހުންނަ ދޮރުން ޚާޝަގްޖީ ގޮސްފިކަމަށެވެ.
ސައުދީގެ ކަމާބެހޭ އިދާރާތަކުން ޚާޝަގްޖީއަށް ވީނުވީއެއް ނޭންގި ގެއްލިފައިވާކަމަށް ބުނެ ބަޔާނެއް ނެރުނެވެ. ނަމަވެސް ކޮންސިޔުލޭޓުން އޭނާ ނިކުތްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
" ޚާޝަގްޖީ އޭނާގެ ޒަވާޖީ ހަޔާތާއި ގުޅޭގޮތުން ޑޮކިޔުމަންޓްތަކެއް ހޯދުމަށް ކޮންސިޔުލޭޓަށް އައި. އަދި ވަރަށް އަވަހަށް އޭނާ ވަނީ ގޮސްފައި." ބަޔާނުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް ތުރުކީގެ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ވިދާޅުވީ ޚާޝަގްޖީ ކޮންސިޔުލޭޓުން ނުނިކުންނަކަމަށެވެ.
ޚާޝަގްޖީ ވީނުވީއެއް ނޭންގި ގެއްލުމާއި ގުޅިގެން ސައުދީން އަންކާރާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތުރުކީގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރިއެވެ. ސަފީރު ވިދާޅުވީ ޚާޝަގްޖީ ވީނުވީއެއް ނޭންގި ގެއްލުމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއްވެސް މައުލޫމާތެއް އެނގިވަޑައިގަންނަވާނަމަ އެމައުލޫމާތެއް ހިއްސާކުރައްވާނެކަމަށް ވިދާޅުވިއެވެ.
ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޚާޝަގްޖީއަށް ވީނުވީއެއް ނޭންގި ގެއްލުމާއި ގުޅޭގޮތުން ވާހަކަދެއްކެވިއެވެ. އެގޮތުން ޚާޝަގްޖީ ކޮންސިޔުލޭޓްގެ އެތެރޭގައި ނުވާކަމަށް ވިދާޅުވިއެވެ. އަދި ޚާޝަގްޖީ ހޯދުމަށް ތުރުކީން ކުރަމުން ގެންދާ މަސައްކަތްތަކާއި ތަހުގީގުތަކާ ދެކޮޅު ނޫންކަމަށް ވިދާޅުވިއެވެ.
ބްލޫމްބަރގް އަށް ދެއްވި އިންޓަރވިއުއެއްގައި އެމްބީއެސް ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ޚާޝަގްޖީ ކޮންސިޔުލޭޓަށް ވަނުމަށްފަހު މަދު މިނެޓްކޮޅެއްގެ ތެރޭގައި ނުވަތަ ގަޑިއިރެއްވަރު ފަހުން ވަނީ އެތަނުން ގޮސްފައެވެ. އެހެންނަމަވެސް އެކަން ޔަގީންނުވާކަމަށާއި އެކަން ފޮރިންސް މިނިސްޓްރީ މެދުވެރިކޮށް ބަލަމުން އަންނަކަމަށް ވިދާޅުވިއެވެ.
ޚާޝަޖްގީ މަރާލާފައިވާކަމުގެ ރިޕޯޓްތައް ފެންމަތިވަމުން ދިޔަނަމަވެސް ޚާޝަޖްގީ ދިރިހުއްޓާ ފެންނާނެކަމަށް އުންމީދުކުރައްވާ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ވިދާޅުވިއެވެ.
އަދި ކޮންސިޔުލޭޓަށް ޚާޝަގްޖީ ވަދެގެންދާތަން ފެންނަ ވީޑިއޯ އިތުރަށް ބަލާނެކަމަށާއި މީގެއިތުރުން ތުރުކީން ދާ ފްލައިޓްތަކާއި އަންނަ ފްލައިޓްތައްވެސް މޮނިޓަރކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އުރުދުޣާން ގެ އެޑްވައިޒަރ ޔާސިން އަކްތޭ ރޮއިޓަރސް އަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ޚާޝަގްޖީ ވަނީ ކޮންސިޔުލޭޓްގެ އެތެރޭގައި މަރާލާފައެވެ.
އަދި އެކަން ކުރުމުގައި މަދުވެގެން 15 މީހުން ހިމެނޭނެކަމަށްވެސް އަކްތޭ ވިދާޅުވިއެވެ.
ޚާޝަގްޖީ ވީނުވީއެއް ނޭންގި ގެއްލުމުގައި ލިބިގެންދާ ހެކިތަކުން އެކަން ކުރިކަމަށް ބެލެވެނީ ސައުދީންކަމަށް އުރުދުޣާން ވިދާޅުވިއެވެ.
މީގެއިތުރުން އޭރު އެމެރިކާގެ ރައީސްކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް ވަނީ ޚާޝަގްޖީ ވީނުވީއެއް ނޭންގި ގެއްލުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެމެރިކާގެ އިންޓެލިޖެންސަށް ސައުދީގެ އޮފިޝަލުން ޚާޝަގްޖީ ވަގަށް ނެގުމަށް ރާވަމުންދިޔަ ވާހަކަތައް ދެނެގަނެވިފައިވާ ކަމަށް ޚާޝަގްޖީ ކޮލަމް ލިޔަމުންދިޔަ ވޮޝިންގޓަން ޕޯސްޓުން ރިޕޯޓްކުރިއެވެ.
ތުރުކީގައި ހުންނަ ސައުދީގެ ކޮންސިޔުލޭޓްގެ އެތެރެ ބެލުމުގެ ހުއްދަ ތުރުކީގެ އޮފިޝަލުންނަށް ސައުދީން ދިނެވެ.
ތުރުކީގެ މީޑިޔާތަކުން ޚާޝަގްޖީ ވީނުވީއެއް ނޭންގި ގެއްލުވާލުމުގައި ޝާމިލްވާކަމަށް ތުހުމަތުކުރާ ސައުދީގެ 15 މީހެއްގެ ފޮޓޯ އާންމުކުރިއެވެ. އަދި ކޮންސިޔުލޭޓް ތެރޭގައި ޚާޝިގްޖީ ގެއްލުމާއި ގުޅިގެން އާދަޔާ ޚިލާފު ހަރަކާތްތަކެއް ހިންގަމުން އަންނަ ވީޑިއޯއެއް އާންމުކުރިއެވެ.
ތުރުކީގެ އެހެން މީޑިޔާއަކުން ޚާޝަގްޖީ ކޮންސިޔުލޭޓް ތެރެއަށް ވަދެގެންދާ ސަރވިއަލަންސް ވީޑިއޯއެއް އާންމުކުރިއެވެ.
އަންކާރާ އަދި ރިޔާޒުން ޚާޝަގްޖީ ގެއްލުނު މައްސަލަ ބެލުމަށް ދެފަރާތް ގުޅިގެން ގްރޫޕެއް އުފައްދާނެކަމަށް ބުންޏެވެ.
ޚާޝަގްޖީ ސައުދީގެ ކޮންސިޔުލޭޓްގެ ތެރޭގައި ހޭދަކުރި އެންމެ ފަހު ވަގުތުތަކުގެ ރިކޯޑިންގ ހުރިކަމުގެ މައުލޫމާތު އޮފިޝަލުން ތުރުކީ އަދި އެމެރިކާގެ މީޑިޔާތަކަށް ދިނެވެ.
ސައުދީގެ މިނިސްޓަރ އޮފް އިންޓީރިއާ އަބްދުލްއަޒީޒު ބިން ސައުދް ބިން ނައިފް ބިން އަބްދުލްއަޒީޒު ޚާޝަގްޖީ މަރާލުމާއި ގެއްލުވާލުމުގައި ސައުދީގެ އަތެއްވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދޮގުކުރެއްވިއެވެ. އަދި އެވާހަކަތަކަކީ ސައުދީގެ ރަސްކަމުގެ ދަރުބާރު ބަދުނާމަކުރުމަށް ދައްކަމުންދާ ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.
ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ސައުދީގެ ކޮންސިޔުލޭޓްގެ ތެރެއަށްވަނެވެ. އަދި ޚާޝަގްޖީ މަރާލާފައިވާކަމަށް ބާރުލިބިދޭ ހެކި ކޮންސިޔުލޭޓްތެރެއިން ފެނިފައިވާ ކަމަށް ބުންޏެވެ.
އަދި އެމްބީއެސް އާ ގާތްގުޅުމެއް ބާއްވަމުން ގެންދެވި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޚާޝަގްޖީ މަރާލާފައިވަނީ އެއްވެސް އޮފިޝަލު އޯޑަރެއްނެތި އަމިއްލަ ބޭނުމަކަށް ކަމަށްވެދާނެ ކަމަށް ވިދާޅުވިއެވެ.
ތުރުކީގެ ތަހުގީގުޓީމުން ޚާޝަގްޖީ ހޯދުމަށް ސައުދީގެ ކޮންސިޔުލަރގެ ގެއަށް ވަނެވެ.
ޚާޝަގްޖީ މަރާލާފައިވަނީ ކޮންސިޔުލޭޓް ތެރެއަށް ވަންތަނާކަމަށް ބުނެ ތުރުކީގެ މީޑިޔާއިން ރިޕޯޓްކުރިއެވެ.
އަދި ޚާޝަގްޖީ ވަނީ މަރުވެފައިކަމަށް ވަރަށް ބޮޑަށް ޔަގީންވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ސައުދީގެ ކޮންސިޔުލޭޓްގެ ތެރޭގައި ޚާޝަގްޖީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު މަރާލާފައިވާކަމަށް ސައުދީ އަރަބިއްޔާއިން ޔަގީންކޮށްދިނެވެ. އަދި މިކަމުގައި އުޅުނުކަމަށް ބެލެވޭ 18 މީހަކު ހައްޔަރުކޮށްފައިވާ ކަަމަށާއި އަދި ފަސް އޮފިޝަލަކުވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް ސައުދީން ބުނެއެވެ.
ރޮއިޓަރސް އަށް މައުލޫމާތުދެމުން ސައުދީގެ އޮފިޝަލުން ވިދާޅުވެފައިވަނީ ޚާޝަގްޖީއާ ބައްދަލުކޮށް ވާހަކަދެއްކުމަށް 15 މެމްބަރުންގެ މައްޗަށް ހިމެނޭ ޓީމެއް ސައުދީން ތުރުކީއަށް ދިޔަކަމަށެވެ. އަދި ޚާޝަގްޖީ މަރާލާފައިވަނީ ކަރުގައި ހިފާ ނޭވާހާސްކޮށްގެން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެގޮތަށް ކަންތައްކޮށްފައިވަނީ ސައުދީގެ ޓީމުގެ އަމުރަށް އޭނާ ނުކިޔަމަންތެރިވުމުން ކަމަށްވެސް ބުނެފައިވެއެވެ.
ރޯޔަލް ކޯޓުގެ މީޑިޔާ އެޑްވައިޒަރުގެ ގޮތުގައި މަސައްކަތްކުރެއްވި އަދި އެމްބީއެސްގެ އެންމެ ގާތް އެކެއްގެ ގޮތުގައި ހަރަކާތްތެރިވާ ސައުދު އަލް ޣައްޘާނީ ޚާޝަގްޖީ ސައުދީ ކޮންސިޔުލޭޓްގައި މަރާލިގޮތް ރާވާ ހިންގިކަމަށް ރޮއިޓަރސް އިން ރިޕޯޓްކުރިއެވެ.
ޚާޝަގްޖީ އާ ވައްތަރު މީހެއްގެ ހަށިގަނޑު ސައުދީގެ ޓީމުން އިސްތަންބޫލަށް ގެންނަ ވީޑިއޯއެއް ސީއެންއެން އިން އޮންއެއަރކުރިއެވެ.
ޚާޝިގްޖީ މަރާލީ ސައުދީން ދުރާލާ ރާވައިގެން ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް އޯޑަރުދިން ފަރާތްތަކުން ޖަވާބުދާރީވުމަށް ގޮވާލެއްވިއެވެ.
ޚާޝަގްޖީ ސައުދީ ކޮންސިޔުލޭޓްގައި ހޭދަކުރި އެންމެ ފަހުވަގުތުތައް ރިކޯޑްކޮށްފައިވާ އޯޑިއޯ ހުޅަނގުގެ ގައުމުތަކަށް ދީފައިވާކަމަށް ތުރުކީން ބުންޏެވެ.
އޭގެތެރޭގައި އެމެރިކާ، ޖަރމަނީ، ފްރާންސް، އަދި އިނގިރޭސިވިލާތް ހިމެނޭއިރު ސައުދީ އަރަބިއްޔާވެސް ހިމެނެއެވެ.
ޚާޝަގްޖީގެ ހަށިގަނޑު ހޯދުމަށް ތުރުކީން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ތުރުކީގެ ތަހުގީގުޓީމުން ހުއްޓާލިއެވެ.
ޚާޝަގްޖީ މަރާލިކަމުގެ ތުހުމަތުގައި ސައުދީ އަރަބިއްޔާއިން 11 މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. އަދި ޚާޝަގްޖީ މަރާލުމަށް އޯޑަރުދިން މީހުންނާއި އެކަން ކުރިޔަށްގެންދިޔަކަން ކަށަވަރުކުރުމުގައި އުޅުނު ފަސް މީހެއްގެ މައްޗަށް މަރަށް މަރު ހިފުމުގެ ދައުވާ ކުރާނެކަމަށް ސައުދީ ޕްރޮސެކިޔުޓަރ ވިދާޅުވިއެވެ.
ޚާޝަގްޖީ މަރާލިގޮތުގެ ތަހުގީގު ކުރިޔަށް ގެންދިޔަ އެމެރިކާގެ ސީއައިއޭއިން ޚާޝަގްޖީ މަރާލުމަށް އޯޑަރު ދިނީ އެމްބީއެސްކަމަށް ކަނޑައަޅާ ތަހުގީގު ނިންމާލިއެވެ.
ޚާޝަގްޖީ މަރާލި ވަގުތުގެ އޯޑިއޯ ޓޭޕް އަޑު ނާއްސަވާނެކަމަށް ފޮކްސް ނިއުސް އަށް ދެއްވި އިންޓަރވިއުއެއްގައި އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ. އެޓޭޕް އެބައޮތްކަމަށާއި ނަމަވެސް އެޓޭޕް އަޑުއައްސަވަން ބޭނުންފުޅުނުވާ ކަމަށާއި އަދި އަޑުއައްސަވަން ޖެހޭ ސަބަބެއް ނެތްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޚާޝަގްޖީ މަރާލީ އެމްބީއެސްގެ އަމުރަށްކަމަށާއި އެކަމުގައި އެމްބީއެސްގެ ޝާމިލްވުން ހިމެނޭކަމަށް ދައްކަމުން ގެންދާ ވާހަކަތައް ސައުދީގެ ފޮރިން މިނިސްޓަރ ދޮގުކުރެއްވިއެވެ.
ސައުދީ އާއި އެމެރިކާގެ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅާ ވައިޓް ހައުސްއިން ބަޔާނެއް ނެރުނެވެ.
އެބަޔާނުގައި ބުނެފައިވަނީ ޚާޝަގްޖީގެ މަރާގުޅިގެން ދައްކަމުންދާ ވާހަކަތަކާއި ފެންނަމުންދާ ހެކިތަކަށް ބަލާއިރު އެކަން ހިނގާދިޔަ ގޮތް ދުވަހަކުވެސް ނޭންގިދާނެކަމަށެވެ. ކޮންމެގޮތަކަށް ކަންތައް ހިނގައިދިޔަ ނަމަވެސް އެމެރިކާ އާއި ސައުދީ އާ ދެމެދު އޮތް ގުޅުން އޮންނާނެކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ޚާޝަގްޖީގެ މަރުގެ ތަހުގީގު މިނިވަން ފަރާތްތަކުން ކުރުމަށް އދ ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް ގޮވާލެއްވިއެވެ.
މިކަމުގައި މިނިވަން ދެފުށް ފެންނަ ތަހުގީގެއް ހިންގާ މިކަން ކުރި މީހުންނަށް ހައްގު އަދަބުދޭންޖެހޭނެ ކަމަށް ގުޓަރޭޒް ވިދާޅުވިއެވެ.
ޚާޝަގްޖީގެ މަރުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ 11 މީހުންގެ ޝަރީޢަތް ސައުދީ އަރަބިއްޔާއިން ފެށިއެވެ. އަދި ފަސް މީހުންގެ މައްޗަށް މަރަށް މަރުހިފުމަށް ދައުވާކުރިއެވެ. އަދި މިޝަރީޢަތް ކުރިޔަށް ދަނީ ލޯޔަރުންނާއެކު ކަމަށް ސައުދީން ބުންޏެވެ.
ޝަރީޢަތް ކުރިޔަށް ގެންދިޔުމުން ނުފުދޭކަމަށާއި ބައިނަލްއަގްވާމީ ފަރާތްތައް ހިމެނޭގޮތުން މިނިވަން ތަހުގީގެއް ކުރުމަށް އދ ގެ ހިޔުމަން ރައިޓްސް އޮފީހުން ގޮވާލިއެވެ.
އދ ގެ ސްޕެޝަލް ރެޕަރޗުއަރ އެގްނެސް ކަލާމާޑް އިސްވެ ހުންނަވާ ޓީމަކުން ޚާޝަގްޖީ މަރާލިގޮތުގެ ތަހުގީގެއް ކުރިޔަށް ގެންދަން ފެށިއެވެ.
މިޓީމުން ވަނީ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިޔުލޭޓަށް ޒިޔާރަތްކޮށްފައެވެ. އަދި ހަފްތާއެއް ވަންދެން އިސްތަންބޫލްގައި ވަނީ ހަރަކާތްތެރިވެފައެވެ.
މިޓީމުން ކުރިޔަށްގެންދިޔަ ތަހުގީގާއި ގުޅޭގޮތުން އޭރު އެގްނެސް ވިދަޅުވެފައިވަނީ އިންވެސްޓިގޭޓަރުން މަސައްކަތްކުރާނީ ޚާޝަގްޖީ މަރާލުމުގައި ސަރުކާރުތަކާއި އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ބައިވެރިވުން ހުރި މިންވަރު ބެލުމަށްކަމަށެވެ. އަދި ޚާޝަގްޖީ މަރާލިގޮތްވެސް ޓީމުން ހޯދުމަށް މަސައްކަތްކުރާނެކަމަށް އެގްނެސް ވިދާޅުވިއެވެ.
އެގްނެސް ކުރިޔަށްގެންދެވި ތަހުގީގުގެ ރިޕޯޓް އާންމުކުރެއްވިއެވެ. އަދި ސައުދީގެ އިސް އޮފިޝަލުންނާއި އެމްބީއެސްގެ ސީދާ ބައިވެރިވުން މިކަމުގައި ހުރި މިންވަރު ބެލުމަށް ތަހުގީގެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އަދި ޚާޝަގްޖީ މަރާލުމުގައި ސައުދީ ސަރުކާރުން ޒިންމާވާންޖެހޭ ކަމަށް ވިދަޅުވިއެވެ.
ސައުދީގެ ކަމާބެހޭ ފަރާތްތަކުން މިރިޕޯޓުގައި ހޯދާފައިވާ ހޯދުންތައް ދޮގުކުރިއެވެ. އަދި ރިޕޯޓްގެ ނިންމުމުގައި ބަޔާންކޮށްފައިވާ ކަންކަމަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވާކަންކަން ނޫންކަމަށް ބުންޏެވެ.
ޚާޝަގްޖީގެ މަރާއި ގުޅިގެން ސައުދީ އަރަބިއްޔާ ޒިންމާދާރު ނުކުރެވިއްޖެނަމަ މުޅި ދުނިޔެއިން ގަބޫލުކުރާ ޑިމޮކްރަސީގެ ހަމަތަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމުގެ އިންޒާރު ސްޕެޝަލް ރެޕަޗުއަރ އެގްނެސް ކަލަމާޑްގެ އިތުރުން ހެޓިސީ ސަންގީޒް ދިނެވެ.
ޚާޝަގްޖީ މަރާލިވަގުތުގައި ކަންހިނގާ ދިޔަގޮތް އެނގިގެންދާ އޯޑިއޯ ޓޭޕްގައި ދައްކާފައިވާ ވާހަކަތަކުގެ ޓްރާންސްކްރިޕްޓް ތުރުކީގެ މީޑިޔާއިން އާންމުކުރިއެވެ. މިވާހަކަތަކަކީ ޚާޝަގްޖީ އާއި ސައުދީން އައިސްތިބި 15 އެޖެންޓުންނާ ދެމެދު ކޮންސިޔުލޭޓް ތެރޭގައި ބަދަލުކުރެވުނު ވާހަކަތަކެވެ.
ޚާޝަގްޖީ މަރާލުމަށް އޯޑަރުކުރިކަމަށް ދެކެވޭ ވާހަކަތައް ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދޮގުކުރެއްވިއެވެ. އެހެންނަމަވެސް ސައުދީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ހިނގާދިޔަ ކަންކަމުގެ ޒިންމާ ނަންގަވާކަމަށް ވިދާޅުވިއެވެ.
ޚާޝަގްޖީ މަރާލުމުގައި ސައުދީ ސަރުކާރުގައި އޭރު ހުންނެވި އޮފިޝަލެއް ނުވަތަ އޭގެ ކުރީގެ އޮފިޝަލެއްގެ ބައިވެރިވުން ހިމެނޭ މިންވަރުގެ މައްޗަށް ތަހުގީގެއް ހިންގާ ރިޕޯޓެއް އެކުލަވާލާ އާންމުކުރުމަށް ހިމަނާ އެމެރިކާގެ ކޮންގްރެސް އިން ޑިފެންސް ބިލު ފާސްކުރިއެވެ.
ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ ރިޕޯޓް ނެރުމަށް ދެކޮޅު ހަދާފައެވެ. ރިޕޯޓް ނެރުމުގެ ސަބަބުން އެގައުމުގެ އިންޓެލިޖެންސް އޮފީހަށް މައުލޫމާތު ލިބޭ ގޮތްތަކާއި ބޭނުންކުރާ އުކުޅުތައް އެނގިގެންދަނީ ކަމަށް ބުނެ ރިޕޯޓް އާންމުކުރުމާއި ދެކޮޅު ހެދިއެވެ.
ސައުދީގައި ކުރިޔަށްދާ ޝަރީއަތުގައި 11 މީހުންގެ ތެރެއިން 8 މީހުންގެ މައްޗަށް ކުށް ސާބިތުވެ 5 މީހުން މެރުމަށް ހުކުމް ކުރިއެވެ. އަދި ހުކުމްގައި ބުނެފައިވަނީ ޚާޝަގްޖީ މަރާލާފައިވަނީ ކުރިން ރާވައިގެން ނޫންކަމަށާއި އެކަމުގައި އެމްބީއެސްގެ އެޑްވައިޒަރ އަލް ޣައްޘާނީގެ ބައިވެރިވުމެއް ނެތްކަމަށް ބަޔާންކުރިއެވެ.
ޚާޝަގްޖީގެ ދަރިފުޅު ސަލާހް އޭނާގެ ބައްޕަގެ ގާތިލުންނަށް މަޢާފްކޮށްފިކަމަށް ބުނެ ޓްވިޓަރގައި ބަޔާނެއް އާންމުކުރިއެވެ.
ސައުދީގައި އަމަލުކުރާ ގޮތުންނަމަ މަރުވި މީހާގެ އާއިލާއިން ގާތިލުންނަށް މަޢާފްދީފިނަމަ އެހުކުމެއް ތަންފީޒެއް ނުކުރާނެއެވެ. އެމީހަކަށް ކޮށްފައިވާ ހުކުމް އެއަށްވުރެ ކުޑަ ހުކުމަކަށް ބަދަލުވާނެއެވެ.
ޣައިރު ހާޒިރުގައި ތުރުކީގައި ސައުދީގެ 20 މީހެއްގެ ޝަރީޢަތް ކުރިޔަށް ގެންދަން ފެށިއެވެ.
މަރާލުމަށް ހުކުމްކުރި 5 މީހުންގެ ހުކުމް 20 އަހަރުގެ ޖަލު ހުކުމަކަށް ސައުދީ ކޯޓުން ބަދަލުކުރިއެވެ.
އދ ގެ ސްޕެޝަލް ރެޕަރޗުއަރ އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައި ސައުދީގައި ކުރިޔަށްގެންދާ ޝަރީޢަތަކީ ތިއޭޓަރުގައި ކުރިޔަށްދާ ކަހަލަ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
އަދި ހަމައެއާއެކު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިޔާ ބޮބް ވުޑްވަރޑް އަށް ދިން އިންޓަރވިއުއެއްގައި އެމްބީއެސް އަށް ކުރިމަތިވެދާނެ ކަންތައްތަކަކުން ސަލާމަތްކޮށްދިންކަމަށް ވިދާޅުވިއެވެ.
ކޮންގްރެސް އިން ފާސްކުރިނަމަވެސް އެކަން ވިޔަ ނުދީ ހިފެހެއްޓިކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އދ ގެ ހިޔުމަން ރައިޓްސް ކައުންސިލްގައި ސައުދީ ހިމެނުމާމެދު 29 ގައުމަކުން ދެކޮޅުހެދިއެވެ.
ޣައިރު ހާޒިރުގައި ޝަރީޢަތް ކުރިޔަށް ގެންދިޔުމަށް ތުރުކީން ސައުދީގެ އިތުރު ހަ މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ.
ޚާޝަގްޖީ ކައިވެނިކުރުމަށް ތައްޔާރުވަމުންދިޔަ ހެޓިސީ ސަންގީޒް އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ވޮޝިންގޓަންގެ ޑިސްޓްރިކްޓް ކޯޓުގައި އެމްބީއެސް އާއި ސައުދީގެ އިސް އެތައް އޮފިޝަލުންނަކާ ދެކޮޅަށް މައްސަލަ ހުށަހެޅިއެވެ.
އެމައްސަލާގައި ބުނެފައިވަނީ އެމްބީއެސް އާއި ސައުދީގެ އޮފިޝަލުން ޚާޝިގްޖީ މަރާލުމަށް ރާވާ އެކަންކޮށްފައިވަނީ ޑިމޮކްރަސީ ފޮރ ދަ އަރަބް ވޯރލްޑް ނައުގެ ނައުމުގައި ޚާޝަގްޖީ ގްރޫޕެއް ހަދާ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއަށް މަސައްކަތްކުރުމަށް ޕްލޭންކުރަމުންދާކަން އެނގުމުންކަމަށެވެ.
ސައުދީ އާއެކު އެމެރިކާއިން އޮތް ގުޅުން ބަދަހިކުރައްވާނެ ކަމަށާއި ނަމަވެސް ބައިޑަން ވާހަކަދައްކަވާނީ ހަމައެކަނި ސައުދީ ރަސްގެފާނު ސަލްމާނާ ކަމަށާއި އެމްބީއެސްއާ ނޫންކަމަށް ވައިޓް ހައުސް އިން ހާމަކުރިއެވެ.
ރައީސްކަމަށް ވަޑައިގެން މަސްދުވަހަށްވުރެ ގިނަ ދުވަސްވީއިރުވެސް ބައިޑަން ސައުދީގެ ސަރުކާރަށް ގުޅުއްވާފައެއްނުވެއެވެ.
އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓާ ގުޅިގެން އިންސާފު ހޯދުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް އދ ގެ ސްޕެޝަލް ރެޕަރޗުއަރ ވިދާޅުވިއެވެ.
ރިޕޯޓް ވެގެންދާނީ ޚާޝަގްޖީގެ މަރަށް އިންސާފު ހޯދާ އެކަމުގައި ބައިވެރިވާ މީހުން ޖަވާބުދާރީ ކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސްމަން ނެޑް ޕްރައިސް ވިދާޅުވިއެވެ.
ދެފުށްފެންނަ ގޮތަށް ކަންކަން ކުރުމަކީ ޖަވާބުދާރީ ކުރުވުމަށް އެޅޭނެ ފިޔަވަޅެއްކަމަށާއި ރިޕޯޓް ހާމަކުރުމާއެކު ޖަވާބުދާރީކުރުވުމުގެ ކަންކަން ނިމުމަކަށް އަންނާނެކަމަށް ގަބޫލުނުކުރައްވާ ކަމަށް ނެޑް ވިދާޅުވިއެވެ.
އެމެރިކާގެ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސުން ޚާޝަގްޖީގެ މަރުގެ ތަހުގީގުގެ ރިޕޯޓް އާންމުކުރިއެވެ. ރިޕޯޓްގައި ބުނެފައިވަނީ ޚާޝިގްޖީ މަރާލާފައިވަނީ އެމްބީއެސްގެ ހުއްދަ ލިބިގެންކަމަށެވެ.